ފިލްމީ ދާއިރާއިން ހަޔާތީ އަރުތަ (ލައިފްޓައިމް އެޗީވްމެންޓް) އެވޯޑް ހޯދި މުޙައްމަދު ރަޝީދު (ދަރާ)، ހިންދީ ވެބް ސީރީޒަކުން ވަރަށް އަވަހަށް ފެންނާނެ ކަމަށް އޭނާ ބުނެފިއެވެ.
އިންޑިޔާގެ ދިއްލީގައި ހިންގަމުން އަންނަ ‘ސެންސޭޝަން މީޑިއާ އެންޑް އާޓްސް ޕްރައިވެޓް ލިމިޓެޑް’ އާއި ރަޝީދުގެ އަމިއްލަ ޕްރޮޑަކްޝަން ހައުސް “ދަރާ ޕްރޮޑަކްޝަން” އާއި ގުޅިގެން ރާއްޖޭގައި ޝޫޓްކޮށްފައިވާ މި ސީރީޒް އަކީ “ޕްރީ ވެޑިން ހަނީމޫން” އެވެ. މިއީ ހަ އެޕިސޯޑްގެ ޑްރާމާ ސީރީޒެއް ކަމަށް މުނިއަވަސް އަށް ދަރާ ބުންޏެވެ.
އިންޑިޔާގެ ޕްރޮޑަކްޝަން ހައުސްތަކަކާއި ގުޅިގެން ފިލްމާއި ވީޑިއޯ ލަވަ އުފެއްދުމުގެ މަސައްކަތްތަކެއް ފަށާފައިވާ ރަޝީދު ބުނީ މި ސީރީޒްގެ ޝޫޓިން އެއްކޮށް ނިންމައި، މިހާރު ކުރިއަށްދަނީީ ޕޯސްޓްޕްރޮޑަކްޝަންގެ މަސައްކަތްތައް ކަމަށެވެ.
ހަރްޝް އާނަންދު ޑައިރެކްޓްކޮށް އުފައްދާ މި ސީރީޒް ކެމެރާކޮށްފައި ވަނީ ރާއްޖޭގެ ޒުވާން ކެމެރާމަނެކެވެ. އިންޑިޔާ ތަރިން ހަރަކާތްތެރިވާ މި ސީރީޒްގެ ކާސްޓްގައި ހިމެނޭ ހަމައެކަނި ދިވެހި ސްޓާރަކީ ރަޝީދެވެ.
“ހަރްސް ބޭނުންވީ މަވެސް ރޯލެއް ކުޅެން. އެހެން ނަމަވެސް އަހަންނަށް ތަންކޮޅެއް ކުޑަ ރޯލެއް ދިނުމަށް ރިކޮމެންޑްކުރިން. އެހެން ނަމަވެސް މަށަށް އިނީ ވަރަށް ބޮޑު މޭޖާ ރޯލެއް.” ރަޝީދު ބުނީ ހިންދީ އެއްޗެއް ކުޅެން ޖެހުމުން ތަންކޮޅެއް އުނދަގޫވެސް ވިކަމަށެވެ. އެހެން ނަމަވެސް ރަޝީދު ކުޅުނު ބަޔާމެދު ޑައިރެކްޓަރު ހުރީ ހިތްހަމަޖެހިފައި ކަންވެސް ރަޝީދު ފާހަގަކުރިއެވެ.
“ޕްރީ ވެޑިން ހަނީމޫން” އަކީ އިންޑިޔާގެ އޯޑިއަންސްއަށް ޓާަގެޓް ކޮށްގެން ހެދި ވެބް ސީރީޒެެކެވެ. މި ސީރީޒް ދެެއްކުމަށް ‘ޒީ ފައިވް’ ޗެނަލްއާ މަޝްވަރާ ކުރެވެމުން ދާކަމަށާއި އެތަނުން ނުދެއްކިއްޖެ ނަމަ ‘ސެންސޭޝަން މީޑިއާ’ގެ ޔޫޓިއުބް ޗެނަލް މެދުވެރިކޮށް ރިލީޒްކޮށްފާނެ ކަމަށް ރަޝީދު ބުންޏެވެ. އެ ޔޫޓިއުބް ޗެނަލަކީ 15 މިލިޔަނަށްވުރެން ގިނަ ފޮލޯވަރސް އުޅޭ ޗެނަލެކެވެ.
“އޭގެ އިތުރުން ރަޝީދުމެން ޚިޔާލުކޮށްގެން މިއުޅެނީ ރާއްޖޭގަވެސް މީތި ދެއްކޭނެ ކޮންމެވެސް ކަހަލަ ގޮތެއްވޭތޯ. މިސާލަކަށް ޓީވީ ޗެނަލަކާ ގުޅިގެން ނުވަތަ ސިނަމާއަކާ ގުޅިގެން ނަމަވެސް.” ވެބް ސީރީޒް ދެއްކުމަށް ވިސްނާފައިވާގޮތް ހިއްސާކުރަމުން ރަޝީދު ބުންޏެވެ.
މި ވެބް ސީރީޒް އެއްކޮށް ޝޫޓްކޮށްފައިވަނީ ދިވެހި ކުއްޖެއްކަން ރަޝީދު ފާހަގަކުރީ މިއީ ރާއްޖޭގެ ފަންނާަނަކަށް ލިބިގެންދިޔަ އަގުހުރި ތަޖުރިބާއެއްކަން ފާހަގަކުރަމުންނެވެ.
“އަޅުގަނޑަށް ހީވަނީ ދިވެހި ކުއްޖަކު، މިކަހަލަ ބޮޑު ސީރީޒެއްގެ ހަންޑްރެޑް ޕަސެންޓް ސިނަމޮޓޯގްރާފީ ހަދާފައިވާ ފުރަތަމަ ފަހަރުހެން މިއީ.”
މި ވެބް ސީރީޒް ޝޫޓްކުރި ‘ލައިޓްސް އައުޓް’ގެ ސަމާހް އިބްރާހިމާ ވެސް މުނިއަވަސް އިން ވާހަކަދައްކައިލީމެވެ.
“ފާހަގަކުރެވުނު އެއްކަމަކީ ބޭރު ގައުމަތަކާ ދިވެހިރާއްޖެއާ އޮންނަ ވޯރކިން ޑިފަރެންސް ވަރަށް ބޮޑަށް އޮވޭ. އެއީ އާއްމުކޮށް ރާއްޖޭގެ ވޯކްކުރާ އިރު މޭން ޕަވަރ ވަރަށް ކުޑަ. ކެމެރާ ކުރާ މީހާ ކެމެރާކޮށް ނިންމާފަ ގޮސް އެ އެޑިޓްކޮށް އޭތި ގްރޭޑްކޮށް ތަނުގެ ލައިޓިން ސެޓަޕް ހަދާ މިކަހަލަ ހުރިހައި ކަމެއް މި ކުރަނީ ގާތްގަނޑަކަށް އެކަކު. އެކަމަކު އެއާ ޚިލާފަށް ބޭރު މީހުން ސެޓް ޑިޒައިނަރ އަކީ ވަކި މީހެއް، ލައިޓިން ހަދާނީ ވަކި މީހެއް، ސިނަމޮޓޮގްރަފާ އަކީ ވަކި މީހެއް، އެޓިޓަރ އަކީ ވަކި މީހެއް، ކަލަރިސްޓަކީ ވަކި މީހެއް، މީ އެންމެ ބޮޑު އެއްޗަކަށް މި ފާހަގަވި އެއްޗަކީ. ވަރަށް ތަފާތު އެކްސްޕީރިއަންސެއް ކުރެވުނީ ބޭރުގެ އާޓިސްޓުންނާ ބޭރުގެ ޑިރެކްޓަރ އަކާ އެކީގަ ވޯރކް ކުރެވުމަކީ. އެމީހުންގެ ވޯރކިން ސްޓައިލާ ހުރިހާ ކަމެއްވެސް ހަމަ މުޅިން ތަފާތު.” މިފަދަ އިތުރު ފުރުޞަތުތައް ވެސް ކުރިއަށް އޮތް ތަނުގައި ލިބިއްޖެނަމަ އޭގެ ބޭނުން ހިފުމަށް ތައްޔާރަށް ހުރިކަމަށްވެސް ސަމާހު ބުންޏެވެ.
އއ. މަތިވެރީގައި މި ސީރީޒް ޝޫޓްކުރިއިރު އެރަށު ކައުންސިލުންނާއި އެރަށު މުޙައްމަދު ނިޔާޒް އަދި ހާޝިމްގެ ފަރާތުން ލިބުނު އެހީތެރިކަން ޝުކުރުވެރިކަމާއެކު ރަޝީދު ފާހަގަކުރިއެވެ.
“މިގޮތަށް މަސައްކަތް ކުރުމުގެ މައިގަނޑު ބޭނުމަކީ އަހަރުމެން ދިވެހިންނަށްވެސް ބޭރުގެ މީހުން މަސައްކަތްކުރުމުގެ ސްޓައިލާ އެމީހުންނާ އެއްކޮށް މަސައްކަތްކޮށްގެން އެ އެކްސްޕީރިއަންސް ލިބުމުގެ ފުރުޞަތު ހޯދައިދިނުން.” ރަޝީިދު ބުނީ އިންޑިޔާގެ ބަޔަކާއެކު މިފަދަ މަސައްކަތެއް ކުރުމުގެ މައިގަނޑު ބޭނުމަކީ ދިވެހިންގެ ތެރޭގައި ތިބި ހުނަރުވެރި ކުދިން، ބޭރު މީހުންނާއެކު މަސައްކަތްކޮށްގެން އެމީހުންގެ ހުނަރު ދައްކާލައި އިތުރު ތަޖުރިބާތަކެއް ހޯދުމުގެ މަގުފަހިކުރުން ކަމަށެވެ.
‘ދަރާ ޕްރޮޑަކްޝަން’ އާއި ސެންސޭޝަން މީޑިއާ ގުޅިގެން އަންނަ ޖެނުއަރީ މަހުވެސް އިތުރު ވެބްސީރީޒެއް ފެށުމަށް ނިންމާފައިވާކަމަށް ވެސް ރަޝީދު ބުންޏެވެ.
“އޭގެ ވެސް ޓެކްނިކަލީ މަސައްކަތް ކުރާނީ ދިވެހި ކުދިން. މިބުނީ ކެމެރާކުރުމާ ޕްރޮޑަކްޝަން. އެކަމަކު އޭގެ ޕޯސްޓް ޕްރޮޑަކްޝަން ކަންތައް ގެންދާނެ ގޮތެއް އަދި ނުނިންމަން.” ރަޝީދުގެ ވިސްނުން ހުރީ ދިވެހި ފަންނުވެރިންނަށް ވީހައިވެސް ގިނަ ފުރުޞަތު ދީގެން މި މަސައްކަތްތައް ކުރުމެވެ.
“ދެން އޭގެ އިތުރުން މިފަހަރު ވެބް ސީރީޒްގަ ތިން ދިވެހި އެކްޓަރުން ލެވޭތޯ މި ބަލަނީ.” ރަޝީދު އިތުރަށް ބުންޏެވެ.
މުނިއަވަސް އަށް ލިބިފައިވާ މަޢުލޫމާތު ކުށްކަމުގައި ނުވާ ނަމަ މިއީ ހިންދީ ވެބް ސީރީޒެއްގައި ދިވެހި އެކްޓަރެއް މިހައި ބޮޑު ރޯލެއް ކުޅެ، ފެނިގެންދާ ފުރަތަމަ މަސައްކަތެވެ.
ލިޔުންތެރިޔާގެ ފުރަމަލަ
މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 20 ޑިސެމްބަރ 2024ޚަބަރު“ސޮރީ” ގެ މަންޒަރެއް!
- 18 ޑިސެމްބަރ 2024ޚަބަރުއައިފިލްމްސް އިން ލޯބިން ބުނެލަނީ ” ލޯބިން…؟ ” ކަމަށް!
- 18 ޑިސެމްބަރ 2024ޚަބަރުއައްޒަ ބަލިވެއިންކަމަށް ބުނެ ނަހޫއަށް “ސޮރީ” ބުނެފި
- 18 ޑިސެމްބަރ 2024ޚަބަރު“ސޮރީ” ފަށައިފި – ޑައިރެކްޓްކުރަނީ ނަހޫ އަދި ރަވީ!
ޝޫޓިންގެ ފޮޓޯ ބަލާލީމަ އެނގޭ ޓީމު ބޮޑުކަން. ލޮލް