ގޮތް ނޭނގޭ އަންހެންކުއްޖަކު ފޭސްބުކްއިން ގޮވާލައިފިއެވެ. ކާކުކަން ނޭނގޭތީ އަޅާނުލާ “ސީން ޒޯން” ގައި ބައިންދާފީމެވެ. މާގިނަ އިރުތަކެއްނުވެ އަނެއްކާވެސް ގޮވާލައިފިއެވެ. ދަންނަ މީހަކަށް ވެދާނެ ކަމަށް “ޕޮރޮފައިލް” އަށް ވަދެ ބަލައިލީމެވެ. އެންމެ ފުރަތަމަވެސް ލޮލުގައި އަޅައިގަތީ “ބަޔޯ” އަކަށް ޖަހާފައިން ބަސްކޮޅެވެ. “އައި ޑޯންޓު ވޯކް’ އައި އެމް މަމީސް ޕްރިންސަސް” (އަހަރެން މަސައްކަތެއެއް ނުކުރަމެވެ، އަހަންނަކީ މަންމަގެ ޕުރިންސަސް އެވެ.) މިހެންނެވެ.

ދަންނަ މީހަކަށް ނުވުމާއެކު އަހަރެންނަކީ “ޕުރިންސް” އަކަށް ނުވާތީ ރިޕްލައި ކުރާކަށް ނުވިސްނީމެވެ. އެކަމަކު މިކަހަލަ ޕުރިންސަސް އެއް މިގޮވަނީ ކީއްކުރަން ބާއެވެ؟ ހިތަށް އެރި ސުވާލުތައް ގިނަވުމުން މި ޕުރިންސަސްގެ ހުރި ވަރެއް ބަލައިލާނަމޭ ހިތާ ރިޕްލައި ކޮށްލީމެވެ. ދިވެހިންގެ އާދައިގެ މަތިން ހާލުއަހުވާލު އަހާލީމެވެެ.

ކޮންރަށެއްގެ ކުއްޖެއްތޯ އެހުމުން ތިމަންނައަކީ އުތުރުގެ ރަށަކަށް ނިސްބަތްވާ ކުއްޖެއްކަމަށާއި ދިރިއުޅެނީ މާލޭގައިކަކަމަށް ބުންޏެވެ. އެއްވެސް މަސަތްކަތެއް ނުކުރަމޭ ޖަހާފައި އިނުމުން ވަޒީފާއެއްގެ ނޫޅޭނެކަން އެނގިހުރެވެސް، ވަޒީފާ އަދާކުރަނީ ކޮންތާކުތޯ އަހާލާފީމެވެ. “ކަންމަތީ ފިހާރައެއްގަ” ރިޕްލައި އައީ މިހެންނެވެ. ޖަވާބު އައި ގޮތުން އަނެއްކާވެސް ހިތުގައި އެތަކެއް ސުވާލުތަކެއް އުފެދނެވެ. މަސައްކަތެއް ނުކުރާކަމަށް ޖަހާފައި އިން މަންމަގެ ޕުރިންސަސް ކަންމަތީ ފިހާރައެއްގައި ކީއްކުރަނީ ބާއެެވެ؟ އެވާނީ ޕުރިންސަސްގެ މަންމަގެ ފިހާރައެއްގައި މަސައްކަތްތައް ދާނުދާގޮތް ބަލާލަން ހުންނަނީ ކަމަށެވެ. އެއީ އަދި މަސައްކަތްކުރުމެއް ނޫންތާއެވެ. އަނެއްކާވެސް އިތުރު ސުވާލެއް ކޮށްލީމެވެ. ކޮންތާކު އިންނަ ކާކުގެ ކަންމަތީ ފިހާރައެއްތޯއާއި އެތާނގައި ކީތްކުރަނީތޯ އަހާލީމެވެ. ޖަވާބުގައި އެފިހާރަ އިންނަތަނާ އެއީ ކޮންމެވެސް ސަލީމެއްގެ ފިހާރައެއްކަމަށާއި އެތާނގައި އިންނަނީ ކޭޝިއަރަކަށް ކަމަށް ބުންޏެވެ.

މިހިސާބުން އަދި މި އެނގުނީ މަންމަގެ ރަނާ ކަމަނާފުޅު މިއީ ނުފޯރާފޮތިން ފޫގަޅަން އުޅޭ ފޮނި ފަގީރެއްކަމެވެ. ނެތް ފެެންވަރު ދައްކަން އުޅޭ މަންމަގެ ޕުރިންސަސް އެއްކަމެވެ.

އަދި މިހިސާބުން ނިންމާލާކަށް ނުވިސްނީމެވެ. މަސައްކަތް ނުކުރާ މަންމަގެ ކަނބާ މާލޭގައި އުޅޭނީ ބޮނޑު ގަަޑުވަރެއްގަތާއޭ ހިތާ، މާލޭގައި ދިރިއުޅެނީ ކޮންތާކުތޯ އަހާލީމެވެ. ޖަވާބުގައި ދިރިއުޅެނީ ކުއްޔަށް ކުދިން ބަހައްޓާ ގެއެއްގައި ކަމަށް ބުންޏެވެ. އިތުރަށް ވާހަކަ ދެއްކުމުން ގޭގައި ކުރަންޖެހޭ ހުރިހާ ކަމެއް ކުރަންޖެހެނީ މަސައްކަތް ނުކުރާ މަންމަގެ ޕުރިންސަސް އާޢި ގޭގައި ކުއްޔަށް ހުންނަ އެހެން ކުދިން ވެގެން ކަން އެނގުނެވެ.

މިވަރުންވެސް ތިމާގެ ނެތް ފެންވަރު ދައްކަން މޮޅެތި އެއްޗެހި ޖަހަންވާނެއެވެ. ރައްޓެއްސަކާ މި ވާހަކަތައް ހިއްސާ ކޮށްލުމުން މިިކަހަލަ ފޮނި ފަގީރު ޕުރިންސަސް ތައް ފޭސްބުކްގައި ބައިވަރު އުޅޭކަން އެގުނެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

މުޙައްމަދު ރިފާޒް
ރިފާޒަކީ ސަން އޮންލައިން އާއި ޗެނަލް 13 ގައި މަސައްކަތްކޮށްފައިވާ ތަޖުރިބާހުރި ނޫސްވެރިއެކެވެ.