އެއީ 1991 ގެ ބޮޑު ޗުއްޓީ ދުވަސްވަރެވެ. އަހަންނަކީ ކުޑައިރުންސުރެން މާލޭގައި ދިރިއުޅެމުން އަންނަ 18 އަހަރުގެ ފިރިހެން ކުއްޖަކީމެވެ. އަހަރެންގެ އުފަން ރަށަކީ ރާއްޖޭގެ ބިންބޮޑު ރަށްތަކުގެ ތެރޭގައި ހިމެނޭ ރަށެކެވެ. އަހަރެން ޗުއްޓީއަށް ރަށަށް ދިޔައީ އަހަރެންގެ މަންމަ އާއި ބައްޕަ، ޗުއްޓީއާ ދިމާކޮށް ލަންކާއަށް ބޭސްފަރުވާއަކަށް ދާން ނިންމާފައި ވުމުންނެވެ. އަހަންނަކީ އަހަރެންގެ މަންމަ އާއި ބައްޕަގެ ހުންނަ ހަމައެކަނި ދަރިފުޅެވެ. އަހަރެން އުފަން ރަށަށް ގޮސް ހުރީ މާމަ ކައިރީގައެވެ. މާމަގެ ގޭގައި ވަކިން ހަދާފައި ހުންނަ ކޮޓަރިބަރިން މެދަށް ހުންނަ ކޮޓަރިއަކީ އަހަރެންގެ ކޮޓަރި އެވެ. މާމަ ގެއާއި މާދުރު ނޫން ހިސާބެއްގައި އަހަރެންގެ ކުޑައިރުގެ ރައްޓެއްސެއް އުޅެއެވެ. އަހަރެން އެ ދަތުރުގައި ‘ވައި ނުވެ’ އުޅެވޭގޮތްވީ އޭނަގެ ސަބަބުންނެވެ.
ކޮންމެ ރެއަކުވެސް އަހަންނާ ރަހުމަތްތެރިޔާ އާއި ދެމީހުން ސައިކަލް ދުއްވަން ދަމެވެ. އެއީވެސް އަހަރުމެން ސައިކަލް ދުއްވާލަން ނިކުތް ރޭ ތަކުގެ ތެރެއިން ރެއެކެވެ. އަހަރުމެން ދުއްވަމުން ދިޔައީ ރަށު ތެރެއިން ކޮށާފައި އޮންނަ ބޮޑުމަގުންނެވެ. މަގުގެ ދެފަރާތުގައި ބޯކޮށް ފުނަގަހާއި ކިނބިގަސް ހެދިފައި އޮވެއެވެ. ފުނަގަސް ތަކުގެ ތެރެއަށް ކޮކާ ހަނދުވަރު އެޅިފައި އޮތުމުން އެހާ އަނދިރިއެއް ނޫނެވެ. ފުނަ މަލާއި ކިނބި މަލުން މުޅި މަގުވަނީ އެއްވަސް ކޮށްލާފައެވެ.
“އެނގޭތަ؟ މި ހިސާބު މިއީ ޖިންނި ފެންނަ ހިސާބެކޯ ކިޔާއުޅޭ ތަނެއްކަން؟” ސައިކަލް ދުއްވަން އިން އަހަރެންގެ ރަހުމަތްތެރިޔާ އެއްޗެކޭ ނުބުނެ އެތައް އިރަކު އިނދެފައި އަހާލިއެވެ. ނޫނެކެވެ. އެއީ ސުވާލަކުން އަހަންނަށް ދިން މަޢުލޫމާތެކެވެ. ފަހަރުގައި އަހަރެން ބިރުގަންނަވަން ބުނި އެއްޗަކަށްވެސް ވެދާނެއެވެ. ނަމަވެސް އަހަންނަކީ ޖިންނި އުޅޭކަމަށް އޭރު ޤަބޫލުކުރި މީހެއް ނޫނެވެ. އަނެއްކޮޅުން އެއީ އަހަރެންގެ އެއްމެ ލާނެތް ދުވަސްވަރެވެ.
“އެހެންތަ؟ އެހެންވިއްޔާ ކޮންމެހެންވެސް ވާނެ މިތާ މަޑުކުރަން. ހަމަ މިހާރު ސައިކަލް ހުއްޓާ! … އަހަރެން ގޮރެއް ކަނޑާނީވެސް ތިވީގޮތުން މިތަނަށް!” އަހަރެން ބޭނުންވީ ޗެލެންޖް ކުރާށެވެ. ރަހުމަތްތެރިޔާ އެބުނާ ޖިންނިއެއް އެތާނގައި ނޫޅޭކަން ޕްރޫފް ކޮށްދޭށެވެ. އަހަރެންގެ އެންގުމަށް ރަޙްމަތްތެރިޔާ ސައިކަލް ހުއްޓިއެވެ. އަހަރެން ސައިކަލުން ފައިބައިގެން ގޮސް މަގުގެ އެއްކައިރިފަށުގައި ހުއްޓި ކުޑަކަމު ދާން ފެށީމެވެ. ރަހުމަތްތެރިޔާ އިނީ ސައިކަލް މަތީގައެވެ.
“އޭ މިތާ އުޅޭ ޖިންނިތަކާ! ހަމަ މިހާރު ނިކުމޭ. ނިކުމެ ނިކަން ކަމެއް ކުރަން ކެރެންޏާ މަށާ ބެހިލަބަލަ! އަހަރެން ބަލައިލަން ބޭނުން ކައޭމެންގެ ހުންނަކަމަށް އެކިޔާ ގަދަފަދަ ބާރެއް!” ކުޑަކަމު ދަމުން އަހަރެން އަޑުގެ ކޮޅަށް، އަމުރުވެރި ރާގެއްގައި އަޑު ބަރުކޮށްލައިގެން ހުރެ ކިޔަން ފެށީމެވެ. އެވަގުތު ބިރުން ހުރި އަހަރެންގެ ރަހުމަތްތެރިޔާ ކުރިއަށްވުރެންވެސް ބިރުގަތްފިކަން އަހަންނަށް އެނގުނެވެ.
“އޭ މުރޭ ފަނި ނުހަދާ! ތި ދެން ކޮން ސަކަރާތެއް؟” ރަހުމަތްތެރިޔާގެ އަޑުންވެސް ބިރުގެންފައި ހުރިކަން ހަމަ ރަނގަޅަށް އެނގެއެވެ. އަހަރެންގެ ގާތަށް އައީ ލާނެތް ހިންޏެކެވެ. އޭރުވެސް އަހަރެން ގެންދިޔައީ އެބުނާ ޖިންނިތަކާއި ޗެލެންޖް ކުރަމުންނެވެ. އަހަރެންގެ އެ ޢަމަލުތަކުން ނިކުމެދާނެ ނޭދެވޭ ނަތީޖާއަކާއި މެދު ކުޑަކޮށްވެސް އޭރަކު އަހަންނަކަށް ނުވިސްނެ އެވެ.
އެބުނާ ޖިންނި ތަކާއި އަހަރެން ޗެލެންޖު ކުރިތާ ދެ ދުވަސް ފަހުން އެއް ރެއަކު އަހަރުމެން ދުއްވާލަން ނުކުމެފައި ދިޔައީ ހަވިއްތަ ހުންނަ ސަރަޙައްދަށެވެ. އެހިސާބަށް ގޮސް ސައިކަލް ބަހައްޓާފައި، ހަވިއްތައިގެ އިރުމަތީ ފަރާތު ގޮނޑުދޮށަށް ނިކުމެ އެތާ އޮތް ބޮޑު ގަހެއްގެ ގުޅިގަނޑެއް މަތީގައި އަނގަތަޅަން އިރުކޮޅެއް ވާންދެން ތިބީމެވެ. މުޅިންވެސް ދެއްކީ ބިޓުންގެ ވާހަކަ އެވެ. މަގޭ ރަހުމަތްތެރި މޯޑަށް ބިޓުން ލަނޑުދޭ ވާހަކަ އެވެ.
“ތިހެންވެގެންނޭ އަހަރެން ސީރިއަސް ބިޓުން ނުގެންގުޅެނީ. އެއްމެ ގިނަ ދުވަހުވެސް އެކަކާ އެކު އުޅޭނީ ‘މަންތެއް’ ވަންދެން. އަސްލު އަހަރެން ސީރިއަސް ވި ކުއްޖާ ކެޓިފަހުން ޓްރަސްޓެއް ނުކުރެވޭ ބިޓުންނަކަށް.” ބިޓުންގެ ކަންތަކުގައި އަހަރެންގެ ‘ސްޓޭންޑް’ ފާޅުކުރީ މޯޑަށް އެއްޗެއް ވިސްނޭތޯ އެވެ.
“ތިވެސް ރަނގަޅު ވާހަކައެއް. އެކަމަކު ކީއްވެތަ ބިޓުން އެހާވަރަށް މަށަށް ލަނޑުދެނީކީ؟ … އަހަރެން ސެކްސް ނުޖައްސާތީ ކަންނޭނގޭދޯ!” މޯޑު އަހަންނަށް ދޯ އަޅަމުން ބުނީ ރަނގަޅު ވާހަކައެކެވެ.
“އޭތް ތިއެއް ނޫނޭ. އަދިވެސް މަށަކާ އެއްކަލަތަނުން ޖިންނިއެއް އަވައެއް ނުލިޔެއްނު! ކިހާ ސަޅިވާނެ މަށާ ޖިންނި ބިޓެއް ހިތާވަނިކޮށް!” ހިނިގަނޑެއް ޖަހައިލަމުން އަހަރެން ޖިންނި ވާހަކަ ފެށީ، މޯޑް މާބޮޑަށް އިމޯޝަނަލް ވާހެން ހީވެގެންނެވެ.
އަހަރުމެން ސައިކަލާއި ދިމާއަށް ހިނގައިގަތީ އެރޭ އަވަހަށް ގެއަށް ދިއުމަށް މާމަ ބުނެފައި އޮތީމަ އެވެ. އަހަރުމެން ހިނގަމުން ދިޔައީ ހަވިއްތަ ކައިރިން ކޮށާފައި އޮތް ހަނިހަނި މަގަކުންނެވެ. ފުދޭވަރަތަކަށް އަކިރި ގާ ވެސް އެތާނގައި އޮތެވެ. ހިނގަމުން ދިޔައިއިރު އަހަރެންގެ ކަނާތްފަޅީގައި ހުރީ ހަވިއްތައެވެ. އަނެއް ފަރާތުގައި އޮތީ ބިޔަ ބޯ ޖަންގައްޔެވެ. ހަވިއްތައާއި ހަމައިގައި ތިއްބާ އަހަރެންގެ ރަހުމަތްތެރިޔާ ބުނީ އޭނާއަށް އާދެވުނީ ގުޅިގަނޑު މަތީގައި ލައިޓަރު ބާއްވާފައި ކަމަށާއި އެ ހިފައިގެން ވަރަށް އަވަހާ އެބަ އަންނަން ކަމަށެވެ. މިހެން ހަމަ ބުނުމާއިއެކު މޯޑު ހިނގައިގަތީ ފަންނާއި (ބީޗާއި) ދިމާއަށެވެ.
މޯޑު ދިއުމުން އަހަރެން މަޑުކޮށްލިތާ އިރުކޮޅެއްވެސް ނުވާނެއެވެ. އަހަރެންގެ ބޮލާއި ދިމާ މަތިން އިވިގެންދިޔައީ ވަރަށް އާދަޔާ ޚިލާފު ގަދަ އަޑެކެވެ. އެ އަޑާއިއެކު ރޭގަނޑުގެ ހަމަހިމޭންކަމުގެ ތެރެއިން އާއްމުކޮށް އިވޭ ފަނިފަޚްސާގެ އަޑުވެސް އެއްކޮށް ކެނޑިގެން ދިޔަކަން އަހަންނަށް ފާހަގަ ކުރެވުނެވެ. އިވުނު އަޑާއި މެދު އަހަރެން ވިސްނާލީމެވެ. ހަމަ ގައިމުވެސް އެ އަޑު އައީ އަހަރެންގެ ބޮލާއި ދިމާ މަތިންކަން އެނގެއެވެ. ވިހި ނުވަތަ ތިރީހަކަށް ފޫޓް އުސްމިނުގައި ހުރި ހަވިއްތައިގެ މަތިންނެވެ. ހަވިއްތައިގެ ބުޑުގައި ހުރެވުމުން ހަވިއްތައިގެ އެއްމެ މަތި ފެންނަގޮތެއް ނުވިއެވެ. އެހެންކަމުން އަހަރެން ހަވިއްތައަށް އަރަން ފެށީމެވެ. ދިހަވަރަކަށް ފިޔަވަޅު އެޅުމަށްފަހު ހަވިއްތައިގެ އެއްމެ މައްޗަށް ރަނގަޅަށް ބަލައިލީމެވެ.
އެއީ ހަނދުވަރު ދޭ ރީތި ރެއެއްކަމުން ހުރިހައި ތަނެއްވެސް ރީތިކޮށް ފެނެއެވެ. ހަވިއްތައިގެ ކޮޅަށް ބަލައިލުމާއި އެކު ފެނުނީ ކަޅުކުލައިގެ ދުންގަނޑެކެވެ. ކޮންމެވެސް ޒާތެއްގެ ސޫރައަކަށް ހުރި 6 ފޫޓް ދިގު ދުންގަނޑެކެވެ. އެ ފެނުމާއިއެކު އަހަރެންގެ ބޮލުގެގެ ފުއްކިބައިގައި ހުރި އިސްތަށިތަކަށް ދާންދެން ކޮޅަށް ޖެހުނެވެ. ހިޔައްޏެއްގެ ސިފައިގައި ހުރި އެ ކަޅު ދުންގަނޑަށް ބަލަން ހުއްޓާ އެ ސޫރަ ދިގުވާން ފެށިއެވެ. ފަލަވާން ފެށިއެވެ. ހައިރާންވެ އަސްތަރީސްވެގެން އަހަންނަށް ހުރެވުނީ ގުޑިލާންވެސް ނޭނގި ގަނޑުވެފައެވެ. އަކަކު އަހަރެން ހުރީކީ އެހާ ބޮޑަކަށް ބިރުގެންފައެއްވެސް ނޫނެވެ. އެ ސޫރަ ދިގުވަމުން ދިގުވަމުންގޮސް 200 ވަރަކަށް ފޫޓަށް ދިގުވެއްޖެ އެވެ. ފަލަވަމުން ފަލަވަމުންގޮސް ގާތްގަނޑަކަށް 50 ވަރަކަށް ފޫޓަށް ފަލަވެސް ވެއްޖެއެވެ. މުޅި އުދަރެސް އެއްކޮށް ބައްދާލާފައިވަނީ އެ ކަޅު ހިޔަނިންނެވެ. ކުއްލިއަކަށް އެހެން ހުރެފައި އެ ސޫރަ ކުޑަވަމުން ކުޑަވަމުންގޮސް ކުޑަވީވެސް ހަމަ އަހަރެންގެ ކުރިމަތީގައެވެ. އެވަގުތު އަހަރެންގެ ހަނދާނަށް އައީ މާލެއަށް ކުރިން އަރައި އުޅުނު ކަމަށްބުނާ ރަންނަމާރި ވާހަކައިގެ ވަރޝަން ތަކުގެ ތެރެއިން އެއް ވަރޝަން އެއްގެ މަތިންނެވެ. ރަންނަމާރި ބޮޑުވަމުން ބޮޑުވަމުންގޮސް މާލޭގެ އެއް ފަރާތުގައި ހުރެފައި ގުދުވެގެން މާލޭގެ އަނެއް ފަރަތު ގޮނޑުދޮށުގައި ހުންނަ ކަރުގޮހޮރު ކާލާކަމަށް ކިޔައި އުޅުނު ވާހަކަ މަތިންނެވެ.
އެ ކަޅު ދުންގަނޑު ކުއްލިއަކަށް ހަވިއްތައިން ތިރިއަށް ފައިބަން ފެށިއެވެ. އަހަންނާއި ދިމާއަށެވެ. އޭތި އަހަންނާއި ހަމައަށް އަރައި ހަމަވުމާއިއެކު އެއްވެސް އެއްޗެއް ލޮލަށް ނުފެންނަ ވަރަށް އަހަރެންގެ ވަށައިގެން އަނދިރިވެގެން ދިޔައެވެ. އަހަންނަށް ހުރެވުނީ އެ ދުންގަނޑުގެ ތެރޭގައި ކަން ފަހުން ވިސްނާލުމުން އެނގުނެވެ.
އޭގެ މޫނު އަހަރެންގެ މޫނާއި ވަރަށް ކައިރި ކޮށްލިއެވެ. ހަމަ އެއާއިއެކު ކުއްލިއަކަށް އެ ދުންގަނޑު ގެއްލުނެވެ. އެވަގުތު އަހަންނަށް ހީވީ އަހަރެންގެ މޭމަތީގައި ޓަނެއްވަރުގެ ބަރެއް ބާއްވާލިހެންނެވެ. ނޭނގޭ ކޮންމެވެސް ބާރަކުން އަހަރެންގެ މޭމަތި ފިއްތާލި ފިއްތާލީނުން އަހަންނަށް ނޭވާ ލެވެނީވެސް ހަމަ ކިރިޔާއެވެ. އަހަންނަށް ތެޅިފޮޅެވެން ފެށުނެވެ. ބިންމައްޗަށް ވެއްޓިގަނެވުނެވެ. ފުރޮޅެން ފެށުނެވެ. އަހަރެންގެ ދެއަތުން މޭމަތީގައި އަތް ކާއްތަމުން ދިޔައިމެވެ. ނުފެނުނަސް އަހަރެންގެ މޭމަތީގައި ބޮޑު ދެ އަތަކުން އަޅައި އޮއްބަމުން ދާކަން އަހަންނަށް އިޙްސާސް ކުރެވެމުންދިޔައެވެ. އެހެންކަމުން އެ ދެއަތް ނައްޓާލެވޭތޯވެސް އަހަރެން މަސައްކަތް ކުރަން ފެށީމެވެ. ނަމަވެސް ނޭވާ ނުލެވޭތީ އިރުކޮޅަކުން އަހަރެން ވަރުބަލި ވެއްޖެއެވެ. ގައިގައި އެއްކޮށް ހަކަތަ ހުސްވެއްޖެއެވެ.
އިރުކޮޅެއް ފަހުން އަހަންނަށް ހުރެވުނީ ބިންމަތީގައި އެއް ކަކޫ ޖައްސައިގެން އުޑަފައިނުންނެވެ. އަހަރެންގެ ދެ އަތުން ބާރަށް މޭ މަތީގައި އަތް އަޅައިގެންނެވެ. އަހަރެން އަމިއްލަ ނަފުސަށް ބުނެދެމުން ގެންދިޔައީ ނޭވާ ލެވުނު މިންވަރަކަށް ނޭވާ ލެވޭތޯ މަސައްކަތް ކުރަމުން ދިއުމަށެވެ. ނަމަވެސް އަހަރެންގެ ނޭވާ ހޮޅިން އެތެރެއަށް އެއްމެ ނޭވައެއްވެސް ނުދާކަން އެނގުނެވެ. އޭރު އަހަރެން އިނީ ދާހިއްލާ ފޯވެފައެވެ. ލައިގެންހުރި ޓީޝާޓާއި ޖިީންސްވެސް ވަނީ ތެމި ފޯވެފައެވެ. އެވަގުތު އަހަރެންގެ ފުރަގަހުން އިވެން ފެށީ ބިންމަތީގައި ހުރި އަކިރި ގާތައް އެކަތި އަނެކައްޗާއި ޖެހެމުންދާ އަޑެވެ. އެ އަޑު ޖެހުނު ވަގުތު އަހަރެންގެ މެއަށް ކުރެވެމުންދިޔަ ފިތިފައި ވާކަމުގެ އިޙްސާސް ކެނޑިއްޖެއެވެ. ހަމަ އެއާއެކު އަހަރެން އަވަސް އަވަހަށް ނޭވާލާން ފެށީމެވެ. ފަސް އެނބުރި ބަލައިލިއިރު މޯޑު އެދިމާއަށް އައިސް އައިސް ހުއްޓެވެ.
އަހަރެން އަވަސް އަވަހަށް ކޮޅަށް ތެދުވީމެވެ. މޯޑު އަހަންނާއި ހަމައަށް އައިއިރު އަހަރެންގެ ނަފުސު ހަމައަކަށް އަޅުވައި ލެވިއްޖެއެވެ. އެއްވެސް ކަމެއް ވީކަން މޯޑު އަށް އަންގާކަށް އަހަރެން ބޭނުމެއް ނުވިއެވެ. ކަމަކުން ކަމަކައި ނުލައި އަހަރެން ބިރުގަތީކަމަށް ބުނެ ޖޯކުޖަހާފަނެ ކަމަށް ހީކޮށްފައެވެ.
ސައިކަލުގައި އަވަށާއި ދިމާއަށް ދުއްވަމުން ދިޔައިރު އަހަންނަށް އިނދެވުނީ ވަރަށް މަޑުޖެހިފައެވެ. އަހަރެން ވިސްނަމުން ދިޔައީ ހިނގައިދިޔަ ކަންތަކާއި މެދުގައެވެ. އަހަރުމެންގެ ގެ ހުންނަ މަގާ ހަމައަށް ދެވުމާއި އެކު އަހަރެން ސައިކަލުން ފޭބީމެވެ. މާމަގެ ގޯތި ތެރެއިން އަހަރެން ހުންނަ ކޮޓަރިއާއި ދިމާއަށް ދާން އޮންނަ ހިމަ ގޯޅިގަނޑާއި ދިމާއަށް އަހަރެން މިސްރާބު ޖެހީމެވެ. މޯޑު ނައްޓާލީ އޭނާގެ ގެއާއި ދިމާއަށެވެ.
އަހަންނަށް ތަންކޮޅަކަށްވެސް ނުދެވޭނެއެވެ. އަހަންނާއި ވިއްސަކަށް ފޫޓު ދުރުގައި ހުރީ އެ ކަޅު ދުންގަނޑެކެވެ. އޭރު އޭގެ އިސްކޮޅުގައި ހުންނާނީ ހަވަރަކަށް ފޫޓުކަމަށް ލަފާކޮށްލެވުނެވެ. އަހަންނަށް ކުއްލިއަކަށް ހުއްޓެވުނެވެ. އެވަގުތު އެ ދުންގަނޑު އަހަންނާއި ދިމާއަށް އުދުއްސައިގަތެވެ. ހީވީ ގަދަ ވައިރޯޅިއެއް ޖެހުމުން އަލިފާންގަނޑަކުން އަރަމުން ދިޔަ ދުންތަކެއް އޭގެ މިސްރާބު ބަދަލުކޮށްލައި އެހެން ދިމާއަކަށް ދާންފެށިހެންނެވެ. ދުންގަނޑު އައިސް ޖެހުނީ އަހަރެންގެ ގައިގައެވެ. މޭމަތީގައި މާ ބާރަށް އޭގެއިން ޖެހުނުހެން ހީވިއެވެ. އަހަރެންގެ ގައިގައި ޖެހުމާއި އެކު އެ ދުންގަނޑު ގެއްލުނެވެ. ނަމަވެސް މިފަހަރުވެސް އަހަރެންގެ މެޔަށް ބާރުކުރަން ފެށިއެވެ. ހީވީ އަހަރެންގެ މޭ ތަރަވެގެން ދިޔަހެންނެވެ. އަހަންނަށް އެއްމެ ނޭވައެއްވެސް ނުލެވުނެވެ. މާމަގެ ގެއާއި ދިމާއަށް ދުއްވައިގަނެވޭތޯ މަސައްކަތް ކުރީމެވެ. ދެތިން ފިޔަވަޅެއް އެޅުނުއިރަށް ކަނޑާލި ރުކެއްހެން ބިންމައްޗަށް ވެއްޓުނެވެ. ނޭވާ ނުލެވި ހުރުމުން ގައިގެ ހަކަތަ އެއްކޮށް ބަލިވެގެން ދިއުމުންނެވެ. ލޫދެމުން، ފިރުކެމުން ގޮސް އަހަރެން ލެނގިލީ އެތާ ހުރި ފާރެއްގައެވެ. ނޭވާ ލެވޭތޯ ކެނޑިނޭޅި މަސައްކަތް ކުރަމުން ދިޔައިމެވެ. ހަމަ އެއްމެ ނޭވައެއްވެސް ނުލެވުނެވެ. އަހަރެންގެ މޭ ވަނީ އެއްކޮށް ފިތިފައެވެ. ނުވަތަ ފިއްތާލާފައެވެ.
ފާރުގައި ލެނގިގެން އިނދެ އުޑަފައިން އިށީންނީމެވެ. ދެކަކުލުގައި ދެއަތުން ހިފަހައްޓާލީމެވެ. އަހަރެންގެ ލޮލުގެ ފެނުން ގެއްލެން ފެށިއެވެ. ހީވީ ކުރީ ޒަމާނުގެ ބައު ޓީވީއެއް ނިއްވައިލުމުން، ޓީވީގެ އަލިކަން އަރިމަތިން ގެއްލެމުން، ކަޅުވަމުން، ކުޑަވަމުން ގޮސް ޓީވީގެ މެދުން ހުދުކުލައިގެ ތިއްކެއް އިނދެފައި އެ ތިކިވެސް ކުއްލިއަކަށް ގެއްލިގެން ދިޔަހެންނެވެ. އެއްވެސް އެއްޗެއް ނުފެންނާތީ އަހަންނަށް އިނދެވުނީ ދެލޯ ތަންމިނަށް ހުޅުވައިގެންނެވެ. އެހެން އިންދާ ހަމަ ކުއްލިއަކަށް އަހަރެންގެ ލޯމައްޗަށް ފެންނަން ފެށީ އަހަރެންގެ މާޒީގެ ދުވަސްތަކެވެ. އެއްމެ ކުޑައިރުއްސުރެން މިއަދާއި ހަމައަށެވެ. ހީވީ ޕަވަރޕޮއިންޓް ޕެރޒެންޓޭޝަނަކުން އަހަރެންގެ ހަޔާތުގެ ޞަފްޙާތައް ހުށައަޅަމުން ދިޔަހެންނެވެ. ކޮންމެ ސްލައިޑެއްގައި ފޮޓޯއެއް ހުރިހެންނެވެ. އެވަގުތު އަހަރެންގެ ހިތަށްއެރީ އެއީ އަހަރެންގެ އަޖަލު ހަމަވުމާއި ކައިރިވީ ކަމަށެވެ. މަރު އައިސް އަހަންނާއި ބައްދަލުކުރަން ކުޑަތަން ވީކަމަށެވެ. ހަމަ އެވަގުތު އަހަރެންގެ ދުލުން ޝަހާދަތުގެ މަތިވެރި ދެކަލިމަ ކިޔަން ފެށުނެވެ. “ލާާއިލާހަ އިއްލަﷲ މުޙައްމަދުއް ރަސޫލުﷲ”. މާތް ﷲ އަށް ޙަމްދު ހުއްޓެވެ. އަހަރެން ޝަހާދަތުގެ މަތިވެރި ކަލިމަ ކިޔަން ފެށުމާއިއެކު މެޔަށް ކޮށްފައިވާ ބާރު ކެނޑިއްޖެއެވެ. އެވަގުތު އަހަންނަށް ފުންކޮށް ނޭވައެއް ލެވުނެވެ. ކުޑައިރުކޮޅެއް ތެރޭގައި އަހަރެންގެ ލޮލުގެ ފެނުން އަނބުރާ ލިބުނެވެ. ފާރުގައި ހިފަހައްޓައިގެން އެގޮތަކުން މިގޮތަކުންގޮސް މާމަގެ ގޭގެ ފެންޑާގައި ބަހައްޓާފައި ހުރި ފަތްޖެހި އެނދުމައްޗަށް ވެއްޓިގަނެވުނެވެ.
އަހަންނަށް ހެއިވެރިކަން ވީ އޭގެ އަނެއްދުވަހު ހެނދުނުއެވެ. އޭރު ޑޮކްޓަރެއް ނުވަތަ ކޮމިއުނިޓީ ހެލްތު ވޯކަރެއް އަހަރެން ބަލަމުން ދެއެވެ. އެމީހާ ބުނީ ކޮންމެވެސް ކަމަކާހުރެ ކޭތަކެތި ރަނގަޅަށް ހަޖަމުނުވުމުގެ ސަބަބުން ކުރިމަތިވި ކަމެއް ކަމަށް ވެދާނެ ކަމަށެވެ. އެވަގުތު އަހަރެންގެ ހިތަށް އައީ ޗެޓް ކުރުމުގައި އަހަރުމެން އާއްމުކޮށް މި ބޭނުންކުރާ ‘އެލްއޯއެލް – ލޮލް- ގެ މަތިންނެވެ. އެހެން ހިތަށް އަރައި ކުޑަކޮށް ހިނިއަންނަގޮތް ވިނަމަވެސް އިރުކޮޅަކުން އަހަރެންގެ މޫޑު ބަދަލުވިއެވެ. ރޭގައި އަހަންނަށް ދިމާވި ކަންތައްގަނޑު މަތިން ހަނދާންވެ، ބިރުގަންނަގޮތް ވިއެވެ. އެ ކަންތައްތައް އަހަރެން މީހަކަށް ކިޔައިދީފިއްޔާ އަހަންނަށް އެ ފެނުނު ސޫރަ ނުވަތަ އެ ޖިންނި އަހަރެން ސަލާމަތުން ހުރިޔަ ނުދޭނެ ކަން ޔަޤީނެވެ. އެހެންކަމުން އެއްވެސް މީހެއް ކައިރީގައި އެވާހަކަ ނުދެއްކުމަށް ނިންމީމެވެ.
ޗުއްޓީ ނިމިގެން މާލެ ދިޔަފަހުންވެސް އަހަންނަށް އެ ޖިންނި ފެނެއެވެ. މާ ބޮޑަކަށް ނޫނެވެ. މާކަ ގިނައިރަކަށް ނޫނެވެ. ފެނިލާފާ ގެއްލޭ ކަހަލަ ގޮތަކަށެވެ. އަހަރެން ދާ ތަންތަނަށް ފާރަލަމުން ފަހަތުން ދާކަން އެނގުނީ އެގޮތަށް ފެންނަން ފެށުމުންނެވެ. އެ ޖިންނި ފެނިގެން އެއަށް ހަމަ ބަލައިލާއިރަށް ގެއްލެނީ އެވެ. ބައެއް ފަހަރަށް އަހަންނާ ސަމާސާއެއް ކުރަނީ ނޫންބާއޭވެސް ހިތަށް އަރައެވެ. އެއްމެ ފުރަތަމަ އެގޮތަށް ފެންނަން ފެށުމުން އަހަރެން އަޅަައިނުލާ ހުރީމެވެ. އެކަމަކު އެގޮތަށް އަހަރެއް ވަންދެން އަހަންނަށް އެ ޖިންނި ފެންނަމުން ދިޔައެވެ. އަހަރެން މޮޔަނުވެ އެބަދޭބާއޭވެސް ކިތަންމެ ފަހަރަކު ހިތަށް އަރަައެވެ. އެއްމެފަހުން އެވާހަކަތައް އަހަރެންގެ މަންމައާއި ހިއްސާކުރަން ނިންމީ އެހިސާބުންނެވެ.
އަހަރެން އެހުރިހައި ވާހަކަތަކެއް ކިޔައިދިނުމުން މަންމައަށް ލިބުނީ ޝޮކެކެވެ. މަންމަ ބުނީ އަހަރެންގެ ނަސީބު ވަރަށް ރަނގަޅު ކަމަށެވެ. އެއީ އެގޮތަށް އެ ހިސާބުން ޖިންނި އަވަލީ ބައެއް މީހުންނަށް އެ ޖިންނި ހަމަލާދީފައި ވާކަމަށް މީހުން ކިޔައިއުޅޭތީ ކަމަށްވެސް މަންމަ ބުންޏެވެ. އަދި އެގޮތަށް ހަމަލާ ދިން މީހުންގެ ތެރެއިން ބައެއް މީހުން މަރުވި ކަމަށާއި އަނެއްބައި މީހުން މޮޔަވި ކަމަށްވެސް މަންމަ ބުންޏެވެ.
އެ ޖިންނި އަހަންނާއި އަޅައިގަނެގެން 3 އަހަަރު ވަންދެން އުޅުނެވެ. އެކަމުން ސަލާމަތް ވެވުނީ ރާއްޖޭގައި ޝަރުޢީ ރުޤްޔާ ކުރާ މީހުންގެ ތެރެއިން ވަރަށް މަޝްހޫރު މީހެއްގެ ފަރާތުން އެހީތެރިކަން ހޯދުމަށްފަހުު އެވެ. ނަމަވެސް މާތް ﷲ ގެ އިރާދަފުޅާއި އެކަލާންގެ ރަޙްމަތްފުޅާއި އެކުގައިކަމަށް ރުޤްޔާާ ހަދާ މީހާ ބުނިހެން އަހަރެންވެސް ހިތުގައި އެއްވެސް ޝައްކުކަމެއް ނެތި ޤަބޫލު ކުރީމެވެ. ރުޤްޔާ ހަދާ މީހާ ކޮންްމެވެސް ވަރަކަށް ކަންތައް ތަކެއް ކުރިއެވެ. ހަމައެއާާއި އެކު އަހަރެން އަމިއްލައަށް ކިޔުމަށްވެސް ވަރަށް ބައިވަރު ދުޢާތަކާއި ޛިކުރުތައް ދިނެވެ. އަހަރެން އެމީހާ ބުނިހެން ހުރިހައި ކަމެއް ކުރީ ފަސް ވަގުތު ނާޅައި ނަމާދު ކުރުމާއި ޤުރުއާން ކިޔެވުންވެސް އާާދައަކަށް ހެދީމެވެ. އޭގެ ކުރިން އަހަންނަކީ އެކަންކަމަކީ ކުރަން ޖެހޭ ކަމެއްކަމަށް ހިތަށްވެސް ނާރައި އުޅުނު މީހެކޭ ބުންޏަސް ދޮގަކަށް ނުވާނެއެވެ.
ޝަރްޢީ ރުޤްޔާ ކުރާ މީހާ އާާޔަތްތަކެއް ކިޔަވައިގެން އެ ޖިންނި އާއި ސުވާލުވެސް ކުރިއެވެ. އެ ޖިންނި އަކީ އަންހެން ޖިންނި އެކެވެ. އެ ޖިންނި ހުރީ އަހަންނާއި ހިތާާވެފައެވެ. އެ ޖިންނީގެ ކިބައިން ސަލާމަތް ނުވެ އަހަރެން ކައިވެނި ކޮށްފިނަމަ، ކައިވެނީގެ މަޖްލީހުގައި އެ ޖިންނިވެސް އިންނާނެ ކަމަށާއި އެ މަޖިލިސް ތެރެއިން އަހަންނާއި ކައިވެނި ކުރެވުނީކަމަށްވެސް ނިންމާާނެ ކަމަށް ބުންޏެވެ. އަދި އަހަރެން ކައިވެނިކުރާ އަންހެން ކުއްޖާއަށް ގޯނާކުރާނެކަމަށްވެސް ބުންޏެވެ.
ކޮންމެއަކަސް އަހަންނާއި އަވަލި، އެ ޖިންނީގެ ކިބައިން ސަލާމަތް ވެވުނީ މާތް ﷲ އެންގެވި މަގަށް އެނބުރި ރުޖޫޢަވެގެން އެކަލާންގެ ރަޙްމަތްފުޅުންނެވެ.
ނިމުނީ
ލިޔުންތެރިޔާގެ ފުރަމަލަ
މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 20 ޑިސެމްބަރ 2024ޚަބަރު“ސޮރީ” ގެ މަންޒަރެއް!
- 18 ޑިސެމްބަރ 2024ޚަބަރުއައިފިލްމްސް އިން ލޯބިން ބުނެލަނީ ” ލޯބިން…؟ ” ކަމަށް!
- 18 ޑިސެމްބަރ 2024ޚަބަރުއައްޒަ ބަލިވެއިންކަމަށް ބުނެ ނަހޫއަށް “ސޮރީ” ބުނެފި
- 18 ޑިސެމްބަރ 2024ޚަބަރު“ސޮރީ” ފަށައިފި – ޑައިރެކްޓްކުރަނީ ނަހޫ އަދި ރަވީ!
V reethi mivaahaka
dhen konirakun aa vaahaka eh genes dheynee vvv reethi asaru gadha loabeege vaahaka eh genes dheebala