ދިވެހި ނޫސްވެރިކަން އެއްދުވަހުން އަނެއް ދުވަހަށް މިދަނީ ކުރިއަރަމުންނެވެ. އިތުރު ކުރިތައް އަރައި ފޯދި ފައްކާވަމުންނެވެ. ޕްރިންޓްމީޑިއާއާއި މާސްމީޑިއާގެ އިތުރުން އޮންލައިން މީޑިއާތައް އުފެދި ގިނަވަމުންނެވެ. ދިވެހި ނޫސްވެރިންގެ ލިސްޓުގެ ކުރީ ސަފުން ޒުވާން މޫނުތަކެއް ޖާގަ ހޯދަމުންނެވެ. އެފަދަ ޒުވާން ނޫސްވެރިންގެ ތެދުވެރިކަމާ، މަސައްކަތަށް ހުންނަ ކުލުނުވެރިކަމާ ލޯތްބާއި، ހިތްވަރާއި ޢަޒުމާއެކު މަސައްކަތްކުރުމުގެ ރޫޙުގެ ސަބަބުން އިއްޔެގެ ނޫސްވެރިން ފަހަތަށް ޖައްސައިލަމުން އަންނަ ޒުވާން ނޫސްވެރިންވެސް މަދެއް ނޫނެވެ.

ފެންވަރު ރަނގަޅު ޚަބަރެއް ލިޔެ ގެނެސްދިނުމަކީ ފެންފޮދެއް ބޯލާހާ ފަސޭހަކަމެއް ނޫނެވެ. ޚަބަރެއް ކަވަރުކުރުމުގައި ބަލަންޖެހޭ އެތަކެއް އުންސުރުތަކެއް ހުރެއެވެ. ނަމަވެސް ޒުވާން، ދިވެހި ނޫސްވެރިން މިއަދު ވަނީ ކުރިމަތިވާ ހުރިހައި ގޮންޖެހުންތަކެއް ގިރާކޮށް، ރާއްޖެއާއި ދުނިޔެއަށް އެންމެ ޞައްޙަ ޚަބަރާއި މަޢުލޫމާތު ގެނެސްދިނުމަށް ކަމަރު ބަނދެލާފައެވެ.

މިއީވެސް އެފަދަ ޒުވާން ނޫސްވެރިއެކެވެ. މި ޒަމާނުގެ ކުދިންނާ އަޅައި ބަލާއިރު، ލިޔާ ލިޔުމެއްގައި ކުށެއް ނުހުރެއޭ ބުނާހާ ކުށްމަދުކޮށް ލިޔާ ނޫސްވެރިއެކެވެ. ނޫސްވެރިކަމުގައި ލޯ ހިންގަންޖެހޭ ހުރިހައި ދިމާއަކަށް ލޯ ހިންގުމުގެ ހުނަރު ލިބިފައިވާ ނޫސްވެރިއެކެވެ. މިއަދު މުނިއަވަސް އާއެކު މަސައްކަތް ފަށާފައިވަނީ ނޫސްވެރިކަމުގެ ކުރު މާޒީގައި ހޯދާފައިވާ ތަޖުރިބާއާއި ހުނަރުތައް، މުނިއަވަސްގެ ޓީމާއި ހިއްސާކުރުމުގެ ރޫޙާއި އެކުގައެވެ.

އުމުރުން އެންމެ 17 އަހަރުގައި ރާއްޖޭގެ ބޮޑު އެއް އޮންލައިން ނޫހުން ނޫސްވެރިކަމަށް ވަދެގެން އައި މުޙަންމަދު ރިފާޒް އަކީ ރާއްޖޭގައި މިވަގުތު ހުރި އެންމެ ޒުވާން އެއް ނޫސްވެރިޔާއޭ ދެންނެވުން ދޮގަކަށް ނުވާނެއެވެ. އެންމެ ކުޑަ އިރުއްސުރެ ނޫސްވެރިއަކަށް ވުމުގެ ހުވަފެން ދެކެމުން އައި ރިފާޒް އެންމެ ފުރަތަމަ ފެނިގެންދިޔައީ “ސަން އޮންލައިން” ގައި ސިޔާސީ އަދި އިޖުތިމާއީ ޚަބަރުތައް ގެނެސްދެމުން އައި ނޫސްވެރިއެއްގެ ގޮތުގައެވެ. މީގެ އިތުރުން ރިފާޒް ވަނީ “ޗެނަލް 13” ގައިވެސް މަސައްކަތް ކޮށްފައެވެ.

ރިފާޒާއި ބެހޭ އިތުރު ބައެއް މަޢުލޫމާތުތައް ކިޔުންތެރިންނާ ހަމައަށް ގެނެސްދިނުމަށް މަސައްކަތްކޮށްލީމެވެ.

ކިހިނެއް ނޫސްވެރިކަމަށް ޝައުގުވެރިކަން އުފެދި، އޭގެ ތެރެއަށް ވަދެވުނީ؟

އެންމެ ކުޑަ އިރުއްސުރެން ވެސް ކުރިޔަށް ދާން ބޭނުންވި ދާއިރާ މިއީ. ކުޑަ އިރުއްސުރެން ވެސް ލިޔުންތެރިކަމަށް ވަރަށް ޝައުގުވެރިކަން ހުރޭ. އެހެންވެ އަބަދުވެސް ބޭނުންވޭ ނޫސްވެރިއަކަށް ވެގެން މި ދާއިރާގައި މަސައްކަތްކުރަން. އަސްލު ލިޔުންތެރިކަމުގައި ޕަބްލިކަށް ލިޔުންތައް ފޯރުކޮށްދެވޭނެ އެންމެ ‘ސަޅި’ ދާއިރާ އަކަށް ވާނީ ނޫސްވެރިކަން ކަން ނޭނގެ. އެހެންވެ ކަން ނޭނގެ އަސްލު ނޫސްވެރިކަމަށް ޝައުގުވެރިކަން އުފެދުނީ.

ނޫސްވެރިކަމަށް ނުކުންނަން ފުރުސަތު ލިބުނީ ކިހިނެތް؟

ސުކޫލް ނިމްމާލާފަ ހަމަ ހުރީ އެއްވެސް ކަމެއް ނުކޮށް މި ދާއިރާއިން ޗާންސެއް ލިބެންދެން. ހަގީގަތަށް ބުނަންޏާ މި ދާއިރާއަށް ނިކުންނަން އަޅުގަނޑަށް އެންމެ ފުރަތަމަ ފުރުސަތެއް ހޯދައިދިނީ އަޅުގަނޑުގެ ދޮންބެ.

މިދާއިރާގައި އެންމެ ކުރިޔަށްދާން ބޭނުންވާ ހިސާބަކީ ކޮބާ؟

އިޖުތިމާއީ ދާއިރާއިން ނޫސްވެރިމުގެ އެވޯޑް އެއް ހޯދުން.

ޗެނަލް13 ގައި ރިފާޒް މަސައްކަތްކޮށްފައިވޭ – ފޮޓޯ: މުނިއަވަސް

އެންމެ ކަމުދާ ދިވެހި ނޫސްވެރިއަކީ ކޮބާ؟

ކަމުދާ އެބަ ތިބި ވަރަށް ބައިވަރު ނޫސްވެރިން. އޭގެތެރޭގައި ސަންގު ޓީވީގެ އަލީ ޝިފާޒް، ދެން ޗެނަލް 13ގެ މުޙަންމަދު ސަމާހު، ވީޓީވީގެ ޝިފްޒާ މުސްޠަފާ މީ ހަމަ ވަރަށް ކަމުދާ ނޫސްވެރިން.

ރިފާޒް ނޫސްވެރިކަމުގައި މިހިސާބަށް ގެނެސްދިނީ ސަމާހު އޭ ބުނެވިދާނެތަ؟

ލައްބަ ބުނެވިދާނެ. ސަމާހު އަކީ މިދާއިރާގައި ކުރިޔަށް ދިޔުމަށް ލިބުނު ވަރަށް ބޮޑު ހިތްވަރެއް. އެކަމަކު ސަމާހުގެ އިތުރުންވެސް މި ދާއިރާއިން ކުރިޔަށް ދިއުމަށްޓަކައި ވަރަށް ގިނަ ނޫސްވެރިންގެ އެހީތެރިކަން ލިބުނު. އޭގެ އިތުރަށް ފެމެލީ އާ ރައްޓެހިންގެ އެހީތެކަން ވެސް ވަރަށް ބޮޑަށް ލިބުނު. 

ލިޔެވުނު އެންމެ ކަމުދާ އާޓިކަލް އަކީ ކޮބާ؟

ސަން އޮންލައިން ގައި އުޅުނުއިރު ލިޔެފަ އޮންނާނެ “އަސާސީ ބޭނުންތަކަށް މާލެ ބަދަލުވާ ރައްޔިތުން، ކުލީގެ އަޅުންނަށް” އެއީ ވަރަށް ހިންހަމަ ޖެހޭ އާޓިކަލްއެއް.

ރިފާޒަށް ގެނެސްދެވުނު އެންމެ ހިތްހަމަޖެހޭ އެއް ލިޔުން – ފޮޓޯ: ސަން އޮންލައިންގެ ސްކްރީން ޝޯޓެއް

މި ފުރުސަތުގައި ޝުކުރު އަދާކޮށްލަން ބޭނުންވަނީ ކޮން ފަރާތްތަކަކަށް؟

އެންމެ ފުރަތަމަވެސް ޝުކުރު އަދާކޮށްލަން ބޭނުންވަނީ ﷲ ސުބުހާނަހޫ ވަތަޢާލާއަށް. ދެން އަޅުގަނޑަށް މި ދާއިރާއިން ކުރިޔަށް ދިޔުމަށް އަބަދުވެސް ހިތްވަރު ދޭ އަޅުގަނޑުގެ މައިންބަފައިން އަދި އަޅުގަނޑުގެ އާއިލާއަށް. އޭގެ އިތުރުން އަޅުގަނޑުގެ ހުރިހާ ރައްޓެހިންނަށް. އެއަށްފަހު އެކި ގޮތްގޮތަށް އެހީތެރި ވެދެއްވި އަޅުގަނޑާ އެކު މަސައްކަތް ކުރެއްވި ހުރިހާ ނޫސްވެރިންނަށް.

****

މުނިއަވަސް އިން ރިފާޒަށް އެދެނީ އިތުރު ކުރިއެރުމާއި އަރުތަ އަށެވެ. މުނިއަވަސްގެ ޓީމާއި ރިފާޒު ގުޅުން ވެގެން ދިޔައީ މުނިއަވަސް އަށް ލިބުނު އަގުހުރި ‘އެސެޓަކަ’ށެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

އެޑިޓޯރިއަލް
މުނިއަވަސް ގެ އެޑިޓޯރިލް އިން އެޑިޓޯރިއަލް ސިޔާސަތުގެ ތެރޭގައި ހިމެނޭ ލިޔުންތައް ލިޔާނެ އެވެ.