އިނގިރޭސި ޕްރިމިއަރ ލީގުގައި މިރޭ މެންޗެސްޓަރ ސިޓީ އަދި ނިއުކާސަލް ޔުނައިޓެޑް ބައްދަލުކުރި މެޗު 2-2 ގެ ނަތީޖާއަކުން އެއްވަރުވެ، ލީގު ހޯދުމަށް މެންޗެސްޓަރ ސިޓީ ކުރަމުން އަންނަ އުންމީދުތަކަށް ހުރަސް އެޅިއްޖެއެވެ.
ނިއުކާސަލް ޔުނައިޓެޑްގެ ދަނޑުގައި ކުޅުނު މި މެޗުގެ 22 ވަނަ މިނެޓުގައި ޑޭވިޑް ސިލްވާ ތަނަވަސްކޮށްދިން ފުރުސަތަކުން ރަހީމް ސްޓާލިން ވަނީ ގޯލެއް ޖަހާ ސިޓީ އަށް މެޗުގެ ލީޑު ހޯދަދީފައެވެ. މިއީ މި ސީޒަނުގައި ހުރިހާ މުބާރާތަކުން ސްޓާލިން ކާމިޔާބުކުރި 15 ވަނަ ގޯލުކަން ފާހަގަކޮށްލެވެއެވެ. ނަމަވެސް، މި ގޯލު ޖަހާފައި ސިޓީ އަށް ރަނގަޅަށް ހަމަޖެހިނުލެވި އުޅެނިކޮށް، ނިއުކާސަލް އިން ވަނީ ގޯލެއްޖަހާ މެޗުގެ ނަތީޖާ ހަމަހަމަ ކޮށްފައެވެ. 25 ވަނަ މިނެޓުގައި މި ގޯލު ކާމިޔާބުކޮށްދިނީ އެޓީމުގެ ޑިފެންޑަރު ޖެޓްރޯ ވިލެމްސް އެވެ. ވިލެމްްސް ވަނީ މި ސީޒަނުގައި ލިވަޕޫލް ކޮޅަށް ވެސް ގޯލް ޖަހާފައެވެ. ގިނައިރު ބޯޅަ ހިފަހައްޓައިގެން މޮޅަށް ކުޅެ، ގިނަ ހަމަލާތަކެއް ސިޓީ އިން އުފެއްދި ނަމަވެސް ފުރަތަަމަ ހާފުގައި އިތުރު ގޯލެއް ކާމިޔާބުކުރެވިފައެއް ނުވެއެވެ.
ދެވަނަ ހާފުގައި ވެސް ސިޓީ އިން ގޯލެއް ކާމިޔާބުކުރުމަށް ގިނަ ހަމަލާތަކެއް އުފައްދާފައިވެއެވެ. މެޗުން ތިން ޕޮއިންޓް ހޯދުމަށް ސިޓީ އިން ކުރަމުން ދިޔަ މަސައްކަތަށް އުންމީދެއް ގެނުވީ 82 ވަނަ މިނެޓުގައި ކެވިން ޑިބްރޭނާ ކާމިޔާބުކުރި ހިތްގައިމު ގޯލުންނެވެ. ނިއުކާސަލްގެ ޕެނަލްޓީ އޭރިއާ އަރިމަތިން ސިޓީގެ ޑިފެންޑަރު މެންޑީ ނެގި ހުރަހެއް ނިއުކާސަލް ގެ ޑިފެންޑަރެއް ސާފުކޮށްލުމުން ޕެނަލްޓީ އޭރިއާ ބޭރުގައި ހުރެފައި، އެ ބޯޅަ މޭމަތިން ކޮންޓްރޯލް ކޮށްލުމަށްފަހު، ޑިބްރޭނާ ފޮނުވާލި ބާރު ހަމަލާ ގޯލުގެ މަތީ ދަނޑީގައި ޖެހިފައި ވަނީ ގޯލުގެ ތެރެއަށެވެ. ސިޓީ އިން ލީޑު ހޯދިތަން މާގިނައިރުތަކެއް ނުވެ، 88 ވަނަ މިނެޓްގައި ނިއުކާސަލްގެ މިޑްފިލްޑަރ ޖޮންޖޯ ޝެލްވީ ވަނީ ގޯލެއް ޖަހާ ސިޓީ އިން ލީގު ހޯދުމަށް ކުރަމުން އައި އުންމީދުތަކަށް ހުރަސް އަޅައި، ސިޓީ މާޔޫސްކޮށްލާފައެވެ. މެޗުގެ ފުރިހަމަ ވަގުތު ހަމަވެ ދެއްކި އިތުރު ވަގުތުގައި ސިޓީ މޮޅުކޮށްދިނުމަށް ސްޓާލިން އަށް ވަނީ ރަނގަޅު ފުރުސަތެއް ލިބި ބޭކާރުކޮށްލާފައެވެ.
މި މެޗުން ސިޓީ އެއްވަރުވުމާއެކު، ލީގުގެ އެއްވަނައިގައި އޮތް ލިވަޕޫލް އާއި ދެމެދުގައި 11 ޕޮއިންޓްގެ ފަރަގެއް އެބައޮތެވެ. ކުޅުނު 14 މެޗުން 29 ޕޮއިންޓާއެކު ތާވަލުގެ ދެވަނައިގައި ސިޓީ އޮތްއިރު، 40 ޕޮއިންޓާއެކު އެއްވަނައިގައި އޮތީ ލިވަޕޫލް އެވެ. މާދަމާ ރޭ އެވަޓަން އަތުން ލެސްޓާ ސިޓީ މޮޅުވެއްޖެނަމަ އެޓީމު ތާވަލުގެ ދެވަނައަށް އަރައި، ސިޓީ ތިންވަނަ އަށް ވެއްޓޭނެއެވެ.
ލިޔުންތެރިޔާގެ ފުރަމަލަ
- އަޙްމަދު ޝާމިން މައިގަނޑު ގޮތެއްގައި ލިޔާނީ ކުޅިވަރު ޚަބަރުތަކެވެ. ފިލްމީ އަދި މިއުޒިކީ ދާއިރާ ނޫން އެހެން ހުރިހައި ދާއިރާތަކަށް ވެސް ޝާމިން ލިޔާނެއެވެ.
މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 5 ޖެނުއަރީ 2022ޚަބަރުކޮވިޑް ކޭސްތައް ގިނަވެ އިނގެރޭސި ލީގު ކަޕް ސެމީ ފައިނަލް މެޗު ފަސްކޮށްފި
- 4 ޖެނުއަރީ 2022ޚަބަރުއާ އަހަރު ކުޅުނު ފުރަތަމަ މެޗުން ޔުނައިޓެޑް ބަލިވެއްޖެ
- 4 ޖެނުއަރީ 2022ޚަބަރުފްރެންޗް ކަޕްގެ ގެ ގަދަ 16 އަށް ޕީއެސްޖީ ދަތުރުކޮށްފި
- 2 ޖެނުއަރީ 2022ޚަބަރުރޮޑްރީގެ ގޯލުން ފަހު ވަގުތު ސިޓީން އާސެނަލް ބަލިކޮށްފި