ތުއްތު އިރުއްސުރެ އަހަރެން ހުންނަނީ ވަރަށް ބާކީކޮށްފައެވެ. ސްކޫލްގައި އޮންނަ ކުޅިވަރުތަކުން އެކަހެރިކުރެއެވެ. އީދު ކުޅިވަރުތަކުގައިވެސް އަހަރެންނާއި އެއް އުމުރުގެ ނުވަތަ އެއަށްވުރެ ހަގު އުމުރުގެ ކުދިން ބައިވެރިކުރާއިރު އަހަރެން ހުންނަން ޖެހެނީ ފެންކަޅިވެފައި ދުރުގައި ބަލާށެވެ. ވަކި އުމުރަކަށް ދިއުމުން އަހަރެން ސްކޫލްގެ އެއްވެސް ހަރަކާތެއްގައި ބައިވެރިވާކަށް ވެސް ބޭނުމެއް ނުވެއެވެ. ކުޅޭ ހިތް ނުވާތީކީއެއް ނޫނެވެ. އަލުން ބާކީވާން ބޭނުން ނުވާތީއެވެ.

ކުލާހުގައި އަހަރެންނަށް ގަނާކުރެއެވެ. އަހަރެންގެ ހުންނަ އުނި ސިފައަކަށް މަލާމާތް ކުރެއެވެ. އަހަރެންނަކަށް އެހެން ކުދިންހެން މީހުންނާ ސަކަރާތްޖަހާ މަޖާ ކުރާކަށް ނުކެރެއެވެ. އަހަރެންނަށް ބުނެވޭ އެއްޗަކުން އެހެން ކުދިން އަހަރެންނަށް މަލާމާތްކޮށް ފުރައްސާރަ ކޮށްފާނެތީ ޖެހިލުންވަނީއެވެ. އަހަރެންނަށް އެކިއެކި އަނިޔާ ލިބުނެވެ. އަތުގައި ކަޓަރު އެޅުމާއި އަހަރެން ނުކުރާ އެތައް ކަމެއްގެ ޒިންމާ ނަގަންޖެހުނެވެ. ކުށް ކުރަނީ އެހެން ކުދިންނެވެ. އެ ކުށުގެ ޒިންމާ އަޅުވަނީ އަހަރެންގެ ބޮލުގައެވެ. އަމިއްލަ ނަފްސު ދިފާއު ކުރުމުގެ ޤާބިލުކަން ވެސް އަހަރެންގެ ނެތެވެ.

އަހަރެންނަކީ ނުކެރޭ ފިނޑިއެއް ކަމަަށް އަހަރެންގެ އަމިއްލަ ޒަމީރު ގަބޫލުކުރަން ފެށިއެވެ. އަހަރެންގެ ހިތަށް އަރަނީ އަބަދުވެސް އަހަރެންނަކަށް ނުވާނެއެވެ. ނުކެރޭނެއެވެ. ހިތުގައި އޮންނަ ބިރެއްގެ ސަބަބުން ހުރި ފިޔަވަޅުމަތީ ހުއްޓިފައި އެތައް އިރަކު ހުންނަމެވެ. ކިތަންމެ ފަހަރަކު ގުޑާލަން ނޭގިފައި ހުއްޓައި ގަޔަށް ކުޑަކަމުދެވެއެވެ. އެއިން ކޮންމެ ފަހަރަކީ އަހަރެން މަރުވާނެ ނަމައޭ ހިތަށް އަރާ ފަހަރެކެެވެ.

ސްކޫލުގައި އަހަރެންނާއި މުޚާޠަބުކުރާނީ “އަންހެން ފިރިހެން ފާތުމަ”ގެ ނަމުންނެވެ. އަހަރެން ހުންނަނީ ވަރަށް ރަނޑުކޮށް ކަމުގައި ބުނާނެއެވެ. އަހަރެން އަބަދުވެސް މަންމައަށް ވަރަަަށް އެހީތެރިވެދެމެވެ. ސްކޫލް ނޯންނަ ދުވަސް ދުވަހު މަންމައަށް ރޮށިފިހެފިނުމާއި ގޭދޮށް ކުނިކެހުންފަދަ މަސައްކަތްވެސް ކޮށްދެމެވެ. އެހެން ކުއްޖަކަަށް ފެނިއްޖެ ނަމަ އަހަރެންނާއި ފޮށިނުލައި ނުދާނެއެވެ. އަހަރެން ވާހަކަ ދައްކާގޮތަށް މަލާމާތް ކުރާނެއެވެ. އަހަރެން ހިނގާގޮތަށް ހިނގަމުން ފަސްފަހަތުން އަންނާނެއެވެ.

އަހަރެންފަދަ ކިތައް މީހުން މިދުނިޔޭގައި އުޅޭނެބާއެވެ. އެހެންމީހުންނާއި ތަފާތުކޮށް އަހަރެން އުފެއްދެވުމަކީ އަހަރެންގެ ކުށެއް ނޫންކަން އެހެން މީހުންނަށް ނުވިސްނެނީ ކީއްވެބާއެވެ. ކޮންމެ މީހަކަށްވެސް އެގޭނީ އެމީހަކަށް އެފަދަ ކަމެއް ދިމާވީމައެވެ. މި މުޖްތަމަޢު އިން ތަކުރާރުކޮށް އަހަރެންނަކީ ކިހައި ބޭކާރު މީހެއްކަން އަހަރެންނަށް ވިސްނައިދިނެވެ. ކިތަންމެ ވަރަށް މަލާމާތްކޮށް ފުރައްސާރަކުރިއަސް މާތް ﷲ އަހަރެންނަށް ދެއްވި ސިފައެއް އަހަރެންނަކަށް ބަދަލެއް ނުކުރެވޭނެއެވެ. އެހެން ނަމަ މިދުނިޔޭގައި އުނި ސިފައެއް ލިބިގެންވާ އެކަކުވެސް ނުހުރީހެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

ފާޠިމަތު ޒުހުދާ (ޒުހޫ)
ފާޠިމަތު ޒުހުދާ (ޒުހޫ)
އަލިއަޅުވައިލަން ޖެހިފައިވާ މުހިންމު މައްސަލަތަކާއި ހާދިސާތަކަށް ވާހަކައާއި ރިޕޯޓް ލިޔުމަކީ ޒުހުދާގެ ޚާއްޞަ ދާއިރާއެކެވެ.