މިއީ ޝައިޚް ވާާޙިދު އިބުނު ޢަބްދުއްސަލާމް ބާލީ ލިޔުއްވާފައިވާ ފޮތަކުން ނަގާފައިވާ ވާހަކައެއްގެ ދިވެހި ތަރުޖަމާ އެކެވެ. މި ފޮތުގެ މުސައްނިފުވަނީ ސިހުރުހާހޫރަ ޖެހިފައިވާ މީހުންނާއި ޖިންނި އަވަލާފައިވާ މީހުންނަށް އޭނާ ފަރުވާދިން އިރު ދެކެވިފައިވާ ވާހަކަތައް ރެކޯޑްކޮށްފަ އެވެ. ޝައިޚަށް ސުވަރުގޭގެ އެއްމެ މަތީ ދަރަޖަ ދެއްވާށި އެވެ.

މިފަހަރުވެސް މިއޮތީ އަންހެނަކު އޭނާގެ ފިރިމީހާ ދެކެ މާބޮޑަށް ރުޅިއަންނަ ވާާހަކައެކެވެ. މި އަންހެން މީހާ ވެސް އޭނާގެ ފިރިމީހާ ދެކެ ރުޅި އަންނަނީ އަމަށަކު ވަރަކަށް ނޫނެވެ. އޭނާއަށް ހަދާފައިވާ އިސްތިރިވަރިތޮޅީގެ ބާރު، ފާޅުކޮށް އެނގޭހައިވެސް ގަދަ ރުޅިއެއް އަންހެންމީހާ ގާތަށް އާދެއެވެ. އަންހެން މީހާއަށް ހަމައެކަނި އުނދަގޫވަނީ ގޭގައި ހުންނަ ވަގުތުތަކުގައި އެކަންޏެއް ނޫނެވެ. އޭނާގެ ފިރިމީހާ ކައިރިވެލާ ކޮންމެ ފަހަރަކު، އޭނާއަށް ފިރިމީހާ ފެންނަނީ ފުރޭތައެއްގެ ސިފައިގައެވެ. ނުވަތަ ކޮންމެވެސް ބިރުވެރި ސޫރައެއްގަ އެވެ.

ލޯބިވާ އަނބިމީހާއަށް ފަރުވާ ހޯދުމަށް ފިރިމީހާ ވަރަށް މަސައްކަތް ކުރި އެވެ. ފަނޑިތަ ހަދާ މީހެއްކައިރިއަށްވެސް ގެންދިޔަ އެވެ. ފަންޑިތަ ހަދާ މީހާ، އަންހެން މީހާ އާއި އަވަލައިގެން އުޅޭ ޖިންނި ގެނެސްގެން ވާހަކަވެސް ދެއްކިއެވެ. ޖިންނި ބުނިކަމަށްވަނީ އެ ޖިންނިއަކީ ކޮންމެވެސް މީހަކު ހަދާފައިވާ ސިހުރެއްގެ ސަބަބުން އަންހެން މީހާގެ ގަޔަށް ވަދެގެން އުޅޭ ޖިންނިއެއް ކަމަށެވެ. އަދި އެ ޖިންނީގެ މިޝަން އަކީ އަންހެން މީހާ އާއި އޭނާާގެ ފިރިމީހާ ދުރުކުރުވުން ކަމަށްވެސް ބުންޏެވެ. ފަންޑިތަ ހަދާމީހާ ޖިންނީގެ ގައިގައި ވަރަށް ބާރަށް ޖެހިކަމަށްވެސް ވެއެވެ. ނަމަވެސް ޖިންނި އެކަމާ އަޅައެއް ނުލައެވެ. އަންހެން މީހާގެ ފިރިމީހާ ބުނާގޮތުން، މަސްދުވަސް ވާންދެން އެމީހާ ކައިރިއަށް އަންހެންމީހާ ގެންދިޔައެވެ. ގާތްގަނޑަކަށް މަސްދުވަސް ފަހުން އެއްދުވަހަކު އެ ޖިންނި އަންހެން މީހާ މެދުވެރިކޮށް އޭނާގެ ފިރިމީހާ ކައިރީގައި ބުނީ އޭނާގެ އަނބިމީހާ ވަރިކުރުމަށެވެ. އެއްމެފަހުން ޖިންނިގެ އެދުމުގެ މަތިން ފިރިހެން މީހާ އޭނާގެ އަންހެނުން ވަރިކުރިއެވެ. ވަރިކުރިފަހުން ހަފުތާއެއް ވާންދެން އަންހެން މީހާއަށް އެއްވެސް އުނދަގުލެއް ނުވެ ހުއްޓެވެ. ހީވީ އެއްކޮށް ރަނގަޅުވިހެންނެވެ. ނަމަވެސް އެ ޖިންނި އަލުން އަނބުރާ އައެވެ. ފިރިހެން މީހާ އަހަންނާއި ހަމައަށް އަންހެންމީހާ ގެނައީ މިހާ ހިސާބުންނެވެ.

އަހަރެން ކީރިތި ޤުރުއާނުގެ އާޔަތްތައް އަންހެންމީހާގެ ކައިރީގައި ކިޔަންފެށީމެވެ. ހަމަ ކިޔަވަން ފެށުމާއި އެކު އަންހެން މީހާގެ ގަޔަށް ބާރު އަރަން ފެށިއެވެ. ބާރު އެރުމާއި އެކު އަންހެން މީހާގެ އަޑު ބަރުވެ ވާހަކަދައްކަން ފެށިއެވެ. އެއީ އަންހެން މީހާ މެދުވެރިކޮށް ޖިންނި ވާހަކަދައްކަން ފެށުމެވެ. ޖިންނިއާއި އަހަންނާއި ދެމެދު ކުރެވުނު މުޢާމަލާތުގެ ޚުލާޞާ އެއް ތިރީގައި އެވަނީ އެވެ.

އަހަރެން: ކަލޭގެ ނަމަކީ ކޮބާ؟

ޖިންނި: ޝަޤްވާން

އަހަރެން: ކަލޭގެ ދީނަކީ ކޮބާ؟

ޖިންނި: ކިރިސްތިއަން ދީން

އަހަރެން: ކީއްވެގެން ކަލޭ މި އަންހެން މީހާގެ ހަށިގަނޑަށް އެރިގެން ތިޔަ އުޅެނީ؟

ޖިންނި: އޭނާގެ ފިރިމީހާ އާއި އޭނާ ދުރުކުރުވުމަށް

އަހަރެން: އަހަރެންގެ ހުށައެޅުމެއް އެބައޮތް ކަލެއަށް. ކަލޭ މި ހުށައެޅުން ޤަބޫލުކޮށްފިނަމަ، މާތްﷲ އަށް ހަމްދުހުށި. ކަލޭ އެ ހުށައެޅުން ޤަބޫލު ނުކޮށްފިނަމަ ކަލެއަށް އިތުރު ގޮތެއް ނޯންނާނެ.

ޖިންނި: ކަލޭ ވަރުބަލިވެ ހަލާކުވާން ނޫޅޭތި. އަހަރެން ހަމަހިލާ މި އަންހެންމީހާގެ ގައިން ނުނިކުންނާނަން. އޭނާގެ ފިރިމީހާވެސް މަސައްކަތްކޮށްފި ފަނޑިތަ ހަދާ މީހެއް ކައިރިއަށް ގެންގޮސްގެން. އެކަމަކު ވީކަމެއް ހަމަ ހަރާމުން ހަރާން.

އަހަރެން: އަހަރެން ނުބުނަމެއްނު ކަލޭ އޭނާގެ ހަށިގަނޑުން ނިކުންނާކަށް.

ޖިންނި: ދެން ކަލޭ ބޭނުމީ ކޮންކަމެއް؟

އަހަރެން: އަހަރެން ބޭނުމީ ކަލޭ އިސްލާމް ދީނަށް ވަނުމަށް ދަޢުވަތުދޭން. ކަލޭ އެ ދަޢުވަތު ޤަބޫލުކޮށްފިނަމަ، އެއްމެހައި ޙަމްދު ޘަނާއެއް ހުރީ މާތްﷲ ސުބުޙާނަހޫ ވަތަޢާލާއަށް. އަދި ބުނަން. އިސްލާމް ދީނަށް ވެއްދުމަށް މަޖުބޫރު ކުރުން އެއީކީވެސް އޮންނަކަމެއް ނޫން.
އަހަރެން ކެނޑި ނޭޅި އެ ޖިންނި އިސްލާމް ވުމަށް ދަޢުވަތު ދެމުން ދިޔައިމެވެ. އެތައް އިރެއްވާންދެން ޖިންނިއާއި އަހަންނާއި ދެމެދު ބަހުޘް ކުރެވުމަށްފަހު، އެއްމެފަހުން އެ ޖިންނި އިސްލާމްވި އެވެ. ދެން އެހިނދު އަހަރެން ޖިންނި ކައިރީގައި ސުވާލުކުރީމެވެ.:

އަހަރެން: ކަލޭ އިސްލާމް ތިޔަވީ ހަމަ ހެޔޮ ނިޔަތުގައިތަ؟ ނޫނީ އަހަންނަށް އޮޅުވާލައި ކެހިދިނުމަށްތަ؟

ޖިންނި: އަހަރެން އިސްލާމް ވުމަށް ކަލެއަކަށް މަޖުބޫރެއް ނުކުރެވޭނެދޯ. އެހަރެން މިކަން މިކުރީ ހެޔޮ ނިޔަތުގައި، ހިތުގެ އަޑިން މި ދީން ޤަބޫލުކޮށްގެން. އެކަމަކު،-
އަހަރެން: އެކަމަކު ކިހިނެތްވީ؟

ޖިންނި: މިހާރު އަހަންނަށް އެބަފެނޭ ކިރިސްތިއަން ދީނުގެ ޖިންނި ބައިގަނޑެއް އަހަރެންގެ ކުރިމަތީގައި ތިބިތަން. އެ ޖިންނިތައް އަހަންނަށް ބިރުދައްކަމުން އެބަގެންދޭ. އަހަރެން ބިރުގަނޭ އެ ޖިންނިތައް އަހަރެން މަރާލަފާނެތީ!”

އަހަރެން: ތީކީ އެހާބޮޑުކަމެއް ނޫން. ކަލޭ އިސްލާމްވީ ހެޔޮ ނިޔަތުގައިކަން މިހާރު އެނގިއްޖެ. އެހެންވީމާ އަހަރެން ކަލެއަށް ދޭނަން ވަރަށް ވަރުގަދަ ހަތިޔާރެއް. އެ ހަތިޔާރު ބޭނުންކުރުމުން އެތަނުން އެއްމެ ޖިއްނި އަކަށްވެސް ކަލެޔާ ކައިރިވެ ނުލެވޭނެ.

ޖިންނި: އެހެންވިއްޔާ އަވަހަށް ތިބުނާ އެއްޗެއް ދީބަލަ.

އަހަރެން: ނޫން. އަހަރެމެން ދައްކަމުން ގެންދިޔަ ވާހަކަތައް ދައްކައި ނިމުމުގެ ކުރިން ނުދޭނަން.

ޖިންނި: އިތުރު ކޮންކަމެއްތަ ކަލޭ ބޭނުންވަނީ؟

އަހަރެން: ކަލޭ އިސްލާމް ތިޔަވީ އަސްލަށްކަން ޔަޤީން ކޮށްދިނުމަށްޓަކައި އެބަޖެހޭ އަންހެން މީހާގެ ގައިން ކަލޭ ނިކުންނަން.

ޖިންނި: އާނ. އަހަރެން އިސްލާމްވީ ހަމަ އަސްލަށް. އެކަމަކު އަހަރެން ކިހިނެތްތަ ސިހުރުވެރިޔާގެ ކިބައިން ސަލާމަތްވާނީ؟

އަހަރެން: ތިޔައީ އަދި މާ ފަސޭހަކަމެއް، ކަލޭ އަހަރެން މި ބުނާ ކަންތަކާ އެއްބަސްވާނަމަ.

ޖިންނި: އާނ

އަހަރެން: ސިހުރު ހަދާފައިވާ އެތި ނުވަތަ ތަކެތި ހުރީ ކޮންތާކު ބަހައްޓާފަ؟

ޖިންނި: އަންހެންމީހާ ދިރިއުޅޭ ގޯތީގެ ބިތްދޮށް ފަރާތުގަ ވަޅުލާފަ. އެކަމަކު ހަމަ ސީދާ ކޮންތަނެއްގަކަން ބުނެދޭކަށް މަށަކަށް ނޭނގޭނެ. ސަބަބަކީ އެ ތަކެތީގެ ފާރައަށް އެހެން ޖިންނިއެއް އެބަހުރޭ. އަހަންނަށް އެތަކެތި ހުރިތަނެއް އެނގޭ ހަމަ ކޮންމެ ފަހަރަކު، ފާރައަށް ހުންނަ ޖިންނި އެތަކެތި އެހެން ތަނަކަށް ލައި އެބަ ފޮރުވާ.

އަހަރެން: އެ ސިހުރުވެރިޔާ އާއި އެކުގައި ކަލޭ މަސައްކަތްކުރަމުން އަންނަތާ ކިހާދުވަހެއް ވެއްޖެތަ؟

ޖިންނި: ދިހައެއް ނުވަތަ ވިއްސަކަށް އަހަރު. (ލިޔުންތެރިޔާ އަށް ޖިންނި ބުނި އަހަރު ރަނގަޅަށް ހަނދާން ނެތިފައި). މި އަންހެން މީހާގެ ގަޔަށް ވަނުމުގެ ކުރިން އެ މުއްދަތު ތެރޭގައި އަހަރެން 3 އަންހެނެއްގެ ގަޔަށް ވަނިން.

މިހިސާބުން ޖިންނި ގޯނާކޮށް، ފާވެފައިވާ، އެ ތިން އަންހެނުންގެ ގަޔަށް ވަތް ގޮތުގެ ވާހަކައާއި ކުރި ދުއްތުރާތައް ކިޔައިދިނެވެ. އަހަންނަށް އެ ޖިންނި އެހަދަނީ ތެދުކަން އެނގުމުން އަހަރެން ބުނީމެވެ.

އަހަރެން: އަހަރެން ކަލެއަށް ދޭންބުނި ހަތިޔާރު ނަގާ!

ޖިންނި: އެއީ ކޮން ހަތިޔާރެއް؟

އަހަރެން: އާޔަތުލް ކުރުސި (ސޫރަތުލް ބަޤަރާގެ 255 ވަނަ އާޔަތް). ކަލޭ ކައިރިއަށް ޖިންނިއެއް އަންނަން ފަށާއިރަށް އެ އާޔަތް ކިޔަވާ. އޭރުން ޖިންނި ބިރުން ކަލެޔާ ދުރަށް ދާނެ. ކަލެއަށް ހިތުން އެނގޭތަ އެ އާޔަތް؟

ޖިންނި: އާނ. އަހަރެން މި އަންހެން މީހާގެ ކައިރިން އެ އާޔަތް ހިތުދަސްކޮށްފަ އޮންނާނީ. މި މީހާ ވަރަށް ގިނައިން އެ އާޔަތް ކިޔާވާނެ. އެކަމަކު އަހަންނަށް ސިހުރުވެރިޔާގެ ކިބައިން ރައްކާތެރިވެވޭނީ ކިހިނެތްތަ؟

އަހަރެން: ހަމަ މިހާރު އަންހެން މީހާގެ ގައިން ކަލޭ ނިކުމެގެން މައްކާއަށް ގޮސް އެތާނގައި އުޅޭ މުސްލިމު ޖިންނިންނާއި އެކުގައި ދިރިއުޅެންފަށާ.

ޖިންނި: އެކަމަކު މާތް ﷲ އަހަރެން ކޮށްފައިވާ ފާފަތަކަށް ޢަފޫ ދެއްވާނެތަ؟ އަހަރެންގެ ފަރާތުން މި އަންހެން މީހާ އާއި އޭގެ ކުރިން ވެސް އެތައް އަންހެނަކަށް ލައްކަ ހަނގާ ދެވިފަ އޮންނާނީ.

އަހަރެން: އާނ. ކަލެއަށް ޢަފޫ ދެއްވާނެ. އެކަލާންގެ ވަޙީ ބަސްފުޅުގެ މާނައިގައި ވަނީ : ކަލޭގެފާނު ވިދާޅުވާށެވެ! އެއުރެންގެ އަމިއްލަ نفس ތަކުގެ މައްޗަށް ފާފައިން إسراف ކޮށްފައިވާ، ތިމަންރަސްކަލާނގެ އަޅުތަކުންނޭވެ! ތިޔަބައިމީހުން اللَّه ގެ رحمة ން އުންމީދު ކަނޑައިނުލާށެވެ! ހަމަކަށަވަރުން، اللَّه އީ، އެންމެހާ ފާފަތައްފުއްސަވާ ރަސްކަލާނގެއެވެ. ހަމަކަށަވަރުން، އެކަލާނގެއީ، ގިނަގިނައިން ފާފަފުއްސަވާ، رحيم ވަންތަ ރަސްކަލާނގެއެވެ. (އައްޒުމަރު ސޫރަތުގެ 53 ވަނަ އާޔަތުގެ މާނަ)
ޖިންނި ރޮމުން ބުނީ: “އަހަރެން މި އަންހެން މީހާގެ ހަށިގަނޑުން ނިކުތުމުން، އަންހެން މީހާކައިރީ ބުނެދޭތި އަހަރެންގެ ފަރާތުން އޭނާއަށް ލިބުނު ގޯނާތަކަށް މަޢާފް ކޮށްދޭށޭ.

މިހެން ބުނަމުން ޖިންނި ވަޢުދުވި ގޮތަށް ޢަމަލުކުރި އެވެ. އަހަރެން ފެން މަތުރައި އެފެން ގޯތިތެރެއަށް ޖެހުމަށް ފިރިހެން މީހާއަށް އިރުޝާދު ދިނީމެވެ. ދުވަސްގަނޑެއް ފަހުން ފިރިހެން މީހާ ބުނީ އޭނާާގެ އަނބިމީހާ މިހާރު އެއްކޮށް ރަނގަޅު ކަމަށެވެ. ނަމަވެސް އަންހެން މީހާ ރަނގަޅުވީކީ އަހަރެންގެ މޮޅުކަމަކުން ނޫނެވެ. އެއީ މާތްﷲ ގެ ކުޅަދުންވަންތަ ކަމެވެ. އެކަލާންގެ އެ އަންހެން މީހާގެ ބަލިމަޑުކަމަށް ޝިފާދެއްވީއެވެ.

ނިމުނީ

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ރަޝީދު
އަޙްމަދު ރަޝީދު
ހުރިހައި ދާއިރާއެއްގެ ލިޔުންތައްވެސް މުނިއަވަސްގެ ފައުންޑަރ އަދި ޗީފް އެޑިޓަރ ލިޔާނެއެވެ.