2020 ގައި ނެރުމަށް ތާވަލުކޮށްފައިވާ ފިލްމުތަކުގެ ތެރެއިން އެންމެ އިންތިޒާރުކުރެވޭ އެއް ފިލްމު ކަމަށްވާ ޑާކްރެއިން އެންޓަޓެއިންމެންޓްގެ “ނޮވެމްބަރ“ގެ ޝޫޓިން އައްޑޫ ސިޓީގައި ފަށައިފިއެވެ.

ސިންގަޕޫރުގެ ހިތްގައިމު މަންޒަރުތަކުން ފިލްމުގެ މަންޒަރުތައް މުއްސަނދިކުރުމަށްފަހު އައްޑޫ ސިޓީގެ ހިތްގައިމު މަންޒަރުތަކުން ފިލްމަށް އިތުރު މުއްސަނދިކަމެއް ގެނައުމަށް ފިލްމުގެ ތަރިންނާއި ކްރޫ އައްޑުއަށް ދިޔައީ މިމަހު 11ވަނަ ދުވަހުއެވެ.

އައްޑޫގައި ފިލްމުގެ މަންޒަރުތައް ނެގުމަަށް ދިހަ ދުވަސް ހޭދަކުރާނެ ކަމަށް ޕްރޮޑިއުސަރު މުހައްމަދު އަލީ (މޮގާ) ބުނެއެވެ.

ލޯބީގެ ރަހަތައް އެކުލެވޭ ފިލްމު “ނޮވެމްބަރ” ގެ ސްކްރީންޕްލޭ ލިޔުނީ އާއިޝަތު ފުއާދު ތައުފީގް އާއި އަޙްމަދު ޠަލާލް އެވެ. ފިލްމު ޑައިރެކްޓްކޮށް ކެމެރާ ކުރުމުގައި ހަރަކާތްތެރިވަނީ ޢަލީ ޝިފާޢު (ޗިއްޕެ) އެވެ. ކޯ-ޑައިރެކްޓަރެއްގެ ގޮތުގައި އާއިޝަތު ފުއާދު ހަރަކާތްތެރިވާއިރު، ކެމެރާ ކުރުމުގައި އަޙްމަދު ޝިނާން ވެސް ހަރަކާތްތެރިވެއެވެ.

ފިލްމުގެ ލީޑް ކުޅެނީ މަރިޔަމް މަޖުދާ އަދި ޖުމައްޔިލް ނިމާލު އެވެ. މީގެ އިތުރުން އާއިޝަތު ޔާދާ އާއި އާއިޝަތު ޢަލީ ވެސް މި ފިލްމުގެ މުހިންމު ރޯލުތަކުން ފެންނާނެއެވެ. ހަމަ އެހެންމެ ރާއްޖޭގެ ކުޅަދާނަ އެކްޓަރ އިސްމާޢީލް ވަޖީހް މި ފިލްމުން ފެނިގެންދާއިރު، ވަޖީހްގެ ދަރިފުޅު ތަރީޝް ވެސް ފިލްމުން ފެންނާނެއެވެ.

ގިނަ ތަރިންތަކެއް މި ފިލްމުން ފެންނާނެކަމަށް މޮގާ ބުނެފައިވާއިރު، މަޝްހޫރު ލަވަކިޔުންތެރިޔާ މޭނާ ހައްސާން، ޝަލަބީ އިބްރާހިމް އަދި މަޝްހޫރު ޕްރެޒެންޓަރ މޫސާ ވަސީމް ހިމެނޭ މަންޒަރުތަކެއް ވެލާނާ އެއާރޕޯޓާއި މާލޭގައި ވެސް ވަނީ ނަގާފައެވެ. މާލޭގައި ނެގި މަންޒަރުތަކުން މަންޒަރެއްގައި ދިވެހިބަހުގެ އުސްތާޒު، ޢަބްދުﷲ ޞާދިޤް (ސޯދުބޭ) ވެސް ހަރަކާތްތެރިވެފައި ވެއެވެ.

މި ފިލްމުގެ ބޮޑު ބައިގެ ޝޫޓިން ރާއްޖޭގައި ކޮށްފައިވަނީ މާލެ އާއި ލ. އަތޮޅުގެ ގުޅިފައިވާ ގަންފޮނަދޫ ސަރަޙައްދުގައާއި ކ. ތުލުސްދޫ އަދި ވެލާނާ އެއަރޕޯޓްގައެވެ.

މުނިއަވަސް އިން އޮންލައިން މީޑިއާ ޕާޓްނަރުކަން ކުރާ “ނޮވެމްބަރ“ގެ ޕްރޮޑިއުސަރުންނަކީ މޮގާ އަދި އައިޝަތު ފުއާދެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ރަޝީދު
އަޙްމަދު ރަޝީދު
ހުރިހައި ދާއިރާއެއްގެ ލިޔުންތައްވެސް މުނިއަވަސްގެ ފައުންޑަރ އަދި ޗީފް އެޑިޓަރ ލިޔާނެއެވެ.