ޅެން ހެދުމުގެ ހުނަރުވެރިކަން ގިނަ ބަޔަކަށް ދަސްކޮށްދިނުމަށް މަޝްހޫރު ޅެންވެރިންތަކެއް އެކުވެގެން “އީސާ އޮންލައިން ޕޮޔެޓްރީ (އީއޯޕީ)”ގެ ނަމުގައި ހިންގަން ފެށި ޅެން ހަދަން ދަސްކޮށްދޭ ކުލާހުގެ ފުރަތަމަ ބެޗްގެ ބައިވެރިން ކާމިޔާބުކަމާއެކު ކޯސް ފުރިހަމަކޮށްފި އެވެ. ކޯހުގެ ބައިވެރިންނަށް ރޭ ސެޓްފިކެޓް ދީފައިވާކަމަށް މަޢުލޫމާތު ލިބެއެވެ.

ޑިސެމްބަރު 24 ން 30އަށް ކުރިއަށް ގެންދިޔަ މި ޅެން ކޯހުގައި ޖުމަލް 10 ފަރާތުން ބައިވެރިވެ ކޯސް ފުރިހަމަކޮށްފައިވާކަމަށް ކޯސް ލީޑްކުރާ ޅެންވެރިޔާ އީސަ ހާމަކުރައްވައެވެ.

ރާއްޖޭގައި ފުރަތަމަ ފަހަރަށް ބޭއްވި އޮންލައިން ޅެން ކޯހުގައި ލެކްޗަރާއިންގެ ގޮތުގައި ހަރަކާތްތެރިވީ އީސާ ޝަރީފު، ޢިއްޒާ އަޙްމަދު ނިޒާރު، އަދި ޒީނަތު އަޙްމަދު (ޒީން) އެވެ.

’ޒޫމް ކްލައުޑް މީޓިންގް‘ޓެކްނޮލޮޖީ ބޭނުންކޮށްގެން ބައިވެރިންނާއި ލެކްޗަރާއިންގެ އަމިއްލަ ވަޒަނުގައި ތިބެ ކޯސް ފުރިހަމަކޮށްފައިވާއިރު ކޯހުގެ ބައިވެރިން ތިބީ ހިތްހަމަޖެހިފައެވެ.

ތ. ހިރިލަންދޫގައި ކުލާސްރޫމް ސެޓަޕް ހަދައިގެން ކުރިއަށް ގެންދިޔަ މި ކޯހުގައި ބޭނުންކުރި ޓެކްނޮލޮޖީއާ މެދު އީސަ ބުނީ ހީކުރިވަރަށް ވުރެން އޮންލައިން ޕްލެޓްފޯމް ސަޅި ކަމަށެވެ.

މި ކޯހުގައި ޅެން ހެދުމުގެ ހުރިހައި އުންސުރުތަކެއް ވަރަށް ރަނގަޅަށް އުނގަންނައިދިން ކަން ބައިވެރިން ފާހަގަކުރެއެވެ. މި ކޯސްތަކުގެ ކުރިއަށް ހުރި ބެޗްތަކުގައި ދަރިވަރުން އިތުރުކުރުމަށް އީސަގެ ވިސްނުން ހުރިކަން ވާހަކަ ދައްކައިލުމުން އެނގިގެންދިޔައެވެ.

“ބައިވެރިން އިތުރުކުރެވިދާނެ ކޮންމެ ބުރަކަށްވެސް، ލަވަ ހަދަން ދަސްކޮށްދިނުމާއެކު ކޯސް މި ނިންމައިލީ. ބިޒީ ބައިވެރިންނަށް އެކްސްޓްރާ ކުލާސްތައް ބޭނުން ގަޑިތަކެއްގައި ނަގައިދިނިން.” ކޯސް ކުރިއަށްދިޔަ ގޮތާމެދު ވާހަކަދައްކަމުން އީސަ ބުންޏެވެ.

އީސާ އޮންލައިން ޕޮޔެޓްރީ ކޯހުގެ ފުރަތަމަ ބެޗް ފުރިހަމަކުރި ބައިވެރިއެއްގެ ސެޓްފިކެޓް – ފޮޓޯ: އީއޯޕީ

ރާއްޖޭގެ އެކި ސަރަހައްދުތަކަށް ނިސްބަތްވާ ފަރާތްތަކުން މި ކޯހުގައި ބައިވެރިވި އިރު، ލ. ފޮނަދޫ ދާއިރާގެ މަޖިލިސް ގޮނޑި ކުރިން ފުރުއްވި ޢަބްދުއް ރަހީމް ޢަބްދުﷲ (އަދުރޭ) ވެސް ބައިވެރިވެފައިވާކަން ފާހގަކޮށްލެއެވެ. އަދުރޭ އަކީ ޅެމާ ލަވަ ހެދުމުގައި އުޅުއްވާ ބޭފުޅެއް ނަމަވެސް މި ކޯސް މެދުވެރިކޮށް ވަރަށް ގިނަ އެއްޗެހި އެނގިގެން ދިޔަކަމަށް ވިދާޅުވިކަމަށް އީސަ މަޢުލޫމާތު ދެއެވެ.

އޮންލައިން ޅެން ކޯހުގެ ބައެއް ބައިވެރިންނާވެސް މުނިއަވަސް އިން ވާހަކަދައްކައިލީމެވެ. އެގޮތުން ހުރިހައި ބައިވެރިންވެސް ތިބީ ކޯސް ކުރިއަށްގެންދިޔަ ގޮތާއި، ކޯހުގެ ފެންވަރާއި މެދު ވަރަށް ބޮޑަށް ހިތްހަމަޖެހިފައިކަން ފާހަގަކޮށްލެވެއެވެ.

“އިރާދަކުރެއްވީތީ ކޯސް ހަމަ ވަރަށް ރަނގަޅު. ޅެން ހަދަން ހަމަ ވަރަށް ރަނގަޅަށް ދަސްވި. ކުރިން ނޭނގޭ ވަރަށް ގިނަ އެއްޗެހި އެނގިގެންދިޔަ. ޅެން ހެދުމުގެ ގަވައިދުތައް ވަރަށް ބޮޑަށް ދަސްވި. މިހާރު ވަރަށް ފަސޭހައިން ޅެން ހަދާލެވޭ.” ފިރިހެން ބައިވެރިއެއް ފާހަގަކުރިއެވެ. ކޯސް ހިންގި ފެންވަރާއި މެދުވެސް އެ ބައިވެރިޔާ ހުރީ ހިތްހަމަޖެހިފައެވެ.

ޅެން ހަދަން ދަސްކުރަން ބޭނުންވާ ފަރާތްތަކަށް މިއީ ރަނގަޅު ފުރުޞަތެކެވެ. ކުރިއަށް ހުރި ބެޗްތަކަށްވެސް މިހާރު ވަނީ ރެޖިސްޓަރ ކުރުމުގެ ފުރުޞަތު ހުޅުވައިލެވިފައެވެ. އެގޮތުން ޑިސެމްބަރު 03 އަދި 10 ގައި ފަށާ ކޯހުގައި މިހާރު ރެޖިސްޓްރީ ވެވޭނެއެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ރަޝީދު
އަޙްމަދު ރަޝީދު
ހުރިހައި ދާއިރާއެއްގެ ލިޔުންތައްވެސް މުނިއަވަސްގެ ފައުންޑަރ އަދި ޗީފް އެޑިޓަރ ލިޔާނެއެވެ.