އެޕަލް، ސެމްސަންގް އަދި ވާވޭ ފަދަ ކުންފުނިތަކާއި، ވާދަކުރުމަށްޓަކައި ފަތް ޖަހާލެވޭ ސްމާޓްފޯން އުފެއްދުމުގެ މަސައްކަތް ޕަބްލޯ އެސްކޯބާގެ ބޭބެ، ރޮބާޓޯ އެސްކޯބާ ފަށައިފިކަމަށް ޓެކްނޮލޮޖީ ޚަބަރުތައް ގެނެސްދޭ ނޫސްތަކުން ރިޕޯޓްކޮށްފިއެވެ.

ރޮބާޓޯ އެސްކޯބާ ނުވަތަ “އެލް އޮސިޓޯ” އަކީ ދުނިޔޭގައި އުފެދުނު މަސްތުވާތަކެތީގެ އެންމެ ބޮޑު ވިޔަފާރިވެރިޔާ ޕަބްލޯ އެސްކޯބާގެ އެއްބަނޑު އެއްބަފާ ބޭބެ އެވެ. އޭނާ އަކީ މެކްސިކޯގެ އެންމެ ނުފޫޒުގަދަ ޑްރަގް ކާޓެލް ކަމަށްވާ “މެޑެލިން ކާޓެލް” ގެ ކޯ ފައުންޑަރ އަދި ކުރީގެ އެކައުންޓެންޓް ވެސް މެއެވެ.

ދުނިޔޭގެ މަޝްހޫރު ސްމާޓްފޯން ކުންފުނިތަކުން ބާޒާރަށް ނެރެމުންދާ ފަތްޖަހާލެވޭ ސްމާޓްފޯން ތަކުގެ އަގުތައް އާންމުގޮތެއްގައި 1500 ޑޮލަރުން މަތީގައި ހުންނަ ނަމަވެސް، “ޕަބްލޯ އެސްކޯބާ ފޯލްޑް 1” ގެ ނަަން ދީފައިވާ މި ފަތްޖަހާލެވޭ ފޯނުގެ އަގު އުޅޭނީ 350 ޑޮލަރާއި، 500 ޑޮލަރާއި ދެމެދުގެ އަގުތަކެއްގައި ކަމަށްވެއެވެ. ފޯނުގެ އޮޕަރޭޓިން ސިސްޓަމަކީ އެންޑްރޮއިޑް ޕައި ކަމަށް ބުނެވޭއިރު، ފޯނަށް ބާރުދޭނީ ކުއަލްކޮމް ސްނެޕްޑްރެގަން ސީރީސް 8 ގެ ޕްރޮސެސާ އަކުން ކަމަށްވެއެވެ. 16 މެގަޕިކްސެލް އަދި 20 މެގަޕިކްސެލް ގެ ދެ ކެމެރާ އާއި، 7.8 އިންޗީގެ އެމޯލެޑް ސްކްރީނެއް ފޯނުގައި އިންނާނެ ކަމަށް ބުނެވެއެވެ. ފޯނުގެ ސްޓޯރޭޖަށް ބަލާއިރު، ދެ ސައިޒެއް ލިބެންހުންނާނެ ކަމަށްވެއެވެ. އެއީ 128 ޖީބީ އާއި 512 ޖީބީ އެވެ.

މި ފޯނުގެ ސެކިއުރިޓީ ވެސް ވަރަށް ވަރުގަދަވާނެ ކަމަށް ބުނެވޭއިރު، ފިންގަރ ޕްރިންޓް ސެންސަރ އަކާއި، ރޭޑިއޯ ފްރިކުއެންސީ އައިޑެންޓިފިކޭޝަން (އާރު.އެފް.އައި.ޑީ) އިން ރައްކާތެރިކުރުމަށް ޚާއްޞަ ލޭޔަރ އެއް ފޯނުގައި އެކުލެވޭނެކަމަށް ވެސް ބުނެވެއެވެ. އޭގެ ސަބަބުން ބުލޫޓޫތް ބޭނުންކޮށްގެން ވެސް އެއްވެސް ފަރާތަކުން ފޯނަށް އެކްސެސް ވުމުގެ ފުރުސަތު ނޯންނާނެ ކަމަށްވެއެވެ. ފޯނުގެ ސްކްރީން ވެސް ތައްޔާރުކުރަނީ ޚާއްސަ ބާވަތެއްގެ ޕްލާސްޓިކެއް ބޭނުންކޮށްގެން ކަމަށްވުމުން ސްކްރީން އެހާ ފަސޭހައިން ހަލާކުވުމަކީ ވަރަށް ދުރުގައިވާ ކަމެއްކަމަށް ބުނެވެއެވެ. ފޯނު ހުންނާނީ އަންލޮކް ކޮށްފައި ކަމަށާއި، ދުނިޔޭގެ ކޮންމެ ގައުމެއްގެ ނެޓްވޯކެއް ވެސް ބޭނުންކުރެވޭނެ ކަމަށް ބުނެވެއެވެ.

ޕަބްލޯ އެސްކޯބާ ފޯލްޑް 1 ކަމަށް ބުނެވޭ ސްމާޓްފޯން

“އަހަރެން ވަރަށް ގިނަ މީހުން ކައިރީގައި ބުނިން އެޕަލް ފަހަތަށް ޖައްސާލާނެ ވާހަކަ. އަހަރެން އެކަން ކުރާނަން.”

“އަހަރެން މަސައްކަތް މިކުރަނީ ސެމްސަންގް އަދި އެހެނިހެން ކުންފުނިތަކުން އެއްހާސް ޑޮލަރުން މަތީގެ އަގުތަކެއްގައި ވިއްކަމުންދާ ފަތްޖަހާލެވޭ ސްމާޓްފޯން ކަސްޓަމަރުންނަށް އެންމެ 348 ޑޮލަރަށް ފޯރުކޮށްދިނުމަށް. މިއީ އަހަރެންގެ ގޯލަކީ. އެޕަލް ފަހަތަށް ޖައްސާލުން.”
ޓެކްނޮލޮޖީގެ ޚަބަރުތައް ގެނެސްދޭ ޑިޖިޓަލް ޓްރެންޑްސް އަށް ދިން އިންޓަވިއުއެއްގައި ރޮބާޓޯ އެސްކޯބާ ބުނެފައިވެއެވެ.

މި ފޯނުގެ މާކެޓިން ވީޑިއޯއެއްގައި ބުނެފައިވެއެވެ. “އެއްފަހަރަކު އެޕަލް ބޯއީ ސްޓީވް ޖައްވުގެ ތެރެއަށް ބަލާލިއެވެ. އޭނާ އަށް ފެނުނީ އެއްވެސް މީހަކަށް ތަސައްވަރު ނުކުރޭވެނެ ފަދަ މޮޅު ފޯނެއް ހިފައިގެން ޕަބްލޯ އެސްކޯބާ ހުއްޓައެވެ.”

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ޝާމިން
އަޙްމަދު ޝާމިން މައިގަނޑު ގޮތެއްގައި ލިޔާނީ ކުޅިވަރު ޚަބަރުތަކެވެ. ފިލްމީ އަދި މިއުޒިކީ ދާއިރާ ނޫން އެހެން ހުރިހައި ދާއިރާތަކަށް ވެސް ޝާމިން ލިޔާނެއެވެ.