އާދޭހެވެ. ހަތަރެއް ޑިސެމްބަރު ދެހާސް ނަވާރަވީ ބުދަ ދުވަހުގެ ރެއެވެ. އެއީ ރާއްޖެއަށް ހިތާމައިގެ ރެއެކެވެ. ސިހުމެއް ލިބިގެން ދިޔައީ ހުޅުމާލޭގައި ޓެކްސީ ޑުރައިވަރު، މާމިގިއްޔަށް އުފަން ޤާސިމް ހަސަނަށް ބަޔަކު ތޫނު އެއްޗަކުން ހަމަލާދީ މަރާލި ޚަބަރުންނެވެ. މިފަދަ އެތަށް ކަޅު ދުވަހެއް މިހާރު މި ފަސްގަނޑުވަނީ ދެކެފައެވެ. ކުރާނީ ވަކި ކީއްހެއްޔެވެ؟ މިހެން ހިތަށް ނާރަންވީ ސަބަބެއްވެސް ނެތެވެ؟ ހުއްޓުނު ކަމެއް ނުވަތަ ހުއްޓުވުމަށް ކުރެވުނީ ކޮންކަމެއް ހެއްޔެވެ؟ އަޅުގަނޑުމެންނީ މުސްލިމުންނެވެ. ހައްޤަކާއި ނުލައި އެއްވެސް މުސްލިމަކަށް ކުޑަވެސް ގެއްލުމެއް ލިބޭކަށް އަޅުގަނޑުމެން ނޭދެމެވެ.
މިފަދަ ކޮންމެ ހަދިސާއަކާއި ގުޅިގެން ގިނަ ކަންތައްތަކެއް ކަމާއިބެހޭ ފަރާތްތަކުގެ ސަމާލުކަމަށް އާދެއެވެ. މިގޮތުން އިވިގެންދާ އަޑުތަކުގެ ތެރޭގައި ސީސީ ކެމެރާ އިތުރުކުރާ ވާހަކައެވެ. އަނދިރި މަގުތަކާއި ގޯޅިތައް އިތުރަށް ލައިޓް ހަރުކޮށް އަލިކުރާ ވާހަކައެވެ. ސެކިއުރިޓީ ބެލެހެއްޓުމަށް ފުލުހުން ނެރޭ ވާހަކައެވެ. ދެތިން ދުވަހަކުމަތިން އެ ވާހަކަތައް ދެއްކުމަށް ފަހު އެ ކަންކަން އަޅުގަނޑުމެން ވިސްނުމުން ފިލައިގެން ދެއެވެ.
އާއެކެވެ. އިސްވެ ބަޔާންކުރެވުނު ކަންކަން ހަރުދަނާ ކުރެވިއްޖެނަމަ މި ފަދަ ޖަރީމާތަށް ކޮންމެވެސް ވަރަކަށް މަދުވެގެން ދާނެއެވެ. އެކަމާއި އަޅުގނޑު ވެސް އެއްބަހެވެ. ނަމަވެސް މިކަމުގައި މިއަށްވުރެ މާ ފުޅާ ދާއިރާއެއްގައި ވިސްނައި ފިކުރު ކުރަން މިހާރު މި ވަނީ ހަޤީޤަތުގައި ވެސް މަޖުބޫރުވެފައެވެ.
ތޫނުއެއްޗެހިން ހަމަލާދީ މީހުން މަރާލެވިފައިވާ ހާދިސާތަކަށް ބަލައިލާއިރު ބައެއް ހާދިސާތައް ހިންގާފައިވަނީ ރޯމާ ދުވާލުއެވެ. އަނެއްބައި ހާދިސާތަށް ހިންގާފައިވަނީ ރޭގނޑުގެ ވަގުތުކަމުގައި ވީ ނަމަވެސް ގިނަ ބައެއްގެ ކުރިމަތީގައި ވަރަށް ފާޅުކަން ބޮޑު ގޮތެއްގައެވެ. ހުއްޓުވަން ކުރެވުނު ކަމެއްނެތެވެ. މީގެ އިތުރުން ތޫނުއެއްޗެހިން ހަމަލާދީ މަރާލެވިފައިވާ ބައެއް ހާދިސާތަަކަކީ ސީސީ ކެމެރާގެ ކުރިމަތީގައި ފާޅުކަން ބޮޑުގޮތެއްގައި ހިންގާފައިވާ ހާދިސާތަކެވެ. އެ ކުލިޕްތައް އަދިއަދަށް ދާންދެން ވެސް އެހުރީ ފެންނާށެވެ.
މިކަންކަމަށް ވިސްނާލުމުން ޤަބޫލުކުރަންޖެހޭ ވަރަށް ބޮޑު ހަޤީޤަތެއް ހާމަވެގެން ދެއެވެ. މުޅި ޤައުމުގައި ސީސީ ކެމެރާ ވެސް ހަރުކުރެވިދާނެއެވެ. މުޅި ޤައުމުގައި އެއްވެސް އަނދިރިކަމެއް ނުވާވަރަށް ދިއްލައި އަލިކުރުމުން މިކަން މުޅިން ހައްލުވާނެ ކަމަށް ޤަބޫލުކުރުމުން ފުދޭނެހެއްޔެވެ. އެއީ މިމައްސަލައިގެ އެއްބައެވެ.
މިފަދަ ކުށްތަށް ހިންގާ ބަޔަކު އެކަން ކުރަނީ ނުފެންނަ ބާރުތަކެއްގެ ފަހަތުގައި ތިބެ ކަމުގައި ވެސް ބުނުމުގެ ފުރުސަތު އެބައޮތެވެ. މި ކޮންމެ ހާދިސާއްވެސް ގޮސް ގުޅޭ އެއްކަމެއް އެބައޮތެވެ. މިފަދަ ކުށްތަކަށް އަރައިގަނެގެން ހައްޔަރު ކުރެވޭ މީހުންގެ ކުށުގެ ލިސްޓު ލިޔެ ކޮޅުންނުލާހައި ދިގެވެ. އެތަކެއް ކުށްތަކަށް އަރައިގަނެ އެތަކެށް ފަހަރު ހައްޔަރު ކުރެވި، އަދަބު ނުދެވި ދޫކޮށްލުމުގެ ނަތީޖާއެވެ.
ބޭނުންވާ އަމާންކަމާއި ހަމަޖެހުން ލިބިގެންދާނީ އިސްލާމީ ޝަރީއަތުގައި މިކަންކަމަށް ކަނޑައެޅިފައިވާ އަދަބު ދެވިގެންނެވެ. އެކަމުގައި ޝައްކުކުރާނެ ޖާގައެއް ނެތެވެ. ނަމަވެސް އިސްލާމީ ޝަރީއަތުގައި ކަނޑައެޅިފައިވާ ހުކުމްތައް ތަންފީޒު ނުކުރެވޭތަނުގައި އަޅުގަނޑުމެން ހަދައިގެން އުޅޭ އަމިއްލާ ޤާނޫނުނު ތައްވެސް މި ފެންނަނީ ތަންފީޒު ނުކުރެވިގެން އުޅޭތަނެވެ. ކުށްތަކަށް އަރައިގަންނަ މީހުންނަށް ހައްޤު އަދަބު ދެވޭނެ ޤާބިލުކަން އެކަންކަން ކުރަންހުރި މުއައްސަސާތަކުގައި ނެތޭ ބުނުމަކީ ދޮގަކަށް ނުވާނެއެވެ. މާއްދީގޮތުން ކަންކަން ހުއްޓުވުމުގެ ވަސީލަތްތައް ތަރައްޤީ ކުރާފަދައިން އިހުލާސްތެރި އަދި ކުށުގެ ވެށިން ސަލާމަތްވެފައިވާ މުޖުތަމަޢެއް ބިނާކުރަން ވަރަށް ބޮޑަށް މަސައްކތް ކުރަން ޖެހެއެވެ. ފުރިހަމަ ހައްލެއް ލިބެން އޮތީ އޭރުންނެވެ.
ލިޔުންތެރިޔާގެ ފުރަމަލަ
- މުނިއަވަސްގެ ޑެޕިއުޓީ އެޑިޓަރ އިބްރާހިމް ޚަލީލްގެ ޚާއްޞަ ދާއިރާ ތަކަކީ ދީނީ، އިޖްތިމާޢީ އަދި އަދަބިއްޔާތެވެ. ކަރަންޓް އެފެއާޒަކީވެސް އޭނާ ފަރިތަ ދާއިރާއެކެވެ.
މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 24 ޖެނުއަރީ 2024ރިޕޯޓްބަރުދަން އިތުރުވާން ހާސްދުވަސް، ލުއިކުރަން އެއްދުވަސް!
- 28 ޖޫން 2020ޚަބަރުކާނިވާ ސަރަޙައްދުގައި ޕާރކިންގ ޒޯނެއް ހެދުމަށް އެތަން ހުސްކުރުމަށް އަންގައިފި
- 27 ޖޫން 2020ޚަބަރުމާލޭ މަސް މާރުކޭޓު އަލުން ހުޅުވަނީ
- 27 ޖޫން 2020ޚަބަރުމުއްދަތު ހަމަވެފައިވާ އައިޑީ ކާޑަށް ޚިދުމަތް ފޯރުކޮށްދެވޭ މުއްދަތު އިތުރުކޮށްފި