ކުރިން ނުފެންނަ ތަހުޒީބާއި ތަމައްދުން ފެންނަން ފަށައިފި ނޫންތޯއެވެ؟ ޒަމާނުއްސުރެ ރީތި އަޚުލާޤެއްގައި އެދުރުވަމުން އައި ދިވެހިންގެ ތެރެއަށް ޔޫރަޕްގެ އެބުނާ “ސަޅި ސުޓައިލް”ތައް ރާޅެއްހެން ބިންދާލާ، ކާބަފައިން ގެނެސްދެމުން ދިޔަ ރީތި އަޚުލާޤު އިންދިރާސްވެ ހިިނގައްޖެ ނޫން ހެއްޔެވެ؟ އިންތިހާއަށް ދިވެހި ޤައުމު ދެކެ ލޯބިވީ ދިވެހިން މިއަދު ކޮބައިތޯއެވެ؟ ޙިކުމަތްވަންތަ ރަޙްމާނުވަންތަ ރަޙީމްވަންތަ ރައްބުލް ކާއިނާތުގެ ޤާނޫނަށް ފުރިހަމައަށް ތަބާވަމުން އައި ދިވެހިން މިއަދު ކޮބއިތޯއެވެ؟
ހަރުބީ ކާފަރުންގެ އެބުނާ ޒަމާނީ ގޮތްގަނޑު ދިވެހިނަށް ކަމުގޮސް، ދިވެހި ކަބަލުންނަށް އެ ކަބަލުންގެ އުނު އޮރިޔާން ނިވައިކޮށްލާނެހާ ހިތްވަރުވެސް ނެތެއްނޫންތޯޢެވެ؟ ދިވެހި ޖިންސުއްލަތީފުން ކޮބައިތޯއެވެ؟ ޔޫރަޕްގެ އެބުނާ “ޓަފް ސްޓައިލް” އަށް ދީލިގެން ގޮސް މަސްތީ ދުނިޔެއެއްގައި ފިޔަޖަހަމުން އެބަދޭ ނޫންތޯއެވެ؟
ދަރިންނަށް ނަމޫނާއަކަށް ވާންޖެހޭ ލޮބުވެތި މައިންބަފައިން ކޮބައިތޯއެވެ؟ ދަރިންގެ ޙައްޤުތައް ހިމާޔަތްކޮށް، އެކުދިންނަށް ރަގަނޅު ތަރުބިއްޔަތެއް ދިނުމަށް ވަގުތުނުވެ، ކޮންމެވެސް ސިޔާސީ ބޭފުޅެއްގެ ފަހަތުން އެބޭފުޅުންގެ ޙައްޤުތައް ހިމާޔަތްކޮށް، އެ ބޭފުޅުން ޕްރޮމޯޓް ކުރުމަށް ދުވެނަގަނީ ނޫންތޯއެވެ؟
ދީން އުގަންނައިދިނުމުގެ ތަރުބިއްޔުތު ލިބިފައިވާ ލޮބުވެތި ޢިލްމުވެރިން ކޮބައިތޯއެވެ؟ ކޮންމެވެސް ސިޔާސީ ބޭފުޅެއްގެ ފަސްފަހަތުން އެބޭފުޅާ “ޕޮރޮމޯޓް”ކުރަން ދުވުމުގެ ސަބަބުން ނުވަތަ ބުނާ އެއްޗަކުން ލިބެންޖެހޭ ރައްކާތެރިކަން ލިބިދާނެކަމުގެ ޔަގީންކަން ނެތުމުން ޙައްޤަށް ބަސްބުނަން ފަސްޖެހި އަނގައިގައި ކަސްތޮޅު އެޅުވިފައި ނޫންތޯއެވެ؟
އެބަޔަކު ޕުރޮމޯޓްކުރަން އެތައް ދިވެހި ރައްޔިތުންތަކެއް މަރުދެމުންދާ ސިޔާސީ ލީޑަރުން ކޮބައިތޯއެވެ؟ މާފްކުރާށެވެ. ދިވެހި ޤައުމާ އިސްލާމް ދީނާ، އެ ބޭފުޅަކަށްޓަކައި މުޅި އިސްލާމީ އުންމަތް ފަޚުރުވެރިވާ ކީރިތި ރަސޫލާ ގެނެސްދެއްވި ނަމޫނާ ރިވެތި ގޮތްތަކަށް ވުރެ އެބޭފުުޅުންނަށް އަދު މުހިންމީ އެބޭފުޅަކު އެ ތާއީދުކުރާ ސިޔާސީ ލީޑަރުގެ ބަސް ނޫންތޯއެވެ؟
ޤައުމު ހިންގުމަށް އެކި މަޤާމުތަކަށް އިސްކޮށްފައި ތިބި ބޭފުޅުންތައް ކޮބައިތޯއެވެ؟ އެކަމަކަށްޓަކައި ކީރިތި ރަސޫލާ އެންމެ ނަފުރަތު ކުރައްވާ ރިޝްވަތާއި ރިބާ ކަމުން އެތައް ދިވެހި ރައްޔިތުން ތަކެއްގެ ޙައްޤުތަކަށް އަރައިގަންނަމުން، އަރާމާއި ލައްޒަތުގައި ފިނި ކޮޓަރީގައި އެބަތިބި ނޫންތޯއެވެ؟
ހައްޤާއި ބާޠިލް ވަކިކޮށް، ފުރިހަމަ އަދުލު އިންސާފު ގާއިމްކޮށްދިނުމަށް އިސްކޮށްފައި ތިބި ފަނޑިޔާރުންނާއި ގާޒީން ކޮބައިތޯއެވެ؟ ނުހައްޤުން ގާތްތިމާގެ މީހުންގެ ޙައްޤުތަކާއި ރައްޓެހިންގެ ޙައްޤުތައް ހިމާޔަތް ކުރުމުަގައި ހޭލަމޭލަވެ އެބަ އުޅޭ ނޫންތޯއެވެ؟ އެބޭފުޅުންނަކީ ވިޔަފާރި އުސޫލުން ގަންނަށް ލިބޭ ބަޔަކަށް މިއަދު ވެއްޖެ ނޫންތޯއެވެ؟ އޭގެ ސަބަބުން އަބުރު ގެއްލި، ނިކަމެތިވެގެން ދިޔައީ ކުށެއްނެތް ކިތައް ދިވެހި ރައްޔިތުންތޯއެވެ؟
ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީ އާއި، އިސްލާމްދީނާއި، ދިވެހިރާއްޖެ ދިފާޢުކުރުމުގައި ތެދުވެރިކަމާއި، އަމާނާތްތެރިކަން މަތީގައި ދެމިހުރުމަށާއި، ދުޝްމިނުންނާއި ބަޣާވާތްތެރިންގެ ކިބައިން ދިވެހި ދައުލަތް ސަލާމަތްކުރުމުގައި، ހަށިގަނޑާއި، ފުރާނައިން ޤުރުބާންވާން ޖެހިއްޖެ ޙާލަތެއްގައި ޤުރުބާންވުމަށް ކެރިހުރެ، މާތް ﷲ ގަންދީ ހުވާ ކޮށްގެން ތިބި ދިވެހި ފުލުހުންނާއި ސިފައިން ކޮބައިތޯއެވެ.؟ އެބޭފުޅުންގެ މައްޗަށް އިސްކޮށްފައި ތިބި ބޭފުޅުން ވަކި އަމިއްލަ ފަރުދަކަށް މަންފާވާގޮތަށް މަޤާމުގެ ނުފޫޒު ބޭނުންކޮށްގެން ކުރާ އަމުރުތަކަށް ބޯލަބަންޖެހި މާތް ﷲ ގަންދީކުރި ހުވަޔާ ޚިލާފުވާން މަޖުބޫރުވެފައި ނޫންތޯއެވެ.
އާލަމްތަކުގެ ވެރި އިލާހުގެ އަމުރުފުޅު އޮތްތާނގައި އޮއްވައި ދިވެހިން ހަވާނަފުސުގެ އެދުންތަކަށް ދީލިގެން ގޮސް ހެއްލިގެން ދިޔަލެއް އަވަސްކަން ފެނި ހައިރާން ވަމެވެ.
ލިޔުންތެރިޔާގެ ފުރަމަލަ
- ރިފާޒަކީ ސަން އޮންލައިން އާއި ޗެނަލް 13 ގައި މަސައްކަތްކޮށްފައިވާ ތަޖުރިބާހުރި ނޫސްވެރިއެކެވެ.
މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 18 ޖުލައި 2020ރިޕޯޓްމުޅި އާއިލާއާއި އަރިއަތޮޅުވެސް ޝާހުގެ އިންތިޒާރުގައި!
- 25 ޖޫން 2020ޚަބަރު“އަރި އަރި” އަށް ޖެހިލާ ސިމްބޮލިކްސް ގާދޫ ކޮލުން ބޭރަށް
- 2 ޖޫން 2020ޚަބަރުމުނިއަވަސް، ޤުރުއާން މުބާރާތުގެ ވީޑިއޯތައް ޝާއިޢުކުރި ފަހުންވެސް ބޮޑު ތަރުހީބެއް!
- 2 ޖޫން 2020ޚަބަރުމުނިއަވަސް ވާހަކަ މުބާރާތުގެ އެއްވަނަ “ތާދި” އަށް