އަންހެނުންނަށް އަނިޔާ ކުރުމުގެ މައްސަލައަކީ ބޮޑުމައްސަލައެކެވެ. މިއީ ވަކި ޤައުމެއްގައި ނުވަތަ ވަކި ޘަޤާފަތެއްގައި ހިނގަމުންދާ ކަމެއްނޫނެވެ. މިކަންމިވަނީ ބައިނަލްއަޤުވާމީ ގޮތުން ބޮޑު މައްސަލައަކަށް ވެފައެވެ. މި އަނިޔާ ތަކުގެ އަސަރު އަންހެނާގެ ދިރިއުޅުމަށާއި މުޅި މުޖުތަމަޢުއަށް މިދަނީ ކުރަމުންނެވެ. މި ކުޑަކުޑަ ދިވެހި ރާއްޖޭގައިވެސް މި ފަދަ މައްސަލަތައް އެތަކެއް ބައިވަރެވެ.

މިފަދަ އަންހެނުންނަށް މުޖުތަމައުގައި އެދެވޭ ދައުރެއް އަދާ ކުރުމަށް ނުކުޅެދުމުގެ އިތުރުން، ޢާއިލާއެއް ރަނގަޅު ގޮތުގައި ބިނާކުރުމަށް ވެސް ދަނީ ހުރަސްތަކާއި ކުރިމަތި ވަމުންނެވެ. ތަފާތުގޮތް ގޮތުން އަންހެނުންނަށް ލިބޭ އަނިޔާތައް ވަރަށްވެސް ގިނައެވެ. މިގޮތުން ލިބޭ އަނިޔާތަކުގެ ތެރޭގައި ނަފްސާނީ ގޮތުން ލިބޭ އަނިޔާ އާއި، ޖިސްމާނީ ގޮތުން ލިބެމުންދާ އަނިޔާ އާއި، ޖިންސީ ގޮތުން ލިބެމުންދާ އަނިޔާގެ އިތުރުން ޢިޖުތިމާއީ ގޮތުން ލިބޭ އަނިޔާ ހިމެނެއެވެ. 

ނަފްސާނީ ގޮތުން ދެވޭ އަނިޔާތައް ގިނަ ފަރަށް ފެށެނީ ޖިސްމާނީ ގޮތުން ދެވޭ އަނިޔާ ތަކެއްގެ ސަބަބުންނެވެ. ނަފްސާނީ ގޮތުން ދެވޭ އަނިޔާ ތަކަކީ ގިނަ ފަހަރަށް ބޭރުފުށުން ފެންނަން ހުންނަ ކަމެއްނޫން ކަމުގައިވިޔަސް އޭގެ އަސަރުތައް ވަރަށް ގިނަ ދުވަހަށް ދެމިގެން ދެއެވެ.

ޖިންސީ ގޮތުން އަންހެނުންނަށް ލިބެމުންދާ އަނިޔާތައް މިއަދު މިވަނީ އަތް ނުފޯރާހާ މައްޗަށް ގޮސްފައެވެ. ވަޒީފާގެ މާހައުލުގައި އަންހެނުންނަށް ކުރާ ގޯނާ ތަކުގެ ތެރެއިން އެންމެ ބޮޑު އެއް ކަމަކަށްވެފައި މިވަނީ ވެސް ޖިންސީގޮތުން ދެވޭ އަނިޔާ އެވެ. އެ ގޮތުން ޖިންސީ އަނިޔާގެ ސަބަބުން ރަގަޅު ހަމަޖެހޭ ދިރިއުޅުމެއް ބިނާކުރުމަށް ގިނަ އަންހެނުން ވަނީ ނުކުޅެދިފައެވެ. ޖިންސީ އަނިޔާ ހަމައެކަނި ކުރިމަތި ވަނީ ވަޒީފާގެ މާހައުލަކުންނެއް ނޫނެވެ. އެންމެ ބޮޑު ރައްކާތެރިކަމެއް އަންހެން ދަރިންނަށް ދޭން ތިބި އެބައިމީހުންގެ ޢާއިލާ ތަކުންވެސް އެއްވެސް ރަޙުމެއް، ކުލުނެއް ނެތި މިދަނީ އެމީހުންގެ އަންހެންދަރިންނަށް އެކި ކަހަލަ ޖިންސީ އަނިޔާތައް ކުރަމުންނެވެ.

އިޖުތިމާޢީގޮތުން އަންހެނުންނަށް އަނިޔާ ލިބޭކަން މިއީ ކޮންމެމީހަކުވެސް ޤަބޫލުކުރާނެ ހަޤީޤަތެކެވެ. ބައެއްކަހަލަ ހެދުން އަޅައިގެން ވަޒީފާތަކަށް ނުދެވުމާއި، ކިޔެވުމުގެ ފުރުޞަތު ނުލިބުމާއި، ކާރު ފަދަ ތަކެތި ދުއްވުމުގެ ފުރުޞަތު ނުލިބުމަކީ ވެސް އަންހެނުންނަށް އިޖުތިމާޢީ ގޮތުން ލިބެމުންދާ އަނިޔާ ތަކެކެވެ.

މިފަދަ ކަންކަމުން އަންހެނުން ސަލާމަތްކުރުމަށްޓަކައި ފަރުދީ ޒިންމާ އަދާކުރުން މުހިންމެވެ. އަންހެނުންގެ ހައްގުތައް ރައްކާތެރިކުރުމަކީ ތިބާގެވެސް ޒިންމާއެކެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

މުޙައްމަދު ރިފާޒް
ރިފާޒަކީ ސަން އޮންލައިން އާއި ޗެނަލް 13 ގައި މަސައްކަތްކޮށްފައިވާ ތަޖުރިބާހުރި ނޫސްވެރިއެކެވެ.