އިނގެރޭސި ޕްރިމިއަރ ލީގުގައި ރޭ ބާންލީ 0-5 ގެ ނަތީޖާއަކުން ބިމާ ހަމަކޮށް، އެންމެ ފަހުން ކުޅުނު މެޗުގައި މެންޗެސްޓަރ ޔުނައިޓެޑް އަތުން ބަލިވުމުން އައި ރުޅިގަނޑު މޮރީނިއޯ އާއި ޓޮޓެންހަމް އިން ބާންލީގެ މައްޗަށް ފިލުވާލައިފިއެވެ.

ޓޮޓެންހަމްގެ ދަނޑުގައި ކުޅުނު މި މެޗު ފެށުނުތަނާ އެޓީމުން ވަނީ ގޯލެއް ޖަހާ މެޗުގެ ލީޑު ނަގާފައެވެ. މެޗުގައި މޮޅުކުޅުމެއް ދެއްކި ސޮން ހިއުންގ މިން ތަނަވަސްކޮށްދިން ފުރުސަތަކުން 5 ވަނަ މިނެޓުގައި މި ގޯލު ކާމިޔާބުކޮށްދިނީ ހެރީ ކޭން އެވެ. އޭގެ ހަތަރު މިނެޓް ފަހުން ޑެލޭ އަލީ ތަނަވަސްކޮށްދިން ފުރުސަތަކުން ލޫކަސް މޯރާ ގޯލެއް ޖަހާ ޓޮޓެންހަމްގެ ލީޑު ވަނީ ފުޅާކޮށްދީފައެވެ. މުޅި މެޗު ކޮންޓްރޯލްކޮށްގެން، ގިނަ ހަމަލާތައް އުފެއްދި ޓޮޓެންހަމްގެ ތިންވަނަ ގޯލު މެޗުގެ 32 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ސޮން އެވެ. އޭނާ މިގޯލު އޭނާ ކާމިޔާބުކުރީ ޓޮޓެންހަމް ގެ އޭރިއާ ކައިރިން ފެށިގެން ބާންލީގެ ކުޅުންތެރިން ނައްޓަމުން ގޮސް ގޯލުގެ ތިރީ ކަނަށް ވައްދާލައިގެންނެވެ. މެޗަށްފަހު ނޫސްވެރިންނާ ވާހަކަދައްކަމުން މޮރީނިއޯ ބުނީ ސޮން ގެ ގޯލު ފެނިފައި އޭނާ ހަނދާންވީ ބުރެޒިލްގެ ރޮނާލްޑޯ މަތިން ކަމަށެވެ.

މެޗަށްފަހު ސޮން އާއި މޮރީނިއޯ ސަލާމްކުރަނީ / ފޮޓޯ: ރޮއިޓާސް

ދެވަނަ ހާފު ވެސް ޓޮޓެންހަމް އިން ފެށީ ވަރަށް ވަރުގަދަކޮށެވެ. ޓޮޓެންހަމްގެ ހަތަރުވަނަ ގޯލު ކާމިޔާބުކޮށްދިނީ ފުރަތަަމަ ގޯލުވެސް ކާމިޔާބުކޮށްދިން ހެރީ ކޭން އެވެ. 54 ވަނަ މިނެޓުގައި ބާންލީގެ އޭރިއާގެ ބޭރުން ކޭން ފޮނުވާލި ހަމަލާ މަތީ ދަނޑީގައި ޖެހިފައި ވަނީ ގޯލުގެ އެތެރެއަށެވެ. ޓޮޓެންހަމްގެ ފަހު ގޯލު 74 ވަނަ މިނެޓުގައި ކޭން ތަނަވަސްކޮށްދިން ފުރުސަތަކުން ކާމިޔާބުކުރީ މޫސާ ސިސޯކޯ އެވެ.

މި މެޗުން ހޯދި މޮޅާއެކީ ކުޅުނު 16 މެޗުން 23 ޕޮއިންޓް ހޯދައިގެން ޓޮޓެންހަމް ވަނީ ތާވަލުގެ ހަވަނަ އަށް ޖެހިލާފައެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ޝާމިން
އަޙްމަދު ޝާމިން މައިގަނޑު ގޮތެއްގައި ލިޔާނީ ކުޅިވަރު ޚަބަރުތަކެވެ. ފިލްމީ އަދި މިއުޒިކީ ދާއިރާ ނޫން އެހެން ހުރިހައި ދާއިރާތަކަށް ވެސް ޝާމިން ލިޔާނެއެވެ.