ޑާރކްރެއިން ގެ ފިލްމު ތަކުން ބެލުންތެރިންގެ މަގުބޫލުކަން ހޯދާފައިވާ އަލީ ޝަޒްލީން ހިއްސާކުރި ފޭސްބްކް ޕޭޖެއް ބަލައިލީމެވެ. ތަފާތު ނަމެއް ކިޔާ ފިލްމެއްގެ ޕްރޮމޯޝަން ޕޭޖެއްކަން އެނގުނެވެ. ވާނުވާ ބަލައިލި އިރު މިއީ ޑައިރެކްޓަރެއްގެ ގޮތުގައި މަޝްހޫރު އެކްޓަރު ޔޫސުފް ޝަފީއު (ޔޫއްޕެ) އަނެއްކާ ވެސް ވަރުގަދަ ފިލްމެއް ގެނެސްދިނުމަށް ތައްޔާރު ވަނީ ކަން އެނގުނެވެ.

ޔޫއްޕެ މި ފަހަރު ގެނެސް ދޭން އުޅެނީ ސީރިއަސްކަން އޭގެ އިންތިހާ އަށް ދައްކުވައި ދޭނެ “ދެވަންސޫރަ” އެވެ. މިއީ މަރެއްގެ ހަގީގަތް ހޯދަން ކުރާ މަސައްކަތް ކިޔައިދޭ ސަސްޕެންސް ތުރިލާއެކެވެ. ޔޫއްޕެ ލިޔެ، ޑައިރެކްޓް ކުރާ ފިލްމްގެ ޝޫޓިން މިހާރު ކުރިއަށްދާ އިރު، މީގެ ކާސްޓުންގެ ތެރޭގައި ޔޫއްޕެ، ފާތުމަތު އާޒިފާ (އަޒޫ)، އަލީ އާޒިމް (ދޮންއައްޔަ). މުހައްމަދު ފައިސަލް އަދި އަހުމަދު ސައީދު އަދި އިބްރާހީމް ޖިހާދު (ޖިމީ) ފަދަ އެކްޓަރުން ހިމެނެ އެވެ.

“ދެވަންސޫރަ” އަކީ ޔޫއްޕެ ޕްރޮޑަކްޝަނާއި އެންވިޝަން އެންޓަޓައިންމަންޓް އަދި ގްރީން ސްޓޫޑިއޯ ގުޅިގެން ގެނެސްދޭ ފިލްމެކެވެ. މި ފިލްމްގެ ރަސްމީ ފޭސްބުކް ޕޭޖްގައި ބުނެފައިވާ ގޮތުގައި އަންނަ ޑިސެމްބަރު މަހުގެ ތެރޭގައި ފިލްމް ސިނަމާ އަށް އަންނާނެ އެވެ. އެކަމަކު އަދި ވަކި ތާރީހެއް ނުނިންމަ އެވެ.

ޔޫއްޕެ ބުނި ގޮތުގައި “ދެވަންސޫރަ” ރަސްމީކޮށް މި ހަފުތާގެ ތެރޭގައި ލޯންޗް ކުރާނެ އެވެ. “ދެވަންސޫރަ” އަކީ ބެލުންތެރިން ހައިރާންކޮށްލާނެ ފަދަ ފިލްމެއް ކަމަށް މީގެ ޓީމުން ބުނާ އިރު، ފިލްމްގެ ޓެގް ލައިނަކީ “ދަ ޓްވިސްޓެޑް ލަވް ސްޓޯރީ” އެވެ.

 

ޚަބަރަށް މަޢުލޫމާތު ނެގީ : މިހާރު އޮންލައިން އިން

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ރަޝީދު
އަޙްމަދު ރަޝީދު
ހުރިހައި ދާއިރާއެއްގެ ލިޔުންތައްވެސް މުނިއަވަސްގެ ފައުންޑަރ އަދި ޗީފް އެޑިޓަރ ލިޔާނެއެވެ.