ރީތި ރަށްރަށާއި ގޮނޑުދޮށްތައް ފާހަގަކޮށް ހޯދައި ބަލައިގެން އަޅުގަނަޑުމެން ދަތުރުކުރަނީ އުފާ ހޯދުމަށެވެ. ދިވެހިރާއްޖޭގެ މި ރީތި ހުދު ދޮންވެލި ގޮނޑުދޮށްތަކާއި ސާފު ބިއްލޫރިކޮޅެއް ފަދަ މޫދުތައް ބަލައިލުމާއި ހިތްހަމަޖެހުން ލިބިގަތުމަށެވެ. އެ ގޮތުން އަޅުގަނޑު ވެސް އާއިލާއާއިއެކު ބ.އަތޮޅު އިންނަފުއްޓަށް އައީ އެ މަޤުސަދުގައެވެ.

ބ. އިންނަފުށީގެ ހިތްގައިމު ގޮނޑުދޮށް – ފޮޓޯ: ޒުހުދާ (މުނިއަވަސް)

ފެނުނީ ވަރަށް ހިތާމަވެރި މަންޒަރެކެވެ. ދަތުރު އައިސް މީހުން ކައިފައި، ނުކެވި ހުރި ފިހުނު މަސްތަކާއި، ކާން ގެންގުޅުނު އެއްފަހަރު ބޭނުންކޮށްފައި އުކާލާ ތަށިތަކާއި މިފަދަ އެކިއެކި ކުނިބުނިތައް ކައްކާ ސަރަހައްދަށް އަޅާ މުޅިތަން ކުނިކޮށްފައިވާ މަންޒަރެވެ. މުޅިތަނުގައި އެއް ވަހަކަށް ކުނި ވަސް ހިފާލައިފައިވެއެވެ.

ބ. އިންނަފުށީގެ ހިތްގައިމު މާހައުލު ހަޑިކޮށްފައި – ފޮޓޯ: ޒުހުދާ (މުނިއަވަސް)

މިއީ އަޅުގަނޑުމެން ދެރަވެ ލަދުގަންނަން ޖެހޭވަރުކަމެކެވެ. އަމިއްލަ އަތުން އަމިއްލަ ފަސްގަނޑު މުޑުދާރު ކުރާއިރު ތިމާގެ އަމިއްލަ ފަރުދީ ޒިންމާ ކޮބައިތޯއެވެ. އެ ބަޔަކު ދަތުރު އައިސް އުފައްދާ ކުނި ހިފައިގެން ދިޔުމަކީ އެ ބައެއްގެ ޒިންމާއެކެވެ. ރަށުން ބަރުކޮށް އެއްޗިހި ގެނެވޭއިރު ކުނިކޮޅުހިފައިން ނުދެވެންވީ ހަމަ އެހާ ބަރީތޯއެވެ؟ 

ބ. އިންނަފުށި ތެރެ – ފޮޓޯ: ޒުހުދާ (މުނިއަވަސް)

ދަތުރު ނިންމައިލާފައި ރަށަށް މިސްރާބު ޖަހާއިރު ވިސްނައިލަމާ ހިނގާށެވެ. ދަތުރު ނިންމާފައި ތިޔަ ދޫކޮށްލާ ޗާލުމޫދާއި ދޮންވެލި ގޮނޑުދޮށަކީ ތިމާމެން ހިތްހަމަ ޖައްސައިލުމަށް ދެވަނަ ފަހަރު ވެސް ދަތުރު ދާން ޖެހޭނެ ތަނެއްކަން ހަނދާނުގައި ބަހައްޓަމާ ހިނގާށެވެ. ދަތުރުދާ ކޮންމެ ބަޔަކު އެތަނަށް ކުނުބުނި އަޅައި ހަޑިކޮށްފައި އަންނަން ވެއްޖެނަމަ އެ މާހައުލު އަބަދު ހިތްހަމަ ޖެހޭތަނެއްގެ ގޮތުގައި އޮންނާނީ ކިހިނަކުންތޯއެވެ.

އަތޮޅުގައި މީހުން ދަތުރު ދިއުމަށް އޮންނަ ހަމައެކަނި މިރަށަކީ ބ.އަތޮޅުގެ ބަޔޯސްފިޔަރ ރިޒާރވްގައި ވެސް ހިމެނޭ ރަށެކެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

ފާޠިމަތު ޒުހުދާ (ޒުހޫ)
ފާޠިމަތު ޒުހުދާ (ޒުހޫ)
އަލިއަޅުވައިލަން ޖެހިފައިވާ މުހިންމު މައްސަލަތަކާއި ހާދިސާތަކަށް ވާހަކައާއި ރިޕޯޓް ލިޔުމަކީ ޒުހުދާގެ ޚާއްޞަ ދާއިރާއެކެވެ.