ބޮރޫސިއާ ޑޯޓްމަންޑްގެ ޒުވާން ހުނަރުވެރި ތަރި ޔޫސުފާ މޮކޯކޯ ގެ 15 ވަނަ އުފަންދުވަހުގައި، ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިޔާ ބާސެލޯނާގެ ތަރި ލިއޮނެލް މެސީ އޭނާ އަށް ހަދިޔާ ފޮނުވައިފިއެވެ.
މޮކޯކޯ ގެ އުފަންދުވަސް ކަމަށްވާ ނޮވެމްބަރު 15 ވަނަ ދުވަހު ޑޯޓްމަންޑްގެ ފަރިތަކުރުންތައް ބާއްވާ ދަނޑަށް އޭނާ ދިޔައިރު، މެސީ ގެ ފަރާތުން އޭނާ އަށް ފޮނުވި ހަދިޔާތައް ދަނޑުމަތީގައި ހުރިތަން ފެނުމުން، ބޮޑު ސިހުމެއް ލިބުނުކަމަށާއި އަދި ބަޔާންނުކުރެވޭވަރުގެ އުފާވެރިކަން އިހްސާސް ކުރެވުނުކަމަށް އޭނާ ބުނެފައިވެއެވެ.
މޮކޯކޯ އަށް މެސީގެ ފަރާތުން ފޮނުވީ މެސީގެ ފޮޓޯތަކެއް ތަތްކޮށްފައި ހުރި ބޯޑަކާއި، ނައިކީގެ ބޫޓަކާއި، އުފަންދުވަހުގެ ކާޑަކާއި އަދި ބާސެލޯނާގެ ހުރިހާ ކުޅުންތެރިން ސޮއި ކޮށްފައިވާ ޖާޒީ އެކެވެ.
“މި ހަދިޔާތައް ލިބުނީ އަހަރެންގެ އައިޑޮލް ގެ ފަރާތުން. ވަރަށް ބޮޑަށް ޝުކުރިއްޔާ ލިއޯ މެސީ. އުފަންދުވަހުގެ ތަހުނިޔާ ފޮނުވި ހުރިހާ ފަރާތްތަކަށް ޝުކުރިއްޔާ.” ޑޯޓްމަންޑްގެ ޒުވާން ތަރި އޭނާގެ އިންސްޓަގްރާމްގައި ކޮށްފައިވާ ޕޯސްޓެއްގައި ބުނެފައިވެއެވެ.
ޖާމަނީގެ ބުންޑަސްލީގާގެ 19 އަހަރުން ދަށުގެ ލީގުގައި ކުޅުނު 11 މެޗުން 18 ގޯލް ޖަހާފައިވާ މޮކޯކޯ އެންމެ ސަޕޯޓްކުރާ އަދި އޭނާގެ އައިޑޮލް އަކީ މެސީ އެވެ. އުމުރުން 12 އަހަރުގައި ބޮރޫސިއާ ޑޯޓްމަންޑުގެ 17 އަހަރުން ދަށުގެ ޓީމަށް ކުޅެން ފެށި މޮކޯކޯ އެ ސީޒަނުގައި ވަނީ 40 ގޯލް ޖަހާފައެވެ. އަދި އޭނާ އަކީ ޔުއެފާ ޔޫތު ލީގްގައި ގޯލް ޖަހާފައިވާ އެންމެ ހަގު ކުޅުންތެރިޔާއެވެ.
މޮކޯކޯ އަކީ ދުނިޔޭގެ އެންމެ ހުނަރުވެރި ޒުވާން ފުޓްބޯޅަ ކުޅުންތެރިންގެ ލިސްޓުގެ އެންމެ ކުރީގައި ހިމެނޭ އެއް ކުޅުންތެރިއެކެވެ. އޭނާ ހޯދުމުގެ މަސައްކަތް ޔޫރަޕުގެ ބޮޑެތި ކްލަބުތަކުން ވަނީ ފަށާފައެވެ. ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިޔާ ލިއޮނެލް މެސީ، އޭނާ އަށް އުފަންދުވަހުގެ ހަދިޔާ ފޮނުވުމަކީ އޭނާގެ ހުނަރުވެރިކަން މެސީ އަށް ކަމުދިޔަ ކަމުގެ ނިޝާނެކެވެ. ހުނަރުވެރި މީހުން ފާހަގަ ކުރަން އެނގޭނީ ވެސް ހުނަރުވެރީންނަށެވެ.
ލިޔުންތެރިޔާގެ ފުރަމަލަ
- އަޙްމަދު ޝާމިން މައިގަނޑު ގޮތެއްގައި ލިޔާނީ ކުޅިވަރު ޚަބަރުތަކެވެ. ފިލްމީ އަދި މިއުޒިކީ ދާއިރާ ނޫން އެހެން ހުރިހައި ދާއިރާތަކަށް ވެސް ޝާމިން ލިޔާނެއެވެ.
މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 5 ޖެނުއަރީ 2022ޚަބަރުކޮވިޑް ކޭސްތައް ގިނަވެ އިނގެރޭސި ލީގު ކަޕް ސެމީ ފައިނަލް މެޗު ފަސްކޮށްފި
- 4 ޖެނުއަރީ 2022ޚަބަރުއާ އަހަރު ކުޅުނު ފުރަތަމަ މެޗުން ޔުނައިޓެޑް ބަލިވެއްޖެ
- 4 ޖެނުއަރީ 2022ޚަބަރުފްރެންޗް ކަޕްގެ ގެ ގަދަ 16 އަށް ޕީއެސްޖީ ދަތުރުކޮށްފި
- 2 ޖެނުއަރީ 2022ޚަބަރުރޮޑްރީގެ ގޯލުން ފަހު ވަގުތު ސިޓީން އާސެނަލް ބަލިކޮށްފި