ދިވެހި މަންމައިންގެ އިޖުތިމާއީ ވިއުގަ “މަމްސް އެންޖީއޯ” އަކީ ދިވެހި މައިންގެ ދުޅަހެޔޮކަމާއި ރައްކާތެރިކަމަށްޓަކައި ހިލޭސާބަހަށް މަސައްކަތް  ކުރުމަށް ރެޖިސްޓްރީކޮށްގެން ހިންގަމުން އަންނަ ޖަމްޢިއްޔާ އެކެވެ. މީސްމީޑިއާގައި “މަމްސް އެމްވީ” ނުވަތަ “މަމްސް ފޭސްބްކް ގްރޫޕް” ގެ ނަމުގައި މަޝްހޫރުވެފައިވާ “މަމްސް އެންޖީއޯ” ފޭސްބުކް ގުރޫޕުގައި ރާއްޖޭގެ އެކިކަންކޮޅުތަކުުން 31,000 ވުރެން ގިނަ މަންމައިން ހަރަކާތްތެރިވެއެވެ.

މަމްސް އެންޖީއޯ ލޯގޯ / ފޮޓޯ: މަމްސް އެންޖީއޯ

ދުވާލަކު އެތައް މަންމައަކަށް އެހީ ފޯރުކޮށްދެމުން އަންނަ “މަމްސް އެންޖީއޯ” އިން މިވަނީ ރާއްޖޭގެ 40 ރަށެއްގައި ތިބި ފޯރުންތެރިކަން ކުޑަ އާއިލާތަކެއްގެ 90 ކުދިންނަށް ސުކޫލަށް ދިއުމަށް ބޭނުންވާ ސާމާނު ފޯރުކޮށްދިނުމުގެ ގޮތުން “ބެކް ޓު ސުކޫލް” ގެ ނަމުގައި ނޮވެމްބަރު 25 ވަނަ ދުވަހުގައި ޑޮނޭޝަން ކެމްޕޭނެއް ފަށައިފައެވެ. މި ކެމްޕޭނުގައި “އެހީ ޖަމްޢިއްޔާ” އިން ވެސް މިހާރު ބައިވެރިވެފައިވާކަން ފާހަގަކޮށްލެވެއެވެ.

ކޮންމެ ކުއްްޖެއްގެ ވެސް ސްކޫލުގެ ފުރަތަމަ ދުވަހަކީ އުފާވެރި ދުވަހަކަށް ހެދުމަށް މަސައްކަތް ކުރުމުގެ ގޮތުން، ރާއްޖޭގެ އެކިކަންކޮޅުތަކުގައި އެހީތެރިކަމަށް ބޭނުންވެފައި ތިބި ކުދިންނަށް ހާއްސަކޮށްގެން ފެށި މި ކެމްޕޭންގެ މަޤްޞަދަކީ އޭގެތެރެއިން ކޮންމެ ކުއްޖަކުވެސް ދިރާސީ އާ އަހަރުގެ ފުރަތަމަ ދުވަހު ސުކޫލަށް ދާއިރު އެހެން ކުދިންނޭ އެއްގޮތަށް ޔުނިފޯމް، ދަބަސް، ބޫޓް ފަދަ ތަކެތި ހަމަވެފައިވުން ކަމުގައި “މަމްސް އެންޖީއޯ” އިން ބުނެފައިވެއެވެ.

މި ކެމްޕޭނުގައި އެހީތެރިކަން ފޯރުކޮށްދޭނެ ފަރާތްތައް ހޮވާލުމުގައި ބަލާފައިވަނީ މައިންބަފައިން ނިޔާވުމުން ޔަތީމު ވެފައިވާ ކުދިންނާއި، ޚާއްޞަ އެހީ އަށް ބޭނުންވާ ކުދިންނާއި، އާއިލާގެ ފަރާތުން އެހީތެރިކަމެއް ނުލިބޭ އެކަނިވެރި މައިންގެ ކުދިންނާއި، ހުވަފަތް ވެފައިވާ މައިންގެ ކުދިންނާއި، ކައިވެނިކޮށްގެން އުޅެނިކޮށް ފިރިމީހާ އަށް ޖަލުގެ ހުކުމެއް އައިސްގެން އެކަނި އުޅެން ޖެހިފައިވާ މައިންގެ ކުދިންނާއި އަދި މަސްތުވާތަކެތީގެ ވަބާގައި ޖެހިފައި ތިބި އާއިލާތަކުގެ ކުދިންނަށް ކަމަށް “މަމްސް އެންޖީއޯ” ގެ ފަރާތުން މަޢުލޫމާތު ދީފައިވެއެވެ.

އަޅުގަނޑުމެންގެ މުޖުތަމަޢުގައި އެހީތެރިކަމަށް ބޭނުންވެފައި ތިބި މިފަދަ ކުދިންނަށް އެހީތެރިކަން ފޯރުކޮށްދީ، އެކުދިންގެ ހިތްދަތި ދިރިއުޅުމަށް ހެޔޮބަދަލެއް ގެނެސްދިނުމަށް “މަމްސް އެންޖީއޯ” އިން އިސްނަގައިގެން ކުރިއަށްގެންދާ މި ކެމްޕޭނަށް ތިޔަ އެންމެހާ ބޭފުޅުންގެ ދީލަތި އެހީތެރިކަން ބޭނުންވެއެވެ. މިކަމާގުޅިގެން އެއްވެސް މައުލޫމާތެއް ސާފުކުރުމަށް ބޭނުންވާނަމަ ނުވަތަ އެހީތެރިކަން ފޯރުކޮށްދިނުމަށް ބޭނުންވާނަމަ 9851477 އަދި 7449656 ނަންބަރުތަކަށް ގުޅައިގެން ކުރިއަށް ގެންދެވޭނެ އިންތިޒާމް “މަމްސް އެންޖީއޯ” އިން ވަނީ ހަމަޖައްސާފައެވެ. ޑިސެމްބަރު މަހުގެ 15 ވަނަ ދުވަހުގެ ނިޔަލަށް މި ކެމްޕޭނަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ ފުރުސަތު ވަނީ ހުޅުވާލައިފައެވެ.

“ބެކް ޓު ސުކޫލް ޑޮނޭޝަން ކެމްޕޭން” ގެ ޕޯސްޓަރު / ފޮޓޯ: މަމްސް އެންޖީއޯ

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ޝާމިން
އަޙްމަދު ޝާމިން މައިގަނޑު ގޮތެއްގައި ލިޔާނީ ކުޅިވަރު ޚަބަރުތަކެވެ. ފިލްމީ އަދި މިއުޒިކީ ދާއިރާ ނޫން އެހެން ހުރިހައި ދާއިރާތަކަށް ވެސް ޝާމިން ލިޔާނެއެވެ.