‘އައި ފިލްމްސް’ ގެ ފުރަތަމަ ފީޗާ ފިލްމު ”ބަވަތި” ދިރާގު ޓީވީގެ އޮން ޑިމާންޑް ޕްލެޓްފޯމަށް ވަރަށް އަވަހަށް އަންނާނެ ކަމަށް ‘އައި ފިލްމްސް’ އިން ބުނެފއެވެ. ދިރާގު ޓީވީ އަށް ފިލްމު އަންނަން އުޅޭކަމުގެ އިޝްތިހާރުކޮޅެއް ދިރާގު ޓީވީންވެސް ވަނީ އާއްމުކޮށްފައެވެ.

ސައިކޮލިޖިކަލް ތްރިލާއެއްގެ ގޮތުގައި ހަދާފައިވާ މި ފިލްމުގައި ލޯތްބާއި ހެއްވާ މަޖާ ކަންތައްތަކެއް ފެނިގެންދާއިރު، ޒުވާން ދެމަފިރިންގެ ތެރެއިން އަންހެން މީހާއަށް ދިމާވާ އާދަޔާޚިލާފު ކަންތައްތަކެއް މި ފިލްމުން ދައްކައިދެއެވެ.

މި ފިލްމަކީ މިހާތަނަށް ރާއްޖޭގައި އުފައްދާފައިވާ ފެންވަރު ރަނގަޅު ފިލްމުތަކުގެ ލިސްޓުގައި ގުނާލެވޭފެން ވަރަށް ތައްޔާރުކޮށްފައިވާ ފިލްމެކެވެ. ފިލްމުގެ ޕޯސްޓް ޕްރޮޑަކްޝަން މަސައްކަތް އޯކޭޒް އިން ކޮށްފައިވާއިރު، ފެންވަރު ރަނގަޅު ސްޕެޝަލް އިފެކްޓްތަކެއް ފެނިގެންދެއެވެ.

ފިލްމުގެ ވާހަކައާއި ސްކްރީންޕްލޭ ލިޔެ، ފިލްމު ޑައިރެކްޓްކުރީ ޓީވީ ޕްރޮޑިއުސަރެއްގެ ގޮތުގައި ކުރިން މަސައްކަތްކުރި އިލްޔާސް ވަހީދު އެވެ. ފިލްމު ކެމެރާކުރީ ވިޝާން (ކަނޑި) އެވެ. މިއުޒިކް ހަދާފައިވާ ވަނީ މިސްޓީ އެވެ.

ބަވަތި“ ގެ ޕްރޮޑިއުސަރުންގެ ގޮތުގައި އިލްޔާސާއެކު އާސިމް ޢަލީ އާއި އަޙްމަދު ވަހީދު އެވެ.

އޮލިމްޕަހާއި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ކާމިޔާބު ޝޯތަކެއް ދެއްކި ”ބަވަތި”ގެ ލީޑުން ފެންނަނީ އިފްނާޒް ފިރާގް އާއި ނުޒުހަތު ޝުއައިބު (ނުޒޫ) އެވެ.

ދިރާގުން އައި ފިލްމްސް އާއި ގުޅިގެން އޮންޑިމާންޑް ޕްލެޓްފޯމަށް މި ފިލްމު ގެނެސްދޭން ނިންމި މައިގަނޑު ބޭނުމަކީ އައު ދިވެހި ފަނަނާނުންނާއި ޕްރޮޑަކްޝަން ހައުސްތައް ބާރުވެރި ކުރުވައި ގިނަ ދިވެހި އުފެއްދުންތައް މާކެޓަށް ގެނެސްދިނުމަށް މަގުފަހި ކޮށްދިނުމަށް ކަމަށް ދިރާގު ޓީވީން ބުނެފައިވެއެވެ.

ބަވަތި”ގެ އޮންލައިން މީޑިއާ ޕާޓްނަރަކީ މުނިއަވަސް އެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ރަޝީދު
އަޙްމަދު ރަޝީދު
ހުރިހައި ދާއިރާއެއްގެ ލިޔުންތައްވެސް މުނިއަވަސްގެ ފައުންޑަރ އަދި ޗީފް އެޑިޓަރ ލިޔާނެއެވެ.