ސާމިހާއަށް ފޯނު ކަނޑައިލެވުނެވެ. ފާރިޝް އެދުނީ ސާމިހާ މާލެ ބަދަލުވުމަށެވެ. ނޫންނަމަ ފާރިޝްއާއި ވަކި ވުމަށެވެ. ސާހިލްގެ އުނދަގޫ ފޯރާފަށުގައި ސާމިހާ ހުރުމަކީ ފާރިޝް ބޭނުންވާ ކަމެއްނޫނެވެ. ފާރިޝްއަށް ސާމިހާގެ ރަށުގައި ގޮސް ހުރެވޭކަށް ނެތެވެ. އެހެން ނޫނަސް ފާރިޝްއަކީ ރާއްޖެތެރޭގައި އުޅޭހިތްވާ މީހެއް ނޫންކަން ސާމިހާއަށްވެސް އެނގުނީ ކައިވެނި ކުރިފަހުންނެވެ. މަންމަ ދޫކޮއްލާފައި ގޮސް މާލޭގެ ކާރޫބާރޫ ބޮޑު ކަމުގައި އުޅޭކަށް ސާމިހާ ބޭނުމެއްނުވެއެވެ. ކައިވެނީގެ މިހިސާބުން ދެ މީހުންގެ މިހާބޮޑު ޚިޔާލުތަފާތުވުމެއް އައިސްފާނެކަމަށް ސާމިހާ ހީވެސް ނުކުރެއެވެ. ކައިވެނި ކޮށްގެން އަބަދު ދުރުގައި ތިބޭނީ ވެސް ކިހިނެއް ހެއްޔެވެ. ސާމިހާގެ ހިތްދަތި ދިތިއުޅުމުން ނިކުމެވޭނެ ކަމުގެ އުންމީދުގައި ކުރި ކައިވެނި މިކަހަލަ ފައްތަރަކަށް ގޮސްދާނެ ކަމަށް ހުވަފެނުގައިވެސް ސާމިހާ ނުދެކެއެވެ. ނަމަވެސް މިއަދު މިއޮތީ އަނެއްކާވެސް އިތުރު ވިސްނުމަކަށް ދާން މަޖުބޫރުވެފައެވެ. އެކަމަކު މަންމައަށްވުރެ އިސްކަން ދެވޭނެ އެހެން މީހެއް ސާމިހާގެ ހަޔާތަކަށް ނާންނާނެ ކަމުގައި އަބަދުވެސް ސާމިހާ އައީ ދެކެމުންނެވެ. އެކަން އޮންނާނީވެސް އެގޮތުގައެވެ. މަންމަ ދޫކޮށލާފައި ދާނެ އިތުރުތަނެއް ސާމިހާއަކަށް ނޯންނާނެއެވެ. 

ސާމިހާ އަނެއްކާވެސް ފާރިޝްއަށް ގުޅިއެވެ. އަދި މިކަމުގައި ފާރިޝް ބޭނުންވަނީ ކޮންގޮތެއްތޯ އަނެއްކާވެސް އެހިއެވެ. ފާރިޝްގެ ޖަވާބުއައީ ވަރަށް ހަރުކަށިކޮނެވެ. ސާމިހާއަށް ނާދެވޭނަމަ ވަރި ކުރާނެކަމުގައި ބުންޏެވެ. އަދި އިތުރަށް ސާމިހާއާއި އެކު އުޅެން ބޭނުން ނޫންކަމުގައި ބުންޏެވެ. ސާމިހާގެ ހިތް ކުދި ކުދި ވެގެން ފޭބި ކަހަލައެވެ.

ހަވީރު ވިއިރުވެސް ސާމިހާ ކޮޓަރިން ނުނިކުމެއެވެ. ސާމިހާގެ މަންމަ އެކަމާ ކަންބޮޑުވެގެން ގޮސް ސާމިހާއަށް ގޮވިއެވެ. އެތައް އިރަކު ގޮވިފަހުން ސާމިހާ ދޮރުހުޅުވިއެވެ. މިލާ މޯޅިވެފައިވާ މޫނު ފެނުމާއި އެކު ސާމިހާގެ މަންމަ ހައިރާންވިއެވެ. ދެލޯ ހީވަނީ އަނގުރު އަލިފާން ހެނެވެ. އެހާވެސް ރަތެވެ.  ސާމިހާގެ މަންމައަށް ރޮވުނެވެ. ލޯބިވާ ދަރިފުޅުގެ ތާޒާކަން ކެނޑި މިލާ މޯޅިވެފައިވާވަރު ފެނިފައެވެ. މަންމަގެ ސުވާލުތަކަށް ސާމިހާ ޖަވާބުދެމުންދިޔއެވެ. ދެމައިންގެ ލޮލުން ކަރުނަތައް ފައިބަމުން ދިޔައެވެ. ސާމިހާ ބޭނުންވާގޮތް މަންމަ ގާތުގައި ކިޔައިދިނެވެ.

މަންމަ ދޫކޮށްފައި ދާނެ އެއްވެސް ތަނެއް ނޯންނާނެ ކަމުގައި ބުންޏެވެ. އަދި ދުވަހަކު މީހަކާއި ނުއިނދެ ހުންނަން ޖެހުނަސް ފާރިޝްގެ ގާތަށް މާލެ ނުދާނެ ކަމުގައި ބުންޏެވެ. މަންމައަށް ޚިދުމަތް ކުރުމުގައި މުޅި އުމުރު ހޭދަކުރާނެ ކަމުގައި ބުންޏެވެ. ހިތާމަތަކާއި ކުރިމަތިލާނެ ހިތްވަރު ސާމިހާގެ އެބަހުރިއެވެ. ސާމިހާއަށް އަމިއްލަ ފައިމައްޗަށް ތެދުވެ އުޅެވޭނެހާ ހިތްވަރު ލިބިފައި އެބަހުރިއެވެ. ސާހިލްގެ އުނދަގޫތަކަށް ކެއްކުރެވޭވަރުގެ ގާބިލްކަން އެބަހުރިއެވެ. ކެތްތެރިކަމަކީ ހަމައެކަނި ފިރިހެނަކަށް ވީތީ ކުރެވޭ ކަމެއް ނޫން ކަމުގައި ސާމިހާ ގަބޫލުކުރެއެވެ. ހަޔާތުގައި ދިމާވާ ގޮންޖެހުންތަކާއި ކުރިމަތި ލާނެ ގޮތްތައް ސާމިހާއަށް ވަނީ ދަސްވެފައެވެ. ސާމިހާ އިންތިޒާރުކުރަނީ  ޚުލްޤުހެޔޮ ރަނގަޅު ފިރިއެއް ލިބޭނެ ދުވަހަކަށެވެ. ﷲގެ ހަޒުރަތުގައި ސާމިހާ ދުއާކުރަނީ އުފާވެރި މުސްތަގުބަލަކަށް އެދިއެވެ. އުފާވެރި ހަޔާތެއް މިންވަރު ކުރައްވާނެ ދުވަހަކަށް އިންތިޒާރުގައި ކެތްތެރިކަމާއިއެކު ހުރުމަށް އަޒުމްކަނޑައެޅިއެވެ.  

……. ނިމުނީ………​

ލިޔުންތެރިޔާގެ ފުރަމަލަ

ޔޫސުފް ބިން މޫސާ
ދީނީ އަދި އިޖުތިމާޢީ ރޮނގުން ގަލަން ހިނގައިލުމުގެ އިތުރުން ވާހަކަ ލިޔުމަކީވެސް ޔޫސުފުގެ ހުނަރެކެވެ.
މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް