އާދަމް ސަލީމް ކަޕް 2019 ފުޓްބޯޅަ މުބާރާތް ފެށިއްޖެއެވެ. ހަނިމާދޫ ޒުވާނުންގެ ޖަމުޢިއްޔާއިން އިންތިޒާމު ކޮށްގެން ކުރިޔަށް ގެންދާ މި މުބާރާތް ފެށުމުގެ ގޮތުން މިއަދު ހަނިމާދޫ ރަސްމީ ފުޓްބޯޅަ ދަނޑުގައި ކުޅުނު ފުރަތަމަ މެޗު ޝަރަފުވެރި ކޮށްދެއްވީ މި މުބާރާތުގެ މެއިން ސްޕޮންސަރ ކަމުގައިވާ ހެޕީ މާކެޓުގެ މެނޭޖަރ އަޙުމަދު ސާހުއެވެ.

މި މުބާރާތުގައި ޖުމުލަ ހަ ޓީމަކުން ބައިވެރި ވެފައިވާއިރު މިއަދު މުބާރާތުގެ ފުރަތަމަ މެޗުގައި ބައްދަލު ކޮށްފައި ވަނީ ޔޫތު ފުރެންޑްސް އާއި ޓީމު ރޫހެވެ.

ގިނަވަގުތު މެޗު ކޮންޓްރޯލު ކޮށްގެން ޔޫތު ފުރެންޑްސްއިން ކުޅުނު ނަަމަވެސް މެޗު ނިމިފައިވަނީ 1-1 ގެ ނަތީޖާއަކުން ދެ ޓީމު އެއްވަރު ވެގެންނެވެ. މެޗުގައި ޖެހި ދެ ލަނޑު ވެސް ފެނިގެން ގޮސްފައި ވަނީ ފުރަތަމަ ހާފުގައެވެ. ފުރަތަމަ ލަނޑުޖަހާފައި ވަނީ ރޫޙު ޓީމުގެ ޖޯޒީ ނަންބަރު 80 އިބުރާހިމް ރަމީޒުއެވެ. ފުރަތަމަ ހާފު ނިމުމުގެ ކުރިން ޔޫތު ފުރެންޑްސްގެ ޖޯޒީ ނަންބަރު 30 އަޙްމަދު ޚަލީލު ލަނޑުޖަހައި ވަނީ ނަތީޖާ ހަމަހަމަ ކޮށްފައެވެ.

މިއަދު މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ ރޫހު ޓީމުގެ ޖޯޒީ ނަންބަރު 14 މުޙައްމަދު ޢަލީއެެވެ. އޭނާ ވަނީ ޔޫތު ފުރެންޑްސްގެ ގިނަ ހަމަލާތަކެއް ހުއްޓުވުމުގައި ޑިފެންސްގައި މޮޅު ކުޅުމެއް ކުޅެފައެވެ. މެޗުގެ މޮޅު ކުޅުންތެރިޔާއަށް އިނާމު ހަވާލު ކޮށްދެއްވާފައި ވަނީ މިއަދުގެ މެޗުގެ ޝަރަފުވެރި މެހެމާނު ހެޕީ މާކެޓުގެ މެނޭޖަރު އަހުމަދު ސާހުއެވެ.

މާދަމާ ވެސް މި މުބާރާތުގެ މެޗެއް އޮންނާނެއެވެ. ބައްދަލު ކުރާނީ ޝީލްޑް އަދި ރިއަލް ސްޓާރސްއެވެ. މެޗު ފެށުމަށް ހަމަޖެހިފައި ވަނީ 16:00 ގައެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

އިބްރާހިމް ޚަލީލް
އިބްރާހިމް ޚަލީލް
މުނިއަވަސްގެ ޑެޕިއުޓީ އެޑިޓަރ އިބްރާހިމް ޚަލީލްގެ ޚާއްޞަ ދާއިރާ ތަކަކީ ދީނީ، އިޖްތިމާޢީ އަދި އަދަބިއްޔާތެވެ. ކަރަންޓް އެފެއާޒަކީވެސް އޭނާ ފަރިތަ ދާއިރާއެކެވެ.