“ބޭނުންވަނީ ރާއިދުގެ ކުޑަކުޑަ އެހީއެއް ….. ހުރިހާ ބިރުވެރިކަމަކާއި ނުރައްކަލުން ސަލާމަތްވާނެ އޭރުން. ގޭތެރެ މުޅިން އަމާންވާނެ. ނާއިމް އުޅޭނީ އަބަދުވެސް ވިޔަފާރީގެކަންތަކުގަ ގެއިން ބޭރު. ރަށުން ބޭރު. އަހަރެމެން ބޭނުންވާ މިނިވަންކަން ….. އަމާންކަން ބޭނުން ވަރަކަށް އޮންނާނެ.” ނާޖިދާގެ ވާހަކަތަކުން ރާއިދަށް ލިބުނު ހިތްހަމަޖެހުން ބޮޑެވެ.
“އަހަރެން ކީއް ކޮށްދޭންވީ؟” ލިބިފައިވާ ފުރުސަތުގެ ބޭނުން ހިފުމަށްޓަކައި ކޮންމެކަމެއް ކުރަން ޖެހުނަސް ރާއިދަށް މައްސަލައެއް ނެތެވެ. ބޭނުންވަނީ އުފަލާއި ހިތްހަމަޖެހުމެވެ. އެކަމަށް ބޭނުންވާ އަމާންއޮމާންކަމާއި ބޭނުން ވަރަކަށް ވަގުތެވެ.
ނާޖިދާ ގޮސް މަޑުކޮށްލީ ރާއިދު އިށީންދެގެންއިން ގޮނޑީގެ ފަހަތުގައެވެ. މަޑުމަޑުން ރާއިދުއާ ގާތަށް ޖެހިލަމުން ކަންފަތް ކައިރިއަށް ގުދުވެ މަޑުމަޑުން ނާޖިދާ ވާހަކަދެއްކިއެވެ. އޭނާގެ ރޭވުން ނުހަނު ސިއްރުސިއްރުން ރާއިދަށް އިއްވައިލިއެވެ.
“އެހެންތަ ؟ …. ތިއީ އެއްވެސްކަމެއް ނޫން.” ނާޖިދާގެ މޫނުގައި ފިރުމާލަމުން ރާއިދު ވާހަކަދެއްކިއެވެ. އޭނާ އާއި ނާޖިދާގެ ގުޅުމަށް ހުރަސްއަޅާ ކޮންމެމީހަކު ނައްތާލައިގެން ވިޔަސް ރާއިދު މިހާރު ބޭނުން ވަނީ ނާޖިދާ އެވެ. އެހަށިގަނޑުން އޭނާ ބޭނުންވާ އުފަލާއި ހިތްހަމަޖެހުން ހޯދާށެވެ. އުފަލާއި އަރާމުގައި އުޅުމަށް ލިބިފައިވާ ފުރުސަތުގެ ބޭނުން ކޮށްލާށެވެ. އެކަން ކާމިޔާބުވާނެކަމުގެ އުންމީދާއި ޔަގީންކަން ރާއިދަށް އޮތެވެ.
ނާއިމް ރަށުން ބޭރަށް ގޮސްފިނަމަ އޭނާ ބުނެފައިވާ ފަދައިން ފިހާރައިގެ ކަންތައްތައް ހިނގާ ނުހިނގާގޮތް ބެލުމަކީ ނާޖިދާ ވަރަށްބޮޑު އިސްކަމެއް ދީގެން ކުރަމުންދާ ކަމެކެވެ. ނާއިމް ބުނަމުންދާ ފަދައިން އެމުދަލަކީ އޭނާގެ ވެސް މުދަލެވެ. ނާއިމަށް ލިބޭ ކޮންމެ ކުރިއެރުމަކީ އޭނާގެ ވެސް ކުރިއެވެ.
ގެއިން ބޭރުން ނާޖިދާ އައިއިރު ކަމާލިޔާ އުޅެނީ އޭނާގެ ކޮޓަރީގައެވެ. ނާޖިދާ ގޮސް ބަލައިލިއިރު ކަމާލިޔާ އޮތީ ފޮތެއް ކިޔާށެވެ.
“ދަރިފުޅާ ކަމާލިޔާ …. މަންމަ މިއުޅެނީ މިއަދު ހަވީރު ދަރިފުޅު ގޮވައިގެން ގަސްފަންނު ތުނޑިއަށް ދާން. ފެންވަރާ ރީތި ވެގެން އާދޭ. ތުނޑިއަށް ގޮސް މާނީމެންނާއިއެކު ސައިބޯނީ.” ކަމާލިޔާއަށް ގޮވާލަމުން ނާޖިދާ ވާހަކަ ދެއްކިއެވެ.
ނާޖިދާގެ އެވާހަކަތަކުން ކަމާލިޔާއަށް ލިބުނު އުފަލާއި ހިތްހަމަޖެހުން އޭނާގެ މޫނުމަތިންނާއި ހަރަކާތްތަކުން ކިތަންމެ ރަނގަޅަކަށް ވެސް އެނގުނެވެ. ހިނިތުންވެލަމުން ނާޖިދާއަށް ޝުކުރުއަދާކުރިއެވެ.
ބޭނުންވެގެންއުޅޭ ފުރުސަތު ތަނަވަސްވަމުންދާވަރަކަށް ރާއިދަށް ލިބެމުންދިޔަ އުފަލާއި ހިތްހަމަޖެހުން އިތުރުވަމުންދިޔައެވެ. އިތުރަށް ކުރަންޖެހޭ ކޮންމެ ކަމެއް ކުރަމުން ދިޔައެވެ.
ސައުވީސްގަޑިއިރަކުން ދުވަހެއް ފާއިތުވަމުން ދުވަސްތައް މާޒީއާއެކުވަމުންދިޔައެވެ. ނާއިމަށް ޝައްކެއް ވެސް ނުވާނެހެން ނާޖިދާ އާއި ރާއިދު އެމީހުންގެ ރޭވުން ކާމިޔާބުކުރުމަށް ރޭވުންތައް ރާވަމުން ވަގުތަށް ބަލަމުންދިޔައެވެ. އެހެން މީހަކަށް ޝައްކެއް ވެސް ނުވެއެވެ. ރޭވުންތައް މޮޅުވެފައި ކަންކަން ނިންމާލުން ވެސް ބަރާބަރެވެ.
ރޭގަނޑުގެ ކެއުމުގެ ވަގުތެވެ. ނާއިމް ރަށުގައި ނެތުމުން ގޭގައި ތިބީ ނާޖިދާމެން ތިންމީހުންނެވެ. ވަގުތަކީ ރޭގަނޑުގެ ކެއުމުގެ ވަގުތުކަމަށްވާތީ ކެއުމާއިގެން މަސްޢޫލުވެތިބީ ތިންމީހުން އެކުގައެވެ. ކެއިންބުއިމުގެ ކަންތައް ކުރިޔަށްދިޔައިރު ކޮންމެވެސް ވަރަކަށް ވާހަކަދެކެވުން ވެސް ކުރިޔަށްދިޔައެވެ.
“ދަރިފުޅާ ކަމާލިޔާ! …. މާދަމާއަކީ ސްކޫލް ބަންދުދުވަހެއްނު …. މަންމަމެން މިއުޅެނީ ބައްޕަގެ ފަޅުރަށަށް ދަތުރުދާން މަންމަމެން ގޭމީހުންނާއިއެކު. ދަރިފުޅު ދާނަންތަ؟” ލޯތްބާއި އޯގާތެރިކަމާއެކު ކަމާލިޔާގެ ބޮލުގައި ފިރުމާލަމުން ނާޖިދާ ވާހަކަދެއްކިއެވެ. ކަމާލިޔާއަށް ބަލާލަމުން ރާއިދު ހިނިތުންވެލިއެވެ.
“އާން …. އަޅުގަނޑު ވެސް ވަރަށް ދަތުރުދާހިތްވޭ …. އަނެއް މާމަގޭ މީހުން ނުދާނެތަ؟ ދޮންތަމެން ވެސް ވަރަށް ދަތުރުދާ ހިތުން އުޅޭނެ.” ކޮންމެކަމެއްގައި ކަމާލިޔާއަށް އެންމެބޮޑު އެހީތެރިކަމާއި އެއްބާރުލުން ދެމުންދާ އޭނާގެ މަންމަގެ ޢާއިލާ އެއުފަލުގައި ބައިވެރިކުރާން ކަމާލިޔާ ބޭނުންވި ކަހަލައެވެ.
“ދަރިފުޅު ބޭނުންނަމަ އެމީހުން ވެސް ގެންދަންވީ. މަންމަގެ މައްސަލައެއްނެތް.” ރާއިދަށް ހިނިތުންވެލަމުން ނާޖިދާ ބުންޏެވެ. ރޭވުން ކާމިޔާބު ކުރުމަށްޓަކައި ކަމާލިޔާ ބޭނުންވާކަންކަން އޭނާ ބޭނުންވާގޮތަށް ކުރުން މުހިންމުކަން ނާޖިދާމެން ދެމީހުނަށް ވެސް ވިސްނެއެވެ.
ބަދިގެތެރޭގެ މަސައްކަތްތައް ނިންމާލުމަށްފަހު ކަމާލިޔާ ގޮވައިގެން ނާޖިދާ ދިޔައީ ކަމާލިޔާގެ މަންމަމެން ގެއަށެވެ. ދައްކަންއައި ވާހަކަދެއްކީ ކަމާލިޔާ އެވެ. ކަމާލިޔާއާ ބައިވެރިވެ ނާޖިދާ ވެސް ކޮންމެވެސް ވަރަކަށް ވާހަކަދެއްކިއެވެ.
އަރައިގެންއައި އިރާއިއެކު ރަށުތެރެއަށް ހަލަބޮލިކަންވެރިވާން ފެށިއެވެ. ސާފުތާހިރުކަމަށް ނުހަނުބޮޑު އިސްކަމެއް ދެމުންދިޔަ ހީވާގި އަންހެންވެރިން މަގުތަކާއި ގޯތިތައް ކުނިކަހައި ސާފުކުރުމަށް އަވަސްވެގަތްއިރު، ކަނޑަށް ގަދަ ހިތްވަރުގަދަ މަސްވެރިން މަހަށް ފުރުމާއިގެން އުޅެމުންދިޔައެވެ. މަގުތަކުން މީހުން ފެނުން އިތުރުވަމުންދިޔައިރު މަސައްކަތްތެރިން އެބައިމީހުންގެ މަސައްކަތްތަކަށް ތައްޔާރުވާން ފެށިއެވެ. ބަނދަރު ސަރަހައްދަށް ޖަމާވަމުންދިޔަ މީހުން ގިނައެވެ.
ދުވަހަކީ އުޑުމަތިސާފު ކަނޑުމަޑު އާދައިގެވަރަކަށް ވައިޖެހެމުންދިޔަ ރީތި ދުވަހެކެވެ. ދަތުރަކު ގޮސްލުމަށް ނުވަތަ ކަނޑުމައްޗަށް ނުކުމެލަން އެންމެ ހިތްގައިމުވަރުކަމަށް މީހުން ބުނަމުންދާ ފަދަ ދުވަހެކެވެ.
ތިރީހަކަށް މީހުންގެ ގުރޫޕަކާއިއެކު ނާޖިދާމެން ދަތުރަށް ފުރިއިރު އެންމެންގެ ކިބައިން ވެސް ފެންނަމުންދަނީ އުފަލާއި ހިތްހަމަ ޖެހުމުގެ އަސަރުތަކެވެ. ބައިވެރިންގެތެރޭގައި ގިނައީ ކުޑަކުދިންނާއި ފުރާވަރުގެ ކުދިންނެވެ. އެކުދިންނަށް ލިބިފައިވާ އުފަލާއި ހިތްހަމަޖެހުން ބޮޑެވެ.
ޚިޔާލީ ދުނިޔެއަކަށް ގެއްލިފައިއިން ނާޖިދާ ސިއްސައިގެންދިޔައީ ލަމްޔާގެ އަޑަށެވެ.
“ނާއިމްބެ ނެތީމަ ފޫހިވެފައި ދޯ؟” ކަމާލިޔާ ގޮވައިގެން އައިސް ނާޖިދާ ކައިރީ އިށީންނަމުން ލަމްޔާ އަހާލިއެވެ. ޔަޒީދާގެ ކައިވެންޏާއިއެކު އެޢާއިލާ އާއި ނާއިމްގެ މެދުގައި އުފެދުނު ގުޅުމުން ނާއިމަށް އެޢާއިލާއިންކުރާ އިހްތިރާމާއި ގަދަރު މިހާރު ވެސް އެޢާއިލާއިން ކުރެއެވެ. ޢާއިލާގެ މެންބަރެއްގެ ގޮތުގައި ދެކެއެވެ.
“އާން.” ލަމްޔާއަށް ހިނިތުންވެލަމުން ނާޖިދާ ބުނެލިއެވެ.
އެހެން ވެސް މިފަދަ ދަތުރުތައް ފަދައިން މިދަތުރުގައި ވެސް ލަވަބާޒީ ކުޅުމާއި މަޖާކުރުންތައް ކުރިޔަށް ދިޔައެވެ. ފުރާވަރުގެކުދިން އިސްނަގައިގެން ކުރިޔަށްގެންދިޔަ އެހަރަކާތުގައި ކުޑަކުދިންނާއި ބައެއް ބޮޑެތިމީހުން ވެސް ބައިވެރިވިއެވެ. އެންމެން ވެސް ތިބީ ވަރަށް އުފަލުންނެވެ. ލަވަކިޔުމާއިއެކު އަތްތިލަބަޑިޖެހުން ވެސް ކުރިޔަށްދިޔައެވެ.
ދޯނި ދުއްވަންހުރި އަލިފުތާއަކީ ރާއިދުއާ އަލަށް ބައްދަލުވި މީހެއް ނަމަވެސް އޭނާގެ ޢަމަލުތަކުން އެކަމެއް ނޭނގެއެވެ. ވާހަކަ ދެއްކުމުގައި ގެންގުޅޭ ގާތްގޮތާއި ކަންކަން ބުނެދިނުމުގައި ގާތްގޮތެއް ހުރެއެވެ. އަލިފުތާއަކީ ނާޖިދާގެ ދޮންތަގެ ފިރިމީހާ އެވެ.
ކުޑަކުދިންގެ ސަކަރާތާއި ޒުވާނުންގެ މަޖާކުރުންތަކަށް ގެއްލިފައި ކަހަލަގޮތަކަށް ތިއްބައި ދޯނިގޮސް ފަޅުރަށަށް ލަފައިފިއެވެ.
“ހާދަ ބޮޑު ފަޅުރަށެކޭ …. އަހަރެމެންގެ ޕްލޭނަށް ވަރަށް އެކަށީގެންވާ ރަށެއް.” ރަށުގެ މަލަމައްޗަށް ނަޒަރު ހިންގާލަމުން ހިތާހިތުން ރާއިދު ބުނެލިއެވެ.
ދޯނިގޮސް ރަށުގެ ގޮނޑުދޮށަށް ބީއްސާލުމާއިއެކު ކުޑަކުދިންތައް މޫދަށް ފުންމާލައިގެން އެކިދިމަދިމާއަށް ދުއްވައިގެންފިއެވެ. ބައެއް ކުދިން މޫދުގައި މަޑުކުރިނަމަވެސް ގިނަކުދިން ދިޔައީ އެއްގަމާއި ދިމާއަށެވެ. ކަމާލިޔާ ހިނގައިގަތީ ލަމްޔާގެ ފަހަތުންނެވެ. ނާޖިދާ އާއި ރާއިދު ތިބީ އެމީހުންގެ ހަރަކާތްތަކަށް ސަމާލުކަންދީގެން ނަމަވެސް އެހެން މީހަކަށް އެކަމެއް ނޭނގެއެވެ.
އެއްގަމަށް ގެންދަންޖެހޭ ތަކެތި ގެންދިއުމުގައި ހުރިހާ ބޮޑެތިމީހުން ވެސް ބައިވެރިވިއެވެ. ބައެއްކުޑަކުދިން ވެސް އެކުދިންނަށް ގެންދެވޭވަރުގެ ތަކެތި އެއްގަމަށް ގެންގޮސް ދިނެވެ.
ހެނދުނުގެ ސަޔަށްފަހު އޮތީ ކުޅެމަޖާކުރުމާއި ސަކަރާތްޖެހުމެވެ.
ގަހެއްދަށު އޮށޯވެލައިގެން އޮތް ރާއިދުއާ ދިމާއަށް ނާޖިދާ ދިޔައީ އެހެންމީހަކަށް އެދެމީހުން ނުފެންނާނެކަން ޔަގީންކުރަމުންނެވެ. އޭރު އެސަރަހައްދުގައި އެހެން އެއްވެސް މީހަކު ނެތެވެ.
“ހަވާލުކުރި ކަންތައް ކޮބާ؟” ވަށައިގެން ހޯދާލަމުން އަވަސް އަވަހަށް ނާޖިދާ އަހާލިއެވެ.
“އެކަމާ ހާސްނުވޭ …. އެހެން މީހަކަށް ތަނެއް ދޮރެއް ވެސް އަންގާނުލާ އެކަން ނިންމާލާނަން.” ނާޖިދާގެ އަތުގައި ހިފަމުން ރާއިދު ވާހަކަދެއްކިއެވެ. ރާއިދު މަސައްކަތްކުރީ އޭނާގެ ގައިމައްޗަށް ނާޖިދާ ވައްޓާލަން ނަމަވެސް ނާޖިދާ ހުރީ އެވަރު ވިސްނައިގެން ކަމަށްވާތީ އެކަން ކާމިޔާބެއް ނުވިއެވެ.
“ސާބަސް ….. ކޮންމެތަނަކަސް ހެޔޮދޯ؟ …. މީހަކަށް ފެނިދާނެ. ބަލައިގެން އުޅޭތި.” ނާޖިދާ ބޭނުންވީ އެހެންމީހަކަށް ފެނުމުގެ ކުރިން އެތަނުން ދާށެވެ. އެކަން ރާއިދަށް އެނގުމާއިއެކު ނާޖިދާގެ އަތުން ދޫކޮށްލިއެވެ.
އެކަނި މާއެކަނި މޫނިގަސްތަކުގެ ތެރޭގައި އުޅެމުންދިޔަ ލަމްޔާ ވިސްނަމުންދިޔައީ ހަމައެކަނި އޭނާގެ މަސައްކަތާއިމެދުގައެވެ. މާދުރުނޫން ހިސާބަކުން ދަތުރުގެ ބައިވެރިންގެ ތެރެއިން ކޮންމެވެސް ބައެއްގެ މަޖާކުރުންތައް އަޑުއިވޭތީ އެހެންކަމަކާއި ވިސްނުމުގެ ބޭނުންމެއް އޮތް ކަމަކަށް ލަމްޔާ ނުދެކެއެވެ.
މޫނިބިނުމާއިގެން މަސްއޫލުވެހުރި ލަމްޔާ ސިއްސައިގެންދިޔައީ ކުއްލިއަކަށް ކޮންމެވެސް މީހަކު އޭނާގެ އަތުގައި ހިފުމުންނެވެ. ލިބުނު ހައިރާންކަމާއެކު އަވަސް އަވަހަށް ލަމްޔާ ބަލާލިއިރު އޭނާގެ އަތުގައި ހިފައިގެން ހުރީ ރާއިދު އެވެ. އޭނާއާދިމާއަށް ބަލަހައްޓައިގެން ރާއިދު ހުރިގޮތް ފެނުމާއިއެކު ލަމްޔާ ހާސްވެ ކަންބޮޑުވާގޮތްވިއެވެ.
“އަހަރެންގެ އަތުން ދޫކޮށްލާ.” ހިތްހަމަނުޖެހުމާއެކު އަވަސް އަވަހަށް ލަމްޔާ ބުންޏެވެ.
“މާބާރަށް ވާހަކަ ނުދައްކާ ….. މީހަކު އައިސްދާނެ.” ރާއިދު ވާހަކަ ދެއްކީ ލަމްޔާއާ ހަތަރުކަޅި ހަމަކުރަން މަސައްކަތްކުރަމުން ނަމަވެސް އެކަމުގައި އޭނާއަކަށް ކާމިޔާބެއް ނުލިބުނެވެ.
“އަހަރެންގެ އަތުން ދޫކޮށްލާ ….. އަހަރެން ދާންވެއްޖެ.” ލަމްޔާގެ އަޑު ބާރުވިއެވެ.
“އިރުކޮޅަކު މަޑުކޮށްލިޔަސް ރަނގަޅުވާނެ. އެއްވެސް މީހަކު ހޯދާކަށް ނޫޅެއެއްނު.” ރާއިދު މަސައްކަތްކުރީ ލަމްޔާ އެތަނުގައި މަޑުކުރުވާށެވެ.
“ކޮންމެހެން އަހަރެންނަށް ރަނގަޅުގޮތް ބުނެދޭނެކަމެއްނެތް …. ދައްތަމެނަށް ގޮވާނުލަނީސް އަހަރެންގެ އަތުން ދޫކޮށްލާ. އަހަރެން ނޫޅެން ކޮންމެހެން ކަލެއާ ވާހަކަދައްކަން މަޑުކުރާކަށް.” ރުޅިވެރިކަމާއެކު ރާއިދަށް ބަލާލަމުން ލަމްޔާ ކޮށްލި ހަރަކާތާއިއެކު ރާއިދުގެ އަތުން ލަމްޔާގެ އަތް ދޫވިއެވެ.
އެތަނުން ނުކުންނަން ލަމްޔާ ދުއްވައިގަތުމުން ރާއިދު ވެސް އެހެންދިމާއަކަށް މިސްރާބުޖެހިއެވެ.
ލަމްޔާ ގޮސް އަތިރިއަށް ނުކުތްއިރު ރާއިދު ވެސް އަތިރިމައްޗަށް ނުކުންނަނީ އެވެ.
“ބޮޑުމަކަރު …. އަވަހެއްނު އަތިރިމައްޗަށް ނުކުތްލެއް.” ރާއިދު ފެނުމާއިއެކު ލަމްޔާގެ ހިތްހަމަނުޖެހުން އިތުރުވެގެންދިޔައެވެ. ހިތާހިތުން ކުދިކިޔައިގަތް ނަމަވެސް އެހެންމީހެއްކައިރީ އެވާހަކަ ދައްކާކަށް ނުކެރުނެވެ. ސާބިތުކޮށްދޭނެގޮތެއް ނެތްތާނގައި ދެއްކޭނެ ހެއްކެއް ވެސް ނެތެވެ. އެވަރުގެ ބޮޑުކަމެއް ކުރުމުގެ ކުރިން ރަނގަޅަށް ވިސްނަންވާނެއެވެ.
ކުޅެމަޖާކުރުމާއިގެން ކުދިންތަކާއި މީހުންތައް މަސްއޫލުވެފައި ތިބި ލެއް ބޮޑުކަމުން ވަގުތުތައް ފާއިތުވަމުން ދިޔަގޮތް ވެސް ނޭނގެ އެވެ. މެންދުރަށް ކެއްކުމުގެ ތައްޔާރީތަކުގައި އުޅެމުންދިޔަ ހަރުމީހުންނަށް އެހީތެރިވުމާއިގެން ލަމްޔާ އުޅެމުންދިޔައެވެ.
“ދައްތާ …. ދައްތާ …. ކަމާލިޔާ ކޮއްކޮ …. ކޮއްކޮ ….. މަރުވެއްޖެ …. ” ރޮމުން ރޮމުން ދުވަމުން ދުވަމުން އައި ނޭހާގެ އަޑަށް އެންމެން ދިޔައީ ސިއްސައިގެންނެވެ.
“މަގޭ ދަރިފުޅު …. ނުވާނެ އެހެނެއް.” ރޮމުން ރޮމުން ދުއްވައިގަތް ނާޖިދާއަށް ދެވުނީ ދެތިން ފޫޓަށެވެ. ލިބުނު ޚަބަރުން ހިތަށް ކެތްނުވެގެން ޚަބަރުހުސްވެގެން ވެއްޓިއްޖެއެވެ.
ނުނިމޭ
ލިޔުންތެރިޔާގެ ފުރަމަލަ
- ވާހަކަ ލިޔުމުގައި ގަލަން ނަމަކަށް "ނީރު" ބޭނުންކުރާ މުޙައްމަދު މުނީރަކީ ހުނަރުވެރި ވާހަކަ ލިޔުންތެރިއެކެވެ. ވާހަކަފޮތްތައް ކަރުދާހުގައި ޗާޕްކޮށްފައިވެސް ވެއެވެ.
މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 17 ޖުލައި 2024ހާދިސާއޭނާ – ތިރީސްވަނަ ބައި (ފަހު ބައި)
- 20 ޖޫން 2024ބިރުވެރިއޭނާ – ނަވާވީސްވަނަ ބައި
- 3 ޖޫން 2024ބިރުވެރިއޭނާ – އަށާވީސްވަނަ ބައި
- 27 އޭޕްރިލް 2024ބިރުވެރިއޭނާ – ހަތާވީސްވަނަ ބައި
ވެއިޓިންގ ފޯރ ދަ ނެކްސްޓް ޕާޓް