ޔުއެފާ ޗެމްޕިއަންސް ލީގުގެ ގުރޫޕް އެފް ގައި ރޭ ސްލާވިއާ ޕްރާގުގެ މައްޗަށް 1-2 ގެ ނަތީޖާއަކުން ކުރިހޯދައިގެން ބޮރޫސިއާ ޑޯޓްމަންޑުން ގަދަ 16 ޖާގަ އެއް ކަށަވަރުކޮށްފިއެވެ.

ޑޯޓްމަންޑްގެ ގެ ދަނޑުގައި ކުޅުނު މި މެޗުގެ ވަރަށް ކުރީކޮޅު ގޯލެއް ޖަހާ ޑޯޓްމަންޑުން ވަނީ ލީޑު ނަގާފައެވެ. މާކޯ ރޮއިސް ތަނަވަސްކޮށްދިން ފުރުސަތަކުން 10 ވަނަ މިނެޓުގައި މި ގޯލު ކާމިޔާބުކޮށްދިނީ ޖޭޑަން ސަންޗޯ އެވެ. ދެ ޓީމުގެ ފަރާތުން ވެސް ގިނަ ހަމަލާތަކެއް ފެނިގެން ދިޔަ މި މެޗުގައި، ގިނައިރު ބޯޅަ ހިފަހައްޓައިގެން ކުޅުނީ ސްލާވިއާ ޕްރާގުން ކަން ފާހަގަކޮށްލެވެއެވެ. ފުރަތަަމަ ހާފު ނިމެން އުޅެނިކޮށް ސްލާވިއާ ޕްރާގުން ވަނީ ގޯލެއް ޖަހާ މެޗުގެ ނަތީޖާ ހަމަހަމަ ކޮށްދީފައެވެ. 43 ވަނަ މިނެޓުގައި މި ގޯލު ކާމިޔާބުކޮށްދިނީ ތޯމަސް ސޯސެކް އެވެ.

ދެވަނަ ހާފުގައި ދެޓީމަށް ވެސް ގޯލު ޖަހާނެ ރަނގަޅު ފުރުސަތުތަކެއް ލިބިގެން ވަނީ ގޮސްފައެވެ. ޑޯޓްމަންޑް ސަލާމާތްކޮށްދިން ގޯލު ސަންޗޯ ތަނަވަސްކޮށްދިން ފުރުސަތަކުން 61 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ޖޫލިއަން ބްރޭންޑްތް އެވެ. 77 ވަނަ މިނެޓުގައި ޑޯޓްމަންޑްގެ މިޑްފިލްޑަރ ޖޫލިއަން ވެއިގަލް އަށް ވަނީ ދެވަނަ ރީނދޫ ކާޑާއެކު ރަތް ކާޑެއް ދައްކާ ދަނޑުން ފޮނުވާލައިފައެވެ.

ޖޭޑަން ސަންޗޯ ގޯލް ޖަހަނީ / ފޮޓޯ: ގެޓީ އިމޭޖެސް

މި ގުރޫޕުގައި ދެން ކުޅުނު އިންޓަމިލާން އަދި ބާސެލޯނާ ބައްދަލުކުރި މެޗުން 2-1 ގެ ނަތީޖާއަކުން އިންޓަމިލާން ބަލިވުމުން، ގުރޫޕުގެ ތިންވަނަ ޓީމުގެ ގޮތުގައި އެޓީމަށް ވަނީ ޔޫރަޕާ ލީގުގެ ނޮކްއައުޓް ސްޓޭޖުން ޖާގަ ލިބިފައެވެ.

މެޗަށް ނުކުތްއިރު ވެސް، ގުރޫޕުގެ އެއްވަނަ ޓީމުގެ ގޮތުގައި ޗެމްޕިއަންސް ލީގުގެ ގަދަ 16 ގެ ޖާގައެއް ކަށަވަރުކޮށްފައިވާ، ބާސެލޯނާ އިން މި މެޗަށް ނިކުތީ ރިޒާވް ކުޅުންތެރިންނަށް ފުރުސަތު ދީގެންނެވެ. ފުރަތަ ހާފުގެ 23 ވަނަ މިނެޓުގައި ބާސާގެ ޒުވާން ފޯވާޑް ކާލެސް ޕެރޭޒް ވަނީ ގޯލެއް ޖަހާ ބާސާ އަށް ލީޑު ނަގައިދީފައެވެ. ގިނައިރު ބޯޅަ ހިފަހައްޓައިގެން ބާސާއިން މޮޅަށް ކުޅުނު ނަމަވެސް ގިނަ ހަމަލާތަކެއް އުފެއްދީ އިންޓަމިލާނުން ކަން ފާހަގަކޮށްލެވެއެވެ. ފުރަތަަމަ ހާފު ނިމެން ދެ މިނެޓަށް ވެފައިވަނިކޮށް ލަޓާރޯ މާޓިނޭޒް ތަނަވަސްކޮށްދިން ފުރުސަތަކުން ލުކާކޫ ވަނީ ގޯލެއް ޖަހާ އިންޓަމިލާން އަށް މެޗުގެ ނަތީޖާ ހަމަހަމަ ކޮށްދީފައެވެ.

ބާސާ މޮޅުވި ގޯލު މެޗުގެ 86 ވަނަ މިނެޓުގައި ލުއިސް ސުއަރޭޒް ތަނަވަސްކޮށްދިން ފުރުސަތަކުން ކާމިޔާބުކޮށްދިނީ އެ ޓީމުގެ ޒުވާން ހުނަރުވެރި ފޯވާޑް އަންސޫ ފާޓީ އެވެ. މި ގޯލާއެކު އޭނާ ވެފައިވަނީ ޔުއެފާ ޗެމްޕިއަންސް ލީގުގެ ތާރީޚުގައި ގޯލު ޖެހި އެންމެ ހަގު ކުޅުންތެރިޔާ އަށެވެ. ރޮސެންބާގް ގެ ޕީޓާ އޮފޯރީ ކުއާޔޭ އޭނާގެ އުމުރުން 17 އަހަރާއި، 195 ދުވަހުން 1995 ވަނަ އަހަރު ހަދާފައިވާ ރެކޯޑް ފާޓީ މުގުރާލީ އޭނާގެ އުމުރުން 17 އަހަރާއި 40 ދުވަހުންނެވެ. އަންސޫ ފާޓީ އަކީ ސްޕެނިޝް ލީގުގައި ވެސް ގޯލު ޖަހާފައިވާ އެންމެ ހަގު ކުޅުންތެރިޔާކަން ފާހަގަކޮށްލެވެއެވެ.

އަންސޫ ފާޓީ ގޯލުޖެހުމަށްފަހު އުފާފާޅުކުރަނީ / ފޮޓޯ: ގެޓީ އިމޭޖެސް

ޔުއެފާ ޗެމްޕިއަންސް ލީގުގެ ގުރޫޕު އެފް ގައި ކުޅުނު 6 މެޗުން ހޯދި 14 ޕޮއިންޓާއެކު އެއްވަނަ ޓީމުގެ ގޮތުގައި ގަދަ 16 ގެ ޖާގައެއް ބާސެލޯނާ އިން ކަށަވަރުކުރިއިރު، 10 ޕޮއިންޓާއެކު ޑޯޓްމަންޑުން ވަނީ ދެވަނަ ޓީމުގެ ގޮތުގައި ގަދަ 16 ގެ ޖާގައެއް ކަށަވަރުކޮށްފައެވެ. ތިންވަނައިގައި އޮތް އިންޓަމިލާން އަށް ވަނީ ޔުއެފާ ޔޫރޮޕާ ލީގުގެ ނޮކްއައުޓް ސްޓޭޖުން ޖާގަ ލިބިފައެވެ.

ބާސެލޯނާގެ ކުޅުންތެރިން އުފާފާޅުކުރާއިރު، އިންޓަމިލާންގެ ކުޅުންތެރިން މާޔޫސްވެފައި / ފޮޓޯ: ގެޓީ އިމޭޖެސް

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ޝާމިން
އަޙްމަދު ޝާމިން މައިގަނޑު ގޮތެއްގައި ލިޔާނީ ކުޅިވަރު ޚަބަރުތަކެވެ. ފިލްމީ އަދި މިއުޒިކީ ދާއިރާ ނޫން އެހެން ހުރިހައި ދާއިރާތަކަށް ވެސް ޝާމިން ލިޔާނެއެވެ.