ބްލޫ ފިލްމު – ސްކްރީން ޕްލޭ

އަޙްމަދު ރަޝީދު

ކޮޕީރައިޓް © އަޙްމަދު ރަޝީދު، ރިކާޒް ސްޓޫޑިއޯ  – ލ. ފޮނަދޫ

‘މި ސްކްރީންޕްލޭ ގެ ވެރިފަރާތުގެ ހުއްދަނެތި ފިލްމެއް، ޑްރާމާއެއް ނުވަތަ އެހެންވެސް ސިފައެއްގައި އުފައްދާ ބޭނުންކުރުމަކީ މަނާކަމެކެވެ.’

ސީން 1. ބޭރު . ގެއެއް. ރޭގަނޑު

އެކަހެރި ހިސާބެއްގައި ހުރި ދެ ބުރިއަށް ނަގާފައިވާ ގެއެކެވެ. ކުޑަދޮރުތަކުން ފަނޑުފަނޑު އަލިކަމެއް ފެންނަން ހުރެއެވެ. މާހައުލަށް ވެރިވެފައިވަނީ ހަމަހިމޭން ކަމެވެ.

 

ސީން 2. އެތެރެ . ސިޓންގ ރޫމް. ރޭގަނޑު

އެއްވެސް ތަރުތީބެއް ނެތް، ހަޑި މުޑުދާރުކޮށް އޮތް ސިޓިންގ ރޫމެކެވެ. އެތެރެއިން ފެންނަންހުރި ހަމައެކަނި އަލިކަމަކީ ޓީވީ ޑިސްޕްލޭއިން ފެންނަންހުރި ބްލޫ ސްކްރީނުގެ އަލިކަމެވެ.

އުމުރުން 30 ން މައްޗަށް ގޮސްފައިވާ ފިރިހެނެކެވެ. އަހަރުމެން އޭނާއަށް މުޚާޠަބް ކުރާނީ ބައްޕަ ގެ ނަމުންނެވެ. ބައްޕަ އޮންނަނީ ޓީވީ ކުރިމަތީގައި ބަހައްޓާފައިހުރި ސޯފާގައި ނިދާފަ އެވެ. ޓީވީގެ އަލިކަން އެޅިގެން ސިޓިންގރޫމް ތެރެއަށްވަނީ އާދަޔާޚިލާފް ހިޔަނިތަކެއް އެޅިފަ އެވެ. ސޯފާ ކައިރީގައި ހުރި ކޮފީ މޭޒުމަތީގައި ބޮއެ ހުސްކޮށްފައިވާ ހަ ވަރަކަށް ރެޑްބުލް ދަޅާއި ފުރެން ކައިރިވެފައިވާ އަޅިކެނޑިއަކާއި ސިނގިރެޓް ބަޓް ތަކެއް ހުރެ އެވެ.

ބިރުވެރި، އެހެނަސް ތޫލި، ވައި އަޑަކުން އޭނާ އަށް ގޮވާލާ އަޑު މުޅި ސިޓިންގރޫމް ތެރޭގައި ގުގުމާލަ އެވެ.

އަންހެން ކުއްޖާ

(ހަމައެކަނި އަޑު)

ބައްޕާ!!!!!!!!!!!!!!

ބައްޕަ، ކުޑަކޮށް ހަރަކާތްކޮށްލަ އެވެ. އިވުނު އަޑާއިއެކު ހޭލެވެން އުޅޭ ގޮތަކަށެވެ.

އަންހެން ކުއްޖާ

(ހަމައެކަނި އަޑު)

ބައްޕާ!!!!!!!!!!!!!!

ބައްޕަ ލޯހުޅުވާލަ އެވެ. ވަށައިގެން ހޯދާ ބަލައިލައެވެ. ހުޅުވާފައި ހުރި ޓީވީ ފިޔަވައި އެއްވެސް އެއްޗެއް ލޮލުގައި އަޅައެއް ނުގަނެ އެވެ.

ނިދީގެ އަސަރާއިއެކު ކުޑަކޮށް ހުޅުވާލާފައިވާ ލޮލުން ބަލަމުން، މޭޒުމަތީގައި އަތް ކާއްތާލައި، ރިމޯޓް އަތުގައި ޖައްސަ އެވެ. ޓީވީ ނިއްވާލަ އެވެ. އަނދިރިކަމެވެ. ހަމަހިމޭން ކަމެވެ. ބައްޕަ ލޯ މަރާލައިގެން ހިމޭންވެލަ އެވެ.

އަންހެން ކުއްޖާ

ބައްޕާ! ދެން ހޭލަބަލަ!

ބައްޕަ ލޯހުޅުވާލަ އެވެ. އޭނާގެ މޫނުމަތިން ފެންނަނީ ހައިރާންކަމެވެ. އެ އަޑު އަންނަނީ ކޮން ދިމާއަކުންތޯ ވިސްނާލުމަށް ކަނުލައި އަޑު އަހަން އޮވެ އެވެ. އެހެނަސް ހިމޭންކަމުގެ ތެރެއިން އިވެމުންދާ ފަނިފަޚްސާގެ އަޑު ނޫން އެހެން އަޑެއް ނުއިވެ އެވެ.

ބައްޕަ

މަށަށް އަނެއްކާ ހީވ ގޮތެއްބާ؟ (މަށަށް ފާޑުފާޑުގެ އަޑުތައް އިވެނީކީ ނޫންބާ؟)

ސޯފާއިން ތެދުވެ އޭނާ ބަދިގެ އާއި ކާގެ ބަޔަށް ވަދެ އެވެ.

 

ސީން 3. އެތެރެ . ބަދިގެ ކާގެ. ރޭގަނޑު

ބައްޕަ ސިންކު ކައިރިއަށްގޮސް އިސްކުރު ދޫކޮށްލައި މޫނަށް ފެން ޖަހައި ދޮވެލަ އެވެ. އައިސްއަލަމާރި ހުޅުވާލައި ފެންފުޅިއެއް ނަގައި ބަދިގެ ކަބަޑް މަތީގައި ބަހައްޓަ އެވެ. ސިންކު ކައިރީގައި ހުރި ތަށި ބަހައްޓާ އެތިން ފެންބޯ ތަށްޓެއް ނަގައި ބަހައްޓައި ފުޅިން ފެން އަޅައެވެ.

އަންހެން ކުއްޖަކު ވަރަށް މަޖާވެގެން ޖަހާލާ ޒާތުގެ ހިނިގަނޑެއްގެ އަޑު ކުއްލިއަކަށް އިވެއެވެ. ބައްޕައަށް ތެޅިގަނެވެ އެވެ. ބިރުންގޮސް ތުން ޖަހައިގެންހުރި ތަށި ވެއްޓި ތަޅައިގެންގޮސް ކުދިކުދި ވެއެވެ.

ބައްޕަ

ކިހާބޮޑު ނޮފުރުއްޕާނެއް!!

އަންހެން ކުއްޖާ

(ހަމައެކަނި އަޑު)

ބައްޕާ!!!!!!!!!!!!!!

ބައްޕަ

ކަ-ކަ- ކާކު؟

އަންހެން ކުއްޖާ

(ހަމައެކަނި އަޑު)

ބައްޕާ، މީ މަށޭ.

އެއީ ކާކުގެ އަޑެއްކަން އެނގުމާއި އެކު ބައްޕަގެ މޫނުމަތީގެ ކުލަވަރު މުޅިން ބަދަލުވެއެވެ. ބިރުންގޮސް ހުދުވެ އެވެ.

ބައްޕަ

ބައްޕަގެ ފުއްގަނޑުތަ؟

އަންހެން ކުއްޖާ

(ހަމައެކަނި އަޑު)

އާނ، ބައްޕާ.

ޤަބޫލުކުރަން ދަތިވެގެން ދެފަރާތަކަށް ބައްޕަ ބޯ ހޫރާލައެވެ.

ބައްޕަ

ނުވާނެ ތިހެންނެއް. މިއީކީ ހަޤީޤަތެއް ނޫން. ކިހިނެތް އެހެން ވާންވީ. ޔަޤީން މީ މަށަށް ފެންނަ ހުވަފެނެއްކަން.

އަންހެން ކުއްޖާ

(ހަމައެކަނި އަޑު)

މީކީ ބައްޕައަށް ފެންނަ ހުވަފެނެއް ނޫނޭ އަޅެ ބައްޕާ. ބައްޕަ އާދެބަ އަހަރެން ހޯދަން.

ފުރަތަމަ ފަންގިފިލާގެ ކޮޓަރިއެއްގެ ދޮރު ހުޅުވޭ އަޑު އިވެން ފަށައެވެ. ހުޅުގައި ތެޔޮ މަދުވެފައި ހުރުމުން އިވެމުންދިޔައީ ތޫލި އަޑެކެވެ. ބައްޕަ ކުޑަކޮށް ބިރުގަންނަން ފަށައެވެ. ސިންކު ކައިރީގައި ހުރި ވަޅިތަކުން ވަޅިއެއް ނަގައެވެ. ވަޅީގެ މުށްގަނޑުގައި ބާރަށް ހިފަހައްޓައިގެން ކުރިމައްޗަށް ވަޅު ދިއްކޮށްގެން ހުރެ ސިޑިން އަރަންފަށަ އެވެ.

 

ސީން 4. އެތެރެ . ސިޑި. ރޭގަނޑު

ސިޑީގެ އެއްމެ ތިރީ ހަރުފަތްމަތީގައި ބައްޕަ ހުރެއެވެ. ވަޅީގައި ބާރަށް ހިފަހައްޓައިގެންނެވެ. އޭނާގެ ލޮލުން ބިރުގަތްފައިވާކަން ވަރަށް ރަނގަޅަށް އެނގެން ހުރެ އެވެ.

އަންހެން ކުއްޖާ

(ހަމައެކަނި އަޑު)

ބައްޕަ ދެން އާދެބަ!! އަހަރެން މިހުރީ ބައްޕަ އާދޭތޯ އޯ!

ސިޑިއާއި ދިމާ މަތީގައި ހުރި ލައިޓް ބައްޕަ ޖައްސާލަ އެވެ. ފުން ނޭވައެއް ލައެވެ. ދެން މަޑުމަޑުން ސިޑިން މައްޗަށް އަރަން ފަށައެވެ.

 

ސީން 5. އެތެރެ . ސިޑި ނިމޭ ހިސާބު ބެލްކަނި. ރޭގަނޑު

ބައްޕަ ސިޑިން އަރައިގެން ގޮސް ކޮޓަރިތަކުގެ ކުރިމަތީގައިވާ ބެލްކަނީގައި މަޑުކޮށްލަ އެވެ. ތަން އޮތީ މުޅިން ހަނުކޮށެވެ. ވަރަށް ބޮޑަށްވެސް ހަނުކޮށެވެ.

ގޭގެ ޓެރަސް އާއި ދިމާއިން ‘މިއުޒިކް ބޮކްސް’ އަކުން ރާގެއް ކުޅެމުން އަންނަ އަޑު އިވެމުންދެ އެވެ. އެ އަޑު ޖެހުމުން ބައްޕައަށް ތެޅިގަނެވެ އެވެ. ޓެރަސް އަށް ނިކުންނަން ހުންނަ ދޮރާއި ދިމާއަށް ބައްޕަ ބަލާލަ އެވެ. އޭރު އެ ދޮރު ހުންނަނީ ތަންމިނަށް ހުޅުވިފަ އެވެ. ދޮރުން ބޭރުން ފެންނަން އޮތީ އަނދިރިކަމެވެ. ނާމާން އަނދިރި ކަމެވެ.

ބައްޕަ

ކަ-ކަ- ކާކު މަތީގަ އުޅެނީ؟

އަންހެން ކުއްޖާ ތުއި ވައްތަރަކަށް ހިނިގަނޑެއް ޖަހާލާ އަޑު އިވެއެވެ.

އަންހެން ކުއްޖާ

(ހަމައެކަނި އަޑު)

މިއީ މަށޭ، ބައްޕަ ހާދަ ހެއްވައޭ ދޯ!

ބައްޕަ

ތީ ކޮންމެ މީހަކަސް ހެޔޮ. ފާޑުފާޑުގެ ސަމާސާ ކުރަންޏާ ޕޮލިހަށް މި ގުޅަނީ

އަންހެން ކުއްޖާ

ނޫން. ތިކަން ކުރާކަށް ބައްޕައަކަށް ނުކެރޭނެ. ބައްޕަ އޭރު އެކަން ކުރީތީވެސް ބައްޕައަކަށް ނުކެރޭނެ. ބައްޕަ މަށަށް ކުރި ކަންތައް ހަނދާން އެބަހުރިތަ، ބައްޕާ؟

ބައްޕަގެ މޫނުމަތީގެ ކުލަވަރު މުޅިން ބަދަލުވެގެން ދެއެވެ. ހާސްކަމާއި ބިރުވެރި ކަމުގެ އަސަރުންނެވެ. މާޒީގައި ހިނގާފައިވާ ކަންތަކުގެ ހަނދާންތައް އަންނަން ފެށުމުންނެވެ.

ސީން 6. އެތެރެ . ކޮޓަރި – (ފްލޭޝްބެކް) ދުވާލު

އުމުރުން 10-14 އަހަރުގެ އަންހެން ކުއްޖާއަށް ބައްޕަ އައިސް ކުޑަކުޑަ މިއުޒިކް ބޮކްސް އެއް ދިނުމަށް ދިއްކޮށްލަ އެވެ. އަންހެން ކުއްޖާ ހުރީ އުފަލުން ފޮޅިފައެވެ.

އަންހެން ކުއްޖާ

ހަމަ އަސްލުވެސް އަހަންނަށްތަ؟

ބައްޕަ

ޔޭސް ދޫނިގަނޑާ

މިއުޒިކް ބޮކްސްގައި ހިފުމަށް އަންހެން ކުއްޖާ އަތް ދިއްކޮށްލަ އެވެ. ނަމަވެސް ބައްޕަގެ އަތް ފަހަތަށް ޖައްސާލައެވެ.

ބައްޕަ (ކުރިން ބުނަންފެށި ޖުމްލަ އާއި ގުޅުވައިގެން)

އެއްކޮށް ދަރިފުޅަށް ލިބޭނެ، ބައްޕަ ބުނާގޮތް ހަދައިގެން ރަނގަޅަށް އުޅެފިއްޔާ އޯކޭ.

އަންހެން ކުއްޖާ

އެކަމަކު އެކަހަލަ ފިލްމު ބެލީމަ އަހަންނަށް އުނދަގޫ ވެޔޭ. ބައްޕަ ބުނީމަ ކުރިން ދެރޭ ބެލިޔަސް އަހަރެން ނުވޭ ބަލާހިތެއް.

ބައްޕަ

ތީ އެހެން ވެއްޖެއްޔާ މުޅިން ގޯސްވީ. ހަދިޔާ އެއް ނުލިބޭނެ. ދަރިފުޅު އެ ފިލްމު ބެލީމަ ވާ އުނދަގޫތައް ބައްޕަ ރަނގަޅުކޮށްލަ ދޭނަމޭ މިފަހަރު. އޭރުން އޯކޭ ވާނެއެއްނު!!

އަންހެން ކުއްޖާ

އެ ކިހިނެތް ރަނގަޅު ކުރާނީ؟

ބައްޕަ

ރަނގަޅުކުރާނެ ގޮތް ކިޔައިދޭކަށް ނޭނގޭނެ. ދެން ހިނގާބަލަ ބަލަން ދަމާ. މަންމަ ޑިއުޓީ ނިމޭނީވެސް ހަވީރުންނެއްނު ދޯ!

 

ސީން 7. ބޭރު . ޓެރަސް – (ފްލޭޝްބެކް) ދުވާލު

އަންހެން ކުއްޖާ އިންނަނީ ޓެރަސްގެ ވަށައިގެން ރާނާފައިވާ ފާރުގެ ކަނެއްގެ ތެރެއަށް ވަދެ ގުޅަވެށިލައިގެން ކަހަލަ ގޮތަކަށް އިށީންދެގެންނެވެ. އަންހެން ކުއްޖާގެ މޫނުމަތިން ތަދުގެ އިޙްސާސް ކުރެވެމުން ދިޔައިރު، ލޮލުން ހޯސްލާފައި ކަރުނަ އޮހެމުން ދެއެވެ.

ޓެރަސް އަށް ވަންނަން ހުންނަ ދޮރުން އެތެރެއަށް ވަދެގެން އަންނަނީ ބައްޕަ އެވެ. އޭނާ ގޮސް މަޑުކޮށްލަނީ އަންހެން ކުއްޖާ ކައިރީގައެވެ. އޭނާގެ އަތުގައި މިއުޒިކް ބޮކްސް އޮތެވެ.

ބައްޕަ

ހޫމް. ބައްޕަ ބޭނުންވިގޮތަށް ބަސްއަހަގެން އުޅުނީމަ، އަން މިއޮތީ ހަދިޔާ. ބައްޕަގެ ފުށްގަނޑު ހާދަ ކަންބޮޑުވެފަ ތީނދީ. އެހާ ކަންބޮޑުވާއެއްޗެއް ނޫނޭ. ‘މިއީ އަހަރުމެން ދެމީހުން ގެ ސިއްރެކޭ އިނގޭ.’

 

ސީން 8. ބޭރު . ޓެރަސް – (ފްލޭޝްބެކް) ދުވާލު

ބިރާއި ރުޅިވެރިކަމުން ފުރިފައި އިން އަންހެން ކުއްޖާ ތެދުވެގެން ގޮސް ބައްޕަ ގައިގައި ތަޅަން ފަށައެވެ. އަންގައިން ބޭރުވަމުން ދިޔައީ ހަޅޭކެއްގެ އަޑު އެކަންޏެވެ. ބައްޕަ މަސައްކަތް ކުރަމުން ދިޔައީ އަންހެން ކުއްޖާ މައިތިރި ކުރެވޭތޯ އެވެ. ދެމީހުން ގެންދިޔައީ ބައްދާ ބަގުޑި ލަމުންނެވެ. ޓެރަސް އަށް ވަންނަން ހުންނަ ދޮރާއި ކައިރިއަށް ޖެހެވެމުން ދާކަމެއް އެކަކަށްވެސް ނޭނގެ އެވެ.

އަންހެން ކުއްޖާ މައިތިރި ކުރަން އުޅެމުންދިޔަ ބައްޕަގެ މުށުތެރެއިން ދެމިގަނެގެން ދުރަށް ދާން ދުއްވައިގަތްވަގުތު ދޮރުން ބޭރަށް ސިޑިއާއި ދިމާއަށް ފިޔަވަޅު އެޅުނީ ނޭނގުމެއްގައެވެ. ސިޑި މައްޗަށް ވެއްޓުމާއިއެކު ފުރޮޅެމުން ގޮސް ސިޑިން ވެއްޓެއެވެ. ވެއްޓެމުން ދިޔައިރު ކުއްޖާގެ ރުއިމާއި ހަޅޭކުގެ ވޭނީ އަޑު ވަރަށް ބާރަށް ގުގުމާލާފައި ހުރެއެވެ.

 

ސީން 9. އެތެރެ . ސިޑި ބުޑު – (ފްލޭޝްބެކް) ދުވާލު

އަންހެން ކުއްޖާ އޮތީ ސިޑި ބުޑަށް ވެއްޓިފަ އެވެ. ބަންޑުންނެވެ. އެއްވެސް ހަރަކާތެއް ނެތެވެ. އަންހެން ކުއްޖާގެ ބޮލާއި ދިމާއިން ލޭ ނީރެމުން މުޅިތަން ކަޅި ކުރަމުން ދެއެވެ. އެ ކުއްޖާ އޮންނާނީ މަރުވެފަ އެވެ.

 

ސީން 10. އެތެރެ . ސިޑި ނިމޭ ހިސާބު ބެލްކަނި – (މިހާރު) ރޭގަނޑު 

ބައްޕަ

އެއީ ބައްޕަ ޤަސްދުގަ ކުރިކަމެއް ނޫނެއްނު! ދަރިފުޅަށް އަނިޔާއެއް ކުރަން ބައްޕަ ހިތަށްވެސް ނާރުވަންކަން ހުވާވެސް ކޮށްފާނަން.

އަންހެން ކުއްޖާ

(ހަމައެކަނި އަޑު)

ހުވާ ކޮށްފާނަމޭ. ކޮން ހުވައެއް ކުރާކަށް. ކާކު ދެކެ ބިރުން. ކޮން ފަރާތެއް ދެކެ ބިރުން. ސިޑިން ވެއްޓުމުގެ ކުރިން މަށަށް ދިން އަނިޔާ ކުޑައީތަ؟

ބައްޕަ

ޕްލީޒް ބައްޕަ އަށް މަޢާފްކުރޭ ބައްޕަގެ ފުށްގަނޑާ!

އަންހެން ކުއްޖާ

(ހަމައެކަނި އަޑު)

އަހަރެން ބޭނުންވަނީ ބައްޕަ ދެކެލަން. ބައްޕަ އާ ބައްދަލުކުރަން

ބައްޕަ

ދަރިފުޅު އެބަހުރިންތަ ޓެރަސްގަ؟ އަހަރެން މި އަރަނީ ތިތަނަށް.

ފަހަރަކު ހަރުފަތަކަށް އަރަމުން ސިޑިން މައްޗަށް ބައްޕަ އަރަމުން ދެއެވެ.

 

ސީން 11. ބޭރު . ޓެރަސް   ރޭގަނޑު

އަނދިރިކަމާއި ނާމާން ކަމެވެ. ޓެރަސް އަށް ބޯދީ ބަލައިލައެވެ. ޓެރަސް ދިއްލުމަށް ހުންނަ ސްވިޗާއި ދިމާއަށް އަތް ގެންދެއެވެ. އެވަގުތު ކުއްލިއަކަށް ބޮކި ދިއްލެ އެވެ. ސްވިޗް ޖެއްސުމުގެ ކުރިންނެވެ. އަލިކަމުގެ ތެރެއިން ފަނޑުފަނޑު ސޫރައެއް ފެންނަން ހުރެ އެވެ. އަންހެން ކުއްޖާގެ ސޫރަ އެވެ.

ކުއްލިއަކަށް ބޮކި ނިވެއެވެ. މުޅިތަން އެއްކޮށް އަނދިރި ވެއެވެ.

ބައްޕަ

ކޮބާ ދަރިފުޅު. ކޮބާ ބައްޕަގެ ފުއްގަނޑު؟

އެއްވެސް ޖަވާބެއް ނާދެއެވެ.

ބައްޕަ

ޕްރޮމިސް ކޮށްފަ ބުނަން، މިފަހަރު އެއްވެސް އަނިޔާއެއް ނުކުރާނަން. އެއް ފަހަރު ނަމަވެސް ބައްޕައަށް ފެނިލަބަލަ.

އަނދިރިކަމުގެ ތެރެއިން ބައްޕަ ހޯދަމުން ދިޔައީ އަންހެން ކުއްޖާ ފެނޭތޯ އެވެ.

ބައްޕަ

ހަމަ ހުވާކޮށްފަ މިބުނަނީ. ބައްޕަ އަށް އިތުބާރު ކޮށްބަލަ ޕްލީޒް. އަހަރެން ތި ލޯބި މޫނު އެއްފަހަރު ނަމަވެސް ދެކިލާހިތުން މިހުރީ ކެތްމަދުވެފަ.

އެއްވެސް ޖަވާބެއް ނާދެއެވެ.

ކުއްލިއަކަށް އަންހެން ކުއްޖާގެ ރޫހު އަނދިކަމުގެ ތެރެއިން ފެނިގެންދަނީ ބައްޕައާއި ނުހަނު ކައިރިން، ކުރިމަތިންނެވެ. މަރުވެ މުޅަވެފައިވާ އެ ހަށިގަނޑު ކޮޅަށް ހުއްޓާ ފެނުމުން ބިރުންގޮސް ހަޅޭއްލަވަން ފަށައެވެ.

ހެދޭ ނުހެދޭއެއް ނޭނގި ދުއްވައިގަނެވެނީ ސިޑިއާއި ދިމާއަށެވެ. އަންހެން ކުއްޖާވެސް ނޭނގުމެއްގައި ހުރެ ފައި އެޅުނު ގޮތަށް ފައިތިލަ އެޅި، ސިޑިން ކައްސާލައިގެން ބައްޕަ ވެއްޓެމުންދާ އަޑު އިވެއެވެ.

 

ސީން 12. އެތެރެ . ސިޑި ބުޑު – (ފްލޭޝްބެކް) ދުވާލު

ބައްޕަ އޮތީ ސިޑި ބުޑަށް ވެއްޓިފަ އެވެ. ބަންޑުންނެވެ. އެއްވެސް ހަރަކާތެއް ނެތެވެ. ބައްޕަގެ ބޮލާއި ދިމާއިން ލޭ ނީރެމުން މުޅިތަން ކަޅި ކުރަމުން ދެއެވެ. ބައްޕަ އޮންނާނީ މަރުވެފަ އެވެ.

އަންހެން ކުއްޖާ

(ހަމައެކަނި އަޑު)

ކަންބޮޑު ނުވޭ ބައްޕާ. މިއީ އަހަރުމެން ދެމީހުން ދެމެދުގަވާ ސިއްރެއް. ބްލޫ ފިލްމު ދައްކައިގެން ބައްޕަ ކަންތައް ކުރި ގޮތް އެކަންޏެއް ނޫން ސިއްރަކީ. މިވެސް ބޮޑު ސިއްރެއް.

ނިމުނީ

 

25 ޖެނުއަރީ 2017 – ބުދަ

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ރަޝީދު
އަޙްމަދު ރަޝީދު
ހުރިހައި ދާއިރާއެއްގެ ލިޔުންތައްވެސް މުނިއަވަސްގެ ފައުންޑަރ އަދި ޗީފް އެޑިޓަރ ލިޔާނެއެވެ.