​ބްލޫ ޕްރޮސްޕެރިޓީ ކޯލިޝަނާއި ގުޅިގެން ފަރުމާކުރުމަށް ހަމަޖެހިފައިވާ ސްޕާޝަލް ޕްލޭން އެކުލަވާލުމަށް މަޝްވަރާ ބައްދަލުވުމެއް، މަސްވެރިކަމާ ދަނޑުވެރިކަމާ ގުޅޭ ވުޒާރާއިން ފަށައިފިއެވެ.

ކަނޑުގެ މާހައުލުތައް ރައްކާތެރިކުރުމާއިއެކު، ކަނޑުތަކުގެ ވަސީލަތްތަކުން ލިބޭ އިޤްތިޞާދީ ފައިދާ އިތުރުކުރުމުގެ މަޤްޞަދުގައި މެރިން ސްޕޭޝަލް ޕްލޭންތައް ފަރުމާކުރުމުގެ މަސައްކަތްތައް ކުރަމުންދާ ބައިނަލްއަޤްވާމީ ޖަމުޢިއްޔާއެއްކަމަށްވާ ބްލޫ ޕްރޮސްޕެރިޓީ ކޯލިޝަންއާއި ދިވެހި ސަރުކާރު ގުޅިގެންގެން ރާއްޖޭގައި ކުރުމަށް ކަނޑައެޅިފައިވާ މަސައްކަތްތައް ފެށުމުގެ ގޮތުން ސްޓޭކްހޯލްޑަރ ބައްދަލުވުންތައް މިއަދު ފެށިގެން ކުރިއަށް އެބަ ދެއެވެ.

ރާއްޖޭގެ ތަފްސީލީ މެރިން ސްޕޭޝަލް ޕްލޭނެއް އެކުލަވާލުމަށް ދިވެހި ސަރުކާރާއި ބްލޫ ޕްރޮސްޕެރިޓީ ކޯލިޝަންއާ ދެމެދު، 2019 ވަނަ އަހަރުގެ ސެޕްޓެންބަރު މަހުގައި އދ ގެ ޖެނެރަލް އެސެމްބްލީގެ ހަވާސާގައި އެއްބަސްވުމެއްގައި ވަނީ ސޮއި ކުރެވިފައެވެ. މިމަސައްކަތުގައި ދިވެހި ސަރުކާރުގެ ފަރާތުން ފޯކަލްޕޮއިންޓެއްގެ ގޮތުގައި ޙަރަކާތްތެރިވާނީ މޯލްޑިވްސް މެރިން ރިސަރޗް އިންސްޓިޓިއުޓެވެ.

މިއަދުން ފެށިގެން ޑިސެންބަރު 17 އާއި ހަމައަށް ކުރިއަށްދާ މިބައްދަލުވުންތަކަކީ، ކަމާގުޅުންހުރި އިދާރާތަކާއި، ތިމާވެށީގެ ރޮނގުން މަސައްކަތް ކުރާ ޖަމުޢިއްޔާ ޖަމާޢަތްތަކާ މަޝްވަރާކުރުމަށް ވަނީ ހަމަޖެހިފައެވެ. މި މަޝްވަރާ ބައްދަލުވުމުގެ މަޤްޞަދަކީ ދިވެހިރާއްޖޭގެ މެރިން ސްޕޭޝަލް ޕްލޭން ތައްޔާރުކުރުމަށް ބޭނުންވާ ސައިންޓިފިކް މައުލޫމާތު ނެގުމުގައި ރާއްޖެއަށް ބޭނުންތެރިގޮތަކަށް މި ޕްރޮގްރާމްގެ ދަށުން ހިނގާ ސައިންޓިފިކް މަސައްކަތްތައް ފަރުމާކުރުމެވެ. ސައިންޓިފިކް މައުލޫމާތުގެ އަލީގައި އެކުލަވާލެވޭ މެރިން ސްޕޭޝަލް ޕްލޭން ވެގެން ދާނީ ސަރުކާރުގެ ސިޔާސަތުތައް ބައްޓަންކުރުމުގައި ބޭނުންކުރެވޭ މުހިންމު ޕްލޭނަކަށެވެ. އަދި މި ސްޕޭޝަލް ޕްލޭންގެ އަލީގައި ރާއްޖޭގައި އެކުލެވޭ މުހިންމު މާހައުލުތަކާގުޅޭ މައުލޫމާތު ލިބިގެން ދާނެއެވެ. އަދި ހިމާޔަތް ކުރުމަށް ޚާއްސަ ސަރަހައްދުތައް ދެނެގަނެވިގެން ދާނެއެވެ.

ބްލޫ ޕްރޮސްޕެރިޓީ ކޯލިޝަނާއި ގުޅިގެން މޯލްޑިވްސް މެރިން ރިސާރޗް އިންސްޓިޓިއުޓުން ހިންގޭ ސައިންސް ޕްރޮގްރާމްގެ ތެރޭގައި، މުޅި ރާއްޖެ ތަމްސީލުވާގޮތަށް ރާއްޖޭގެ ފަރުތައް ސާރވޭ ކުރުމަށް 2020 ޖަނަވަރީ – ފެބްރުއަރީގައި މަސައްކަތްތަކެއް ކުރުމަށް ވަނީ ހަމަޖެހިފައެވެ. އަދި 2020 މާރިޗު މަހުގެ ތެރޭގައި، ރާއްޖޭގައި ކުރެވޭ ފުރަތަމަ ފުން ކަނޑުތަކުގެ ދިރުންތަކާގުޅޭ ސާރވޭ ދަނީ ރޭވެމުންނެވެ.

މި ކޯލިޝަންގެ ސަބަބުން ރާއްޖޭގައި މެރިން ސްޕޭޝަލް ޕްލޭނެއް އެކުލަވާލުމުގެ އިތުރުން، ރާއްޖޭގައި މެރިން ސައިންޓިފިކް ރިސާރޗްގެ ދާއިރާ ފުޅާވެ، މެރިން ސައިންސްގެ ދާއިރާއިން ރާއްޖޭގެ ގާބިލުކަން އިތުރުވެގެން ދާނެއެވެ.

ބްލޫ ޕްރޮސްޕަރިޓީ ކޯލިޝަންއަކީ އެކެޑެމިކް އިންސްޓިޓިއުޝަންތަކާއި، ފައުންޑޭޝަންތަކާއި އެހެން ޖަމުޢިއްޔާތައް ގުޅިގެން، އެއްބާރުލުންދޭ ޤައުމުތަކާއިއެކު މެރިން ސްޕޭޝަލް ޕްލޭންތައް އެކުލަވާލުމަށާއި، ސައިންޓިފިކް ދިރާސާތަކުގެ އަލީގައި މުހިންމު މާހައުލުތައް ހިމާޔަތްކުރުމާއިއެކު ދެމެހެއްޓެނިވި ގޮތެއްގައި ކަނޑުތަކުގެ މާހައުލަށް ބަރޯސާވާ އިޤްތިޞާދީ މަސައްކަތްތައް ކުރިއެރުވުމަށް މަސައްކަތްކުރާ ޖަމުޢިއްޔާއެކެވެ. މިކޯލިޝަންގައި ބައިވެރިންގެ ތެރޭގައި ވެއިޓް އިންސްޓިޓިއުޓާއި، ވެއިޓް ފައުންޑޭޝަން އަދި ސްކްރިޕްސް އިންޓިޓިއުޓް އޮފް އޯޝަނޯގްރަފީ، ނެކްޓަން ޑީޕް އޯޝަން އެކްސްޕްލޮރޭޝަން، ނެޝަނަލް ޖިއޯގްރަފިކް ގެ ޕްރިސްޓީން ސީސް ގެ އިތުރުންވެސް މި ދާއިރާއިން މަސައްކަތްކުރާ ތަފާތު ޖަމާޢަތްތައް ހިމެނެއެވެ.

މެރިން ސްޕޭޝަލް ޕްލޭނިން އަކީ ކަނޑުތަކުގައި އެކުލެވޭ ގުދުރަތީ ވަސީލަތްތަކާއި، މި ވަސީލަތްތައް ބޭނުންކުރާ ގޮތްތަކަށް ރިއާޔަތްކޮށް، ކަނޑުތައް މެނޭޖްކުރުމަށް އެކުލަވާލެވޭ ތަފްސީލީ ޕްލޭނެކެވެ. މިފަދަ ޕްލޭންތަކަކީ ނޫ އިޤްތިޞާދު ކުރިއެރުވުމަށް، ދެމެހެއްޓެނިވި ގޮތެއްގައި ކަނޑުތަކުވެ ވަސީލަތްތަކުން އިޤްތިޞާދީ ފައިދާ ހޯދުމާއި ކަނޑުތައް ދުޅަހެޔޮގޮތުގައި ދެމެހެއްޓުމަށް ބޭނުންވާ ސިޔާސަތުތައް ކަނޑައެޅުމަށް މުހިންމު މައުލޫމާތު ފޯރުކޮށްދޭނެއެވެ. އަދި މުހިންމު މާހައުލީ ނިޒާމުތައް ދެނެގަތުމާއިއެކު، މިފަދަ ސަރަހައްދުތައް ހިމާޔަތްކުރުމަށްވެސް ސައިންސާއި، އިޖުތިމާޢީ މައުލޫމާތުގެ އަލީގައި ސިޔާސަތު ކަނޑައެޅުމަށް އެހީތެރިވެދޭ ޕްލޭންތަކެކެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ރަޝީދު
އަޙްމަދު ރަޝީދު
ހުރިހައި ދާއިރާއެއްގެ ލިޔުންތައްވެސް މުނިއަވަސްގެ ފައުންޑަރ އަދި ޗީފް އެޑިޓަރ ލިޔާނެއެވެ.