ޑާކް ރެއިން އެންޓަޓެއިންމެންޓުން ހަލުވި ސްޕީޑުގައި ޝޫޓްކުރަމުން އަންނަ ފިލްމު “ނޮވެމްބަރ” ގެ ޝޫޓިން މިވަގުތު ސިންގަޕޫރުގައި ކުރިއަށްދާއިރު، ރާއްޖޭގެ ލިޖެންޑަރީ އެކްޓަރ އިސްމާޢީލް ވަޖީހުގެ ފިރިހެން ދަރިފުޅު ތަރީޝް އިސްމާޢީލް ވެސް ފިލްމުގެ ކާސްޓްގައި ހިމަނައިފިއެވެ.

އަންނަ އަހަރު ގެނެސްދޭން ނިންމާފައިވާ ލޯބީގެ ފިލްމު “ނޮވެމްބަރ” ގެ މަންޒަރުތަކެއް ސިންގަޕޫރުގައި ނަގަން ފަށާފައިވާއިރު، މި ފިލްމުގައި އިސްމާޢީލް ވަޖީހްވެސް ހަރަކާތްތެރި ވެއެވެ. ތަރީޝް ގެ އިތުރުން މި ފިލްމުގައި ސިންގަޕޫރު އަންހެން ކުއްޖެއް ކަމަށްވާ ޝެރޮން ވެސް ބައިވެރިވާކަމަށް ފިލްމުގެ ޕްރޮޑިއުސަރ މުޙައްމަދު ޢަލީ (މޮގާ) މިއަދު ބުނެފައިވެއެވެ.

ނޮވެމްބަރ” ގެ ތެރެއިން ދިވެހި ފިލްމީ ދާއިރާއަށް ފުރަތަމަ ފިޔަވަޅު އަޅާ ތަރީޝް އިސްމާޢީލް ޝޫޓީން ސެޓްގައި ހުރެ މުނިއަވަސް އަށް ބުނީ ޝޫޓިން ނިމުމަށްފަހު އެއްޗެއް ބުނުމަކީ ކުރަން ވަރަށް ބޭނުންވާ ކަމެއް ކަމަށެވެ.

“ނޮވެމްބަރ”ގެ ކްރޫއާއެކު އިސްމާޢީލް ވަޖީހް – ފޮޓޯ: ޑާކްރެއިން

ފިލްމުގެ ލީޑް ދެ ތަރިން ކަމަށްވާ ޖުމައްޔިލް ނިމާލް (ޖުމަލް) އާއި މަރިޔަމް މަޖުދާ (މަޖޫ) އާ އެކު ފިލްމުގެ ކްރޫ ސިންގަޕޫރަށް ދިޔައީ މިމަހު 21 ވަނަ ދުވަހުއެވެ. ފިލްމުގެ ޑައިރެކްޓަރު އަލީ ޝިފާއު (ޗިއްޕެ) އާއި ދެ ޕްރޮޑިއުސަރުން ކަމަށްވާ މޮގާ އާއި މޮގާގެ އަންހެނުން އަދި ސްކްރީން ރައިޓަރ އައިޝަތު ފުއާދު ތައުފީގްގެ އިތުރުން މޭކަޕް އާޓިސްޓް ސޭންޑީ އާއި ކެމެރާމަން އަހުމަދު ޝިނާން ބައިވެރިވެއެވެ.

ނޮވެމްބަރ“ގެ ޝޫޓިން ސިންގަޕޫރުގައި އަންނަ މަހުގެ ކުރީކޮޅާ ހަމައަށް ޖައްސާނެ އެވެ. މި ފިލްމުގެ މަންޒަރުތަކެއް މީގެ ކުރިން ވަނީ މާލެ އާއި ލ. އަތޮޅު ގަންފޮނަދޫ ސަރަހައްދުގެ ގުޅިފައިވާ ހަތަރު ރަށުގައާއި ކ. ތުލުސްދޫގައި ވެސް ނަގާފައެވެ.

ވަޖީހުގެ ދަރިފުޅު ތަރީޝް ދިވެހި ފިލްމެއްގައި މީގެ ކުރިން ހަރަކާތްތެރިވެފައި ނުވާކަން ފާހަގަކޮށްލެވެއެވެ.

“ނޮވެމްބަރ”ގެ ޝޫޓިންގައި ވަޖީހް، އައިޝަތު ފުއާދު، ޗިއްޕެ އަދި ޝިނާން – ފޮޓޯ: ޑާކްރެއިން

ނޮވެމްބަރ” މިއީ ސިންގަޕޫރުގައި ޝޫޓްކުރާ ދެވަނަ ދިވެހި ފިލްމުކަން ވެސް ފާހަގަކޮށްލެވެއެވެ. ފަރިވާ ފިލްމްސް އިން ގެނެސްދިން ފިލްމު “ދެ ފިރިން”ގެ 90 އިންސައްތަ ޝޫޓްކުރީ ސިންގަޕޫރުގައި 1997 ވަނަ އަހަރުއެވެ. އަނެއް 10 އިންސައްތަ ޝޫޓްކުރީ ތައިލެންޑްގެ ބެންކޮކްގައެވެ.

ފިލްމު ”ނޮވެމްބަރ”ގެ ރަސްމީ އޮންލައިން މީޑިއާ ޕާޓްނަރަކީ މުނިއަވަސް އެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ރަޝީދު
އަޙްމަދު ރަޝީދު
ހުރިހައި ދާއިރާއެއްގެ ލިޔުންތައްވެސް މުނިއަވަސްގެ ފައުންޑަރ އަދި ޗީފް އެޑިޓަރ ލިޔާނެއެވެ.