​‎‎އަޅުގަނޑު މިއަދު ތިޔަބޭފުޅުންނާ މި ހިއްސާ ކޮށްލަނީ އިޚްލާސްތެރި އިސް ޚިދުމަތްތެރިއެއްގެ ޚިދުމަތް ފާހަގަ ކޮށް އެކަމުގެ މައްޗަށް ކުޑަ ނަމަވެސް މަޢުލޫމާތު ކޮޅެކެވެ. ސަބަބަކީ މި ސަޚްސިއްޔަތަކީ އިޚްލާސްތެރި ކަމަކީ މީހާ އަދާކުރާ މަގާމުން ވެވޭ އެއްޗެއް ނޫންކަން ސާބިތު ކޮށްދިން ފަޚުރުވެރި ދިވެހި ދަރިއެއްގެ އިތުރުން އެތައް ދަރިންނެއް ރަނގަޅުގޮތުގައި ބޮޑުކުރި ހަރުދަނާ ނަމޫނާ ބައްޕައަކަށް ވެސް ވުމެވެ. އެގޮތުން މިއަދު އަޅުގަނޑު މި ފާހަގަ ކޮށްލަނީ ގާދޫ ބަނޑޭރި ހަސަންބެގެ ވާހަކައެވެ.

‎އަޅުގަނޑު އެންމެ ޅަ އުމުރުގައި ވެސް ހަސަންބެ ފެންނަނީ ގާދޫ އޮފީސް ޕިޔޯނެއްގެ މަގާމު އަދާކުރާ ތަނެވެ. އެހެން ނަމަވެސް ހަސަންބެއަކީ ޕިޔޯނެކޭ އެކަނި ބުނެލައިގެން ފަރުޖައްސައިލެވޭ ވަރުގެ ސަޚުސިއްޔަތެއް ނޫނެވެ. ނަސީބު ކަންދިމާ ކުރި ގޮތުން އެއީ އަޅުގަނޑުގެ ދޮން ބައްފަ ވެސް މެއެވެ.

ހަސަންބެގެ އެންމެ ފާހަގަ ކުރެވޭ އެއް ސިފައަކީ ޖުމްލަ ކުރު، ބަހުގެ ވަރުގަދަ މީހެއްގެ ގޮތުގައެވެ. މިހިސާބުން ކާބަފައިން ޒަމާނަށް ޖެހިލާނަމެވެ. ގާދޫ އަކީ ކާބަފައިން ޒަމާނުއްސުރެ މީހުން ބަދަލުކުރަން ބޭނުންވެފައި އޮތް ރަށެކެވެ. އެހެން ނަަމަވެސް ގާދޫ މީހުން ރަށަށް ޖެހިފައިވާ ވަތަނީ ލޯތްބެއްގެ ސަބަބުން އެކަން ނުކުރެވިފައި އޮތީ އެވެ. އެގޮތުން ކާބަފައި ޒަމާނުގައި ގާދޫ މީހުން ބަދަލުނުކުރެވިގެން އޭރުގެ އަތޮޅުވެރިޔަކަށް ހުންނެވި ބޭފުޅާ މުޅި އަތޮޅުން މީހުން ހޮވާލައިގެން ގާދޫ މީހުން އެހެން ރަށަކަށް ބަދަލުކުރަން ދިޔަ ވާހަކަ އަކީ ގާދޫގެ ކާބަފައި ވާހަކަ ތަކުން އިވޭ އަޑެކެވެ. އަތޮޅުވެރިން ވަޑައިގަންނަވާ ވާހަކަ އިވުމާ އެކު އަންހެންވެރިންނަށް މިރުސް ފެން ގިރަން އެންގިއެވެ. ފިރިހެން ވެރިން ފުރޯގެ ދަނޑި ހަތިޔާރަކަށް ހަދައިގެން އެންމެން އަތިރިމައްޗަށް ނުކުމެ ސީދާ ހަރަކާތަށް ތައްޔާރުކުރުވިއެވެ. މިވެރިންގެ ޕްލޭން ކުރިޔަށްގެންދަން ރާވާފައިވާ ގޮތަކީ އަތޮޅުވެރިންނާއި އޭނާގެ އައުވާނުން ރަށަށް، އާދެ ގާދުއަށް އަރައިފި ހާލަތެއްގައި އަންހެންވެރިން އަތޮޅުވެރިންޓީމުގެ ބޭފުޅުންގެ ލޮލަށް މިރުސްފެން ޖަހާ ވަގުތު ފިރިހެންވެރިން ފުރޯދަނޑިން ހަމަލާ ދީ އެމީހުން ބަލިކުރުމެވެ. ކޮންމެއަކަސް އަތޮޅުވެރިން ރަށު ގޮނޑުދޮށަށް ފޭބުމާއެކު ފުރަތަމަ ވެސް އެމީހުނާ ކުރިމަތި ލީ ހަސަންބެއެވެ. ހަސަންބެ ގެންގުޅޭ އެއްކަލަ ކުރު، އެހެނަސް ވަރުހުރި، ބުރަދަންހުރި ބަހަކުންނެވެ. އަތޮޅުވެރިން ކުރިމަތީ ހަސަންބެގެ ފައިން ދަމައިލީ ރޮނގެކެވެ. ޢެ ރޮނގު ހުރަސް ކޮށްލި ކޮންމެ މީހަކު ތިރިކޮށްލާނެ ކަމުގެ ވަރުގަދަ އިންޒާރު ދެމުންނެވެ. އަތޮޅުވެރިން ހުންނެވި ފިޔަވަޅުމަތިން ގުޑިލަން ނުކެރި އަނބުރާލާފައި ޓީމު ގޮވައިގެން ފުރީ އެވެ. މިކަމުން ހަސަންބެގެ ލީޑަރޝިޕާއި، ރައްޔިތުންގެ ހައްޤުގައި ނުކުންނާނެ މީހެއްކަން ސާފުކޮށް އެނގިގެން ދިޔައެވެ. 

‎ހަސަންބެއަކީ ގަޑިއަށް ފަރުވާތެރި، ދެއްކި ކޮންމެ މަސައްކަތެއް އެއްވެސް ފަސްޖެހުމެއް ނެތި ކުރާ މީހެއް ކަން ސަރުކާރުގައި ހަސަންބެ ހޭދަ ކުރި ދިގު މާޒީ އިން ވަރަށް ސާފުކޮށް އެނގެއެވެ. މިހާރު ޕިޔޯނެއް ވިއްޔާ ކުރާ މަސައްކަތް ވަރަށް ކުޑައެވެ. އެހެންނަމަވެސް ހަސަންބެ އަދާކުރީ މަލްޓި ޓާސްކް ވަޒީފާއެކެވެ. ގާދުއަކީ މުޅި ރާއްޖެއަށް ވެލާ އެރުމުން މަޝްހޫރު ރަށެއްކަމުން އެ ވެލާ ބިސް ނަގާ މީހާއާ ހަވާލުކުރުމާ އެ ނަގައިގެން ގެނައުމާއި ވެލާ ބިހުގެ ނީލަން ކިޔުމުގެ ހުރިހާ ކަމެއް ކުރިއަށް ގެންދާނީ ހަސަންބެ އެވެ.

ހަސަންބެ ދުވަސް ފަށާނީ ފަތިސްނަމާދު ޖަމާއަތުންނެވެ. ނަމާދު ކޮށްގެން ދާނީ ވެލާ ހޭޅިއަށެވެ. ގޮސް ވެލާ އަރާފައި ހުރި ވަރު ބަލާފައި ކޮންނަން ޖެހޭ މީހުންނަށް ފަސޭހަ ކޮށްދިނުމަށް ބިސްވަޅު ހުންނާނެ ސަރަހައްދުގައި ދަނޑިގަނޑެއް ޖަހާފައި ރަށުތެރެއަށް ގޮސް ވެލާ ބިސްތައް ކޮނެގެން ނެގުމަށް ތަރުތީބުން ޖެހޭ މީހާއަށް އަންގާނެއެވެ. ހަސަންބެ އެކަން ކުރަނީ 8 ޖަހާއިރަށް ހަސަންބެ އޮފީހަށް ދިއުމުގެ ކުރިންނެވެ.

ވެލާ ބިސްވަޅު ހުންނަ ތަންތަން ހޯދުމަކީ ކޮންމެކޮންމެ މީހަކަށް ފަސޭހަ ކަމެއް ނޫނެވެ. ދަގަނޑު ޖަހައި އެތައް ގޮތަކުން ނޫނީ ހޯދަން އުނދަގޫ ވާނެ އެވެ. އެހެންނަމަވެސް ހަސަންބެ ގޮސް އިނގިލި ދިއްކޮލާފައި ބިސްވަޅު ހުންނަ ސީދާ ޕޮއިންޓް ބުނާވަރަށް އެކަމަށް ވެސް ހުނަރުވެރި ވާނެއެވެ.

އޮފީހަށް ހެނދުނު މީހުން ސޮއިކުރަން ދާންވާއިރަށް އޮފީސް ސާފުކޮށް ނިންމާނެއެވެ. ހެނދުނު 6 ޖަހާ އިރު ދިދަ ނެގުން އެއީ ވަރަށް ފަރުވާތެރިކަމާ އެކު ކުރާ ކަމެކެވެ.

ރައްޔިތުންނަށް ކަންކަން އެންގުމަށް ސަންގުފުމުމަކީ ހަސަންބެގެ ތަފާތު ހުނަރެކެވެ. 1988 ނޮވެމްބަރ 3 ގެ ޢުދުވާނީ ހަމަލާ ހިންގި ދުވަހު ހަސަންބެ ސަންގުފުމުގެ ހުނަރު ވަރަށް ރީތިކޮށް މިހާރުވެސް ސިފަވެއެވެ. ސަންގު ފުލުގައި އަތްތަޅާލާފައި އެ ފުމުނު ފުމުމަކީ އާދައިގެ މީހަކަށް ވާނެ ކަމެއްނޫނެވެ. މެންދުރު 1:30 ގައި ވެލާބިސް ނީލަންކިޔުން އޮންނާނެކަން މުޅި ރަށަށް އިއުލާނު ކުރާނީ މުޅިރަށުގައި ހިނގަމުން އެއްވެސް ސައުންޑް ސިސްޓަމެއް ބޭނުން ނުކޮށެވެ. މީހަކު ކޯޓަށް ދާން އޮތަސް އެމީހަކަށް އަންގާނެއެވެ. ބިސް ނީލަން ކިޔާނީ ވެސް ހަސަންބެއެވެ. އެއަށްފަހު ބިސް ކޮންނަ މީހާއަށް ދޭ ބައިވެސް ގެއަށް ގޮސް ހަވާލުކުރާނީ ހަމަ ހަސަންބެއެވެ. 

‎ހަސަންބެ މިއަދު ލޮލަށް ފެނުމުން މަޙްރޫމު ވެފައި ވިޔަސް ހަސަންބެގެ ލޮލުގެ ފެނުން ރަގަޅު އިރު ދިވެހި ގައުމިއްޔަތާ މުޅި މުޖްތަމައުގެ ހައްޤުގައި ފައިދާ ހުރި، ބަޔަކު ފަޚުރުވެރިވާ ވަރަށް އެންމެ ރަނގަޅު ގޮތުގައި ބޭނުން ހިފިއެވެ. ގައިމުވެސް މިއަދު އަޅުގަނޑުމެން ފުންކޮށް ވިސްނާލައިފިނަމަ އަޅުގަނޑުމެންނަށް ރިވެތި މިސާލެއް ދެއްކި ގައުމިއްޔަތުގެ ރޫޙް ހުރި ބޮޑު އެސެޓެއްގެ ގޮތުގައި ނޫނީ ހަސަންބެ ސިފަ ކުރާނެ އެއްވެސް ބޭފުޅަކު ހުންނާނެ ކަމަށް އަޅުގަނޑަށް ގަބޫލެއް ނުކުރެވެއެވެ.

އަޅުގަނޑުގެ ދުޢާ އަކީ އަޅުގަނޑުމެންގެ ހަސަންބެ އަށް އަވަސް ޝިފާ އެއް މިންވަރު ކުރެއްވުމެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

މޫސާ ނަޒީރު
ކޮލަމިސްޓެއްގެ ގޮތުގައި އީސަދަރި ލިޔާނީ އިޖްތިމާޢީ އަދި ތަރައްޤީ އާއި މުޖުތަމަޢު ހޭލުންތެރި ކުރުވުމުގެ ލިޔުންތަކެވެ.