އެމްއެސް 804 އަށް ވީ ކިހިނެތް؟

އިޖިޕްޓްއެއަރ ފްލައިޓް އެމްއެސް 804 ރާޑަރަށް ގެއްލުނީ މިމަހުގެ 19 ވީ ބުރާސްފަތި ދުވަހު މިސްރުގެ ގަޑިން ހެނދުނު 10:29 ގައެވެ. އޭރު އެ ފްލައިޓް ދަތުރުކުރަމުން ދިޔައީ އިރުމަތީ މިޑްޓެރޭނިއަން ސަރަހައްދުންނެވެ. އެއީ ފަރަންސޭސިވިލާތުގެ ޕެރިހުން ފުރައިގެން މިސްރުގެ ގާހިރާ އަށެވެ.

56 ފަސިންޖަރުންނާއި 10 ކްރޫ އިންނާއިއެކު ދަތުރުކުރަމުން ދިޔަ އެއަރބަސް 320 ގްރީކްގެ ވައިގެ ސަރަޙައްދު ހުރަސްކޮށް މިސްރުގެ ވައިގެ ސަރަހައްދަށް ވަނެވެ. ފްލައިޓް ވެއްޓުމުގެ ޙާދިސާ ހިނގީ ފްލައިޓް ދަތުރުކުރަމުން ދިޔަ މަންޒިލާއި 35 މިނެޓް ދުރުގައި ވަނިކޮށެވެ.

ރާޑަރުން ފްލައިޓް ގެއްލުމުގެ ގާތްގަނޑަކަށް ތިން މިނެޓް ކުރިން އޮޓޮމެޓިކް މެސެޖްތަކެއް ފޮނުވާފައިވެއެވެ. އެ މެސެޖްތަކުން އަންގައިދިނީ ކެބިން ތެރޭގައި ދުމުގެ އަސަރު ހުރިކަމަށް ކަމަށް ފަރަންސޭސިވިލާތުގެ ވައިގެ ސަލާމަތާ ބެހޭ އެޖެންސީ އިން ބުނެއެވެ.

އެ ސިގްނަލްތަކުން އަންގައިދިނީ ކޮކްޕިޓް ކައިރީގައި ހުންނަ ފާޚާނާ ކައިރިން ދުމުގެ އަސަރު ހުރިކަމެވެ. ކަރަންޓް ނަރުގެ ވިއުގައިގައި ‘ފޯލްޓެއް’ އުޅުމުގެ އިތުރަށް ކޮކްޕިޓްގެ ފްލައިޓް ކޮންޓްރޯލް ޔުނިޓްގައިވެސް ފޯލްޓެއް އުޅުނުކަން އަންގައިދިންކަމަށް ކަމާބެހޭ މާހިރެއް ‘އޭއެފްޕީ’ އަށް މަޢުލޫމާތު ދީފައި ވެއެވެ.

ފްލައިޓުން ‘ޑިސްޓްރެސް ސިގްނަލް’ އެއް ފޮނުވުމެއް ނެތި ‘ކްރޭޝް’ ވެފައިވަނީ މިސްރުގެ އަސްސޭރި ފަށާއި ކަރްޕަތޯސް ރަށާއި ދެމެދަށް ކަމަށް މިސްރުގެ އޭވިއޭޝަން އޮފިޝަލެއް ބުނެފައި ވެއެވެ.

ފްލައިޓްގެ ބައިތަކާއި، ފޮަށި ތަންމަތީގެ އިތުރުން އިންސާނުންގެ ހަށިގަނޑުގެ ބައިތައް މިސްރުގެ މިލިޓަރީ ސަރޗް ޓީމަށް ވަނީ ފެނިފައެވެ. މިތަކެތި ފެނިފައިވަނީ މިސްރުގެ އުތުރު އައްސޭރިފަށުގައި އޮންނަ އެލެކްޒެންޑްރިއާ ޝަހަރާއި 290 ކިލޯމީޓަރު ބޭރުން ކަނޑުގެ ތެރެއިންނެވެ.

އެއްމެ ފަހުން ބޯޓް ދަތުރުކުރި ގޮތް އަންގައިދޭ ޗާޓެއް

އެއްމެ ފަހުން ބޯޓް ދަތުރުކުރި ގޮތް އަންގައިދޭ ޗާޓެއް

ފްލައިޓް ވެއްޓުނީ ކީއްވެގެން؟

ޕައިލެޓުން އެއްމެ ފަހުން ގްރީކް އެއަރޓްރެފިކް ކޮންޓްރޯލަރުންނާއި ގުޅާފައިވަނީ މެދުއިރުމަތީ ގަޑިން ހެނދުނު 10:05 ގައެވެ. އޭރު އެއްވެސް މައްސަލައެއް އުޅޭކަމަށް ފްލައިޓުން ބުނެފައެއް ނުވެއެވެ.

ނަމަވެސް ފްލައިޓަށް މައްސަލަތަކާއި ކުރިމަތިލާން ޖެހުނީ އޭގެ 20 ވަރަކަށް މިނެޓް ފަހުންނެވެ. އޭރު ފްލައިޓް ދަތުރުކުރަމުން ދިޔައީ 37000 ފޫޓް (11200 މީޓަރަށް ވުރެން) މަތިންނެވެ. ގްރީކް ގެ ދިފާޢީ ވަޒީރު ޕަނޯސް ކޮމެނޯސް ބުނީ އެހިސާބުން ބޯޓް ވަރަށް ބޮޑަށް ވާތަށް ޑީވިއޭޓް ކުރި (މިސްރާބް ބަދަލުކުރި) ކަމަށެވެ. އެއަށްފަހު ކަނާތަށް ޑީވިއޭޓްކުރީ 22000 ފޫޓް މަތީގައި އޮވެފައި ކަމަށާއި ރާޑަރުން ފްލައިޓް ގެއްލުނީ 10000 ފޫޓަށް ތިރިވި ފަހުންކަމަށްވެސް އޭނާ ބުނެއެވެ.

އެވަރުންވެސް ޑިސްޓްރެސް ސިގްނަލް (ނުރައްކަލާއި ކުރިމަތިވެ އެހީއަށް ބޭނުންވެފައިވާ ކަމުގެ ސިގްނަލް) އެއް ނުދިން ސަބަބާއި މެދު ސުވާލު އުފެދެއެވެ. ތަޙްޤީޤް ކުރާ ފަރާތްތަކަށް މިހައިތަނަށް އެނގިފައި ނުވާ ކަމަކީ މަތިން ފްލައިޓް ތިރިކުރުމުގެ ކުރިން ކުއްލިއަކަށް މިސްރާބު ބަދަލުކުރަން ޖެހުނު ސަބަބެވެ.

ކެބިން ތެރޭގައި ދުން ހުރި ކަމަށް ބުނިނަމަވެސް ތަޖްރިބާކާރުންނަށް ބޮޑުމަންޒަރެއް އެކުލަވާލަން އެނގޭނީ ފްލައިޓްގެ ބައިތަށް އިތުރަށް ފެނިގެން ކަމަށާއި އޭގެ ތެރޭގައި ފްލައިޓްގެ ކަޅުފޮށިވެސް (ފްލައިޓް ރެކޯޑަރ) ހިމެނޭކަމަށް މަޢުލޫމާތު ދެއެވެ.

ފްލައިޓްގައި ތިބީ ކޮން ބައެއް؟

މަތިންދާ ބޯޓް ވެއްޓުނު އިރު ބޯޓްގައި 56 ފަސިންޖަރުންނާއި 10 ކްރޫ އިން ހިމެނޭއިރު އޭގެ ތެރޭގައި ކުޑަކުއްޖަކާއި ދެ ތުއްތުކުދިން ތިބިކަމަށް މަޢުލޫމާތު ލިބެ އެވެ. މީގެ އިތުރުން ތިން ސެކިއުރިޓީ ގާޑުންވެސް ތިބިކަމަށް އިޖިޕްޓްއެއަރ އިން ބުނެއެވެ.

ފަސިންޖަރުންގެ ތެރެއިން އެކަކީ އިނގިރޭސިވިލާތާއި އޮސްޓްރޭލިއާ އަށް ނިސްބަތްވާ އުމުރުން 40 އަހަރުގެ ރިޗަޑް އޮސްމާން އެވެ. އޮސްމާން އަކީ ޖިއޮލޮޖިސްޓެކެވެ. ފްލައިޓް ވެއްޓުމުގެ އިރުކޮޅެއް ކުރިން އޮސްމާން އަށް ދެވަނަ އަންހެން ދަރިއެއް ލިބުމުގެ އުފާ ފާޅުކޮށްފައިވާއިރު އޮލިމްޕޭ ގެ ނަމުން ނަންދީފައިވާ އެ ތުއްތު ކުއްޖާ އާއި ފަރަންސޭސިވިލާތަށް އުފަން އޭނާގެ މަންމަވެސް ވަނީ މި ޙާދިސާގައި ނިޔާވެފައެވެ.

އޮސްމާން ގެ ފިރިހެން ކޮއްކޮ، އެލެސްޓެއަރ ބުނީ ‘މައިނިންގ’ ގައި ޙަރަކާތްތެރިވަމުން ދިޔަ އޮސްމާން ހުރީ ދެވަނަ އަންހެން ދަރިއެއް ލިބުމުން ވަރަށް ބޮޑަށް އުފަލުން ފޮޅިފައި ކަމުގައެވެ.

ރިޗަޑް އޮސްމާން - ފްލައިޓުން ދަތުރުކުރި ޖިއޮލޮޖިސްޓެއް

ރިޗަޑް އޮސްމާން – ފްލައިޓުން ދަތުރުކުރި ޖިއޮލޮޖިސްޓެއް

ޤަސްދުގައި ފްލައިޓް ވައްޓާލީ ހެއްޔެވެ؟

މިސްރުގެ ވައިގެދަތުރުފަތުރާއި ބެހޭ މިނިސްޓަރު ބުނީ ޓެކްނިކަލް މައްސަލައެއް ޖެހިގެން ބޯޓް ވެއްޓުމަށްވުރެން ގާތީ ޓެރަރިސްޓް ހަމަލާއެއްގެ ސަބަބުން ބޯޓް ވެއްޓުން ކަމަށެވެ.

ވައިގެދަތުރުފަތުރާއި ބެހޭ ތަޖްރިބާކާރުން ވެސް އެއްބަސްވަނީ ފްލައިޓް ވެއްޓިފައިވަނީ އިންޖީނެއް ގޮވުންފަދަ މެކޭނިކަލް ފޯލްޓެއްގެ ސަބަބުން ކަމަށެވެ. އެމީހުން ބުނާގޮތުން ބޯޓަށް ހަމަލާއެއް ދީ ވައްޓާލުމަކީ ވުން އެކަށީގެންވާ ކަމެއް ނޫންކަމުގައެވެ.

ޤަސްދުގައި ދިން ހަމަލާއެއްގެ ސަބަބުން ބޯޓް ވައްޓާލާފައިވާކަމަށް ލަފާކޮށް ބުނާބުނުމަށް ބުރަވެވޭނެފަދަ އެއްވެސް ހެއްކެއް މިހައިތަނަށް ލިބިފައެއް ނުވެއެވެ.

“ބޯޓް ވެއްޓެން ދިމާވީ ކީއްވެގެންކަން ބުނާނެ އެއްވެސް ސަބަބެއް އަދި ލިބިފައެއް ނެތް.” ފަރަންސޭސި ޚާރިޖީ ވަޒީރު ޖީން މާކް ބުނެއެވެ.

އެ ފްލައިޓަކީ ރައްކާތެރި ފްލައިޓެއްތަ؟

އެއަރބަސް އިން މި މަތިންދާބޯޓް އިޖިޕްޓްއެއަރ އަށް ވިއްކާފައިވަނީ 2003 ގެ ނޮވެމްބަރު މަހުގައެވެ. އޭރު އެ ފްލައިޓް 48000 ގަޑިއިރު ދުއްވާފައި ވާކަމަށް ވަނީ ލޮގް ކޮށްފައެވެ.

ތަޖްރިބާކާރުން ބުނާގޮތުން އެއަރބަސް 320 ގެ މަތިންދާބޯޓަކީ ރައްކާތެރިކަމުގެ ރެކޯޑްތައް ވަރަށް ރަނގަޅަށް ހުންނަ ބޯޓްތަކެއް ކަމަށެވެ. އަދި މިފަދަ ބޯޓްތައް ކޮންމެ 30 ސިކުންތަކުން އެއްފަހަރު ދުނިޔޭގެ ކޮންމެވެސް ހިސާބެއްގައި ފުރާ ޖައްސަމުން އަންނަކަމަށްވެސް ބުނެއެވެ.

ބުރާސްފަތި ދުވަހު ހެނދުނު ފަރަންސޭސިވިލާތުގެ ޕެރިހުން ފުރުމުގެ ކުރިން މި ބޯޓްވަނީ މިސްރުގެ އެރިޓްރިއާ އާއި ޓިއުނީޝިއާ އަށް ދަތުރުކޮށްފައިކަން ‘ފްލައިޓް ރާޑަރ24’ ވެބްސައިޓުން އެނގެން އެބައޮތެވެ.

ދުވަހުގެ ދަތުރުތައް މި ބޯޓް ފެށީ އެރިޓްރިއަން ގެ ވެރިރަށް އަސްމަރާއިން ނެވެ. އެއަށްފަހު ތޫނިސް އަށް ދިއުމުގެ ކުރިން ގާހިރާ އަށް ދިޔައެވެ. އޭގެ ފަހުން ތޫނިސް އިން ބޯޓް ދިޔައީ ގާހިރާ އަށެވެ. ފަރަންސޭސިވިލާތުގެ ޕެރިސް ޗާލްސް ޑި ގޯލޭ އެއަރޕޯޓަށް ދިއުމުގެ ކުރިން ގާހިރާގައި ދެ ގަދިއިރުވާންދެން މި ބޯޓް މަޑުކޮށްފައި އޮތެެވެ. ފަރަންސޭސިވލާތުގެ ވެރިރަށުން މި ބޯޓް ފުރީ މެދުއިރުމަތީ ގަޑިން ފަތިހު 5 ޖެހިއިރު އެވެ. ބޯޓް ގާހިރާގައި ޖައްސަން ހަމަޖެހިފައި އޮތީ 11:05 ގައެވެ.

މިހާތަނަށް ސާފުނުވެ ވާ އެއްކަމަކީ މިހައި ގިނަ މަންޒިލްތަކަށް މި ބޯޓް ދަތުރުކުރިއިރު، ކޮންމެ މަންޒިލަކުން ބޯޓް ރަނގަޅަށް ޗެކްކޮށްފައިވޭތޯ ނުވަތަ ނޫންތޯ ކަމަށް ރިޕޯޓްތައް ބުނެއެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ރަޝީދު
އަޙްމަދު ރަޝީދު
ހުރިހައި ދާއިރާއެއްގެ ލިޔުންތައްވެސް މުނިއަވަސްގެ ފައުންޑަރ އަދި ޗީފް އެޑިޓަރ ލިޔާނެއެވެ.