ޔުއެފާ ޗެމްޕިއަންސް ލީގުގެ ގުރޫޕް ބީ ގައި ރޭ، ރެޑް ސްޓާ ބެލްގްރޭޑް ގެ މައްޗަށް 6-0 ގެ ނަތީޖާއަކުން ކުރިހޯދި މެޗުގައި ބަޔާން މިއުނިކް ގެ ގޯލް މެޝިން ލެވަންޑޮވްސްކީ 4 ގޯލް ޖަހާ ޗެމްޕިއަންސް ލީގުގެ މެޗެއްގައި އެންމެ އަވަހަށް 4 ގޯލް ކާމިޔާބުކުރި ފުރަތަަމަ ކުޅުންތެރިޔާ އަށް ވެއްޖެއެވެ.
ރެޑް ސްޓާ ބެލްގްރޭޑް ގެ ދަނޑުގައި ކުޅުނު މި މެޗުގެ 14 ވަނަ މިނެޓުގައި ފިލިޕޭ ކޫޓީނިއޯ ތަނަވަސްކޮށްދިން ފުރުސަތަކުން ލިއޮން ގޮރެޓްޒްކާ ވަނީ ގޯލެއް ޖަހާ ބަޔާން މިއުނިކަށް ލީޑު ނަގައިދީފައެވެ. މުޅި މެޗު ކޮންޓްރޯލްކޮށްގެން، ގިނަ ހަމަލާތަކެއް އުފައްދަމުން ދިޔަ ބަޔާން މިއުނިކުން 41 ވަނަ މިނެޓުގައި ދެވަނަ ގޯލެއް ޖަހާފައިވެއެވެ. ނަމަވެސް ލެވަންޑޮވްސްކީ ޖެހި އެ ގޯލް، ވީޑިއޯ އެސިސްޓެންޓް ރެފްރީ (ވީ.އޭ.އާރު) ބޭނުންކޮށްގެން އިތުރަށް ބެލުމަށް ފަހު، ބަޔާން މިއުނިކްގެ ޓޮލީސޯ އަތުގައި ޖެހުނުކަމަށް ނިންމާ ރެފްރީ ވަނީ ކެންސަލްކޮށްފައެވެ.
ދެވަނަ ހާފުގެ 53 މިނެޓާއި، 60 ވަނަ މިނެޓާއި، 64 ވަނަ މިނެޓާއި އަދި 68 ވަނަ މިނެޓްގައި ގޯލެއް ޖަހާ 15 މިނެޓް ތެރޭގައި 4 ގޯލް ކާމިޔާބުކޮށްގެން ޔުއެފާ ޗެމްޕިއަންސް ލީގުގެ މެޗެއްގައި އެންމެ އަވަހަށް 4 ގޯލް ޖެހި ފުރަތަަމަ ކުޅުންތެރިޔާގެ ރެކޯޑް ލެވަންޑޮވްސްކީ ވަނީ ހަދާފައެވެ.
މި މެޗުގައި ޖެހި 4 ގޯލާއެކު، މިހާތަނަށް ޔުއެފާ ޗެމްޕިއަންސް ލީގުގައި އެއް މެޗަށް ވުރެން ގިނަ މެޗުގައި 4 ގޯލް ޖަހާފައިވާ ހަމައެކަނި ކުޅުންތެރިޔާ، ބާސެލޯނާގެ ފުޓްބޯޅަ ތަރި އަދި ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިޔާ ލިއޮނެލް މެސީ އާއި އެކު، ލެވަންޑޮވްސްކީ ވަނީ ތާރީޚުގެ ތެރެއަށް ވަދެގެން ގޮސްފައެވެ. ލެވަންޑޮވްސްކީ ވަނީ 2013 ގައި ބޮރޫސިއާ ޑޯޓްމަންޑަށް ކުޅުނުއިރު ޗެމްޕިއަންސް ލީގުގައި ރެއާލް މެޑްރިޑް ކޮޅަށް 4 ގޯލް ޖަހާފައެވެ. 2005 ވަނަ އަހަރު ބަދަލުކުޅުންތެރިއެއްގެ ގޮތުގައި ނުކުމެ 9 މިނެޓުތެރޭގައި 5 ގޯލް ޖަހައިގެން ލެވަންޑޮވްސްކީ ވަނީ ބުންޑެސްލީގާގެ މެޗެއްގައި އެންމެ އަވަހަށް 5 ގޯލް ޖެހި ކުޅުންތެރިޔާގެ ރެކޯޑް ވެސް ހަދާފައެވެ. މިހާތަނަށް ހުރިހާ މުބާރާތެއްގައި ކުޅުނު 20 މެޗުން ލެވަންޑޮވްސްކީ ވަނީ 27 ގޯލް ޖަހާފައެވެ.
ބަޔާން މިއުނިކް ގެ ފަހު ގޯލް މެޗުގެ 89 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ޓޮލީސޯ އެވެ.
“އަހަރެން އެބަޖެހޭ އެއްބަސްވާން. އަހަރެން މިހުރީ ގޯލް ޖެހުމަށް ދެވިހިފާފައި.” މެޗަށް ފަހު ލެވަންޑޮވްސްކީ އޭނާގެ ޓްވިޓާ އެކައުންޓް ގައި ކޮށްފައިވާ ޓްވީޓެއްގައި ބުނެފައިވެއެވެ.
ކުޅުނު 5 މެޗުން 15 ޕޮއިންޓް ހޯދައިގެން ޔުއެފާ ޗެންޕިއަންސް ލީގުގެ ގްރޫޕް ބީ ގެ އެއްވަނަ މިހާރު ބަޔާން މިއުނިކަށް ކަށަވަރުވެފައިވާއިރު، ދެން އެޓީމު ނިކުންނާނީ ޓޮޓެންހަމް ހޮޓްސްޕަރ އާ ދެކޮޅަށެވެ. އެ މެޗަށް ނުކުންނައިރު ދެ ޓީމަށް ވެސް ވަނީ ޗެމްޕިއަންސް ލީގުގެ ގަދަ 16 ގެ ޖާގައެއް ކަށަވަރުވެފައެވެ.
ލިޔުންތެރިޔާގެ ފުރަމަލަ
- އަޙްމަދު ޝާމިން މައިގަނޑު ގޮތެއްގައި ލިޔާނީ ކުޅިވަރު ޚަބަރުތަކެވެ. ފިލްމީ އަދި މިއުޒިކީ ދާއިރާ ނޫން އެހެން ހުރިހައި ދާއިރާތަކަށް ވެސް ޝާމިން ލިޔާނެއެވެ.
މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 5 ޖެނުއަރީ 2022ޚަބަރުކޮވިޑް ކޭސްތައް ގިނަވެ އިނގެރޭސި ލީގު ކަޕް ސެމީ ފައިނަލް މެޗު ފަސްކޮށްފި
- 4 ޖެނުއަރީ 2022ޚަބަރުއާ އަހަރު ކުޅުނު ފުރަތަމަ މެޗުން ޔުނައިޓެޑް ބަލިވެއްޖެ
- 4 ޖެނުއަރީ 2022ޚަބަރުފްރެންޗް ކަޕްގެ ގެ ގަދަ 16 އަށް ޕީއެސްޖީ ދަތުރުކޮށްފި
- 2 ޖެނުއަރީ 2022ޚަބަރުރޮޑްރީގެ ގޯލުން ފަހު ވަގުތު ސިޓީން އާސެނަލް ބަލިކޮށްފި