އިނގެރޭސިންނާއި، ޒަޔަނިސްޓުން

އިނގިރޭސިންގެ ތެރޭގައި އެ ދުވަސްވަރު ތިބި ޔަހޫދީންނާއި އަދި އިނގިރޭސިން ވެސް ގަބޫލުކުރާ ގޮތުގައި، ފަލަސްތީނަކީ އެމީހުންގެ ފޮތް ކަމަށްވާ ބައިބަލްގައި ލިޔެވިފައިވާ މުޤައްދަސް ބިމެވެ. އަދި އެ ބިމަކީ ޔަހޫދީންނާއި ނަސޯރާއިންނަށް ހައްޤުވެފައިވާ ބިމެއްކަމުގައި އެބައިމީހުން ޤަބޫލުކުރެއެވެ. މި ހަައްޤުވުން ބިނާވެފައި ވަނީ ބައިބަލްގައި އައިސްފައިވާ ވާހަކަ އަކުންނެވެ. “ކަލާންގެ” ވަނީ ޔަހޫދީންނަށް އެބިން ދެއްވާފައިކަމާއި އެެގޮތުން ހުރިހާ ޔަހޫދީނަށް ފަލަސްތީނުގެ ބިން ހައްގުވާކަމަށް އެބައިމީހުން ގަބޫލުކުރެއެވެ.

މިހާރުގެ ޔަހޫދީ ވަޒަންވެރިންނަކީ އަރަބި ނުވަތަ ކުރިން ދެންނެވުުނު ފަލަސްތީނުގެ ޔަހޫދީ ވަޒަންވެރިންގެ ދަރިފަސްކޮޅާއި އެއްވެސް ގުޅުމެއްނެތް ބައެއްކަމުގައި ވަނީ ހާމަވެފައެވެ. މިއީ ދުނިޔެ ދުށް އެންމެ އާދަޔާ ޚިލާފު “ހައްޤުވެރިންނެވެ”. އަހަރުން އަހަރަށް ބަދަލުވަމުން އަންނަ ފޮތަކަށް ބިނާކޮށް އަދި ތިމާމެން ޤަބޫލުކުރާ ޤަބޫލުކުރުމަށް ބިނާކޮށް މުދަލެއް ނުވަތަ ބިމެއް ހައްޤުވާނެތޯއެވެ؟

އިނގިރޭސި ސަރުކާރުން ދިއައީ އެކި ގޮތް ގޮތުން ފަލަސްތީނުގެ ތެރެއައް ވަންނަމުންނެވެ. އެގޮތުން ފަލަސްތީނުގެ ބިމުގެ ޗާޓު ކުރެހުމާއި އެކިއެކި އާސާރީ ތަންތަން ހޯދައި، ހިމާޔަތް ކުރުމަށް އިނގިރޭސިން ދިއައީ މަސައްކަތްތަކެއް ކުރަމުންނެވެ.

ނަވާރަވަނަ ގަރުނުގައި މެދު އަދި އިރުމަތީ ޔޫރަޕުގެ ޤައުމުތަކުގައި އުފެދުނު ޒަޔަނިޒަމް ނުވަތަ ޒަޔަނިސްޓުންނަކީ ޔަހޫދީ ދައުލަތެއް އޮންނަން ޖެހޭކަމަށް ބުނެ، އެކަމަށް ވާގިވެރިވާން އުފެދިފައިވާ ޖަމާޢަތެކެވެ. ތިއޮޑޯރ ހާރޒަލް ނަމަކަށް ކިޔާ ޔަހޫދީ ނޫސްވެރިއެއް މިކަމަށް ވަރަށް ބޮޑަށް އަޑު އުފުލަމުން ގެންދިޔައެވެ. ޔަހޫދީންނަށް ހަމަޖެހިލައިގެންް އުޅުމުގެ ފުރުސަތު އޮތީ ވަކި ދައުލަތެއް އޮތުމުން ކަމަށް ބުނެ އަދި އެކަމަށް އެންމެ އެކަށީގެންވާ ބިމަކީ މެދުއިރުމަތީގެ ފަލަސްތީނުގެ ބިން ކަމުގައި ބުންޏެވެ. އަދި މިގޮތުން އުޘްމާނީ ދައުލަތުގެ ވާގިވެރިކަމަށް އެދުނެވެ.  ނަމަވެސް ފަލަސްތީން އުޘްމާނީ ވެރިކަމުގެ ބޭރުން މިނިވަން ދައުލަތެއްގެ ގޮތުގައި ހެދުމަށް އުޘްމާނީ ދައުލަތުން ދެކޮޅު ހެދިއެވެ. ދެން އިނގިރޭސިންގެ ވާގިވެރިކަމަށް އެދުނެވެ. އަދި އިނގިރޭސިން ޔަހޫދީންނަށް އެފްރިކާގެ ޔުގަންޑާގެ ފަޅުބިންތައް ދިނުމަށް ހުށައެޅިއެވެ. ނަމަވެސް ގޮތްދޫނުކުރުމެ ލާމަސީލު ޔަހޫދީން އެކަމަށް އިންކާރުކޮށް ފަލަސްތީނުން ބިން ބޭނުންވާކަމުގައި ތަކުރާރުކޮށް ބުނަމުން ދިއައެވެ.

ނުނިމޭ…

ލިޔުންތެރިޔާގެ ފުރަމަލަ

އިބްރާހިމް ޚަލީލް
އިބްރާހިމް ޚަލީލް
މުނިއަވަސްގެ ޑެޕިއުޓީ އެޑިޓަރ އިބްރާހިމް ޚަލީލްގެ ޚާއްޞަ ދާއިރާ ތަކަކީ ދީނީ، އިޖްތިމާޢީ އަދި އަދަބިއްޔާތެވެ. ކަރަންޓް އެފެއާޒަކީވެސް އޭނާ ފަރިތަ ދާއިރާއެކެވެ.