ހިމޭނުން ނުހުރެވޭ ބަލި (Attention deficit hyperactivity disorder)ނުވަތަ އޭޑީއެޗްޑީ އަކީ ޅައުމުރުގައި (ކުޑަކުދިންނަށް) ދިމާވާ އެންމެ އާންމު “ނިއުރޯޑިވެލޮޕްމެންޓަލް” ޑިސްއޯޑަރ އެވެ. ހިމޭނުން ނުހުރެވޭ ބަލި ފުރަތަމަ ދެނެގަނެވެނީ ޅައުމުރުގައި ކަމަށްވިޔަސް، ޒުވާން އުމުރަށް އަޅާއިރު ވެސް މިބަލީގެ އުދަނގޫ ދެމިހުންނަގޮތް ވެއެވެ. ހިމޭނުން ނުހުރެވޭ ބަލި ހުންނަ ކުދިންނަށް ކަންކަމަށް ސަމާލުކަން ދޭން ދަތިވުމާއި، އިމްޕަލްސިވް ބިހޭވިއަރ ތައް ކޮންޓްރޯލް ކުރުމަށް އުދަނގޫވުމާއި، އަދި މާބޮޑަށް ހަލަނިކޮށް އުޅުމަކީ ދިމާވެދާނެ ކަންކަމެވެ.
އަލާމާތްތައް
ޅައުމުރުގައި ކުއްޖާއަށް ހިމޭނުން ނުހުރުމާއި، މާބޮޑަށް ހަލަނިވުމަކީ ވެދާނެ ގޮތެކެވެ. ނަމަވެސް ހިމޭނުން ނުހުރެވޭ ބަލި ހުންނަ ކުދިންނަށް މިގޮތަށް ހުންނަ ހަލަނިކަމާ، މަޑުން ނުހުރެވުން ފަދަ ކަންތައްތައް ސުކޫލަށްދާ އުމުރަށްއަޅާ އިރު ވެސް ފިލައިނުގޮސް ހުންނަގޮތް ވެއެވެ. ނަތީޖާއެއްގެ ގޮތުން ސުކޫލް މަދަރުސާގައި، ގޭތެރޭގައި ، އަދި ރައްޓަހި ރަހުމަތްތެރިންނާއި، އެކު އުޅުމަށް އޭގެ ނޭދެވޭ އަސަރު ފޯރާގޮތް ވެއެވެ.
ހިމޭނުން ނުހުރެވޭ ބަލި ހުންނަ ކުދިންގެ ކިބައިން ފެނިދާނެ އަލާމާތްތަކުގެ ތެރޭގައި:-
- މަޑުމަޑުން ނުހުރެވުން (ހިފި ހިމޭނުން ނުހުރެވުން)
- ކުއްލި ކުއްލިއަކަށް ރުޅިގަނޑު އައުން
- އެހެން ކުދިންނަށް އުދަނގޫކުރުން / އެހެން ކުދިންނާއެކު އުޅެން އުދަނގޫވުން
- ސަމާލުކަން ދެވޭ ދަރަޖަ ކުޑަވުން
- ކުރަން ހަވާލުކުރާ މަސައްކަތް ނުނިންމުން
- އަތްމުނިމުނި ކަވައިގެން އުޅުން
- ސަމާލުކަން ގެއްލުން : ތަފާތު ކަންތައްތަކަށް ސަމާލުކަން އެނބުރިގެންދިއުން
- ފަސޭހައިން ރޮވުން
- އަވަސް އަވަހަށް މިޒާޖަށް ބަދަލުއައުން
- ކުއްލި ރުޅިގަނޑު އައިސް ކޮންޓްރޯލް ކުރަން އުދަނގޫވުން
- ގިނައިރު އެއްތަނެއްގައި މަޑުން ނުއިދެވުން
- ހިނގާލަ ހިނގާލަ، ދުވެލަ ދުވެލާ، އެއްތަނުން އަނެއްތަނަށް އަރާފައިބާ އުޅުން
- އަނގަ ގަދަވެ، އަވަސް އަރުވާލައިގެން އުޅުން (އަނގަ ގަދަވުން)
- ކުދިކުދި ކަންތައްތައް ހަދާން ނެތުން
- އެހެން މީހުންގެ ވާހަކަ މެދުކަނޑުވާލާ ވާހަކަ ދެއްކުން
- ކުރަން ހަވާލުކުރާ މަސައްކަތް ނުނިންމާ ދޫކޮށްލުން
- ފަރުވާކުޑަކަމުން ކަންކަމުގައި ގޯސްތައް ހެދުން
- ކެތްތެރިކަމެއް ނެތުން (ނުހުރުން)
ވައްތަރުތައް
ހިމޭނުން ނުހުރެވޭ ބަލީގެ 3 ވައްތަރެއް ފާހަގަ ކުރެވިފައިވެއެވެ. އެއީ:-
(ހ) – ސަމާލުކަން ގެއްލުން މާބޮޑަށް ހުރުން (Predominantly Inattentive Presentation): މިވައްތަރުގެ ހިމޭނުން ނުހުރެވޭ ބަލި ހުންނަ މީހުންނަށް، ކަމެއް ރޭވުން، ނުވަތަ ކަމެއްކޮށް ނިންމުމަކީ އުދަނގޫ ކަމެކެވެ. ކަންކަމަށް ރަގަޅަށް ސަމާލުކަން ދޭން ދަތިވާނެ އެވެ. ފަސޭހައިން ސަމާލުކަން ގެއްލި، އެހެން ކަންކަމަށް ސަމާލުކަން އެނބުރިގެންދާގޮތް ވާނެއެވެ. މީހަކު ބުނާގޮތެއް ހަދަން އުދަނގޫވާނެ އެވެ. ވާހަކަ އެއް އަޑުއަހަން ގިނައިރު ހުންނަން އުދަނގޫވާނެ އެވެ. ވަރަށް ފަސޭހައިން ކަންތައްތައް ހަދާން ނެތި، ދުވަހުގެ އެކިއެކި ކަންކަން ފުރިހަމަ ކުރުމުގައި ދަތިތަކާ ކުރިމަތިވާނެ އެވެ.
(ށ) – މާބޮޑަށް ހަލަނިވުން (ހިމޭނުން ނުހުރެވުން) (Predominantly hyperactive-impulsive presentation): މިވައްތަރުގެ ހިމޭނުން ނުހުރެވޭ ބަލި ހުންނަ މީހުން، ހީވާނީ އަތް މުނިމުނިކަވައިގެން އުޅޭހެންނެވެ. އަނގަ ގަދަވާނެ އެވެ. ގިނައިރު އެއްތަނެއްގައި (މިސާލަކަށް ކެއުމަށް، ސުކޫލުންދޭ ފިލާވަޅުތައް ހެދުމަށް) އިށީދެ އިންނަން އުދަނގޫވާނެ އެވެ. ކުޑަކުދިން ދުވެލަ ދުވެލާ، އެއްތަނުން އަނެއްތަނަށް އަރާފައިބާ، ފުއްމައި ހަދާ އުޅެފާނެ އެވެ. ކުއްލި ރުޅިގަނޑު އައިސް ކޮންޓްރޯލް ކުރަން އުދަނގޫވެދާނެ އެވެ. އެހެން ކުދިންނަށް އުދަނގޫކޮށް، އެހެން މީހުންގެ އަތުގައި ހުންނަ އެއްޗެހި ޖަހައިގަނެފާނެ އެވެ. ނުދަންނަ މީހުންނާއި، ނުގުޅޭ ހާލަތު(ވަގުތު)ގައި ވާހަކަ ދައްކައިފާނެ އެވެ. ކިޔޫ އެއް ފަދަ ތަނެއްގައި އިންނައިރު، ތިމާއާއި ޖެހެންދެން މަޑުކޮށްގެން އިންނަން (ގިނައިރު އެއްތަނެއްގައި މަޑުން ނީދެވުން) އުދަނގޫވެދާނެ އެވެ. އަދި ދެވޭ ލަފާތަކާއި، އިރުޝާދުތަކާއި އެއްގޮތަށް އަމަލުކުރަން އުދަނގޫވެދާނެ އެވެ. މިފަދަ މީހުންނަށް އެކުސިޑެންޓުވުމާއި، އެކި ކަހަލަ އަނިޔާ ލިބުމުގެ ފުރުޞަތު އެހެން މީހުންނަށްވުރެ ބޮޑުވާނެ އެވެ.
(ނ) – ސަމާލުކަން ގެއްލުމާއެކު، ހިމޭނުން ނުހުރެވުން (combined presentation): މިވައްތަރުގައި މަތީގައި ބަޔާންކޮށްފައިވާ ދެވައްތަރުގައި ހިމެނޭ އުދަނގޫތައް ކުރިމަތިވުމަކީ ވެދާނެ ގޮތެކެވެ.
ހަދާން ބަހައްޓަންވީ ކަމަކީ ހިމޭނުން ނުހުރެވޭ ބަލި ހުންނަ މީހުންނަށް ވެސް އެއް ފަހަރާ މިހުރިހާ އަލާމާތްތައް ކުރިމަތި ނުވެދާނެ ކަމެކެވެ. އަދި އެކި މީހުންނަށް އަލާމާތްތައް ފެންނަ މިންވަރާއި، ގޮތްތައް ތަފާތު ވެދާނެ ކަމެވެ.
ސަބަބުތައް
ހިމޭނުން ނުހުރެވޭ ބަލި ޖެހޭ ހަގީގީ ސަބަބުތަކާއި، ބައްޔަށް މަގުފަހިކުރާ ކަންތައްތައް އަދި ޔަގީންކަމާއެކު ހޯދިފައެއް ނުވެއެވެ. މިހާރު ވެސް މިބަލިޖެހުމަށް ކުރިމަތިވާ ސަބަބުތަކާއި، ބައްޔަށް މަގުފަހިކުރާ ކަންތައްތައް އިލްމުވެރިން ދަނީ ދިރާސާކުރަމުންނެވެ. ބަލީގެ ސަބަބުތަކާއި، މަގުފަހިކުރާ ކަންތައްތައް ހޯދުމުގެ ގޮތުން އަންނަނިވި ކަންތައްތައް އިލްމީ މާހިރުން މިހާރު ވެސް ދަނީ ދިރާސާކުރަމުންނެވެ.
- އާއިލާގައި ބަލި ދައުރުވަމުން އައުން
- ސިކުނޑިއަށް ލިބޭ އަނިޔާ (ޚާއްޞަކޮށް ނިއްކުރިމައްޗާއި ދިމާލުން ބޮލުގެ ކުރިމަތިން ސިކުނޑިއަށް ލިބޭ އަނިޔާ)
- މާހައުލުން ހުށައެޅޭ މާއްދާތައް (މިސާލަކަށް ތިމަރައަށް ހުށަހެޅުން) / ހަށިގަނޑުގައި ތިމަރައިގެ މިންވަރު މަތިވުން
- މާބަނޑު ދުވަސްވަރު ބަނގުރާ ބޭނުންކުރުމާއި، ދުންފަތުގެ އިސްތިއުމާލުކުރުން
- ދުވަސްނުފުރާ ވިހެއުން
- އުފަންވާއިރު ބަރުދަން ލުއިވުން
އާންމުކޮށް ގަބޫލުކުރެވިފައި އޮންނަ ގޮތާއި، ޚިލާފަށް މާގިނައިން ހަކުރު ބޭނުންކުރުން، މާގިނައިން ސްކްރީން މީޑިޔާ ބޭނުންކުރުން (ޓީވީ ބެލުން، ފޯން، ޓެބްލެޓް، އައިޕެޑް، އައިޕޮޑް، ފަދަ ތަކެއްޗާއި ކުޅުން (ލަވަ ބެލުން، ގޭމްކުޅުން)، ވީޑިޔޯ ގޭމްކުޅުން)، ކުދިން ތަރުބިއްޔަތުކުރަން ނޭގުން، ފަގީރުވުން ފަދަ އިޖުތިމާޢީ މައްސަލަތައް، ވެށީގައި ހުންނަ މައްސަލަތައް ފަދަ ކަންކަމުގެ ސަބަބުން ހިމޭނުން ނުހުރެވޭ ބަލި ކުރިމަތިވާކަމަށް، ޔަގީންކޮށް ކަށަވަރުކޮށްދޭ، އެކަށޭނަ ހެކިތައް އިލްމީގޮތުން އަދި ހޯދިފައެއް ނުވެއެވެ. ނަމަވެސް ގަބޫލުކުރަންޖެހޭ ހަގީގަތަކީ މިދެންނެވި ކަންކަމަކީ ހިމޭނުން ނުހުރެވޭ ބަލި ހުންނަ ކުދިންގެ ކިބައިގައި ހުންނަ ނޭއްގާނީ އާދަތަކާއި، އެކުދިންނަށް ކުރިމަތިވާ އުދަނގޫތައް، އިތުރަށް ގޯސްކުރާ ކަންތައްތަކެއް ކަމެވެ.
އާއިލާގައި ބަލި ދައުރުވުން
ފަހުގެ ދިރާސާތައް ދައްކާގޮތުގައި ހިމޭނުން ނުހުރެވޭ ބަލި ކުރިމަތިވުމާއި، ވިރާސީ ބަހާއާއި، (ވާރުތަވުމާއި) ގުޅުމެއް ވެއެވެ. މާނައަކީ ހިމޭނުން ނުހުރެވޭ ބައްޔަކީ މައިންބަފައިންގެ ފުށުން ދަރިންނަށް ލިބިދޭ ވިރާސީ ބަހާއެއްގެ ސަބަބުން ވާރުތަވެދާނެ ކަމެކެވެ. އެހެންކަމުން މިއީ އާއިލާގެ ތެރޭގައި ދައުރުވަމުން އަންނަ ކަމަކަށް ވެދާނެ އެވެ. މައިންބަފައިންގެ ތެރެއިން އެކަކުގެ ކިބައިގައި ހިމޭނުން ނުހުރެވޭ ބަލި ހުރިނަމަ، ދަރިންނަށް އެބަލިކުރިމަތިވުމުގެ ފުރުޞަތު %50 އޮވެއެވެ. އަދި ދޮށީ ދަރިއެއްގެ ކިބައިގައި މިބަލި ހުރިނަމަ، ފަހުން ލިބޭކުދިންނަށް މިބަލި ކުރިމަތިވުމުގެ ފުރުޞަތު %30 އޮވެއެވެ.
މާބަނޑު ދުވަސްވަރު ދިމާވާ މައްސަލަތައް
ދިރާސާތައް ދައްކާގޮތުގައި ދުވަސްނުފުރާ ވިހާ ކުދިންނާއި، އުފަންވާއިރު ބަރުދަން ލުއިކުދިންނަށް، ހިމޭނުން ނުހުރެވޭ ބަލި ކުރިމަތިވުމުގެ ފުރުޞަތު ބޮޑެވެ. މީގެ އިތުރުން މާބަނޑު ދުވަސްވަރު މައިމީހާ ބަނގުރާ ބުއިން، ދުންފަތުގެ އިސްތިއުމާލުކުރުން، މަސްތުވާތަކެތި ބޭނުންކުރުން ފަދަ އާދަތައް ގެންގުޅޭނަމަ، ލިބޭ ދަރިންނަށް ހިމޭނުން ނުހުރެވޭ ބަލި ކުރިމަތިވުމުގެ ފުރުޞަތު ބޮޑެވެ. މާބަނޑު ދުވަސްވަރު ތިމަރަ، ޕޮލީކްލޮރިނޭޓެޑް ބައިފީނައިލް، އަދި ފަނިފަކުސަމަރާ ބޭސްތަކަށް މާގިނައިން ހުށަހެޅުމަކީ ވެސް ހިމޭނުން ނުހުރެވޭ ބަލި ހުންނަ ކުދިންގެ ލިބުމުގެ ފުރުޞަތު އިތުރުކޮށްފާނެ ކަމެއްކަމަށް ބެލެވެއެވެ. ނަމަވެސް ޔަގީންކަމާއެކު އެއްވެސް ދިރާސާއަކުން މިކަންކަން ސާބިތުކޮށްދެވިފައެއް އަދި ނުވެއެވެ.
ހިމޭނުން ނުހުރެވޭ ބައްޔާ އެކުއެކީގައި ދިމާވެދާނެ އެހެން ބައެއް ހާލަތްތަކާ، ބަލިތައް
- އުގެނުމުގެ ނުކުޅެދުންތެރިކަން ހުރުން
- އޮޕޮޒިޝަނަލް ޑިފިއެންޓް ޑިސްއޯޑަރ
- ކަންޑަކްޓް ޑިސްއޯޑަރ
- ހާސްވެކަންބޮޑުވުން
- ހިތާމަކުރުމުގެ ބަލި
- ބައިޕޯލަރ ޑިސްއޯޑަރ
- ޓޫރެޓް ސިންޑްރޯމް
ދެނެގަތުން
ހިމޭނުން ނުހުރެވޭ ބަލި ހުރިކަން ދެނެގަނެވި، އެބަލިހުރިކަމަށް ކަނޑައެޅޭނީ ނަފްސާނީ ގޮތުން ބަލަންޖެހޭ ބެލުންތަކާ، ހަދަން ޖެހޭ ޓެސްޓުތައް ހެދުމަށްފަހު ގައެވެ. އެންމެ ޓެސްޓެއް ހަދައިގެން ހިމޭނުން ނުހުރެވޭ ބަލި ދެނެގަނެވޭނެ ޓެސްޓެއް އަދި ނެތެވެ. ނަފްސާނީ ބަލިތަކުގެ ތެރޭގައި ހިމެނޭ ހާސްވެކަންބޮޑުވުން، ހިތާމަކުރުމުގެ ބަލި، ބައެއް ކަހަލަ އުގެނުމުގެ ނުކުޅެދުންތެރިކަން ފަދަ ކަންކަމަކީ އެބަލިތަކުގެ އަލާމާތްތައް ވަރަށް އެއްގޮތް ބަލިތަކެވެ. އެހެން ކަމުން ހިމޭނުން ނުހުރެވޭ ބަލި ހުރިކަމަށް ޝައްކުކުރެވޭނަމަ، އެހެން ބަލިތައް ދެނެގަތުމަށް ބަލާފަދައިން، ޖިސްމާނީގޮތުން ބަލާބެލުންތަކާއި، އެހެނިހެން ގުޅުންހުރި ޓެސްޓުތައް ކުރެވޭނެ އެވެ. އަދި އެއްގޮތް އަލާމާތްތައް ހުންނަ އެހެން ބަލިތައް ފާހަގަކުރެވޭތޯ ވެސް ބަލާނެއެވެ. ޖިސްމާނީ ގޮތުން ބަލާބެލުންތަކުގެ ތެރެއިން އަޑުއިވުމާއި، ފެނުމުގައި ހީނަރުކަމެއް ހުރިތޯ ބަލާނެ އެވެ. މީގެ އިތުރުން ހިމޭނުން ނުހުރެވޭ ބަލި ހުންނަ ކުދިންގެ މައިންބަފައިންނާއި، މުދައްރިސުންގެ ކިބައިން ވެސް ކުއްޖާއާއި ބެހޭ މައުލޫމާތުތައް އަހައި އޮޅުން ފިލުވަން ޖެހޭނެ އެވެ.
އެމެރިކާގެ ސައިކިއެޓްރިކް އެސޯސިއޭޝަން އިން ތައްޔާރުކޮށް ނެރެފައިވާ “ޑައިގްނޯސްޓިކް ސްޓެސްޓިކަލް މެނުއަލް 5” ގައިވާ ހިމޭނުންނުހުރުވޭ ބަލި ކަން ކަނޑައަޅައިދޭ ސިފަތައް “ޑީއެސްއެމް-5 ކްރައިޓީރިޔާ”(DSM-5 criteria for ADHD) ތިރީގައި މިވަނީ އެވެ.
ހިމޭނުން ނުހުރެވޭ ބަލި ހުންނަ ކުދިންގެ ފުށުން ފެންނަ ސަމާލުކަން ގެއްލުން (ސަމާލުކަން ނުދެވުން/ ސަމާލުކަން ކުޑަވުން/ ސަމާލުކަން ދޭން ދަތިވުން) އަދި/ނުވަތަ ހިމޭނުން ނުހުރެވުން – ވިސްނާނުލާ ކަންކަން ނިންމުން ފަދަ ކަންތައްތަކުގެ ސަބަބުން އެކުދިންގެ ދިރިއުޅުމަށް އޭގެ ނޭދެވޭ އަސަރުކުރާގޮތް ވެއެވެ.
(1) – ސަމާލުކަން ގެއްލުން (Inattention): އުމުރުން 16 އަހަރުން ދަށުގެ ކުދިންގެ ފުށުން، ސަމާލުކަން ގެއްލުމާއި ގުޅުންހުރި 6 ނުވަތަ އެއަށްވުރެ ގިނަ އަލާމާތްތައްތައް ފެނުން، 17 އަހަރުން މަތީގެ ކުދިންނާއި، ޒުވާނުންނާއި، ބޮޑެތި މީހުންގެ ފުށުން ، ސަމާލުކަން ގެއްލުމާއި ގުޅުންހުރި 5 ނުވަތަ އެއަށްވުރެ ގިނަ އަލާމާތްތައްތައް ފެނުން، ސަމާލުކަން ގެއްލުމާއި ގުޅުންހުރި އަލާމާތްތަކާ، އުދަނގޫތައް، މަދުވެގެން 6 މަސް ދުވަހަށް ދެމިގެންދިއުން، އަދި ކުރިމަތިވާ އުދަނގޫތައް، އެކުއްޖެއްގެ (އެމީހެއްގެ) އުމުރާ ނުގުޅުން.
ސަމާލުކަން ގެއްލުމާއި ގުޅުންހުރި އަލާމާތްތައް ތިރީގައި މިވަނީ އެވެ.
- ކަމަކަށް ރަގަޅަށް ސަމާލުކަން ދޭން ދަތިވުން، ނުވަތަ ސުކޫލް ފިލާވަޅުތައް، ކުރާ މަސައްކަތްތައް، ނުވަތަ ކުރާ އެހެނިހެން ކަންކަމުގައި ފަރުވާކުޑަކަމުން ގޯސްތައް ހެދުން
- ވަކި ހަރަކާތްތަކެއް ކުރުމަށް (ކުޅިވަރެއް ކުޅުމަށް)، ނުވަތަ ވަކިކަމެއް ކުރުމަށް ސަމާލުކަން ދީގެން ހުރުމަށް އުދަނގޫވުން،
- މުޚާޠަބުކޮށް ވާހަކަދައްކާއިރު ކަނުލާ އަޑުނޭހުން
- ދޭ ލަފާތަކާ އެއްގޮތަށް އަމަލުނުކުރުން އަދި ކުރަން ހަވާލުކުރާ މަސައްކަތް (ސުކޫލް ފިލާވަޅުތައް، ޑިއުޓީގައި ކުރަންޖެހޭ ކަންތައްތައް) ނުނިންމާ ދޫކޮށްލުން
- ކަމެއް ނުވަތަ ހަރަކާތެއް ރާވައި ހިންގަން އުދަނގޫވުން
- ވިސްނައިގެން ގިނައިރުން ކުރަންޖެހޭ ކަންތައްތައް ކުރަން ބޭނުންނުވުން، ނުވަތަ ކުރަން ގަޔާނުވުން (މިސާލަކަށް ގޭގައި ހަދަން ހުންނަ ފިލާވަޅުތައް ހެދުން)
- ކަމެއްކުރުމަށް، ނުވަތަ ހަރަކާތެއް ހިންގުމަށް ބޭނުންވާ މުހިއްމު ތަކެތި ގެއްލުވާލުން ( ފަންސުރު، ގަލަން، ރަބަރު، ފަތިގަނޑު ފަދަ ތަކެތި، ފައިސާ ދަބަސް، ތަޅުދަނޑި، މުހިއްމު ލިޔެކިޔުންތައް، އަވިއައިނު، އަދި ފޯނު ފަދަ ތަކެތި)
- ފަސޭހައިން އެހެން ކަންކަމަށް ސަމާލުކަން އެނބުރިގެންދިއުން
- ކުދިކުދި ކަންތައްތައް ހަދާން ނެތުން (އާންމުކޮށް ކޮންމެ ދުވަހަކު ކުރާ ކަންތައްތައް ހަދާންނެތުން)
(2) – ހިމޭނުން ނުހުރެވުމާ – ވިސްނާނުލާ ކަންކަން ނިންމުން (Hyperactivity and impulsivity): އުމުރުން 16 އަހަރުން ދަށުގެ ކުދިންގެ ފުށުން، ހިމޭނުން ނުހުރެވުމާ– ވިސްނާނުލާ ކަންކަން ނިންމުމާއި ގުޅުންހުރި 6 ނުވަތަ އެއަށްވުރެ ގިނަ އަލާމާތްތައްތައް ފެނުން، 17 އަހަރުން މަތީގެ ކުދިންނާއި، ޒުވާނުންނާއި، ބޮޑެތި މީހުންގެ ފުށުން ، ހިމޭނުން ނުހުރެވުމާ– ވިސްނާނުލާ ކަންކަން ނިންމުމާއި ގުޅުންހުރި 5 ނުވަތަ އެއަށްވުރެ ގިނަ އަލާމާތްތައްތައް ފެނުން، ހިމޭނުން ނުހުރެވުމާ– ވިސްނާނުލާ ކަންކަން ނިންމުމާއި ގުޅުންހުރި އަލާމާތްތަކާ، އުދަނގޫތައް، މަދުވެގެން 6 މަސް ދުވަހަށް ދެމިގެންދިއުން، އަދި ކުރިމަތިވާ އުދަނގޫތައް، އެކުއްޖެއްގެ (އެމީހެއްގެ) އުމުރާ ނުގުޅުން.
ހިމޭނުން ނުހުރެވުމާ– ވިސްނާނުލާ ކަންކަން ނިންމުމާއި ގުޅުންހުރި އަލާމާތްތައް ތިރީގައި މިވަނީ އެވެ.
- އަތްފައި އަބަދު ތަޅުވާލަ ތަޅުވާލާ، ހަރަކާތްކޮށްލަ، ކޮށްލާ ހުރުން (އަތްމުނިމުނި ކަވައިގެން އުޅުން )
- އިށީދެގެން އިންނަން ޖެހޭ ތަނެއްގައި ކޮޅުކޮޅަށް ހިނގާހިނގާލާ ހުރުން (ކެތްތެރިކަމެއް ނުހުރުން)
- ނުއެކަށޭނަ ހާލަތު(ވަގުތު)ގައި ދުވެލަ ދުވެލާ، އެއްތަނުން އަނެއްތަނަށް އަރާފައިބާ އުޅުން
- ގިނައިރު އެއްކަމެއްގައި ދެމިހުންނަށް އުދަނގޫވުން (ގިނައިރު އެއްތަނެއްގައި މަޑުން ނުއިދެވުން)
- އަވަސް އަރުވާލައިގެން އުޅުން (އަބަދުވެސް ތަނަކަށް ދާންޖެހިފައިވުން)
- އަނގަ ގަދަވުން
- އެހެން މީހުންގެ ވާހަކަ މެދުކަނޑުވާލާ ވާހަކަ ދެއްކުން (ކުރާ ސުވާލު ނުނިމެނީސް ޖަވާބު ދިނުން)
- ތިމާއާއި ޖެހެންދެން ކިޔޫ އެއްފަދަ ތަނަކު މަޑުކޮށްގެން ނުހުރެވުން (މަޑުކޮށްގެން ހުންނަން އުދަނގޫވުން)
- އެހެން ކުދިންނަށް އުދަނގޫކުރުން (ދައްކާ ވާހަކައަށް އަނގަބޭނުން، ކުޅެމުންދާ ކުޅިވަރެއް، ކަމެއްގެ ތެރެއަށް އަތްބޭނުން)
- ކެތްތެރިކަމެއް ނުހުރުން
- ވަގުތާއި ނުގުޅޭ ވާހަކަ ދެއްކުން، ދިމާވެދާނެ ކަމަކަށް ނުވިސްނާ ކަންތައްތައްކުރުން
މީގެ އިތުރުން އަންނަނިވި ކަންތައްތައް ފުރިހަމަވެފައި ހުންނަން ޖެހޭނެ އެވެ.
- އުމުރުން 12 އަހަރުވުމުގެ ކުރިން ސަމާލުކަން ގެއްލުމާއި، ހިމޭނުންނުހުރެވުމާ- ވިސްނާނުލާ ކަންކަން ނިންމުމާއި، ގުޅުންހުރި އަލާމާތްތައް އެތަކެއް ފަހަރު ފެނުން
- ދޭއް ނުވަތަ އެއަށްވުރެ ގިނަ ހާލަތު (ވަގުތު، ތަންތަން) ގައި ހިމޭނުން ނުހުރެވޭ ބަލީގެ ގިނަ އަލާމާތްތައް ފެނުން ( މިސާލަކަށް ގޭގައި، ސުކޫލްގައި، މަސައްކަތުގައި، ރަހުމަތްތެރިންނާއެކު ހޭދަކުރާއިރު، ތިމާގެ މީހުންނާއެކު އުޅޭއިރު، އެހެނިހެން ހާލަތްތަކުގައި)
- ކުރިމަތިވާ އަލާމާތްތަކުގެ ސަބަބުން ކިޔެވުމަށާއި، މަސައްކަތަށާއި، އިޖުތިމާޢީ ދިރިއުޅުމަށް އޭގެ ނޭދެވޭ އަސަރު ފޯރުން
- އެއްގޮތް އަލާމާތްތައް ހުންނަ ނަފްސާނީ އެހެން ބައްޔެއްނޫންކަން ކަނޑައެޅިފައިވުން
ފަރުވާ
ހިމޭނުން ނުހުރެވޭ ބަލި ހުންނަ ކުދިންގެ މައިންބަފައިން ވިސްނަންޖެހޭ އެންމެ މުހިއްމު ކަމަކީ ހިމޭނުން ނުހުރެވޭ ބައްޔަކީ އެއްކޮށް ރަގަޅު ނުކުރެވުނަސް، އޭގެ އުދަނގޫތައް ކުޑަކުރެވިދާނެ ބައްޔެއް ކަމެވެ. އެކުއްޖަކަށް އެންމެ ރަގަޅު ބޭހާއި، ފަރުވާ ކަނޑައެޅޭނީ ބަލަންޖެހޭ ބެލުންތަކާއި، ނަފްސާނީ ގޮތުން ހަދަންޖެހޭ ޓެސްޓުތައް ހެދުމަށްފަހު ގައެވެ. މިފަދަ ކުއްޖެއް ހުންނަ ކޮންމެ މީހަކު ވެސް އެމީހަކު ދިރިއުޅޭ މުޖުތަމަޢުން މިފަދަ ކުދިންނަށް ދެވެން ހުރި ފަރުވާތައް ހޯދައި، އެފަރުވާތައް ދިނުމަށް މަސައްކަތްކުރުމަކީ ބޭނުންތެރި ކަމެކެވެ.
ހިމޭނުން ނުހުރެވޭ ބަލި ހުންނަ ކުދިންނަށް ފަރުވާ ދިނުމުގައި އެންމެ ރަގަޅު އެންމެ ގިނަފަހަރު އަމަލުކުރެވޭ ގޮތަކީ ބޭސް ބޭނުންކުރުމާއެކު، “ބިހޭވިއަރ ތެރަޕީ”(behavior therapy) ދިނުމެވެ. ބޭސް ބޭނުންކުރަމުންދާ ދުވަސްވަރާއި، ބިހޭވިއަރ ތެރަޕީ ދެމުންދާއިރު، ކުއްޖާއަށް އަންނަ ބަދަލުތައް ގާތުން ބަލަމުން ގެންދަން ވާނެއެވެ.
ހިމޭނުން ނުހުރެވޭ ބަލީގެ ކުދިންނަށް ދީއުޅޭ ފަރުވާތައް ތިރީގައި މިވަނީ އެވެ.
- ބޭސް ބޭނުންކުރުން
- ބިހޭވިއަރ ތެރަޕީ ދިނުން
- މައިންބަފައިން ތަމްރީނުކުރުވުން (ކުއްޖާއާއި މެދު އަމަލުކުރާނެގޮތް މައިންބަފައިންނަށް ދަސްކޮށްދިނުން)
- ސުކޫލް، މަދަރުސާތަކުގައި ފަހިކޮށްދޭންޖެހޭ ކަންތައްތައް (މުދައްރިސުން ތަމްރީނުކުރުވުން)
ބިހޭވިއަރ ތެރަޕީ ދިނުން
ދިރާސާތަކުން ދައްކާގޮތުގައި ބިހޭވިއަރ ތެރަޕީ އަކީ ހިމޭނުން ނުހުރެވޭ ބަލީގެ ކުދިންނަށް ދެވޭ ފަރުވާގެ ވަރަށް މުހިއްމު ބައެކެވެ. ބިހޭވިއަރ ތެރަޕީގެ ސަބަބުން ހިމޭނުން ނުހުރެވޭ ބަލީގެ ކުދިންނަށް މެދުވެރިވާ، ސަމާލުކަން ގެއްލުމާއި، އެއްތަނެއްގައި ގިނައިރު ނީދެވުން، ހިމޭނުން ނުހުރެވުން، އަދި އެހެން މީހުންނާއި އެކު އުޅެން އުދަނގޫވުން ފަދަ ކަންތައްތަކަށް ލުއިކަން ގެނެސްދީ، އެކަންކަން ރަގަޅުކުރުމަށް މަގުފަހިވެގެން ދެއެވެ. އެހެންކަމުން ހިމޭނުން ނުހުރެވޭ ބައްޔަށް ޑައިގްނޯސްކުރެވޭ ހިސާބުން ބިހޭވިއަރ ތެރަޕީ ދޭން ފެށުމަކީ ބޭނުންތެރި ކަމެކެވެ.
ބިހޭވިއަރ ތެރަޕީ ދެމުންދާއިރު އަންނަނިވި ކަންތައްތަކުން އެހީތެރިކަން ހޯދިދާނެ އެވެ.
- ކަނޑައެޅޭ ވަކި ގޮތަކަށް އަމަލުކުރަމުން ގެންދިއުން : ކޮންމެ ދުވަހަކު ހެދުނު ހޭލީއްސުރެ ނިދުމާއި ހަމައަށް ވަކި އުސޫލަކުން، ވަކި ތަރުތީބަކުން ކަންކަން ކޮށްދެމުން، ކުރަމުން ގެންދިއުން މުހިއްމެވެ.
- ވަކި ގޮތަކަށް ކަންކަން ތަރުތީބުކުރުން : ސުކޫލް ދަބަސް، އަންނައުނު، ކުޅޭ ތަކެތި، ކޮންމެ ދުވަހަކު ވެސް އެއްތަނެއްގައި ބަހައްޓާށެވެ. އޭރުން ދަރިފުޅަށް އެތަކެތި ގެއްލުމުގެ ފުރުޞަތު ކުޑަވާނެ އެވެ.
- ފަސޭހައިން ކުއްޖާގެ ސަމާލުކަން އެނބުރިގެން ދިޔަނުދިނުން : ކުއްޖާ ސުކޫލްގެ ފިލާވަޅުތައް ހަދާ ގަޑީގައި ޓީވީ، ރޭޑިޔޯ، ކޮމްޕިއުޓަރު ފަދަ ތަކެތި ނިއްވާލާށެވެ. މިގޮތަށް ހެދުމުން ފިލާވަޅު ހަދާގަޑީގައި ކުއްޖާގެ ސަމާލުކަން އެހެން ކަންކަމަށް އެނބުރިގެން ދިއުމުގެ ފުރުޞަތު ކުޑަވާނެ އެވެ.
- އިޚުތިޔާރުތައް ވަކި ހުދޫދެއްގައި ބެހެއްޓުން : އެކި ކަންކަމުގައި ތަފާތު ދެ އިޚްތިޔާރެއް ދޭށެވެ. މިގޮތަށް ހެދުމުން އިޚްތިޔާރުކުރާނެ އެއްޗެއް ނޭގިގެން އުޅުން، ގޮތެއް ނިންމަން ނޭނގިގެން އުޅުން ފަދަ ކަންކަން ކުޑަކުރެވޭނެ އެވެ.
- ދަރިފުޅާމެދު ކުރާ މުއާމަލާތް ބަދަލުކުރުން : ދަރިފުޅު ޒިންމާތައް ދިގުކޮށް، ތަފްސީލްކޮށް ބުނެދިނުމުގެ ބަދަލުގައި ކުރުކޮށް، ރީތި ބަހުން ދަރިފުޅަށް ކިޔާދެވިދާނެ އެވެ.
- އަމާޒުތަކެއް ކަނޑައަޅައި، އެއަމާޒުތަކަށް ވާޞިލްވުމަށް މަސައްކަތްކުރުމަށް ބާރުއެޅުން : ދަރިފުޅު ޙާޞިލްކުރާނެ އަމާޒުތަކެއް ކަނޑައަޅާށެވެ. ކުރާނެ ރަގަޅު ކަންތައްތަކުގެ ލިސްޓެއް ތައްޔާރުކުރާށެވެ. އޭގެތެރެއިން ދަރިފުޅު ޙާޞިލްކުރި ކަންކަން ފާހަގަކުރާށެވެ. ދަރިފުޅުގެ ކުރި މަސައްކަތަށް ހިތްވަރުދީ، ތައުރީފުކުރާށެވެ. އަދި ކަނޑައެޅި އަމާޒަށް ވާޞިލްވީތީ، އެކަން ފާހަގަކުރުމުގެ ގޮތުން ދަރިފުޅަށް ރަގަޅު ހަދިޔާއެއް ދޭށެވެ.
- އަޚްލާގު ރަގަޅުކުރުމަށް މަސައްކަތްކުރުން : ދަރިފުޅު ގޯސްކަމެއް ކުރުމުން، ހަޅޭލަވާ، އެއްޗެހި ކިޔާ ހެދުމުގެ ބަދަލުގައި ރީތި ބަހުން ހެޔޮ ނަޞޭހަތްދޭށެވެ. އަދި ގޯސްކޮށް ކުރި ކަންތައް ރަގަޅުކޮށް އިސްލާހުވުމަށް ދަރިފުޅަށް ވަގުތު ދޭށެވެ.
- ދަރިފުޅުގެ ކިބައިގައި ހުރި ހުނަރެއް ކުރިއެރުވޭތޯ ބެލުން : ދަރިފުޅަށް ރަގަޅަށް ކުރެވެނީ ކޮންކަމެއްތޯ، ދަރިފުޅުގެ ކިބައިގައި ހުރީ ކޮން ހުނަރެއްތޯ ހޯދާ ބަލައި ފާހަގަ ކުރާށެވެ. އެއަށްފަހު އެ ހުނަރެއް ތަރައްގީކުރުމަށް އެހީތެރިވެދޭށެވެ.
ބޭސް ބޭނުންކުރުން
ހިމޭނުންނުހުރެވޭ ބަލި ހުންނަ ކުދިންނަށް ބޭސްދީގެން ފަރުވާ ކުރުމަކީ ކޮންމެ ދުވަހެއްގެ ދިރިއުޅުމުގައި ބަލީގެ ސަބަބުން ކުރިމަތިވާ އުދަނގޫތައް ލުއިކުރުމަށް އެހީތެރިވެދޭނެ ކަމެކެވެ. ތަފާތު ބޭސްތައް ހިމޭނުން ނުހުރެވޭ ބަލީގެ ފަރުވާގައި ބޭނުންކުރެވެއެވެ. އެގޮތުން ފާހަގަކޮށްލެވޭ ބޭސްތަކުގެ ތެރޭގައި:-
- ސްޓިމިއުލެންޓްސް (stimulants): މިއީ އެންމެ އާންމުކޮށްދީ އުޅޭ ބޭސް ތަކެވެ. މިބޭސްތައް ބޭނުންކުރުމުން ހިމޭނުން ނުހުރެވޭ ބަލި ހުންނަކުދިންގެ ތެރެއިން %80-70 ކުދިންނަށް ލުއިލިބޭކަން ފާހަގަ ކުރެވެއެވެ. ސްޓިމިއުލެންޓްސް ގެ ގޮތުގައި ދީއުޅޭ ބޭސްތަކުގެ ތެރޭގައި މީތައިލްފެނިޑޭޓް، އަދި އެމްފިޓަމިން ފަދަ ބޭސްތައް ހިމެނެއެވެ.
- ނަން ސްޓިމިއުލެންޓްސް (non-stimulants): މިއީ ސްޓިމިއުލެންޓްސް އަށްވުރެ ނޭދެވޭ އަސަރު ފެނުން ކުޑަ ބޭސް ތަކެކެވެ. މިބޭސްތައް ތަޢާރަފްކުރެވުނީ 2003 ވަނަ އަހަރުގައެވެ. ނަންސްޓިމިއުލެންޓްސް ގެ ގޮތުގައި ދީއުޅޭ ބޭސްތަކުގެ ތެރޭގައި އެޓޯމޮކްސީޓިން، ގުއެންފޭސިން، އަދި ކްލޮނިޑިން، ފަދަ ބޭސްތައް ހިމެނެއެވެ.
އެކި ބޭސްތަކުގެ ސަބަބުން އެކި ކުދިންނަށް އަސަރު ކުރަނީ އެކި މިންވަރަށް، އެކި ގޮތަށް ކަމަށްވުމުން، ތަފާތު ބޭސްތައް ދީގެން، ކުއްޖާއަށް އެންމެ ރަގަޅީ އެތަނުން ކޮން ބޭހެއްކަން ހޯދުމަކީ މުހިއްމު ކަމެކެވެ. އެހެންކަމުން މިކަމުގައި ނަފްސާނީ ބަލީގެ ޑޮކްޓަރުންނަށް މައިންބަފައިން އެއްބާރުލުން ދެއްވުމަކީ ބޭނުންތެރި ކަމެކެވެ.
މައިންބަފައިން ތަމްރީނުކުރުވުން
ހިމޭނުން ނުހުރެވޭ ބަލީގެ ކުއްޖަކާމެދު ގޭގައި އަމަލުކުރެވިދާނެގޮތްތައް މައިންބަފައިންނަށް ދަސްކޮށްދީ، ތަމުރީނުކުރުވުމަކީ މިބަލީގެ ފަރުވާގެ މުހިއްމު ބައެކެވެ. އާންމު ތަރުބިއްޔަތު ކުރުމުގައި ގެންގުޅޭ އުސޫލުތަކަށް ހިމޭނުންނުހުރެވޭ ބަލި ހުންނަ ކުއްޖަކު ބޯނުލެވުމަކީ ވެދާނެ ގޮތެކެވެ. އެހެންކަމުން މައިންބަފައިންނަށް މިފަދަ ކުއްޖަކާމެދު ގޭގައި އަމަލުކުރެވޭނެ ގޮތްތައް ދަސްކޮށްދީފައި ބޭއްވުމަކީ މައިންބަފައިންނާއި، މިފަދަ ބަލި ހުންނަ ކުދިންނަށް އޭގެ ހެޔޮ ފައިދާ ލިބިދޭނެ ކަމެކެވެ.
މުދައްރިސުން ތަމްރީނުކުރުވުން
މައިންބަފައިންނެކޭ އެއްފަދައިން ހިމޭނުން ނުހުރެވޭ ބަލި ހުންނަ ކުދިންނަށް ކިޔަވާދޭ މުދައްރިސުންނަށް ވެސް މިފަދަ ކުއްޖަކާ މެދު ސުކޫލު މާހައުލުގައި އަމަލުކުރަންޖެހޭގޮތްތަކާއި، ގެންގުޅެންޖެހޭ އުސޫލްތަކާއި، އެނގެންޖެހޭ ހުނަރުތައް، އެނގިފައި އޮތުމަކީ ވަރަށް މުހިއްމު ކަމެކެވެ. އަދި މުދައްރިސުން އެކަމަށް ތަމްރީނުކުރުމަކީ ވަރަށް ބޭނުންތެރި ކަމެކެވެ.
މައުލޫމާތު :
- http://www.cdc.gov/ncbddd/adhd/facts.html
- http://www.cdc.gov/ncbddd/adhd/diagnosis.html
- http://www.cdc.gov/ncbddd/adhd/treatment.html
- http://www.help4adhd.org/en/about/causes
- http://www.nimh.nih.gov/health/publications/attention-deficit-hyperactivity-disorder/index.shtml
- http://www.webmd.com/add-adhd/guide/adhd-causes
ލިޔުން ނަގާފައި ވަނީ:
ލިޔުންތެރިޔާގެ ފުރަމަލަ
- މުހިންމު ބޭނުންތެރި ލިޔުންތައް އެކިއެކި ވަޞީލަތް ތަކުން ނަގައިގެން، ލިޔުމުގެ އަސްލު މުސައްނިފް ލިޔުއްވި ލިޔުމެއްކަން އެނގޭ ގޮތަށް 'ރަން ގަލަން' ޕޯސްޓް ކުރާނެ އެވެ.
މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 11 ފެބްރުއަރީ 2024ރިޕޯޓްއައިބައިފިލި : ދިވެހިބަހުން ގެއްލެމުންދާ އަގުބޮޑު މުދަލެއް
- 31 ޖެނުއަރީ 2024އަދަބިއްޔާތުފަޚުރުވެރި ދިވެހިބަސް
- 3 ނޮވެމްބަރ 2023އަދަބިއްޔާތުދިވެހިން ކުރާނެ ކުށްވެރި
- 31 އޮކްޓޯބަރ 2023ހާދިސާދިރާސާ ނަޒަރަކުން ތިނެއް ނޮވެމްބަރުގެ ޢުދުވާނީ ޙަމަލާ