އަޅުގަނޑު ދަންނަވަން މިއުޅޭ ވާހަކަ މިހާރުގެ ދިވެހިންނަށް “ކަޓު ވާހަކައަކަށް” ވެދާނެއެވެ. މިހެން ބުނާތީ، ބުނާ މީހާ ގޯސްވެ އެމީހަކު ސަފުން ބާކީވެދާނެއެވެ. މިއީ އެހެން މީހުންގެ މިނިވަންކަމާ ބެހުން ކަމުގައި މިހާރު ގިނަ ބަޔަކު ދެކިދާނެއެވެ. މާފުކުރާށެވެ. ހިތާމައާ އެކު ދަންނަވަން ޖެހެނީ މިއީ ދިވެހިންގެ ވިސްނުން މިހާރު ހުރި ގޮތެވެ.

ސައްތައިން ސައްތަ އިސްލާމީ މުޖުތަމައަކަށް މި ގައުމު ވާއިރު އިސްލާމްދީނާ ދިމާ އިދިކޮޅު އަމަލުތައް ދުވަހެއް ދުވަހަކަށް މިދަނީ މިމުޖުތަމައުގައި އިތުރު ވަމުންނެވެ. މިމުޖުތަމައުގައި ދިވެހީން، ޚާއްޞަ ގޮތެއްގައި ކަނބަލުންގެ ހެދުން އެޅުމުގެ ވައްޓަފާޅިއަށް ބަލައިލަމާތޯއެވެ. އިސްލާމީ ރީތި ހިޖާބުން ހިޖާބުވެގެން އުޅޭ ފަރާތްތައް އުޅޭއިރު ނިވާކަން ކުޑަ ގޮތެއްގައި ހެދުން އަޅައި، ދެއްކުންތެރިކަމުގައި މޮޑެލް ކުރަމުންދާ ފަރާތްތައް ނުހަނު ގިނައިން މިފަހަކަށް އައިސް ފެންނަމުންދެއެވެ. ހަމަ އެއާއި އެކު ނަމެއްގައި ބުރުގާ އަޅައިގެން އުޅޭ ފަރާތްތައްވެސް މަދެއްނޫނެވެ.

”އޮރިޔާން“ ހާލުގައި ވަނާތަށް މުޅި ދުނިޔެއަށް އެ ޝެޔަރކޮށް ދޫކޮށްލަނީ ގިނަ ވިއުސް ތައް ނުވަތަ ގިނަ މީހުން ބަލާނެ ކަމަގެ އުންމީދުގައި ހިނިތުންވެ ހުރެ މަޖުބޫރުކަމެއްނެތިއެވެ. މީސް މީޑިއާގައި މިފަދަ ފަރާތްތަކަށް ދިވެހީންގެ މެދުގައި މަގުބޫލުކަން ލިބުމަކީ ކޮންމެ މީހަކު އަމަލުން އެކަން ނުދެއްކި ނަމަވެސް އެފަދަ ކަންކަން ގިނަބަޔަކަށް ”އޯކޭ“ ވުންކަމުގައި ބުނެވިދާނެއެވެ. ތިބާގެ ހަލާލު އަބިމީހާ އެފަދަ ހެދުން އަޅާގެން އެކަބަލުންގެ ވަނާތައް ހާމަކުރަމުންދާއިރު އެއްޗެކޭ ނުބުނެ ނުވަތަ އެކަން މަނާ ނުކޮއްތިހުރީ މާ ”ކޫލް“ މީހެއްކަމައް ދެއްކެންވެގެން ދޯއެވެ؟ ބުނަންހެއްޔެވެ؟ އެއީ އަދި ”ކޫލް“ ވުމެއްނޫނެކެވެ. އެއީ ތިމާގެ ނާގާބިލިއްޔަތުކަމެވެ. ތިމާގެ ފިނޑިކަމެވެ. މާފްކުރާށެވެ. ތިބާގެ އަންހެން ކޮއްކޮ ނުވަތަ ދައްތަ ދެއްކުންތެރިކަމުގައި ނިވާކަން ކުނޑަ ހެދުންތައް އަޅަމުންދާއިރު ތިބާ އެއްޗެކޭ ނުބުނެތިހުރީ ހަމަ އެގޮތް ”ސަޅި“ ވެގެންދޯއެވެ.

މޮޑެލް ކުރުމުގެ ވަބާގައި ދިވެހި ކަނބަލުން ފައިތިލަތައް ސާބިތުކުރަމުން ދާއިރު ދުވަހެއް ދުވަހަކަށް މިފަދަ ފަރާތްތަކުގެ އައުރަ ކަޝްފުވެގެން ދާތަން ފެނެއެވެ. ފޭސްބުކް ޕޭޖުތަކުގައި މިފަދަ ފަރާތްތަކުގެ ފޮޓޯ ވީޑިއޯތައް، ފަލީހަތް ކުރުމުގެ ނިޔަތުގައި ނަމަވެސް ހިއްސާ ކުރަމުންދެއެވެ. މިކަމުގެ ސަބަބުން އެފަދަ ފަރާތްތަކުގެ މަގުބޫލުކަން ދަނީ އިތުރުވަމުން ކަމުގައި ބުނެވިދާނެއެވެ.

ޒަމާނުއްސުރެ އެހެންމީހުންގެ ގޮތް “ކޮޕީ ކުރުމުގެ” އާދަ ހުންނަ ދިވެހިންގެ ތެރެއަށް ބޭރުގެ މޮޑެލުންނާ އެކުޓަރުންގެ ގޮތްތައް ފަތުއަޑު ކިޔާފައި ރާޅެއް ހެން ބިންދާލިއެވެ. އެހައި ހިސާބުން ދިވެހިން އޮރިޔާން ވާން ފެށިއެވެ. މިހާރު ދިވެހި ނޫސްތަކާ މަޖައްލާ ތަކުގެ ފަލަ ސުރުޚީން އެމީހުން ޖާގަ ހޯދައިފިއެވެ. ނޫސްތަކުންނާ މަޖައްލާ ތަކުން އިންސްޓަގްރާމްގައި ޖިސްމު ނީލަން ކިޔަމުންދާ މީހުން އެއީ “މޮޑެލުން” ގޮތުގައި ޕްރޮމޯޓް ކުރަން ފަށައިފިއެވެ. ބޮޑެތި ކުންފުނިތަކުގެ ބްރޭންޑް އެމްބެސަޑަރުންގެ ގޮތުގައި އެވެރިން ހަދައިފިއެވެ. ޓީވީ ޝޯތަކަށް އެވެރިން އަރުވައި އެވެރިންގެ ހަޔާތަކީ ދިވެހިންނަށް ނަމޫނާއެއް ކަމުގައި ޕްރޮމޯޓް ކުރަން ފަށައިފިއެވެ.

ދެން އޮތީ މިހާރު މަޝްހޫރުވެގެން އުޅޭ “ޓިކް ޓޮކް” ގެ ވާހަކައެވެ. ޢާލަމްތަކުގެ ވެރި އިލާހުގުގެ އަމުރުފުޅު އޮތްތާނގައި އޮއްވާ ދިވެހި ކަނބަލުން ހަވާނަފުސުގެ އެދުންތަކަށް ދީލިގެން ގޮސް ހެއްލިގެން ދިޔަލެއް އަވަސްކަން ފެނި ހައިރާން ވަމެވެ.

މިއުޒިކީ ވަންނިތަކުން ބަދެވިފައި އޮތް ޓިކް ޓޮކް އަކީ ޒުވާނުންގެ މެދުގައި ނަގާކިޔާ އެޕެކެވެ. މާ ސަޅިކަމެކޭ ހިތައި މި އެޕް ބޭނުންކޮށް، ޖިސްމު ނީލަން ކިޔަމުން ތައްޔާރުކުރާ ވީޑިއޯތަައް ދަނީ އެކަކު އަނެކަކަށް ގިނަ ވަސީލަތްތަކުގައި ޝެއަރ ކުރަމުންނެވެ. ޖިންސުގެ ތަފާތުކުރުމެއްނެތި މިކަމުގައި ޝާމިލުވެެއެވެ. އިސްލާމް ދީން އަމުރު ކުރަނީ އަންހެން ކަނބަލުން އެކަނބަލުންގެ ވަނާތައް ހިލޭ ފިރިހެނުންގެ ލޯތަކުން ސަލާމަތްކޮށް ވަންހަނާ ކުރުމަށް ކަމަށް ވާއިރު ޓިކު ޓޮކް ދިވެހިން ބޭނުން ކުރަނީ ﷲގެ މި އަމުރުފުޅަށް ކުރާ ފުރައްސާރައެއް ގޮތުގައި ހެއްޔެވެ؟

ލިޔުންތެރިޔާގެ ފުރަމަލަ

މުޙައްމަދު ރިފާޒް
ރިފާޒަކީ ސަން އޮންލައިން އާއި ޗެނަލް 13 ގައި މަސައްކަތްކޮށްފައިވާ ތަޖުރިބާހުރި ނޫސްވެރިއެކެވެ.