ކޮޅުމަޑުލު ތިމަރަފުށީގައި އެ އަތޮޅުގެ ހަތް ރަށަކަށް ހުޅުވާލައިގެން ތިމަރަފުށީ ދާއިރާގެ މަޖިލިސް މެންބަރު އޮނަރަބަލް އަބްދުﷲ ރިޔާޒް ބާއްވާ އެއްލައްކަ ރުފިޔާގެ “އެމްޕީ ކަޕް 2019” ފުޓްބޯޅަ މުބާރާތް ރަސްމީކޮށް މިއަދު ފަށައިފިއެވެ.
މުބާރާތް ހުޅުވި މެޗުގައި، މިއަދު ބައްދަލުކުރީ މުބާރާތް ބާއްވާ ތިމަރަފުއްޓާއި، ކަނޑޫދޫ އެވެ. މި މެޗު ފަހަތުން އަރައި 1-4 ގެ ނަތީޖާއަކުން ފަސޭހަކަމާއި އެކު ތިމަރަފުށި ވަނީ ކާމިޔާބުކޮށްފައެވެ.
ތިމަރަފުށީ ފުޓްބޯޅަ ދަނޑުގައި ކުޅުނު މި މެޗުގެ ފުރަތަަމަ ހާފުގެ 26 ވަނަ މިނެޓުގައި ކަނޑޫދުން ވަނީ ގޯލެއް ޖަހައި، މެޗުގައި ގިނައިރު ބޯޅަ ހިފަހައްޓައިގެން މޮޅަށް ކުޅެމުންދިޔަ ތިމަރަފުއްޓަށް ސިހުން ގެނުވާފައެވެ. ތިމަރަފުށީ ޕެނަލްޓީ އޭރިއާ ކައިރިން ކަނޑޫދޫ އަށް ލިބުނު ހިލޭ ޖެހުމަކުން އެޓީމުގެ މުހައްމަދު ހަސަން ފޮނުވާލި ބޯޅަ ތިމަރަފުށީގެ ކީޕަރު މުހައްމަދު ޝަރުހާން ދިފާއުކުރަން އުޅުމުގެ ތެރޭގައި، އޭނާ އަތުގައި ޖެހިފައި ނުކުތް ވަގުތު، ލިބުނު ދެވަނަ ފުރުސަތުގެ ބޭނުން ހިފައި ކަނޑޫދޫ ޓީމުގެ ހާމިދު ރިޔާޒް ވަނީ އެ ބޯޅަ ގޯލުގެ ތެރެއަށް ވައްދާލާފައެވެ. ކަނޑޫދޫގެ މި ގޯލާއެކު ތިމަރަފުށީގެ ކުޅުން އިތުރަށް ވަރުގަދަކުރި ތަން ފެނިގެންދިޔައެވެ. ނަތީޖާއެއްގެ ގޮތުން ފުރަތަަމަ ހާފުގެ 40 ވަނަ މިނެޓުގައި އެޓީމުން ވަނީ ގޯލެއް ކާމިޔާބުކޮށް މެޗުގެ ނަތީޖާ ހަމަހަމަ ކޮށްފައެވެ. މެޗުގައި މޮޅުކުޅުމެއް ދެއްކި ތިމަރަފުށީ ޓީމުގެ ފޯވާޑް އާދަމް ނާސިހު ކަނޑޫދޫ ޕެނަލްޓީ އޭރިއާގެ އަރިމަތިން ނަގައިދިން ހުރަހެއް އެޓީމުގެ ސެންޓްރަލް ފޯވާޑް އަހްމަދު ތޯހިރު ވަނީ ވަރަށް ހަމަޖެހިލައިގެން ހުރެ ގޯލުގެ ތިރީ ކަނަށް ވައްދާލާފައެވެ. ތިމަރަފުށީ ޓީމުން މި ގޯލު ކާމިޔާބުކުރިތަން މިނެޓެއް ފަހުން އާދަމް ނާސިހު ވަނީ ގޯލެއް ޖަހައި ތިމަރަފުއްޓަށް މެޗުގެ ލީޑު ހޯދައިދީފައެވެ.
ދެވަނަ ހާފު ފެށުނުތަނާ ތިމަރަފުއްޓަށް ލިބުނު ކޯނަރަކުން އެޓީމުން ވަނީ އިތުރު ގޯލެއް ޖަހައި ލީޑު ފުޅާކޮށްފައެވެ. އަހްމަދު ހައިލަމް ނަގައިދިން ކޯނަރަކުން 48 ވަނަ މިނެޓުގައި މި ގޯލު ކާމިޔާބުކޮށްދިނީ ފުރަތަަމަ ގޯލުވެސް ކާމިޔާބުކޮށްދިން ތޯހިރެވެ. ތިމަރަފުށީގެ ހަތަރުވަނަ ގޯލު 57 ވަނަ މިނެޓުގައި ތޯހިރު ތަނަވަސްކޮށްދިން ފުރުސަތަކުން ކާމިޔާބުކުރީ އެ ޓީމުގެ ފޯވާޑް ހައިލަމް އެވެ. ކަނޑޫދޫ ޓީމުގެ ޕެނަލްޓީ އޭރިއާގެ ތެރެއިން ތޯހިރަށް ހެޓްރިކް ފުރިހަމަ ކުރަން ހުސްކޮށް ލިބުނު ފުރުސަތުގެ ބޭނުން ނުކޮށް، އޭނާ އެ ފުރުސަތު ފަހިކޮށްދިނީ ހައިލަމް ގޯލުޖެހުމަށް ކަން ފާހަގަކޮށްލެވެއެވެ.
މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ދެ ގޯލު ކާމިޔާބުކުރި ތިމަރަފުށީ ޓީމުގެ އަހްމަދު ތޯހިރު އެވެ. މެޗުގެ މޮޅު ކުޅުންތެރިޔާ އަށް ޓްރޮފީ ހަވާލުކޮށްދެއްވީ މެޗުގެ ޝަރަފުވެރި މެހެމާނު ތިމަރަފުށީ ދާއިރާގެ މަޖިލިސް މެންބަރު އޮނަރަބަލް އަބްދުﷲ ރިޔާޒް އެވެ.
މި މުބާރާތުގެ މެޗެއް މާދަމާ ވެސް ކުޅުމަށް ވަނީ ހަމަޖެހިފައެވެ. މާދަމާ ހަވީރު 16:00 ގައި ބައްދަލުކުރާނީ ހިރިލަންދޫ އާއި، ވޭމަންޑޫ އެވެ.
ލިޔުންތެރިޔާގެ ފުރަމަލަ
- އަޙްމަދު ޝާމިން މައިގަނޑު ގޮތެއްގައި ލިޔާނީ ކުޅިވަރު ޚަބަރުތަކެވެ. ފިލްމީ އަދި މިއުޒިކީ ދާއިރާ ނޫން އެހެން ހުރިހައި ދާއިރާތަކަށް ވެސް ޝާމިން ލިޔާނެއެވެ.
މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 5 ޖެނުއަރީ 2022ޚަބަރުކޮވިޑް ކޭސްތައް ގިނަވެ އިނގެރޭސި ލީގު ކަޕް ސެމީ ފައިނަލް މެޗު ފަސްކޮށްފި
- 4 ޖެނުއަރީ 2022ޚަބަރުއާ އަހަރު ކުޅުނު ފުރަތަމަ މެޗުން ޔުނައިޓެޑް ބަލިވެއްޖެ
- 4 ޖެނުއަރީ 2022ޚަބަރުފްރެންޗް ކަޕްގެ ގެ ގަދަ 16 އަށް ޕީއެސްޖީ ދަތުރުކޮށްފި
- 2 ޖެނުއަރީ 2022ޚަބަރުރޮޑްރީގެ ގޯލުން ފަހު ވަގުތު ސިޓީން އާސެނަލް ބަލިކޮށްފި