ސްޕެނިޝް ލީގުގައި ރޭ މެސީ ފުރިހަމަކުރި ހެޓްރިކާއެކު، މަޔޯކާ ގެ މައްޗަށް 2-5 ގެ ނަތީޖާއަކުން ކުރިހޯދައިގެން ބާސެލޯނާ އިން ތާވަލުގެ އެއްވަނަ މަގާމު ދަމަހައްޓައިފިއެވެ.
ބާސެލޯނާގެ ދަނޑު، ކޭމްޕް ނޫ ގައި ކުޅުނު މި މެޗު ފެށިގެން 7 ވަނަ މިނެޓުގައި ބާސާގެ ކީޕަރު ޓާ ސްޓެގެން މަތިން ލައިދިން ދިގު ޕާހެއްގެ ބޭނުން ހިފައި، އޮންޓުއާން ގްރީޒްމަން ވަނީ ގޯލެއްޖަހާ ބާސާ އަށް މެޗުގެ ލީޑު ނަގައިދީފައެވެ. މިއީ މިސީޒަނުގައި ސްޓެގެން ހެދި ދެވެނަ އެސިސްޓް ކަން ފާހަގަކޮށްލެވެއެވެ. އަދި، ޔޫރަޕުގެ ބޮޑެތި ފަސް ލީގުގައި މި ސީޒަނުގައި ހަމައެކަނި ދެ އެސިސްޓް ހަދާފައިވާ ކީޕަރަކީ ސްޓެގެން ކަން ފާހަގަކޮށްލެވެއެވެ. މުޅި މެޗު ކޮންޓްރޯލްކޮށްގެން މޮޅަށް ކުޅެމުންދިޔަ ބާސާ އިން ދެވަނަ ގޯލު ޖެހީ މެޗުގެ 17 ވަނަ މިނެޓުގައެވެ. ގްރީޒްމަން ތަނަވަސްކޮށްދިން ފުރުސަތަކުން އޭރިއާ ބޭރުން ފޮނުވާލި ހަމަލާއެއް ގޯލުގެ މަތީ ކަނަށް އަމާޒުކޮށްލައިގެން މި ގޯލު ކާމިޔާބުކޮށްދިނީ މެސީ އެވެ. ބާސާގެ މި ގޯލަށްފަހު މަޔޯކާ އިން ވަނީ ކައުންޓަރ އެޓޭކެއްގައި ތަނަވަސްކުރި ފުރުސަތެއްގައި ގޯލެއް ޖަހާ މެޗުގެ ތެރެއަށް އަނބުރާ ވަދެފައެވެ. 35 ވަނަ މިނެޓުގައި މި ގޯލު އެޓީމަށް ކާމިޔާބުކޮށްދިނީ އެންޓޭ ބުޑިމިރް އެވެ.
ނަމަވެސް މަޔޯކާ އިން އެ ގޯލު ކާމިޔާބުކުރިތަން މާގިނައިރުތަކެއް ނުވެ، ބާސާ އިން ވަނީ އެޓީމުގެ ތިންވަނަ ގޯލުޖަހާ ލީޑު ފުޅާކޮށްފައެވެ. އިވާން ރަކިޓިޗް ތަނަވަސްކޮށްދިން ފުރުސަތަކުން މެޗުގެ 41 ވަނަ މިނެޓުގައި މި ގޯލު ކާމިޔާބުކޮށްދިނީ ދެވަނަ ގޯލުވެސް ކާމިޔާބުކޮށްދިން މެސީ އެވެ. މެސީ މި ގޯލް ޖަހާފައިވަނީ އޭނާ ފުރަތަމަ ގޯލުވެސް ޖެހި ގޮތަށް ކަން ފާހަގަކޮށްލެވެއެވެ. ފުރަތަަމަ ހާފު ނިމެން އުޅެނިކޮށް 43 ވަނަ މިނެޓުގައި ފްރޭންކީ ޑިޔޮންގ ތަނަވަސްކޮށްދިން ފުރުސަތަކުން ލުއިސް ސުއަރޭޒް ވަނީ ބާސާގެ ހަތަރުވަނަ ގޯލް ކާމިޔާބުކޮށްދީފައެވެ. ސުއަރޭޒް މި ގޯލަކީ ކީޕަރަށް ފުރަގަސްދީގެން ހުރެ، ފައިގެ ފުންނާބުން ޖެހި “ބެކް ހީލް ޗިޕް” ގޯލެކެވެ. ސުއަރޭޒް ބުނިގޮތުގައި މިއީ އޭނާގެ ކެރިއަރުގައި ކާމިޔާބުކުރެވުނު އެންމެ ރީތި ގޯލެވެ. ބެލެވޭގޮތުގައި މި ގޯލު ޕުސްކަސް އެވޯޑަށް ވާދަކުރާނެއެވެ. ސުއަރޭޒް ވަނީ ސްޕެނިޝް ލީގުގައި މިހާތަނަށް އޭނާ ބައްދަލުކުރި ހުރިހާ ޓީމެއްގެ ކޮޅަށް ގޯލުޖަހާފައެވެ.
ދެވަނަ ހާފުގައި މަޔޯކާގެ ކުޅުން ރަނގަޅުކޮށް ގޯލެއް ޖެހުމަށް ކުރި މަސައްކަތުން، މެޗުގެ 64 މިނެޓުގައި ފުރަތަަމަ ގޯލުވެސް ކާމިޔާބުކޮށްދިން ބުޑިމިރް ވަނީ ގޯލެއްޖަހާ ފަރަގު ކުޑަކޮށްދީފައެވެ. ބާސާގެ ފަސްވަނަ ގޯލު ސުއަރޭޒް ތަނަވަސްކޮށްދިން ފުރުސަތަކުން 83 ވަނަ މިނެޓުގައި ކާމިޔާބުކޮށްދީ، މެސީ ހެޓްރިކް ފުރިހަމަކޮށްފައެވެ. މި ހެޓްރިކާ އެކު މެސީ ވެފައިވަނީ ސްޕެނިޝް ލީގުގެ ތާރީޚުގައި އެންމެ ގިނަ ހެޓްރިކް ފުރިހަމަކުރި ކުޅުންތެރިޔާ އަށެވެ. މީގެ ކުރިން 34 ހެޓްރިކާ އެކު ރޮނާލްޑޯ އާއި މެސީ މި ރެކޯޑް ހިއްސާކުރިއިރު، މި މެޗުން ފުރިހަމަކުރި ހެޓްރިކުން މެސީ ވަނީ 35 ހެޓްރިކް ހަމަކޮށް ރޮނާލްޑޯ ފަހަތަށް ޖައްސާލާފައެވެ. ރޭގެ މެޗުގައި ކާމިޔާބުކުރި ތިން ގޯލާއެކީ ޖުމްލަ 12 ގޯލު ޖަހައިގެން މެސީ ވަނީ ސްޕެނިޝް ލީގުގެ ގޯލު ލިސްޓުގެ އެންމެ ކުރިއަށް ޖެހިލާފައެވެ. އަދި މެސީ ވަނީ އޭނާ އަށް ލިބުނު ހަވަނަ ބެލޮންޑިއޯ އެވޯޑް ރޭގެ މެޗު ފެށުމުގެ ކުރިން ސަޕޯޓަރުންނަށް ދައްކާލާފައެވެ.
މި މެޗުން ހޯދި މޮޅާއެކު، 34 ޕޮއިންޓް ހޯދައިގެން ބާސާ އޮތީ ސްޕެނިޝް ލީގުގެ ތާވަލުގެ އެއްވަނައިގައެވެ. ހަމަ އެ އަދަދަށް ޕޮއިންޓް ހޯދައިގެން ގޯލުގެ ތަފާތުން ދެވަނައިގައި އޮތީ ވާދަވެރި ރެއާލް މެޑްރިޑް އެވެ. 30 ޕޮއިންޓާއެކު ތިންވަނައިގައި އޮތީ ސެވިއްޔާ އެވެ.
ލިޔުންތެރިޔާގެ ފުރަމަލަ
- އަޙްމަދު ޝާމިން މައިގަނޑު ގޮތެއްގައި ލިޔާނީ ކުޅިވަރު ޚަބަރުތަކެވެ. ފިލްމީ އަދި މިއުޒިކީ ދާއިރާ ނޫން އެހެން ހުރިހައި ދާއިރާތަކަށް ވެސް ޝާމިން ލިޔާނެއެވެ.
މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 5 ޖެނުއަރީ 2022ޚަބަރުކޮވިޑް ކޭސްތައް ގިނަވެ އިނގެރޭސި ލީގު ކަޕް ސެމީ ފައިނަލް މެޗު ފަސްކޮށްފި
- 4 ޖެނުއަރީ 2022ޚަބަރުއާ އަހަރު ކުޅުނު ފުރަތަމަ މެޗުން ޔުނައިޓެޑް ބަލިވެއްޖެ
- 4 ޖެނުއަރީ 2022ޚަބަރުފްރެންޗް ކަޕްގެ ގެ ގަދަ 16 އަށް ޕީއެސްޖީ ދަތުރުކޮށްފި
- 2 ޖެނުއަރީ 2022ޚަބަރުރޮޑްރީގެ ގޯލުން ފަހު ވަގުތު ސިޓީން އާސެނަލް ބަލިކޮށްފި