ދުފުމަކީ ދެކުނު އޭޝިޔާގެ ޤައުމުތަކުގައި ވަރަށް އާއްމުކަމެއްކަން މިއީ އެންމެންވެސް ދަންނަ ކަމެކެވެ. އެހެންކަމުން ދުފުމުގެ ބާވަތްތައް އެ ގައުމުތަކުގެ ކޮންމެވެސް ހިސާބަކުން ގަންނަން ލިބެން ހުރެއެވެ.

2006 ވަނަ އަހަރު، އެއަރ ޓްރެފިކް ކޮންޓްރޯލް ކޯސް ހެދުމަށް ތައިލޭންޑްގެ ބެންކޮކުގައި ފަސް ވަރަކަށް މަސްދުވަހު ހޭދަކޮށްލުމުގެ ފުރުޞަތު އަޅުގަނޑަށް ލިބިގެންދިޔައެވެ. އެ މުއްދަތުގެ ތެރޭގައި ދުފުމަށް ގެންދިޔަ ތަކެތި ހުސްވެގެން ފޯއްކޮޅެއް ގަތުމަށް ޗައިނާ ޓައުން އަށް ދިޔައިމެވެ. އިންޑިޔާގެ ހިންދީ ބަހުން ވާހަކަދައްކާ މީހުން ފުދޭވަރަކަށް ގިނަ ސަރަހައްދެއްކަމުން އެތަނުން ދެތިން މީހެއް ކައިރީގައި ހިންދީބަހުން ‘ޕާން’ ގަންނަން ލިބެނީ ކޮންތާކުންތޯ އަހައި އޮޅުންފިލުވައިގެން ވަރަށް ފަސޭހައިން ފޯއްކޮޅެއް ގަންނަން ލިބުނެވެ.

ބެންކޮކަށް ފުރަތަމަ ކުރެވުނު ދަތުރަށްފަހު މިދިޔަ އަހަރާއި މި އަހަރު އަނެއްކާވެސް މިވަނީ ބެންކޮކަށް އާދެވިފައެވެ. އެންމެ ފުރަތަމަ ބެންކޮކަށް ކުރެވުނު ދަތުރުގައި ބައެއް ސަރަހައްދުތަކުން ހޯޅިއެއްހެން އޮޅާލާފައިވާ ބިލެތް ފަތަކާއި ދެ ފަޅިއަށް ފަޅާލާފައިވާ ފެން ފޯކެއް ވަރަށް ރީތިކޮށް ބަންދުކޮށްފައި ވިއްކަން ބަހައްޓާފައި ހުރިތަން ފެނުނެވެ. އެއާ ބެހޭގޮތުން ބައެއް މީހުންނާ ސުވާލުކޮށްލުމުން އެނގުނީ ތައިލޭންޑަކީ ދުފުމުގައި އަރާތިބި ބަޔަކު އުޅުނު ގައުމެއް ކަމެކެވެ. ވަކިން ޚާއްޞަކޮށް، ތައިލޭންޑްގެ އެންމެން އެއްވެސް ހައްދެއް ނެތް މިންވަރަށް ތާއިދުކުރި، އިހުތިރާމާއި ލޯބިދެމުން އައި ކިންގް ރާމާ 5ވަނަ ވެސް ވަރަށް ގިނައިން އަޑަފިކޮޅުހިއްޕަވައި އުޅުއްވިއެވެ. ނަމަވެސް އަޑަފިކޮޅުހިއްޕެވުން ނުވަތަ ދުފުމަކީ ނުރައްކާތެރިކަމެއް ކަން އެނގިވަޑައިގެން އެކަން ހުއްޓައިލެއްވިއެވެ. އެއަށްފަހު ރައްޔިތުންގެ ކިބައިން އެކަން ކުރުން ހުއްޓައިލެއްވުމަށް އެދިވަޑައިގެންނެވެ. އެ ހިސާބުން ފެށިގެން ތައިލޭންޑްގައި ދުފުމުގެ އާދަ އުވެމުން ނެތެމުން ގޮސް މިހާރު، ތައިލޭންޑުން ދުފައިއުޅޭ މީހެއް ފެންނަނީ ކާޅަކުން ހުދުފަތެއް ފެންނަހައިވެސް މަދުންނޭ ބުނެވިދާނެއެވެ. މިހާރު ތައިލޭންޑްގެ ރަސްކަމުގައި ހުންނެވީ ރާމާ 10ވަނަ ކަން އިތުރު މަޢުލޫމާތަށްޓަކައި މިތަނުގައި ފާހަގަކޮށްލާނަމެވެ.

ތައިލޭންޑްގެ އަންހެނެއް ދުފުމަށް ބޭނުންކުރާ ސާމާނު ހިފައިގެން ދުފަން އިށީންދެގެން

ދުފުމަކީ ތައިލޭންޑްގެ ސަގާފީ ކަމެއް

އުމުރުން 70 އަހަރުން ދަށުގެ މީހަކު ދުފައި އުޅޭތަން ތައިލޭންޑުން ފެނުމަކީ ނާދިރު ކަމެކެވެ. މިކަމުގެ ސަބަބު ކަމަށް ތައިލޭންޑުން ހޯދި މަޢުލުމާތުން އެނގުނު ކަންތައް ކުރިން ވާނީ ބަޔާންކޮށްފައެވެ. ނަމަވެސް ތައިލޭންޑްގެ އެތަކެއް ދަރިފަސްކޮޅެއްގެ މީހުންގެ އާއްމު ދިރިއުޅުމުގައި ދުފުމަކީ އަޅުގަނޑުމެން ދިވެހީން މި ދުފާ ވަރަށްވުރެންވެސް މާ ކުރީގައި އުޅޭ ކަމެކެވެ. އާކިއޮލޮޖިސްޓުން ބުނާގޮތުން ދުފުމުގެ އާދަކާދައަކީ އެކަން ކުރަމުން އަންނަތާ 4000 އަހަރަށް ވުރެން ގިނަދުވަސް ވެފައިވާ ކަމެކެވެ.

ދުފުމުގައި ބޭނުންކޮށް އުޅޭ ތަކެތީގެ ފާމަކޯލޮޖިކަލް ބަސްކޮށާރެއް ސައިންސްވެރިން ގެންގުޅެއެވެ. އެގޮތުން ފީނޯލްސް އާއި އަލްކަލޮއިޑްސް އަކީ ދުފުމުގައި (ތައި ބަހުން: ޗިއެން މާކް ގައި) ހިމެނޭ ދެ ކީމި މާއްދާއެވެ. މި ތަކެތި ބޭނުންކުރުމުން ނުވަތަ ދުފުމުން ސިކުނޑި އާއި ކުޅު އުފައްދާ ގްލޭންޑްތައް ހޭލައްވައިލައެވެ. އިހުގެ ތައި ފޮތްތަކުން، ފޮޓޯތަކާއި ރިޔާސީ އަރުޝީފުތަކުން އެނގޭ ގޮތުން ދުފުމަށް ބޭނުންކުރާ ތަކެތި (ޗިއެން މާކް) ގައި ތަބަކެއް، ކުޑަ ތާހެއްގެ އިތުރުން ވަނާއި މޯ ހިމެނެއެވެ. ނަމަވެސް މިއަދު މި ތަކެއްޗަކީ ނުފެންނަ، ތަދު އެއްޗަކަށް ވެފައިވާ އެއްޗެކެވެ. މީގެ ސަބަބަކީ ކުރިން ބުނެވިދިޔަ ސަބަބުގެ އިތުރުން އަދުގެ ޖީލުގެ ވިސްނުމަށް އައި ބަދަލަކީވެސް ދުފުން ހުއްޓުމުގައި މުހިންމު ދައުރެއް އަދާކުރި ކަމެކެވެ. ތައިލޭންޑްގެ އަދުގެ ޒުވާނުން ދެކޭ ގޮތުން ދުފުމަކީ ‘އޯލްޑް-ފެޝަންޑް’ ނުވަތަ ކަޓު މުސްކުޅި ކަމެކެވެ. މީގެ އިތުރުން ދަތުގައި ކޮބަޑި ޖަހައި ދަތްތައް ހަޑިވާތީވެސް ޒުވާނުން ދުފުމާއި ދުރުހެލިވަމުން ގޮސް މިހާރު މިވަނީ ދުފުން އެއްކޮށް ހުއްޓިފައެވެ.

ހިކި ފޯއް

ދުފުމުގައި ބޭނުންކުރާ ބިލަތަކީ ތައިލޭންޑްގައި ކެއްކުމަށްވެސް ބޭނުންކުރާ ފަތެކެވެ. ނަމަވެސް ތައިލޭންޑްގައި ވެސް ބިލަތް މަޝްހޫރުވެފައިވަނީ ދުފުމަށް ބޭނުންކުރާ ފަތެއްގެ ގޮތުގައެވެ.

ތައިލޭންޑްގައި ދުފުމަށް ބޭނުންކުރާ ދުފާ މަލާފަތް ނުވަތަ ދުފާ ތަބަކުގައި ހިމެނޭ ބައެއް ތަކެއްޗަކީ އޭޝިޔާގެ ގަދީމީ ތާރީޚާއި ގުޅިފައިވާ ބައެއް ތަކެތިކަމަށްވާތީ ކިޔުންތެރިންނާ ހަމައަށް އިތުރު މައުލުމާތުކޮޅެއް ގެނެސްދޭނަމެވެ.

ތައިލޭންޑްގައި ވެސް ދުފުމަށް ބޭނުންކޮށް އުޅެނީ މައިގަނޑު ތިން ބަވާތެވެ. އެއީ ބިލަތް ފަތް (ތައި ބަހުން: ބައި ޕުލޫ ފަތް ނުވަތަ ބައި ޗަޕްލޫ ފަތް)، ހުނި (ކެލްސިއަމް ހައިޑްރޯއޮކްސައިޑް) އަދި ފޯކެވެ. މި ތިން ބާވަތް އެކުވުމުން އުފެދޭ ރަތްކުލައިގެ ޕޭސްޓަކީ އެއިން ޒާތެއްގެ ހަކަތައެއް ލިއްބައިދޭ އެއްޗެކެވެ. ރަނގަޅަށް ލޯ ހުޅުވައިދިނުމަށް އެހީވެއެވެ. ކުޅު އުފައްދާ ގްލޭންޑްތައް އިތުރަށް ހުޅުވި އަނގައިގައި ކުޅުދިޔާކޮށްދެއެވެ. ރަނގަޅަށް ވަރުކޮށްލާފައި ހުންނަ ދުފުންގަނޑަކުން ދުވާނީ ދުފުމާ ގަޔާވާ މީހުންނަށް ވަރަށް މީރު ވަރަކަށެވެ. ރަނގަޅަށް، އޮލަކޮށް ދުފާ ރަތްކޮށްފައި ހުންނަ މީހެއް ފެނިއްޖެއްޔާ އުމުރުން ދުވަސްވީ ތައި މީހުން ބުނާނީ އެމީހުންގެ ކާފަ، މާމަ މަތިން ހަނދާންވެއްޖެ ކަމަށެވެ.

ދުފުމަށް ބޭނުންކުރާ މައިގަނޑު ތިން ބާވަތް

މިއަދު ތައިލޭންޑްގެ ހަރުފުރާ މީހުން އެމީހުންގެ މައިން ބަފައިން ދުފުމަށް ބޭނުންވާ ސާމާނު ހޯދުމަށް އުޅުނު ގޮތުގެ ހަނދާން އައުކޮށް އެ ވާހަކަތައް ހިއްސާކުރިއެވެ.

މީގެ 200 އަހަރު ކުރިން، ތައިލޭންޑްގެ ރަސްކަމުގައި ހުންނެވި ރާމާ 5ވަނައިގެ ރަސްކަމުގައި، ތައި ސަރުކާރުން ތައިލޭންޑަކީ ޒަމާނީ މުޖުތަމަޢު އަކަށް ހެއްދެވުމަށްޓަކައި ގައުމީ ބޮޑު ކެމްޕޭނެއް ފެއްޓެވިއެވެ. އެ ކެމްޕޭނަކީ ‘ދުފުން ހުއްޓުމުގެ ކެމްޕޭން’ ގެ ނަމުގައި ކުރިއަށް ގެންދިޔަ ކެމްޕޭނެކެވެ. އެ ކެމްޕޭނު ކާމިޔާބުކުރުމަށް އެތަކެއް ޒަމާނެއް ހޭދަވިއެވެ. ނަމަވެސް 2007 ވަނަ އަހަރާއި ހަމައަށް އައި އިރު، މި އާދަކާދަ، ތައިލޭންޑުން މި ވަނީ އުވިގެން ގޮސްފައެވެ. ދުފުމަށް ދެވި ހިފައިފައިތިބި މުސްކުޅިންތައް އަޖަލުހަމަވުމާއި އަމިއްލަޔަށް ހުއްޓައިލި މީހުންގެ މިންނެތް މަސައްކަތުން މިއަދު ތައިލޭންޑަކީ ދުފާ މީހުން ނޫޅޭ ގައުމެކޭ ބުނާ ވަރުގެ ގައުމެކެވެ.

ނަމަވެސް، ދުފުމަކީ ތައިލޭންޑްގެ ސަގާފަތާއި ގުޅިފައިވާ މުހިންމުކަމެއް ކަމުގެ ހަނދާން އައުކުރުމުގެ ގޮތުން، ތައިލޭންޑްގެ ބައެއް ހަފުލާތަކުގައި ދުފުން އޮވެއެވެ. އެގޮތުން ކައިވެނީގެ ހަފުލާ ތަކަކީ ދުފުން އޮންނަ ހަފުލާއެކެވެ. މިކަމުގައި ‘ކަބުއަން ކަން މާކް’ ގެ ނަމުގައި ބާއްވާ ޕެރޭޑެއް އޮވެއެވެ. މި ޕެރޭޑްގައި ކައިވެނިކުރާ ފިރިހެން ކުއްޖާގެ އާއިލާގެ ފަރާތުން ކައިވެނިކުރާ އަންހެން ކުއްޖާގެ އާއިލާއަށް ދުފުމެއް ހަދިޔާކުރެއެވެ. ބޮޑެތި އިމާރާތްތައް ހުޅުވާއިރު، އެ ބިލްޑިންގް ތަކުގައި ހަދާފައި ހުންނަ ކުޑަކުޑަ ފައްޅި (ސަން ފުރަ ފޫމް ނުވަތަ ސްޕިރިޓް ހައުސް) ތެރޭގައި ދުފުން ބަހައްޓައެވެ.

ތައިލޭންޑްގެ މަގުމަތީގައި ވިއްކުމަށް ބަހައްޓާފައި ހުރި ދުފާއެއްޗެހި

ރަންވަންލޮއިން ހަދާފައި ހުންނަ އިހުގެ ދުފާ ތަބަށްތައް މިހާރުވެސް ބައެއް ތައި ގޭގޭގައި ޝޯކޭސް ކޮށްފައި ބަހައްޓާފައި ހުރެއެވެ. މިއީ ތައިލޭންޑްގައި އެންމެ ގިނައިން ޚަޒާނާކުރާ އިހުގެ އެއްޗެއްކަންވެސް ފާހަގަކޮށްލެވެއެވެ.

ފެންފޯއް ރުކަކީ ތައިލޭންޑްގައި ވަރަށް އާއްމުކޮށް ހައްދައި އުޅޭ ރުކެކެވެ. ފޯއް ކޮށުމަށް ޚާއްޞަ ކަތުރެއް (ފޯއް ވަޅިއެއް) ތައިލޭންޑްގައި ވެސް ގެންގުޅެއެވެ. ބިލަތްތެޅުމަށް ޚާއްޞަ ވަނަކާއި މޯލެއް ވެސް ގެންގުޅެއެވެ.

ބިލަތް ތަޅަނީ

ތައިލޭންޑްގައި ފެންފޯއް ކަނޑައި ފޯއްކިބަ ދެފަޅިއަށް ފަޅައިލުމަށްފަހު ފައްޗަކަށް އަމުނާފައި ހިއްކަން ބަހައްޓައެވެ. ދުފަން ވީމާ އެއިން ފޯއް ނަގައިގެން ދުފައެވެ. ތައިލޭންޑްގައި ދުފުމަށް ފޯއް، ބިލަތް އަދި ހުނީގެ އިތުރުން ‘ޕްލައީ’ ނަމަކަށް ކިޔާ އެއްޗެއްވެސް ބޭނުންކުރެއެވެ. މިއީ އިނގުރުގޮތަށް ބިމު އަޑިއަށް ގޮނޑިލައި ހެދޭ އެއްޗެކެވެ. މިއީ ގަލަންގާލް (ފޮތި ހުވަނދު) އާއިލާއަށް ނިސްބަތްވާ އެއްޗެކެވެ. ޕްލައި އަކީ ކޮސްމެޓިކްސް އާއި ލޯޝަން ތަކުގައިވެސް ބޭނުންކުރާ އެއްޗެކެވެ. ދިވެހިންނެކޭ އެއްގޮތަށް ދުފާއިރު، ތައިލޭންޑްގެ މީހުންވެސް ދުންފަތް ބޭނުންކުރެއެވެ.

ދުފުމަކީ އެއްވެސް ހައްދެއް ނެތް މިންވަރަކަށް ތައިލޭންޑްގައި ކޮށް އުޅުނު ކަމެކެވެ. އެމީހުންގެ ސަގާފަތާއި ގުޅިފައިވާ ކަމެކެވެ. އެހެން ނަމަވެސް ގައުމުގެ ތަރައްޤީ އާއި ތަހުޒީބަށްޓަކައި މި އާދަ، ތައިލޭންޑް މީހުންވަނީ ހުއްޓާލާފައެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ރަޝީދު
އަޙްމަދު ރަޝީދު
ހުރިހައި ދާއިރާއެއްގެ ލިޔުންތައްވެސް މުނިއަވަސްގެ ފައުންޑަރ އަދި ޗީފް އެޑިޓަރ ލިޔާނެއެވެ.