އިނގިރޭސި ޕްރިމިއަރ ލީގުގައި ރޭ ކްރިސްޓަލް ޕެލަސް ގެ މައްޗަށް 1-2 ގެ ނަތީޖާއަކުން ކުރިހޯދަ ތާވަލުގެ އެއްވަނައިގައި ލިވަޕޫލް ހަމަޖެހިލައިފިއެވެ.
ދެ ޓީމުގެ ފަރާތުން ވެސް ފޯރިގަދަ ކުޅުމެއް ފެނިގެން ދިޔަ މި މެޗުގެ 23 ވަނަ މިނެޓުގައި ކްރިސްޓަލް ޕެލަސް ގެ ޑިފެންޑަރު ޓިމް ކޭހިލް ބޮލުން ފޮނުވާލި ހަމަލާއެއް ގޯލުގެ މަތީ ދަނޑިއަށް ވަނީ އަމާޒުވެފައެވެ. ފުރަތަަމަ ހާފުގެ ފުރިހަމަ ވަގުތު ހަމަވާން ތިން މިނެޓަށް ވެފައިވަނިކޮށް ލިވަޕޫލްގެ ޕެނަލްޓީ އޭރިއާގެ އަރިމަތިން ކްރިސްޓަލް ޕެލަސް އަށް ލިބުނު ހިލޭ ޖެހުމެއް، އޭރިއާ އެތެރެއަށް ހުރަސްކޮށްލުމުން އެޓީމުގެ ޑިފެންޑަރު ޖޭމްސް ޓޮމްކިންސް ވަނީ ބޮލުން ޖަހާ ގޯލުގެ ތެރެއަށް ވައްދާލާފައެވެ. ނަމަވެސް ވީޑިއޯ އެސިސްޓެންޓް ރެފްރީ (ވީ.އޭ.އާރު) ބޭނުންކޮށްގެން ޗެކްކުރުމަށްފަހު، ލިވަޕޫލްގެ ލޮވްރެން އަށް ފައުލް ކޮށްފައި ވުމުން އެ ގޯލް ރެފްރީ ވަނީ ކެންސަލްކޮށްފައެވެ. ފުރަތަަމަ ހާފު ނިމުނީ އެއްވެސް ޓީމަކަށް ގޯލެއް ކާމިޔާބު ނުކުރެވިއެވެ.
ދެވަނަ ހާފު ފެށުނުތަނާ މެޗުގެ 49 ވަނަ މިނެޓުގައި ލިވަޕޫލްގެ ހުނަރުވެރި ފޯވާޑް ސަޑިއޯ މާނޭ ވަނީ ގޯލެއް ޖަހާ މެޗުގެ ލީޑު ލިވަޕޫލް އަށް ހޯދައިދީފައެވެ. މިއީ މި ސީޒަނުގައި މާނޭ ކާމިޔާބުކުރި 8 ވަނަ ގޯލުކަން ފާހަގަކޮށްލެވެއެވެ. މެޗުގެ 82 ވަނަ މިނެޓުގައި، މެޗުގައި މޮޅުކުޅުމެއް ދެއްކި ކްރިސްޓަލް ޕެލަސްގެ ފޯވާޑް ވިލްފްރެޑް ޒަހާ ވަނީ ގޯލެއް ޖަހާ މެޗުގެ ނަތީޖާ ހަމަހަމަ ކޮށްދީފައެވެ. ލިވަޕޫލް އަށް 3 ޕޮއިންޓް ކަށަވަރުކޮށްދިނީ މެޗުގެ ފުރިހަމަ ވަގުތު ހަމަވާން ފަސް މިނެޓަށް ވެފައިވަނިކޮށް ރޮބާޓޯ ފާމީނިއޯ އެވެ.
މި މެޗުން ހޯދި މޮޅާއެކު ކުޅުނު 13 މެޗުން 37 ޕޮއިންޓް ހޯދައިގެން ތާވަލުގެ އެއްވަނައިގައި ލިވަޕޫލް ވަނީ ހަމަޖެހިލާފައެވެ. މިއީ ޕްރިމިއަރ ލީގުގައި ލިވަޕޫލް ބަލިނުވެ ފުރިހަމަކުރި 30 ވަނަ މެޗުކަން ފާހަގަކޮށްލެވެއެވެ. ޕްރިމިއަރ ލީގުގައި ބަލިނުވެ އެންމެ ގިނަ މެޗު ފުރިހަމަ ކުރި ޓީމުގެ ރެކޯޑް 49 މެޗާއި އެކު އޮތީ އާސެނަލް އަތުގައެވެ. 40 މެޗާއި އެކު ބަލިނުވެ ދެން އެންމެ ގިނަ މެޗު ފުރިހަމަކުރި ޓީމަކީ ޗެލްސީ އެވެ.
ލިވަޕޫލް ދެން ނިކުންނާނީ ޔުއެފާ ޗެންޕިއަންސް ލީގުގައި އަންނަ ބުދަ ދުވަހުގެ ރޭ އަމިއްލަ ދަނޑުގައި ނަޕޯލީ އާ ދެކޮޅަށެވެ. ނަޕޯލީގެ ދަނޑުގައި ކުޅުނު މެޗު 2-0 ގެ ނަތީޖާއަކުން ނަޕޯލީ ވަނީ ކާމިޔާބުކޮށްފައެވެ.
ލިޔުންތެރިޔާގެ ފުރަމަލަ
- އަޙްމަދު ޝާމިން މައިގަނޑު ގޮތެއްގައި ލިޔާނީ ކުޅިވަރު ޚަބަރުތަކެވެ. ފިލްމީ އަދި މިއުޒިކީ ދާއިރާ ނޫން އެހެން ހުރިހައި ދާއިރާތަކަށް ވެސް ޝާމިން ލިޔާނެއެވެ.
މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 5 ޖެނުއަރީ 2022ޚަބަރުކޮވިޑް ކޭސްތައް ގިނަވެ އިނގެރޭސި ލީގު ކަޕް ސެމީ ފައިނަލް މެޗު ފަސްކޮށްފި
- 4 ޖެނުއަރީ 2022ޚަބަރުއާ އަހަރު ކުޅުނު ފުރަތަމަ މެޗުން ޔުނައިޓެޑް ބަލިވެއްޖެ
- 4 ޖެނުއަރީ 2022ޚަބަރުފްރެންޗް ކަޕްގެ ގެ ގަދަ 16 އަށް ޕީއެސްޖީ ދަތުރުކޮށްފި
- 2 ޖެނުއަރީ 2022ޚަބަރުރޮޑްރީގެ ގޯލުން ފަހު ވަގުތު ސިޓީން އާސެނަލް ބަލިކޮށްފި