ދިވެހި ބަހަކީ ވަރަށް މުއްސަނދި ބަހެކެވެ. މިހެން ދަންނަވައިފިނަމަ އެކަމާއި ދެކޮޅުހަދައި ވާހަކަ ދައްކާ މީހުން، ދިވެހިންގެ ތެރޭގައި ވަރަށް ގިނަވާނެއެވެ. އެކަމާއި ދެބަސްވެ ޒުވާބުކުރާ ހިސާބަށް ވެސް ދާނެއެވެ. ދިވެއްސަކަށް ވީތީ ދިވެހިބަހުން ވާހަކަދެއްކިދާނެއެވެ. އެހެނަސް، އެއީ ދިވެހިބަހުގެ މުއްސަނދިކަން އެނގޭނެކަމެއް ނޫނެވެ. އަދި ކިއެއްތަ، އެ ކަން އެނގޭނީ ހޯދައިބަލައިފި މީހަކަށެވެ.

ދިވެހި ބަހުގެ މުއްސަނދިކަން ކިތަންމެ ގޮތަކުން ވެސް ބަޔާން ކުރެވިދާނެއެވެ. މި ލިޔުމުގައި އަޅުގަނޑު ބަލައިލާފައި ވާނީ ދިވެހިރާއްޖޭގައި އެކިދުވަސްވަރު މަތިން ކަނބަލުންނަށް ނުވަތަ އަންހެން ކުދިންނަށް އެކި ހާލަތްތަކުގައި މުޚާތަބު ކުރެވެމުން އައިސްފައިވާ ނަންތަކުގެ މައްޗަށެވެ.

ދިވެހިން ގެ ތެރޭގައި ލޯބިން ކަނބަލުންނަށް ނުވަތަ އަންހެން ކުދިންނަށް ކިޔަމުން އައިސްފައިވާ ނަންތަކަށް ބަލައިލާއިރު، އަންހެން ދަރިންނަށް ލޯބިން ކަނބުލޮ، އަންހެން ކުދިންނަށް ލޯބިން ރަނާ ކިޔައި އުޅުނެވެ. އިހުގައި ކިޔެމުންއައި ޅެންތަކުގައި ކަނބަލުންނަށް ލޯބިން ކަނބާ ފަދަ ނަންނަން ބޭނުން ކުރެވިފައި ވާކަން ފާހަގަ ކުރެވެއެވެ.

ހުރިހައި ދުވަސްވަރެއްގައި ވެސް ދިވެހިންނަކީ ވަނަން ކިޔުމުގައި އަރާ ތިބި ބައެކެވެ. ކަނބަލުންގެ ނަން ލިސްޓުން ވެސް އެކަން ފާހަގަވެއެވެ. މިގޮތުން ބަލައިލާއިރު ލޫޅާފަތި އަންހެނުންނަށް ނުވަތަ އަންހެން ކުދިންގެ ވަނަމެއްގެ ގޮތުގައި ހުއްޔެ ކިޔައެވެ. ހިޔަލައަކީ ވެސް ހަމަ މިފަދައިން ކިޔައި އުޅުނު ވަނަމެކެވެ. މީގެ އިތުރުން ރެކި ބީފާނު، އައިހަ ނުވަތަ އަތްހަ އަކީ ވެސް މިފަދަ ނަންނަމެވެ.

މި ލިސްޓުގައި ކަނބަލުންގެ ބުރުސޫރައާއި، ބަނިޔާދަންކަމާއި އަދި އުފެދުމުގައިވާ ފުރިހަމަކަން ހާމަވާ ފަދަ ނަންނަން ވެސް ހިމެނެއެވެ. މިގޮތުން އަންހެން ވަންތަ ސިފަތަކުން އެންމެ ފުރިހަމަ އަންހެނުންނަށް ފަތްމިނި ކިޔައި އުޅެއެވެ. މީގެ އިތުރުން އޮމަލަ އަދި ދިޔޯއަކީ ވެސް ރީތި ކަނބަލުންނަށް ޚާއްޞަ ނަންނަމެވެ.

ހުރިހައި ފަންތިއެއްގައި މިކަން އޮތްއިރު، ޤައުމުގެ އިސްސަފުގެ ކަނބަލުން ތެރެއިން، ރަދުންގެ އަންހެން ބޭފުޅުންނަށް ދައުލަތުން ދެއްވާ ކޮލީ ނަންތަކުގެ ތެރޭގައި ރަންދިކަނބާ ހިމެނެއެވެ. ރަސްކަމަށް ކޮލިލާ ފަހުން ފުރަތަމަ ލިބިވަޑައިގަންނަވާ އަންހެން ބޭފުޅަށް ރަންދި ކިޔައި އުޅެއެވެ. އަދި ކަނބައިދިކިލެގެ، އަކީވެސް ކަނބަލުންނަށް ދެއްވާ ކޮލީ ނަމެކެވެ.

ދިވެހި ތާރީޚީ ފޮތްތަކުގައި ކަނބަލުންނަށް ކިޔައި އުޅޭ ވަރަށް ގިނަގުނަ ނަންތަށް ފެންނަން އެބަހުއްޓެވެ. އޭގެތެރޭގައި ދިޔެ، ކަމަނަ، މަނިކެ، މާގަމަ، ގޮއްޔެ، ދޮނާ އަދި ކާމިނީ ފަދަ ނަންތައް ހިމެނެއެވެ. މިއީ އަދި ކަނބަލުންނަށް އެކިއެކި މަޤާމު ތަކުގައި ކިޔައި އުޅޭ ނަންތަކުގެ ތެރެއިން މިންވަރެކެވެ. މިވަރުން ވެސް މަޢުޟޫގެ ފުޅާކަން ސާބިތުވެއެވެ. އަދި ދިވެހި ބަހުގެ ތަނަވަސްކަން ހާމަވެއެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

އިބްރާހިމް ޚަލީލް
އިބްރާހިމް ޚަލީލް
މުނިއަވަސްގެ ޑެޕިއުޓީ އެޑިޓަރ އިބްރާހިމް ޚަލީލްގެ ޚާއްޞަ ދާއިރާ ތަކަކީ ދީނީ، އިޖްތިމާޢީ އަދި އަދަބިއްޔާތެވެ. ކަރަންޓް އެފެއާޒަކީވެސް އޭނާ ފަރިތަ ދާއިރާއެކެވެ.