ބްރެޒިލްގެ ލެޖެންޑް އަދި ދުނިޔޭގެ އުފެދުނު އެންމެ މޮޅު އެއް ފުޓްބޯޅަ ކުޅުންތެރިޔާ ޕެލޭ ގަބޫލުކުރާގޮތުގައި ދުނިޔޭގެ އެންމެ ފުރިހަމަ ފުޓްބޯޅަ ކުޅުންތެރިޔަކީ އާޖެންޓީނާގެ އަދި ބާސެލޯނާގެ ތަރި ލިއޮނެލް މެސީ އެވެ.

އިޓަލީގެ ނޫހެއް ކަމަށްވާ ގެޒެއްޓާ ޑެއްލޯ ސްޕޯޓްސް އަށް ދިން އިންޓަވިއުއެއްގައި ފީފާ ވޯލްޑް ކަޕް ތިން ފަހަރު ކާމިޔާބުކޮށްފައިވާ ޕެލޭ ބުނެފައިވަނީ މިހާރުގެ ފުޓްބޯޅަ ކުޅުންތެރިންގެ ތެރޭގައި ތިބީ ކުރީގެ މޮޅެތި ކުޅުންތެރިންނާ އަޅާ ކިޔާލެވޭވަރުގެ ދެތިން ކުޅުންތެރިން ކަމަށެވެ. އެއީ މެސީ، ރޮނާލްޑޯ އަދި ނޭމާ ކަމަށް ޕެލޭ ބުނެފައިވެއެވެ.

ޕެލޭ އާ އެކު އެއް ޓީމަކަށް ކުޅުމަށް އެންމެ ކަމުދާނީ ކޮން ކުޅުންތެރިއެއް ތޯ ސުވާލުކުރުމުން ޕެލޭ ބުނެފައިވަނީ “އަހަރެންނަށް ވިސްނޭގޮތުގައި ގޮތުގައި ލިއޯ މެސީ. އޭނާ އަކީ ވަރަށް ހުނަރުވެރި ކުޅުންތެރިއެއް. ގޯލް ޖަހާ، ޕާސް ދޭ، ގޯލުޖެހުމަށް ފަހިކޮށްދޭ އަދި މޮޅަށް ކޮއްޓާ. އަހަރެމެން ދެ މީހުން އެއް ޓީމަކަށް ކުޅެންޏާ އިދިކޮޅު ޓީމުން ޖެހޭނެ އެކަކަށް ނޫން، ދެ މީހުންނަށް ވިސްނާން. މިހާރު އެންމެ ފުރިހަމަ ފުޓްބޯޅަ ކުޅުންތެރިޔަކީ މެސީ.”

ޕެލޭ އިތުރަށް ފާހަގަ ކޮށްފައިވާ ގޮތުގައި ކުރީގެ ޖީލުތަކާ ބަލާ މިހާރު މޮޅެތި ހުނަރުވެރި ކުޅުންތެރިން އުފެދުން މަދުކަމަށެވެ. “ކުރީގައި ހަމައެކަނި އެއްގައުމުން ދޭއް ނޫނީ ތިން ކުޅުންތެރިން ވަރު އުފެދޭ. ޔޫސެބިއޯ، ސިމޯސް، ކްރައިފް، ބެކެންބާ، މަރަޑޯނާ، ގަރިންޗާ، ޑީޑީ މިގޮތަށް ގޮސް ކިތައް ކުޅުންތެރިން ކިޔަންވީ. އެކަމު މިއަދު މިފެންނަނީ ތިން ވަރަކަށް ކުޅުންތެރިން. މެސީ، ރޮނާލްޑޯ އަދި ނޭމާ” ޕެލޭ ބުންޏެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ޝާމިން
އަޙްމަދު ޝާމިން މައިގަނޑު ގޮތެއްގައި ލިޔާނީ ކުޅިވަރު ޚަބަރުތަކެވެ. ފިލްމީ އަދި މިއުޒިކީ ދާއިރާ ނޫން އެހެން ހުރިހައި ދާއިރާތަކަށް ވެސް ޝާމިން ލިޔާނެއެވެ.