އިނގެރޭސި ޕްރިމިއަރ ލީގުގައި ރޭ، ބޯންމައުތު އަދި އާސެނަލް ބައްދަލުކުރި މެޗު 1-1 ގެ ނަތީޖާއަކުން ނިމި، އާޓެޓާ ގެ އިރުޝާދުގެ ދަށުން ނިކުތް ފުރަތަަމަ މެޗުން އާސެނަލް އެއްވަރުވެއްޖެއެވެ.
ބޯންމައުތު ގެ ދަނޑުގައި ކުޅުނު މި މެޗުގައި ދެޓީމަށް ވެސް ގޯލު ޖަހާނެ ރަނގަޅު ފުރުސަތުތަކެއް ލިބިގެން ވަނީ ގޮސްފައެވެ. މި މެޗުގައި ފުރަތަަމަ ގޯލެއްޖަހައި ކުރި ހޯދާފައި ވަނީ ބޯންމައުތުން ކަން ފާހަގަކޮށްލެވެއެވެ. ފުރަތަަމަ ހާފުގެ 35 ވަނަ މިނެޓުގައި ޖެކް ސްޓޭސީ ތަނަވަސްކޮށްދިން ފުރުސަތަކުން މި ގޯލު ކާމިޔާބުކޮށްދިނީ ޑޭން ގޯސްލިންގ އެވެ.
ގިނަ ރީނދޫ ކާޑުތަކެއް ފެނިގެންދިޔަ މި މެޗުގައި ގިނައިރު ބޯޅަ ހިފަހައްޓައިގެން ކުޅުނު އާސެނަލް ބަލިވުމުން ސަލާމަތްކޮށްދިނީ ދެވަނަ ހާފުގެ 63 ވަނަ މިނެޓުގައި އޮބަމަޔަންގް ކާމިޔާބުކުރި ގޯލުންނެވެ.
މި މެޗުން އެއްވަރުވިި ނަމަވެސް މިއީ ރަނގަޅު ފެށުމެއް ކަމަށް އާސެނަލް އާއި އަލަށް ހަވާލުވި ކޯޗު މިކޭލް އާޓެޓާ ބުނެފައިވެއެވެ. “އަހަރެންނަށް މިއަދު ފެނުނު ވަރަށް ގިނަ ކަންކަމާއި މެދު ހިތްހަމަޖެހިގެން މިހުރީ. ޕްރެކްޓިސް ތަކުގައި ދަސްކުރި ގިނަ ކަންކަން މެޗުގައި ފެނިގެންދިޔަ. އަހަރެން އެންމެ އުފަލެއް ނުވޭ. އެންމެ އުފާވާނީ މެޗުން މޮޅުވި ނަމަ. އަހަރެންނަށް ވިސްނޭގޮތުގައި އަހަރެމެންނަށް މޮޅެއް ހައްގު. ގޯލު ޖަހާނެ ގިނަ ފުރުސަތުތަކެއް އަހަރެމެންނަށް ތަނަވަސްކުރެވުނު. އެކަމަކު މިއީ ހަމަ ރަނގަޅު ފެށުމެއް.” މެޗަށް ފަހު ނޫސްވެރިންނާ ވާހަކަ ދައްކަމުން އާޓެޓާ ބުނެފައިވެއެވެ.
އިނގެރޭސި ޕްރިމިއަރ ލީގުގައި މިހާތަނަށް ކުޅުނު 19 މެޗުން ލިބުނު 24 ޕޮއިންޓާއެކު އާސެނަލް އޮތީ ތާވަލުގެ 11 ވަނައިގައެވެ. ރިޕޯޓުތައް ބުނާގޮތުގައި އާސެނަލް ޔުއެފާ ޗެމްޕިއަންސް ލީގަށް ކޮލިފައި ކޮށްދިނުމަށް އާޓެޓާ އަށް ޝަރުތުކޮށްފައި ވެއެވެ. މި ޓާގެޓް ހާސިލްކުރުމަށް އަންނަ ޖެނުއަރީ މަހުގައި އޮންނަ ފިނިމޫސުމުގެ ޓްރާންސްފަރ ބާޒާރުގައި އާސެނަލް އަށް ކުޅުންތެރިން ގެންނާނެކަމަށް ބެލެވެއެވެ.
ލިޔުންތެރިޔާގެ ފުރަމަލަ
- އަޙްމަދު ޝާމިން މައިގަނޑު ގޮތެއްގައި ލިޔާނީ ކުޅިވަރު ޚަބަރުތަކެވެ. ފިލްމީ އަދި މިއުޒިކީ ދާއިރާ ނޫން އެހެން ހުރިހައި ދާއިރާތަކަށް ވެސް ޝާމިން ލިޔާނެއެވެ.
މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 5 ޖެނުއަރީ 2022ޚަބަރުކޮވިޑް ކޭސްތައް ގިނަވެ އިނގެރޭސި ލީގު ކަޕް ސެމީ ފައިނަލް މެޗު ފަސްކޮށްފި
- 4 ޖެނުއަރީ 2022ޚަބަރުއާ އަހަރު ކުޅުނު ފުރަތަމަ މެޗުން ޔުނައިޓެޑް ބަލިވެއްޖެ
- 4 ޖެނުއަރީ 2022ޚަބަރުފްރެންޗް ކަޕްގެ ގެ ގަދަ 16 އަށް ޕީއެސްޖީ ދަތުރުކޮށްފި
- 2 ޖެނުއަރީ 2022ޚަބަރުރޮޑްރީގެ ގޯލުން ފަހު ވަގުތު ސިޓީން އާސެނަލް ބަލިކޮށްފި