​އަޅުގަނޑުމެންގެ ރާއްޖެއަކީ ޖަޒީރާ ރަށްތަކެއްގެ މައްޗައް އެކުލެވޭ ގައުމެކެވެ. ކުޑަ ނަމަވެސް އިޖްތިމާއި އެކިއެކި މައްސަލަތަކުގެ ތެރޭގައި އުޅެމުންދާ ބައެކެވެ. މާފްކުރައްވާށެވެ. ދައްކަން މިއުޅޭ ވާހަކައިން ހަމަ ވިސްނުނުގޮތެވެ. ހައްލުވާނެ ގޮތެއް، ކުރެވޭނެ ގޮތެއްނެތް އެތައް އިޖްތިމާއީ މައްސަލައަކާއި ކޮންމެ ދުވަހަކުވެސް އަޅުގަނޑުމެން މިދަނީ ކުރިމަތި ލަމުންނެވެ.

މިއަދު ދިމާވި ކަމެކެވެ. ދަރިފުޅު ހުކުރުން އައުމުން ކާންދީފައި ޓީވީން ޚަބަރު ބެލުމަށް ދަރިފުޅު ގޮވައިގެން އިނީމެވެ. ޚަބަރުން އިވިގެން ދިޔައީ މާލޭގައި މީހަކަށް ތޫނު އެއްޗަކުން ހަމަލާ ދިން ވާހަކައެވެ. ފުލުހުން މައްސަލަ އިތުރަށް ބަލާ ވާހަކައެވެ. ކޮންމެއަކަސް އާއްމު ކަމެކެވެ. ދެރަ ކަމެކެވެ. ޚަބަރު ނިންމާފައި ދަރިފުޅު ގޮވައިގެން ކޮޓަރިއަށް ވަނީމެވެ.  އަޅުގަނޑުގެ ދަރިފުޅަކީ އަނގަ ގަދަ ހަލަނި ކުއްޖެކެވެ. އެހެންނަމަވެސް އެދަރިފުޅު މަޑުން އިނދެލާފައި ބުނެލިއެވެ. “އަޅުގަނޑާއި އެކު ޓީވީ ބަލަން ބައްޕަ އިންނަ އިރު ބައްޕަ ބުނޭ މާރާމާރީ ހިންގީމަ ޕޮލިހުން އަންނާނޭ އެކަމަކު ބަަލަން އިނދެ އިނދެ ބައްޕަ އެއް ނުފެނުން ޓީވީއަކުން”  

އަސްތާ! ޕޮލިހުންގެ ވާހަކަ ބުނީމާ ދަރިފުޅު މީނީ ބައްޕަ ފެނޭތޯތާއޭ އަޅުގަނޑު ހިތަށް އެރިއެވެ. ހިތަށް ކުރި އަސަރެއްގެ ވާހަކަ މިތާ ދެއްކުމުގެ ބޭނުމެއް ނެތް ދޮގެއްތޯ.؟ ދަންނަވަން މިއުޅޭ ވަހަކައަކީ އަޅުގަނޑުމެންގެ ތެރެއިން ކިތައް ބައްޕައިންތޯއޭ އެބައްޕައިންގެ ދަރިންނާ ދުރުގަ ވަޒީފާގެ މަޖުބޫރުގައި އުޅެނީ؟ ދިރިއުޅުމުގެ އަގުތައް އިންތިހާއަށް އުފުލި އަތް ނުފޯރައިގެން އުޅެންޖެހޭ އިރު ފިރިމީހާ އާއި ދުރުގައި އެކަނިމާއެކަނި ކުދިން ގޮވައިގެން ތެޅެން ޖެހެނީ އިތުރު ގޮތެއް ނެތިގެން ނޫންތޯއެވެ. ދެން އޮތް ގޮތަކީ އަނގަޔާ އަތާ ދިމާ ނުވިޔަސް ފިރިމީހާ ކައިރިއަށް ފިރިމީހާގެ ވަޒީފާ އޮތް ތާކަށް ބަދަލުވުމެވެ. އެހެންނަމަވެސް އަޅުގަނޑުމެންގެ ރިޒޯޓް ބޯއީސް ހަދަނީ ކިހިނެތްތޯއެވެ. އެމީހުންގެ އަނބިދަރިން ރިޒޯޓަށް ބަދަލު ކުރެވޭނެތޯއެވެ. އެހިސާބުން ހައްލެއް ނެތެވެ. ނޫނީ އެކަން އެހެން ވާކަށްނެތޭ ކިޔައިފައި ރިޒޯޓުން ކެނޑިގެން ރަށަށް އަންނަވީއެވެ. ދެން ރަށުން ވަޒީފާއަށް ދާންވީއެވެ. އަނެއް ހަކަންތަކެވެ.  

އާއްމުކޮށް ރަށްރަށުގައި ވަޒީފާގެ ފުރުސަތުތައް މަދެވެ. ހަގީގަތަށް ބުނަނީނަމަ ނުވެސް ނެތެވެ. އަނެއްކޮޅުން ވަޒީފާއަށް އިއުލާނު ކުރަނީވެސް ދޭނެ މީހާ ނިންމައިފައޭވެސް ބުނަނީ ސަބަބެއް ނެތިއެއްނޫނެވެ.  

ކަން މިހެން ހުރި އިރު ވަޒީފާގެ މަޖުބޫރުގައި ފިރިމީހާ ދުރުގައި ހުންނަ އިރު ދަރިން ގޮވައިގެން އެކަނިމާއެކަނި މައިން އުޅޭ ހާލު އެނގޭނީ އެފަދަ މަޔަކަށެވެ. ދަރިއަކު ބަލިވިއަސް ގިނަފަހަރު ބަލި ވީމާ ނަގަން މަސައްކަތް ކުރާ ޗުއްޓީ ވެސް ތެޅި ތެޅިގެން ހޯދައިގެން ރަށަށް ފުރާ އެއްޗަކުން ޖާގަ އެއް ހޯދައިގެން އަންނަން އުޅުމަށް ވުރެ ވީޑިއޯ ކޯލް އެއް ކޮއްލުންވެސް ގައިމު ހައްޓަށް ލުއި ވާނެތާއެވެ. ސުކޫލުގައި އޮންނަ ހާއްސަ ކަންކަމަށް ބައްޕައަށް ނާދެވޭތީ ދަރިފުޅު ޝަކުވާ ކުރާލެއް ވަކި މަދެއް ނޫނެވެ. އެކަމަކު ދެން ފަހަރަކުން އަންނާނެއޭ ބުނެ ދަރިފުޅު ރުއްސާލަނީއެވެ. ދެން އޮންނާނީ އެކަމަށް ނާދެވުމުން މާޔޫސް ވެފައިވާ ފިރިމީހާ ހިތްހަމަ ޖެއްސުމެވެ.  ދެން ކިޔާނެ ކަމެއްނެތެވެ. ހައްތާވެސް މިކަހަލަ ކަންކަމެވެ.

ދަރިން ދެކެ އިންތިހާއަށް ލޯބިވާ ބައްޕައެކެވެ. މިފަދަ ކިތައް ބައްޕައިން އުޅޭނެބާވައެވެ.  

ނިންމާލަމުންވެސް ހިތަށް އެރީ ހަމަ އަޅުގަނޑުގެ ފަސް އަހަރުގެ ދަރިފުޅު ބުނި އެއްޗެކެވެ. “ދެކުދިން ގޮވައިގެން އެކަނިމާއެކަނި މަންމީ ތިޔައުޅެނީ ހާލެއްގަދޯއެވެ”

ލިޔުންތެރިޔާގެ ފުރަމަލަ

އާމިނަތު ސަޒްރާ
މުނިއަވަސްގެ ޑެޕިއުޓީ އެޑިޓަރ ސަޒްރާ އަކީ ކުރިން ރާއްޖެ ޓީވީގައި މަސައްކަތްކޮށްފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. މުނިފޫހިފިލުމުގެ ދާއިރާގެ އިތުރުން އިޖުތިމާޢީ ދާއިރާގައިވެސް ސަޒްރާ ޚާއްޞައެވެ.