ހަނިމާދޫ ޒުވާނުންގެ ޖަމުޢިއްޔާއިން އިންތިޒާމު ކޮށްގެން ކުރިއަށް ގެންދާ އާދަމް ސަލީމް ކަޕް 2019 ފުޓްބޯޅަ މުބާރާތުގެ ނުވަވަނަ މެޗު އަހުލީ ކާމިޔާބުކޮށްފިއެވެ.

އިއްޔެ ހަވީރު ހަނިމާދޫ ރަސްމީ ފުޓްބޯޅަ ދަނޑުގައި ކުޅުނު މި މެޗު އަހުލީ އިން ކާމިޔާބުކޮށްފައި ވަނީ ޓީމު ރޫހާއި ވާދަކޮށް 2-1 ގެ ނަތީޖާއަކުންނެވެ.

އިއްޔެގެ މެޗަށް ނުކުތްއިރު ދެ ޓީމަށް ވެސް މުބާރާތުގައި ކުރިއަށް ދިއުމަށް މޮޅުވާން މަޖުބޫރުވެފައި އޮތްއިރު، ރޫހޫ ޓީމުން ވަނީ އެހެން މެޗުތަކުގައި އެ ޓީމު ކުޅުނު ކުޅުމަށްވުރެ ރަނގަޅު ކުޅުމެއް މި މެޗުގައި ކުޅެފައެވެ. މިގޮތުން މެޗުގައި ފުރަތަމަ ލަނޑުޖަހާފައި ވަނީ ވެސް ރޫހުންނެވެ. އަހުލީގެ ކީޕަރަށް ހެދުނު ގޯހެއްގެ ފައިދާނަގައި 36 ވަނަ މިނެޓުގައި މި ލަނޑު ކާމިޔާބުކޮށްފައި ވަނީ އެ ޓީމުގެ ޖޯޒީ ނަންބަރު 80 އިބްރާހިމް ރަމީޒެވެ. ނަމަވެސް އަހުލީ ޓީމުން ވަނީ ކުޅުން ރަނގަޅުކޮށް ފުރަތަމަ ހާފު ނިމުމުގެ ކުރިން މެޗުގެ ނަތީޖާ ހަމަހަމަ ކޮށްފައެވެ. އަހުލީއަށް މި ލަނޑު ކާމިޔާބު ކޮށްދީފައި ވަނީ ލިބުނު ހިލޭޖެހުމަކުން އެ ޓީމުގެ ޖޯޒީ ނަންބަރު 12 އަލީ ހުސެއިނެވެ. ފުރަތަމަ ހާފު ނިމިގެން ގޮސްފައި ވަނީ މި ނަތީޖާއިންނެވެ.

މެޗުގެ ތެރެއިިން / ފޮޓޯ: އައި ކްލިކް ސްޓޫޑިއޯ

މެޗުގެ ފަހު ހާފުގައި މޮޅަށް ކުޅެފައި ވަނީ އަހުލީ އިންނެވެ. މިގޮތުން އަހުލީ ޓީމަށް މެޗުގެ 56 ވަނަ މިނެޓުގައި ބޮޑު އޭރިޔާގެ ބޭރުން ލިބުނު ހިލޭޖެހުމަކުން ދެވަނަ ލަނޑު ކާމިޔާބު ކޮށްދީފައި ވަނީ އެ ޓީމަށް ފުރަތަމަ ލަނޑުވެސް ކާމިޔާބު ކޮށްދިން އަލީ ހުސެއިނެވެ. މި ނަތީޖާއާއިއެކު އަހުލީ ޕޮއިންޓް ތާވަލުގެ ތިންވަނަ މަޤާމަށް ޖެހިލިއިރު ރޫހަށް ވަނީ ތާވަލުގެ ފަސްވަނައަށް ވެއްޓި ސެމީއަށް ދިއުމުގެ ފުރުޞަތު ގެއްލިފައެވެ.

އިއްޔެ މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވިފައިވަނީ އަހުލީއަށް މެޗުގައި ދެ ލަނޑު ކާމިޔާބު ކޮށްދިން އަލީ ހުސެއިނެވެ. މޮޅު ކުޅުންތެރިޔާއަށް އިނާމު ހަވާލުކޮށް ދެއްވީ ހަނިމާދޫ ޒުވާނުންގެ ޖަމުޢިއްޔާގެ ރައީސް އަލްފާޟިލް ހުސެއިން ވަހީދެވެ.

މެޗުގެ ތެރެއިިން / ފޮޓޯ: އައި ކްލިކް ސްޓޫޑިއޯ

މި މުބާރާތުގެ މެޗެއް މިއަދު ވެސް އޮންނާނެއެވެ. ބައްދަލު ކުރާނީ ޓީމު ޝީލްޑާއި ޓީމު ޔުނީފޯމެވެ. މި މެޗު ފެށުމަށް ހަމަޖެހިފައިވަނީ  16:00 ގައެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

އިބްރާހިމް ޚަލީލް
އިބްރާހިމް ޚަލީލް
މުނިއަވަސްގެ ޑެޕިއުޓީ އެޑިޓަރ އިބްރާހިމް ޚަލީލްގެ ޚާއްޞަ ދާއިރާ ތަކަކީ ދީނީ، އިޖްތިމާޢީ އަދި އަދަބިއްޔާތެވެ. ކަރަންޓް އެފެއާޒަކީވެސް އޭނާ ފަރިތަ ދާއިރާއެކެވެ.