ހަނިމާދޫ ޒުވާނުންގެ ޖަމުޢިއްޔާއިން އިންތިޒާމު ކޮށްގެން ކުރިއަށް ގެންދާ “އާދަމް ސަލީމް ކަޕް 2019” ފުޓްބޯޅަ މުބާރާތުގެ ދެ ވަނަ މެޗު ފޯރިގަދަ ކުޅުމަކަށް ފަހު ޝީލްޑުން ކާމިޔާބު ކޮށްފިއެވެ.

އިއްޔެ ހަވީރު ހަނިމާދޫ ރަސްމީ ފުޓްބޯޅަ ދަނޑުގައި ކުޅުނު މި މެޗު ޝީލްޑުން ކާމިޔާބުކޮށްފައި ވަނީ ރިއަލްް ސްޓާރސް އާއި ވާދަކޮށް 2-1 ގެ ނަތީޖާއަކުންނެވެ.

މެޗު ފަށައިގެން ފުރަތަމަ ފަނަރަ މިނިޓު ރިއަލް ސްޓާރސްއިން، މެޗު ކޮންޓްރޯލް ކޮށްގެން މޮޅަށްކުޅެ ވަނީ އިދިކޮޅުގެ ގޯލަށް ނުރައްކާ ކޮށްފައެވެ. ނަމަވެސް ޝީލްޑުން ކުޅުން ރަނގަޅުކޮށް މެޗުގެ ފުރަތަމަ ހާފު ނިމުމުގެ ކުރިން ވަނީ ލަނޑެއްޖަހައި މެޗުގައި ފުރަތަމަ ފަހަރަށް ކުރި ހޯދާފައެވެ. މި ލަނޑަކީ 36 ވަނަ މިނިޓުގައި ޝީލްޑުގެ އާސިފު ސަލީމު ތަނަވަސް ކޮށްދިން ފުރުސަތެއްގައި އެ ޓީމުގެ ޖޯޒީ ނަންބަރު 37 އަހުމަދު އުސާމް ކާމިޔާބު ކުރި ލަނޑެކެވެ. އޭނާ ވަނީ ފުރަތަމަ ހާފުގައި އެ ޓީމުގެ މެދުތެރޭގައި މޮޅުކުޅުމެއް ދައްކާފައެވެ. ފުރަތަމަ ހާފު ނިމިފައިވަނީ 1-0 ގެ ނަތީޖާއަކުން ޝީލްޑު ކުރީގައި އޮވެގެންނެވެ.

ފޮޓޯ: އައި ކްލިކް ސްޓޫޑިއޯ

ދެވަނަ ހާފުގައި ވެސްް ފެނިގެން ގޮސްފައިވަނީ ފޯރިގަދަ ވާދަވެރި ކުޅުމެކެވެ. މިގޮތުން ޓީމު ކުރިއަށް ޖައްސައި ރިއަލް ސްޓާރސް އިން ވަނީ ލަނޑެއް ޖެހުމަށް ވަރަށް ބޮޑަށް މަސައްކަތް ކޮށްފައެވެ. މިގޮތުން ފަހު ހާފުގެ މެދަކާއި ހިސާބުގައި ވަނީ ޕެނަލްޓީއެއް ވެސް ލިިބި ބޭކާރުވެފައެވެ. އެ ޓީމުގެ މުހައްމަދު ނައުޝާދު ފޮނުވާލި ޕެނަލްޓީ އަމާޒުވެފައި ވަނީ ގޯލުގެ ދަނޑިއަށެވެ. ރިއަލް ސްޓާރސްގެ ޑިފެންޑަރުންނަށް ހެދުނު ގޯހެއްގެ ފައިދާ ނަގައި މެޗުގެ 90 ވަނަ މިނިޓްގައި ޝީލްޑުގެ ޖޯޒީ ނަންބަރު 10 އާސިފް ސަލީމް ވަނީ އެޓީމަށް ތިން ޕޮއިންޓް ކަށަވަރު ކޮށްދީފައެވެ.

މެޗުގެ އިތުރު ވަގުތުގެތެރޭގައި ރިއަލް ސްޓާރސްއަށް ވަނީ އިތުރު ޕެނަލްޓީއެއް ލިބިފައެވެ. އެ ޕެނަލްޓީ ރިއަލް ސްޓާރސްއަށް ކާމިޔާބު ކޮށް ފަރަގުކުޑަ ކޮށްދީފައިވަނީ އެ ޓީމުގެ ޖޯޒީ ނަންބރު 10 ނޫރުﷲ ޠާހާއެވެ.

ފޮޓޯ: އައި ކްލިކް ސްޓޫޑިއޯ

އިއްޔެގެ މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ ޝީލްޑުގެ ޖޯޒީ ނަންބަރު 10 އާސިފް ސަލީމެވެ. މޮޅުކުޅުންތެރިޔާއަށް އިނާމު ހަވާލުކޮށް ދެއްވީ މެޗުގެ ސަރަފުވެރި މެހެމާނު ހަނިމާދޫ ރިހިބިލިޓޭޝަން ސެންޓަރުގެ ޑިރެކްޓަރު އަލްފާޟިލް އަބްދުﷲ އާދަމެވެ.

މި މުބާރާތުގެ މެޗެއް މިއަދު ވެސް އޮންނާނެއެވެ. ބައްދަލު ކުރާނީ ޓީމު ޔުނީފޯމާއި ޓީމު އަހުލީއެވެ. މެޗު ފެށުމަށް ހަމަޖެހިފައިވަނީ 16:00 ގައެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

އިބްރާހިމް ޚަލީލް
އިބްރާހިމް ޚަލީލް
މުނިއަވަސްގެ ޑެޕިއުޓީ އެޑިޓަރ އިބްރާހިމް ޚަލީލްގެ ޚާއްޞަ ދާއިރާ ތަކަކީ ދީނީ، އިޖްތިމާޢީ އަދި އަދަބިއްޔާތެވެ. ކަރަންޓް އެފެއާޒަކީވެސް އޭނާ ފަރިތަ ދާއިރާއެކެވެ.