ސަމާ އެނާގެ ކޮއްކޮ ސަނާ އުފަންދުވަހު ސަޕްރައިޒެއް ދޭން ވެގެން ދުރާލާ ތައްޔާރުވިއެވެ. މުޅި ދުވަސް އެއްކޮށް ހޭދަކުރީ މާ ނޫން ކަމަށް ހެދިގެންނެވެ. ސަނާ ޑިއުޓީއަށް ދިޔަގަޑި ބަލާފައި އަންނަންވާއިރަށް ކޮޓަރި ޒީނަތްތެރިކޮށް ކައުންޓްލައިން އިން ކޭކެއް ގަތެވެ. ސަނާގެ އެންމެގާތް ދެ ރައްޓެހިން ވެސް ގެއަށް ގެނެސް އިތުރަށް ސަޕްރައިޒް ކޮށްލުމުގެ ގޮތުންނެވެ.

“ސަޕްރައިޒް” އަނދިރިކޮށްފައިހުރި ކޮޓަރި ސަނާ އައުމާއެކު ދިއްލައި އެންމެން ހަޅޭއްލަވައިގަތެވެ. އަސްލުވެސް ސަނާ ވަރަށް ސަޕްރައިޒްވިއެވެ. ކޭކް ފަޅައި ހަދިޔާތައް ކަނޑައި ހުރިހާ ކަމެއް ނިމުމުން ސަމާ، ކޮއްކޮ ކައިރީ އަހާލިއެވެ.

“ކިހިނެތް ސަޕްރައިޒް؟ .. ސަޅިތަ؟” ސަނާ ފާޑަކަށް ހިނިގަޑެއް ޖަހާލާފައި ބުންޏެވެ.

“ވަރަށް ސަޅި، އެކަމަކު އަހަރެންނަށް އެނގޭ ސަޕްރައިޒް ދޭން އުޅޭކަން؟” ސަމާގެ ދެލޯ ބޮޑުވެ ތަން މިނަށް އަނގަ ހުޅުވުނެވެ. މޫނުމަތީގައިވާ ސުވާލު މާކާއެކު ކޮއްކޮގެ ދެރައްޓެހިންނަށް ބަލައިލުމުން އެ ދެކުދިން ތިމަންނަމެން ނުބުނަމޭ ކިޔައި ދެފަރާތަށް ބޯ ހޫރާލިއެވެ.

“ސާބަހޭ ދޮންތާ.. އެމީހުންނެއް ނުބުނޭ އެއްވެސް އެއްޗެއް.” ސަމާ އިތުރަށް ހައިރާން ވިއެވެ.

“ދެން އެހެންވިއްޔާ ކާކު؟…. އިތުރުމީހަކަށް ނުވެސް އެނގޭނެ” ކޮއްކޮގެ ދެރައްޓެހިންވެސް އެއްބަސް ވުމުގެ ގޮތުން ބޯ ޖަހައިލިއެވެ.

“އަސްލު ވީ ގޮތަކީ ރަށު ސައީދައްތަ އައީ އަހަރެން ފިހާރައިގަ އިންދާ.. އައިސް ބުނި ތީ ސަނާ ދޯއޭ.. އަހަރެން އާއެކޭ ބުނީމަ ބުނީ… ދޮންތައާއި އަދި ކޮންމެސް އެހެން ދެކުދިންނާއި ދިމާވިއޭ ކައުންޓްލައިން އިން ކޭކެއް ގަނެގެން ދަނިކޮން.. ދެން އެހިސާބުން އަރެންނަށް އެނގޭނެ އެންނު” ކޮއްކޮ ހެމުން ހެމުން ކިޔައިދިނެވެ. 

ޖެހިގެން އައި އަހަރުވެސް ސަނާ އުފަންދުވަހު ސަޕްރައިޒްދޭން ނިންމިއެވެ. މިފަހަރު ހިތަށް އެރީ ރޭގަނޑު ބާރަ ޖަހާއިރު ހަދިޔާއެއް ދޭނީއެވެ. ކޮއްކޮގެ ޑިއުޓީ ނިމެނީ އާއްމުކޮށް ރޭގަނޑު އެގާރަ ޖަހާއިރުއެވެ. ޑިއުޓީން އަންނަގޮތަށް ގިނަފަހަރަށް ނުވެސް ކައި ނިދާނީއެވެ. ސަމާ ޕާރްސަލްކޮށްގެން ގެނައި ހަދިޔާ ބާރަ ޖެހުމުގެ ކުރިން ކޮއްކޮއަށް ފެނިދާނެތީ ލީ ދޮންނަ މެޝިންގެ ތެރެއަށެވެ. 

ސަނާ ގެއަށް އައި އިރު ސަމާ އޮތީ ނިދާކަމަށް ހެދިގެންނެވެ. ސަނާ ކޮޓަރިއަށް ވަދެ ހެދުން ބަދަލުކޮށްލައިގެން ނުކުތީ ސިޓިންގް ރޫމަށެވެ. އެހެން ރޭރޭ އަންނަ ގޮތަށް ނިދާ ސަނާ މިރޭ ކުރާ ކަމެއް ބަލަން ސަމާ ބޭނުންވިއެވެ. ސަނާގެ ފަސްފަހަތުން ސިޓިންގް ރޫމަށް ނުކުތެވެ.

“ސަނާ…” ބާރު ބާރަށް ސަމާ ހަޅޭއް ލަވައިގަތެވެ. ސަނާ ދިއައީ ސިއްސައިގެނެނެވެ. ސަނާ ހުރީ މެޝިން މަތިގަނޑު ހުޅުވަން ރެޑީ ވެގެންނެވެ. އަތުގައި ދޮންނަން ނަގާފައި ހުރި އަންނައުނުތައް ހުއްޓެވެ.

“މީހުން އެއްޗިހި ދޮންނަ ގަޑިތަ މީ… ދޮންތަ މާދަން ތި ދޮއެ ދޭނަމޭ.. ނިދަން އުޅޭ ދެން.” ސަމާ އޭނާގެ ކޮއްކޮ ހުއްޓުވަން މަސައްކަތް ކުރިއެވެ. ނަމަވެސް ސަނާ ކުރެއް ނުކުރިއެވެ. އޭނާ ކޮންމެހެންވެސް މާދަމާ ލާން ބެނުންވާ ހެދުމެއް އޮތީމައި އެގަޑީގައި ދޮންނަން ބޭނުންވާ ކަމަށް ބުނެ މެޝިން މަތި ނެގިއެވެ. ސަނާގެ ހިނގަނޑު ފަޅައިގެން ދިއެވެ. ސަމާއަށް އުޅެއުޅެ އޭނާގެ ކޮއްކޮއަށް ސަޕްރައިޒެއް ނުދެވުނެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

ފާޠިމަތު ޒުހުދާ (ޒުހޫ)
ފާޠިމަތު ޒުހުދާ (ޒުހޫ)
އަލިއަޅުވައިލަން ޖެހިފައިވާ މުހިންމު މައްސަލަތަކާއި ހާދިސާތަކަށް ވާހަކައާއި ރިޕޯޓް ލިޔުމަކީ ޒުހުދާގެ ޚާއްޞަ ދާއިރާއެކެވެ.