ޓޮޓެންހަމް ހޮޓްސްޕަރ ގެ ކޯޗުކަމާއި މޮރީނިއޯ ހަވާލުވި ފަހުން ކުޅުނު ތިން މެޗު ކާމިޔާބުކޮށްފައިވީ ނަމަވެސް، ހަތަރުވަނަ މެޗުގައި ރޭ އިނގިރޭސި ޕްރިމިއަރ ލީގުގައި 2-1 ގެ ނަތީޖާއަކުން މެންޗެސްޓަރ ޔުނައިޓެޑް އަތުން ބަލިވުމުން މޮރީނިއޯ ދަމަހައްޓަމުން އައި މޮޅުވުމުގެ ރެކޯޑަށް ނިމުން އަތުވެއްޖެއެވެ.

މެންޗެސްޓަރ ޔުނައިޓެޑް ދަނޑު، އޯލްޑް ޓްރެފޯޑުގައި ކުޅުނު މި މެޗުގެ ފުރަތަަމަ ހާފު ފެށިގެން މޮޅަށް ކުޅެމުންދިޔަ ޔުނައިޓެޑުން ވަނީ މެޗުގެ ވަރަށް ކުރީކޮޅު ގޯލެއް ޖަހާ ލީޑު ނަގާފައެވެ. 6 ވަނަ މިނެޓުގައި އޭރިއާގެ އަރިމަތިން ޔުނައިޓެޑްގެ ފޯވާޑް މާކަސް ރަޝްފޯޑް، ތިރިން ފޮނުވާލި ބާރު ހަމަލާ ޓޮޓެންހަމް ގެ ކީޕަރު މަތަކުރަން އުޅެނިކޮށް، އޭނާ އަތުގައި ޖެހިފައި ގޮސް ދަނޑީގައި ޖެހިފައި ވަނީ ގޯލުގެ ތެރެއަށެވެ. މި ގޯލާއެކު ޓޮޓެންހަމް ގެ ކުޅުން ރަނގަޅުކޮށް ގޯލެއް ޖެހުމަށް ކުރި މަސައްކަތް ކާމިޔާބުވީ ފުރަތަަމަ ހާފު ނިމެން އުޅެނިކޮށް މެޗުގެ 39 ވަނަ މިނެޓުގައެވެ. މި ގޯލު ކާމިޔާބުކޮށްދިނީ މޮރީނިއޯ ހަވާލުވި ފަހުން މޮޅު ކުޅުމެއް ދައްކަމުން އަންނަ ޑެލޭ އަލީ އެވެ.

ދެވަނަ ހާފު ފެށިގެން މާގިނައިރުތަކެއް ނުވެ 49 ވަނަ މިނެޓުގައި ލިބުނު ޕެނަލްޓީއަކުން ޔުނައިޓެޑުން ވަނީ އަލުން ލީޑު ނަގާފައެވެ. މި ޕެނަލްޓީ އެޓީމަށް ކާމިޔާބުކޮށްދިނީ ފުރަތަަމަ ގޯލުވެސް ކާމިޔާބުކޮށްދިން ރަޝްފޯޑް އެވެ. މި ގޯލަށްފަހު ވެސް އުންމީދު ކަނޑާނުލައި ޓޮޓެންހަމް އިން މެޗުގެ ކޮންޓްރޯލް ހޯދައިގެން ގޯލެއް ކާމިޔާބުކުރުމަށް ގިނަ ހަމަލާތަކެއް އުފެއްދި ނަމަވެސް، އެމަސައްކަތްތައް ވަނީ ނާކާމިޔާބުވެފައެވެ.

މެޗަށްފަހު މޮރީނިއޯ އަދި ސޯލްޝެއާ ސަލާމްކުރަނީ

އިނގިރޭސި ޕްރިމިއަރ ލީގުގެ މި ސީޒަނުގައި ބޮޑެތި ޓީމުތަކާއި މެންޗެސްޓަރ ޔުނައިޓެޑް ބައްދަލުކުރި އެއްވެސް މެޗަކުން މިހާތަނަށް ބަލިވެފައިނުވާކަން ފާހަގަކޮށްލެވެއެވެ. ޗެލްސީ އަތުން 4-0 ގެ ނަތީޖާއަކުން މޮޅުވިއިރު، އާސެނަލް އަތުން 1-1 ގެ ނަތީޖާއަކުން ވަނީ އެއްވަރުވެފައެވެ. ލިވަޕޫލް އާއި ބައްދަލުކުރި މެޗު 1-1 ގެ ނަތީޖާއަކުން އެއްވަރުވިއިރު، ޓޮޓެންހަމް އަތުން މިވަނީ 2-1 ގެ ނަތީޖާއަކުން މޮޅުވެފައެވެ. ޕްރިމިއަރ ލީގުގެ އެހެން ޓީމެއް އަތުން ބަލިނުވާވަރަށް ޓޮޓެންހަމް ވަނީ ޔުނައިޓެޑް އަތުން ބަލިވެފައެވެ. މިއީ ޔުނައިޓެޑް އަތުން ޓޮޓެންހަމް ބަލިވި 35 ވަނަ މެޗުކަން ފާހަގަކޮށްލެވެއެވެ.

މި މެޗުން ހޯދި މޮޅާއެކީ ޓޮޓެންހަމް ތިރިއަށް ވައްޓާލުމަށްފަހު، 21 ޕޮއިންޓާ އެކު ތާވަލުގެ ހަވަނަ އަށް ޔުނައިޓެޑް ވަނީ އަރާފައެވެ. 20 ޕޮއިންޓް ހޯދައިގެން ޓޮޓެންހަމް އޮތީ ތާވަލުގެ އަށްވަނައިގައެވެ. ދެން ޔުނައިޓެޑް ނިކުންނާނީ އަންނަ އާދީއްތަ ދުވަހުގެ ރޭ، ވާދަވެރި ސިޓީގެ ދަނޑުގައި އެޓީމާއި ދެކޮޅަށެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ޝާމިން
އަޙްމަދު ޝާމިން މައިގަނޑު ގޮތެއްގައި ލިޔާނީ ކުޅިވަރު ޚަބަރުތަކެވެ. ފިލްމީ އަދި މިއުޒިކީ ދާއިރާ ނޫން އެހެން ހުރިހައި ދާއިރާތަކަށް ވެސް ޝާމިން ލިޔާނެއެވެ.