އެއްސަހަރެއްގައި ލޫސީން ނަމަކަށް ކިޔާ ކުޑަކުޑަ މީދަލެއް އުޅުނެވެ. އެ މީދާ ދިރިއުޅެމުންގެންދިޔައީ އެ މީދަލުގެ މަންމައާއި ބައްޕައާއި އަދި ލޫސީންގެ ބޭބެ ހާދީ ނަމަކަށްކިޔާ މީދަލަކާއިއެކު އެ ރަށުގެ ވަލުތެރޭގައެވެ. ލޫސީން އާއި އޭނާގެ ބޭބެ ވަރަށް ގުޅެއެވެ. ދެކުދިން އެކުގައި ދަނޑުތަކުގައި ކުޅެހަދައެވެ. އެކުގައި މޫދަށް އެރި ފަތާ ހަދައެވެ. ގަސްގަހަށް އަރާ ފުންމާހަދައެވެ. އަދި އެކުގައި ބަތްކައްކާ ކުޅެވެސް ހަދައެވެ
ލޫސީން އޭނާގެ ބޭބެދެކެ ވަރަށް ލޯބިވެއެވެ. ލޫސީން ދެކެނީ އޭނާގެ ބޭބެއަކީ މި ދުނިޔޭގައި ހުރި އެއްމެ ރަނގަޅު ބޭބެ ކަމަށެވެ. ނަމަވެސް އޭނާގެ ބޭބެގެ ކިބައިގައި ހުންނަ އެއް ސިފައަކާއިމެދު ލޫސީން ހިތްހަމައެއް ނުޖެހެއެވެ. އެއީ އޭނާއާއި މެދު ފާރަލާތީއެވެ. އަދި ފިލާ ހުރެފައި ކުއްލިއަކަށް ‘ޕޮއް ކިޔާފައި’ ސިއްސުވާލާތީ ވަރަށް ފޫހިވެއެވެ. މިއަދު ހެނދުނުވެސް ލޫސީން ސިއްސުވާލީނުން ލޫސީން އަތުގައި ހުރި ސައިތަށި އެއްކޮށް ބަންޑުންވެގެން ދިޔައެވެ. މުޅި މޭޒުމައްޗަށް ސައި އެޅުނެވެ. މަންމަ ގާތަށް ވަރަށް ރުޅިއައިސްގެން ވަރަށް ހަޅޭއްލެވިއެވެ. ލޫސީންގާތަށްވެސް ވަރަށް ރުޅިއައެވެ. ރުޅި ގަދަވަގެންގޮސް ލޫސީން އަށް އުކުނޑި ކޮށްޓެއް ފެއްޓުނެވެ. އުކުނޑި ކޮއްޓަންފެށިގޮތަށް މައިތިރިއެއްވެސް ނުވިއެވެ. ހަމަ އުކުނޑި ކޮއްޓަނީއެވެ.
ފެން ބޮއެގެން އުކުނޑި ފިލާތޯ ބެލިއެވެ. ނޭފަތާއި އަނގަޔާއެއްކޮށް އަތްއަޅައިގެން ނޭވާ ހިފަހައްޓައިގެން ހުއްޓެވެ. އެކަމަކުވެސް އުކުނޑިއެއް ނުފިލިއެވެ. ކިތައްމެ ވަރަކަށް މަސައްކަތް ކުރިޔަސް އުކުނޑިއެއް ނުފިލިއެވެ. ކޮންމެ ސިކުންތަކުން ސިކުންތަކުން ވަރުގަދަ އުކުނޑިއެއް ޖަހައެވެ. ‘އިޗިކި’
“ފަހަރެއްގައި މަގޭ ރައްޓެހިންނަށް އެނގިދާނެކަންނޭނގެ އުކުނޑި ފިލާނެގޮތެއް!!” ލޫސީންގެ ހިތަށް އެރިއެވެ.
އެއްމެކުރިން ލޫސީން ދިޔައީ އޭނާގެ އެކުވެރި ތައްޚާނު މުގޮށިމީދަލުގެ ގެއަށެވެ.
“އައްސަލާމު ‘އިޗިކި’ އަލައިކުމް މުގޮށިމީދަލާ” ލޫސީން އުނކުޑިއަކާއިއެކު ބުނެލިއެވެ.
“ވަޢަލައިކުމުއްސަލާމް، ލޫސީން ހާލު ކިހިނެތްތަ މިއަދު؟” މުގޮށި މީދާ ޖަވާބުގައި ބުންޏެވެ
‘އަހަރެން ހާ.. ‘އިޗިކި’ ރަނގަޅު” ލޫސީން ޖަވާބުދިނެވެ. ” އެކަމަކު ‘އިޗިކި’ މިއުޅެނީ ‘އިޗިކި’ އުކުނޑި ‘އިޗިކި’ ކޮއްޓާވަރުން. އަދި މި ‘އިޗިކި’ އުކުނޑި ކޮއްޓުން ނުވެސް ފިލި!!”
“ހޫމް. މަށަށް ހީވެއްޖޭ” މުގޮށިމީދާ ބުންޏެވެ. “ލޫސީން އެކޮޅުކޮޅުން ހުންނަނިކޮށް ފަހަރެއްގައި ތިޔަ އުކުނޑި ވެއްޓިދާނެހެން ތައްޚާނުބެއަށް ހީވޭ.” ތައްޚާނު މުގޮށިމީދާ ޚިޔާލެއް ދިނެވެ. “ބޭބެ އުކުނޑި ކޮށްޓަން ފެށުމުން އަބަދުވެސް ހަދާގޮތަކީ އެއީ. ވަރަށް ފަސޭހައިން އުކުނޑި ފިލާނެ އެހެން.”
ލޫސީން އިތުރު އެއްވެސް އެއްޗެކޭ ނުބުނެއެވެ. ވަގުތުން އެކޮޅުކޮޅުން ޖެހުނެވެ.
ލޫސީން އެކޮޅުކޮޅުން ހުންނަތާ ވަރަށް ގިނައިރު ވެއްޖެއެވެ. ނަމަވެސް ކޮންމެ އުކުނޑިއަކާއިއެކު ބެލެންސް ކަޓައިގެންގޮސް އޭނާ ވެއްޓެއެވެ. ހަމަ ވެއްޓުމާއިއެކު އަނެއްކާވެސް އަލުން އެކޮޅުކޮޅުން ޖެހެން ޖެހެއެވެ. މިހެން އުޅެނިކޮށް އެތަނަށް ފުއްމަމުން ފުއްމަމުން އައިސް ބޮކެއް މަޑުކޮށްލައިފިއެވެ.
” އޭތް އޭތް!! ލޫސީން ކީއްތަ ތިކުރަނީ؟” ބޮއް އަހައިލިއެވެ. ލޫސީން ވާހަކަދައްކަން ފެށިއެވެ. ލޫސީން ވެގެން އުޅޭގޮތް ކިޔައިދޭން ފެއްޓިއެވެ. އެކަމަކު ކުއްލިއަކަށް ވަރަށް ވަރުގަދަ އުކުނޑިއެއް އައިސްފިއެވެ. އެވަގުތު ބޮއް ބުންޏެވެ. “މަށަށް ހީވަނީ ލޫސީން ތިހެން އެކޮޅުކޮޅުން އޮންނާތީހެން ތިވަރަށް ތިޔަ އުކުނޑި ކޮއްޓަނީ. ތިހެން ނޯވެ ނިކަން އެއްފައިމައްޗަށް ކޮޅަށް ހުރެގެން ބަނޑުގައި ތަޅަމުން ފުންމަބަލަ. އޭރުން އުކުނޑި ރަނގަަޅުވެދާނެ.” ބޮކަށް ފެންނަގޮތް ބުނެދިނެވެ.
“ޝުކުރިއްޔާ ‘އިޗިކި’ ދެން ތިހެންވެސް ‘އިޗިކި’ ހަދަންވީދޯ!” މިހެން ބުނެފައި ބަލައިލި އިރު އެތާ އޮތް ފެންގަނޑުތެރެއަށް ފުއްމާާލައިގެން ބޮއް ހިނގަައްޖެއެވެ.
އެއްފައި މައްޗަށް ހުރެ ފުއްމަމުން ބަނޑުގައި އަތުން ތެޅުން އެއީ ހެއްވާ ކަމެއްކަން ލޫސީންއަށް އެނގުނަސް އެކަން ކުރަން އޭނާ ނިންމިއެވެ. ފަހަރެއް ފަހަރަކަށްވުރެން އުކުނޑި ކޮއްޓުން ގަދަވާތީ އެކަންވެސް ނުކުރާންވީ ސަބަބެއް ނެތްކަމަށް އޭނާއަށް ޤަބޫލުކުރެވުނެވެ. އެހެންވެ އެގޮތަށް ފުއްމަން ފެށިއެވެ. އެކަމަކުވެސް ކޮއްޓަމުން ދިޔަ އުކުނޑިއަކަށް އެއްވެސް ބަދަލެއް ނައެވެ.
“އަސްތަޣްފިރުﷲ!!” ގެއަށްދާން ހިނގައިގަންނަމުން ލޫސީން ބުންޏެވެ. “ދެން ނޭނގެ މުޅި އުމުރަށް މި އުކުނޑިން ސަލާމަތް ނުވެގެން ނޫންކަމެއްވެސް އުޅެން ޖެހޭނީ. އޭރުން މީހުން މަށަށް ކިޔާނީ އުކުނޑި މީދާ ކަން ނޭނގެ. ދެން ނޭނގެ އަހަންނަށް ސްކޫލަށް ދެވޭނެކަމެއްވެސް. ކުލާސް ކުދިންވެސް އަހަންނަށް މަލާމާތްކޮށް ހަދާނެ. ސްކޫލް ލައިބްރަރީއަށްވެސް ނުދެވޭނެ. ލައިބްރަރީއަށް ގޮސް އުކުނޑި ކޮއްޓަން ފެށުމުން ލައިބްރޭރިއަން ބުނާނެ އަހަރެން މާ އަޑުގަދައޭ. އަދި އެއްމެ ދެރަކަމަކީ ދެން އަހަންނަށް ފީކޯތް ނުކުޅެވޭނެތީ. އަހަރެން ފިލާ ހުއްޓާވެސް އުކުނޑި ކޮއްޓާއަޑަށް އަހަރެން ފެންނާނެ!” ގެއަށް ދިޔަ މަގުމަތީގައި ވަރަށް ދެރަވެގެން ލޫސީން ވިސްނަމުން ދިޔައެވެ. ވިސްނުމުގެ ތެރޭގައި ހުރުމުން އޭނާއަށް ދެވޭ ނުދެވޭ ދިމާއެއްވެސް ނޭނގެއެވެ.
ވިސްނަމުން ވިސްނަމުން ލޫސީން ހިނގަމުންދިޔައީ ވަރަށް ހަނި މަގަކުންނެވެ. ދެފަރާތުގައި އޮތީ ބޯކޮށް ގަސް ހެދިފައެވެ. ކުއްލިއަކަށް ގަސްތަކުގެ ތެރެއިން ނުކުތީ ލޫސީންގެ ބޭބެ ހާދީއެވެ. ހާދީ އަތުގައި ބޮޑު ބެރީ ކޯންޏެއް އޮތެވެ. “ލޫސީން ކޮއްކޯ، ބަލާބަލަ ބޭބެ އަތުގަ މިއޮއް އެއްޗެއް!!” ވަރަށް ބާރަށް ހާދީ ބުންޏެވެ. މިފަހަރަކު ލޫސީން ނުވެސް ސިހުނެވެ. އޭނާ ހުރީ އެއަށްވުރެން ވަރުބަލިވެފައެވެ.
“ބޭބޭ، ކިތައް ފަހަރު ބޭޭބެކައިރީ ބުނާނީ ތިގޮތަށް އަހަރެން ނުުސިއްސުވާ….” ލޫސީން މިހެން ބުނަން ފެށިއެވެ. ބުނަން ފެށި ޖުމްލަ އެއްކޮށް ނުބުނެ ހުއްޓާލިއެވެ. އަދި އުފަލުން ގޮސް އޭނާ ފޮޅުނެވެ.
ކުއްލިއަކަށް އޭނާ ކޮއްޓަމުން ދިޔަ އުކުނޑި ކޮއްޓުން ހުއްޓިއްޖެކަަން ވިސްނުނެވެ. އޭނާގެ ބޭބެ ކުރިކަމަކުން ސިއްސައިގެން ގޮސް ތެޅިނުގަނެވުނަސް މިފަހަރުވެސް އޭނާއަށް ހަމަ ރަނގަޅަށް ސިހުން ލިބުނުކަން އެނގުނެވެ. އެ ސިހުން ލިބިގެން ކޮއްޓަމުންދިޔަ އުކުނޑިވެސް ރަނގަޅުވީއެވެ.
“އޯހް ބޭބޭ” ވަރަށް ބާރަށް ލޫސީން ބުންޏެވެ. އަދި ވަރަށް ލޯބިން އޭނާގެ ބޭބެގެ ގައިގާ ބައްދާލިއެވެ.
“ޝުކުރިއްޔާާ ބޭބޭ. ބޭބެ ތި ކުރި ކަމަކުން އަހަރެންގެ އުކުނޑި ރަނގަޅުވިއްޔޯ، ހޭހޭހޭހޭ.” ފުއްމަމުން ހަޅޭއްލަވަމުން ލޫސީން ބުންޏެވެ. މިހެން ބުނެފައި ބޭބެ އަތުން ޗެރީ އަތުލައިގެން، ދެކުދިން އެކުގައި ޗެރީކަމުން ގެއަށް ހިނގައްޖެއެވެ.
ލިޔުންތެރިޔާގެ ފުރަމަލަ
މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 20 ޑިސެމްބަރ 2024ޚަބަރު“ސޮރީ” ގެ މަންޒަރެއް!
- 18 ޑިސެމްބަރ 2024ޚަބަރުއައިފިލްމްސް އިން ލޯބިން ބުނެލަނީ ” ލޯބިން…؟ ” ކަމަށް!
- 18 ޑިސެމްބަރ 2024ޚަބަރުއައްޒަ ބަލިވެއިންކަމަށް ބުނެ ނަހޫއަށް “ސޮރީ” ބުނެފި
- 18 ޑިސެމްބަރ 2024ޚަބަރު“ސޮރީ” ފަށައިފި – ޑައިރެކްޓްކުރަނީ ނަހޫ އަދި ރަވީ!