ޝިމްލާގެ ފެހި ވާދީތަކުގެ ފެހިކަން ވަނީ ފަނޑުވެފައެވެ. ހުއްޓުމެއްނެތި ފައިބަމުންދާ ސްނޯގެ ސަބަބުންނެވެ. ގަސްގަހުގައި ފަޅާފައިވާ އާކުރިތަކާއި ފަތްތަކުގައި ތަތްވެފައިވާ ސްނޯތައް މުތީތަކެއް ފަދައިން ދިއްލިފައި ވާއިރު އެމަންޒަރު ބަލާ ފޫހިނުވެއެވެ. ޝިމްލާއަކީ އިންޑިޔާާގެ އެންމެ ރީތި އަވަށެވެ. ދެވަނަ ސުވަރުގެއޭ ބުންޏަސް ދޮގަކަށް ނުވާނެއެވެ. ޒުވާން ޖޯޑްތަކުގެ ހިތްތަކުގެ ހަމަޖެހުމެވެ. އެތަކެއް ލޯބިވެރިންގެ ލޯބި ފެށުމުގެ މަންޒިލްވެސް މެއެވެ. އޭގެ ހެއްކަކީ ޔުނާންއާއި ކަމީލާއެވެ. ޝިމްލާގެ އެންމެ މަޝްހޫރު އިންދިރާ ގާންދީ މެޑިކަލް ކޮލެޖްގެ ފައިނަލްގައި ކިޔަވަމުންދާ ދެލޯބިވެރިންނެވެ. ދެކުދިންވެސް ތިބެނީ ހޮސްޓެލްގައެވެ. ކިޔެވުމުގައި ގިނަ ވަގުތުތަކެއް ހޭދަކުރި ނަމަވެސް އާދައިގެ މަތިން ކޮންމެ ދުވަހެއްގެ އިރުއޮއްސޭ ވަގުތަކީ ކަމީލާ އާއި ޔުނާން އެކަކު އަނެކަކަށްޓަކައި ހުސްކޮށްފައިވާ ވަގުތުކޮޅެކެވެ. މިއަދުވެސް އަތާއި އަތް ޖޯޑްކޮށްގެން  ދެކުދިން ހިނގާފައި އެދަނީ  އެހާ ފިނީގައެވެ. އެމީހުންގެ މަންޒިލަށެވެ. ފަރުބަދަތަކުގެ ނިވަލުގައި ވާ ހިތްފަސޭހަ ބަގީޗާއަކަށެވެ. އެބަގީޗާގައި ފަރިވެ ފޮޅި މިލާ ކޮންމެ މަލަކީ އެދެމީހުންގެ ސާފުޠާހިރު ލޯބީގެ ހެކިވެރިންނެވެ. އެމާތަކުގެ ފޮނިކޮޅު ބޯލަން އެ ބަގީޗާއަށް ތިރި ކުރާ ކޮންމެ ބަޅިނދަކާއި  ކޮކާތަކަކީ ވެސް ޔުނާން އާއި ކަމީލާ އެކަކު އަނެކަކަށް ކޮށްފައިވާ ވައުދުތަކުގެ ހެކިވެެރިންނެވެ.

ވަރުގަދަ ލޯތްބެއް އޮތް ނަމަވެސް ކަމީލާ އާއި ޔުނާން އަކީ ވަރަށް ތަފާތު މިޒާޖެއްގެ ދެމީހުންނެވެ. ޔުނާންއަކީ އަބަދުވެސް ގޮތުގައި ހުންނަން ބޭނުންވާ މީހެކެވެ. ކަމީލާއަކީ އޭގެ އިދިކޮޅެވެ. އުޅެމުންގެންދަނީ ސާދާ ދިރިއުޅެމެކެވެ. ކަމީލާގެ ލޭގައި ރާއްޖޭގެ އަސަރު ހުއްޓަސް ކަމީލާގެ ބައްޕައަކީ ކެނެޑާ މީހެކެވެ. ޚުދު ކަމީލާގެ ވެސް ހުންނަނީ ކެނެޑާ ރައްޔިތެއްގެ ގޮތްގަޑެވެ. ބަލައިލާފައި އެއްވެސް މީހަކަށް ކަމީލާއަކީ ރާއްޖެއަށް ނިސްބަތްވާ ކުއްޖެއްކަމެއް ނޭނގޭނެއެވެ. އަބަދު ހެވި ދިލިފައި ހުންނަ ކަމީލާ މިއަދު ފެންނަމުންދަނީ ވަރަށް މޮޅިވެރިކޮށެވެ. އެ ދޮން މޫނުގައި އެއްވެސް ކަހަލަ އުޖާލާކަމެއް ނެތެވެ. އެކަން ޔުނާން އަށްވެސް ފާހަގަވިއެވެ. ނަމަވެސް މަންޒިލާއި ހަމައަށް ދެވެންދެން ހިމޭނުން ހުންނަން އޭނާ ބޭނުންވީއެވެ.

“މަގޭ ބުލްބުލް. ކިހިނެއްވެފަތަ ތިހުރީ.” ބަގީޗާގައި ހުރި ދިގު ގޮޑިއެއްގައި އިށީނދެލަމުން ޔުނާން ކަމީލާ ގެނެސް އޭނާގެ އުނގުގައި ބޭންދިއެވެ. އެވަގުތު ޖެހިލި މަޑުމަޑު ވައިރޯޅިއެއް ކަމީލާގެ ފަން އިސްތަށިކޮޅާއި ސަމާސާކޮށްލުމުން އިސްތަށިގަނޑުގެ ތަރުތީބު އޮޅިއްޖެއެވެ.

މޫނުމައްޗަށް ބައެއް އިސްތަށިކޮޅުތައް ވެއްޓުމުން ކަމީލާއަށް އުނދަގޫވެގެން އަތުން އިސްތަށިގަނޑުއެއްކޮށް ހުޅިއެއް ޖަހާލިއެވެ. ޔުނާން އަށް އިނދެވުނީ އަނގަ ތަންމިނަށް ހުޅުވައިގެން ބަލާށެވެ. ކަމީލާ ގެ މޫނުގެ ބައްޓަމާއި އޮމާންކަން  މިހާ ދުވަސް ވީއިރުވެސް ޔުނާންއަށް ފެނިފައި ނުވާތީއެވެ.

“ތީ ކޮންތާކުން ވަގަށް ނަގައިގެން އުޅޭ ރީތިކަމެއްތަ؟ ހަމަ ހުރިހާ ކެނޭޑިއަން ކުދިންވެސް ތިބެނީ ތިހެންތަ؟” ޔުނާން އެހެން ބުނީ ކަމީލާ ހެއްވާލުމުގެ ނިޔަތުގައެއް ނޫނެވެ. އެވަގުތު އެހެން ބުނަން ހިތަށް އެރީމަ އެވެ. ނަމަވެސް ކަމީލާ އަށް ހެވުނީއެވެ. ލިބުނު ހިތްހަމަޖެހުމުގައި ޔުނާން ކަމީލާ ގެ ދަތް ދޮޅީގައި ހިފާލިއެވެ. އެކަކު އަނެކަކުގެ ހޫނު ނޭވާ އިޙްސާސް ކުރަމުންނެވެ. އެތައް މެސެޖްތަކެއް ދެލޮލުން އެކަަކު އަނެކަކާއި ހިއްސާކުރަމުންނެވެ.

“ވީ ކަމެއް ބުނެފާނަންތަ؟” ޔުނާން ކަމީލާ ގެ ބޮޑު ދެކޮލުގައި ދެއަތުން ހިފަހައްޓާލިއެވެ.

އެއްވެސް ޖަވާބެއް ދިނުމަށް ނުކުޅެދިފައިވާ ކަމީލާ އިސްޖަހާލިއެވެ. ނަމަވެސް ކޯތާފަތް މައްޗަށް އޮހޮރެމުން ދިޔަ ކަރުނަތައް ހެކިދެނީ ކަމެއް ވެއްޖެ ކަމަަށެވެ.

ޔުނާން ކަމީލާގެ ތުރުތުރު އަޅާތުންފަތުގައި އޭނާގެ ހޫނު ތުންފަތް ޖައްސާ ބާރުކޮށްލިއެވެ. ކަމީލާ ހަމައަކަށް އަޅުވަން އެވަގުތު އޭނައަށް ފެނުނު އެންމެ ރަނގަޅުގޮތަކީ އެއީ ކަމަށް ވާތީއެވެ. އެގޮތަށް އެކަކު އަނެކަކަށް ޝަކުވާ ކޮށްލަ ކޮށްލާ ތިބެވުނީ ކިހާ އިރެއް ވަންދެން ކަމެއްވެސް ނޭނގެއެވެ. ކުއްލިއަކަށް ކަމީލާ ޔުނާން އާއި ދުރަށް ޖެހިލިއެވެ.

“ވަރުބަލިވީތަ މިސް ކަމީލާ ޖޭސްމީން ޕުލިން.” ޔުނާން އެއްމިޔަކަނުން ހީނލިއެވެ.

“ޔުނާން.-” ކޮންމެވެސް އެއްޗެއް ބުނަން އުޅެފައި ކަމީލާ ހުއްޓާލިއެވެ.

“ކިޔާބަލަ. އަޑުއަހާާނަމޭ.” ޔުނާން ކަމީލާ ގެ އުދާސްވެފައިވާ ދެލޮލަށް ބަލަހައްޓައިގެން ހުއްޓެވެ. ކަމީލާ އަށް ހިންދިރުވާލެވުނީ ހިތުގައި އަޅަމުންދާ ވޭނުގެ ސަބަބުންނެވެ. ދެން ކަމީލާ ގެ ހިތަކަށް ހަމަޖެހުމެއް ނެތެވެ. މިއަދު ކަމީލާ އަށް ޔުނާން އާ އިވަކިވާން މަޖުބޫރެވެ.

“ޑޭޑް ބޭނުންވަނީ ކަމީލާ އާއި ޔުނާން ވަކިވާން.” އެންމެ ފަހުން ހިތުގައި އަތް އަޅާލަމުން ކަމީލާ ޔުނާން ގެ ކުރިމަތީގައި އޭނާގެ ހިތް ހުޅުވާލިއެވެ.

“ވަޓް!!؟؟” ވަގުތުން ޔުނާންގެ މޫޑް ބަދަލުވެއްޖެއެވެ. ދެރަވުމުގެ ބަދަލުގައި ޔުނާންއަށް އާދެވުނީ ރުޅިއެވެ.

“ކީއްވެ؟ ކޮބާ އަހަރެންގެ މައްސަލައަކީ؟ އައި އެމް ރިޗް. ނުލާހިކު އުފަލުގަ ކަމީލާ ގެންގުޅޭނަން.” ޔުނާން ވާހަކަ ދެއްކީ ކަމީލާ އަށް ފުރަގަސްދީގެން ހުރެއެވެ. އޭނާގެ ރުޅި މޫނު ކަމީލާއަށް ދައްކަން ޔުނާން ބޭނުން ނުވާ ކަހަލައެވެ.

“ޑޭޑް އަށް އެނގޭނީ ކީއްވެކަން.” ކަމީލާގެ ޖަވާބުން ޔުނާންގެ ރުޅި ކޮންޓްރޯލުން ނައްޓައިފިއެވެ.

“އާ ޔޫ ކިޑިން މީ ކަމީލާ؟ މަށާ ވަކިވާން ޖެހޭ ސަބަބެއްވެސް ކަލެއަކަށް ނޭހުނު. އެހެންވީމަ ހާދަ ލޯތްބެކޭ ދޯ ތިވަނީ މަދެކެ.” އައި ރުޅީގައި ޔުނާން އަށް ކަމީލާ ގެ އަތުގައި ބާރަށް ހިފަހައްޓާލެވުނެވެ.

“ލޯބިވޭ. ޖެއްސުން ކުރިޔަސް ހެޔޮ. އެކަމަކު ބުނީމެއްނު މީގެ ހަތަރު އަހަރު ކުރިންވެސް ފެމެލީ ނުރުހޭ ކަމެއް ނުކުރާނަމޭ. ކިތަންމެ ލޯބިވިޔަސް.” ކަމީލާ އަޑަށް ބާރުލާފައި ބުނެލިއެވެ.

“އޯކޭ. ފައިން. ވީ އާ ޑަން.”  ޔުނާން ކަމީލާ އާއި ދުރަށް ދަމުން ދަމުން ގޮސް ހުއްޓުނެވެ.

“ޔުނާން. ސޮރީ. އަބަދުވެސް ޔުނާން މަތިން ހަނދާންކުރާނަން. ހަޤީޤީލޯބީގެ މާނައަކީ ކާމިޔާބުވުމެއް ނޫން. އެލޯބި އޮންނާނީ އަބަދުވެސް ހިތުގަ. ފޮނި ހަނދާންތަކާއެކު.” ލޮލުން ފައިބަމުން ދިޔަ ކަރުނަތައް އަތުގެ ނުފުށުން ފޮހެލަމުން ލައިގެން ހުރި ބޯކެހެރި ޖެކެޓް ގަޔަށް ހެޔޮވަރުކޮށްލަމުން ކަމީލާ ހިނގައިގެތެވެ. ހިތް މަރުވެފައިވާ ހާލުގައެވެ. އެ ހިތުގެ ވިންދުވެސް ހުއްޓިފައިވާ ކަހަލައެވެ. ޔުނާން ގެ ރީތި ސޫރައާއި ދެމީހުން އެކުގައި ހޭދަކޮށްފައިވާ ވަގުތުތައް ލޯމަތީގައި ސިފަވޭވޭ ހުއްޓެވެ. ނަމަވެސް ފަސްއެނބުރި ބެލުމެއްނެތެވެ. މަޖުބޫރީ ހާލަތުވެސް ޔުނާންއަށް ކިޔައިދެވޭކަށްނެތެވެ. ކުރާނީ ވަކި ކީއްހެއްޔެވެ؟ ތަޤްދީރުގައި ކަމީލާއަށް ޔުނާން ލިބެން ނެތީއެވެ.

ޔުނާން ހުރި ފިޔަވަޅުމަތީގައި ލޮލުކޮޅަށް ގެއްލެމުން ދިޔަ ކަމީލާއަށް ބަލަން ހުއްޓެވެ. ޔުނާާން ދެރަވެއެވެ. އިންތިހާއަށެވެ. އެކަމަކު ރޯކަށް ބޭނުމެއްނުވިއެވެ. ކަމީލާ ދެއްކި ވާހަކަތައް ޔުނާން ޤަބޫލުކުރިއެވެ. ހިތާއި ދެކޮޅަށެވެ.

ދެލޯ މަރާ ބާރުކޮށްލަމުން ޔުނާން ޖީބަށް އަތް ޖަހާލިއެވެ. އެވަގުތު އަތުގައި ޖެހުނީ ކަމީލާ އަށް ދޭންވެގެން ޔުނާން ގެނައި ކެވެލި ކޮޅެވެ. ޖީބުން ކެވެލި ކޮޅު ނަގަމުން އޭގައިވާ ކުދި ކުދި ހިތްތަކުގައި ޔުނާން ފިރުމާލިއެވެ. އަދި ބޮޑު އަކުރުން ލިޔެފައިވާ ލަފްޒުތައް ވައި އަޑުން ކިޔާލިއެވެ.

“އައި ލަވް ޔޫ.”

 

ޔުނާން ބޭނުންވީ ކަމީލާގެ ހުރިހާ ހަނދާންތަކެއް އެތަނަށް ދޫކޮށްފައި ދާށެވެ. އަލުން އެއްވެސް ހަނދާނެއް އާކުރަން ޔުނާން ބޭނުމެއްނޫނެވެ. އަތަށް ބާރުލަމުން އެ ކެވެލި ކޮޅު ގަސްގަނޑު ތެރެއަށް ޔުނާން ހޫރާލިއެވެ. އެވަގުތު ޖެހެމުންދިޔަ ވައިރޯޅި ކުއްލިއަކަށް ބާރުވެލިއެވެ. އަދި ދުވަހަކުވެސް ނުދުވާ ކަހަލަ މީރުވަހެއް ޔުނާންގެ ނޭފަތުގައި ޖެހުނެވެ. ހިތަށް ލިބުނު ފިނިކަމުގައި ޔުނާން ނޭފަތް އެތެރެއަށް ދަމާލަމުން ދެލޯ މަރާލެވުނެވެ. ނަމަވެސް ހަމަ އެސިކުންތުގައި ޔުނާން ތެޅިގެންފައި ދެލޯ ހުޅުވާލިއެވެ. މޫނުމަތީގައި ފިނިފިނި އަތަކުން ފިރުމާލިހެން ހީވެގެންނެވެ.

ދެފަރާތަކަށް ބޯ ހޫރާލަމުން ޔުނާން ހިނގައިގަތީ ހީވި ހީވުމެއްކަމަށް ހީކޮށްފައެވެ. އިރުއޮއްސެންވެސް ކައިރިވާތީއެވެ. ޔުނާން ނަގާ ކޮންމެ ފިޔަވަޅަކާއެކު އިތުރު ފިޔަވަޅެއް އޭނަގެ ފަސްފަހަތުން އެޅެމުންދިޔައެވެ. ނަމަވެސް ތަފާތަކީ އެފިޔަވަޅުގެ ކުލައެވެ. ރަތް ކުލައެވެ. ލެއިން ތަތް ތެޅިފައިވާ ކަމެވެ. ޔުނާންއަށް ކަހާ ތަން ހިރުވާވެސްނުލައެވެ. ކަމީލާގެ ހަނދާންތައް ޔުނާންގެ ސިކުނޑި ހައްޔަރުކޮށްލާފައިވަނީ އެހެން ކަމެއްގެ އިޙްސާސް ނުކުރެވޭހާވެސް ވަރަށެވެ.

“ކަމީލާ.” ވާދީ ތެރެއިން ބޮޑުމަގަށް ނިކުންނަމުން ޔުނާން ފަސްއެނބުރި ސްނޯއިން ފޯވެފައިވާ ފަރުބަދަތަކާއި ދިމާއަށް ބަލާލަމުން ކަމީލާގެ ނަން މަޑުމަޑުން ކިޔާލިއެވެ. އެންމެ ފަހު ފަހަރަށްކަމަށެވެ. އެލޯބި ދެން ޔުނާން އަށް ނުލިބޭނެކަން ޔަޤީންވާތީއެވެ.

ފުރަ މެންދަމެވެ. ޔުނާން ގެ ލޮލުގައި ނިދީގެ ކަންފުޅެއްވެސް ނެތެވެ. ކަމީލާ މަތިން މާބޮޑަށް ހަނދާންވަނީއެވެ. މާދަމާ މީ ޔުނާން ގެ އެންމެ ފަހު ޓެސްޓް އޮންނަ ދުވަހެވެ. އެއަށްފަހު މޮޅު ޑޮކްޓަރެއްގެ ގޮތުގައި އެނބުރި މާލެ ދާންވީއެވެ. ޔުނާން ޕްލޭން ކޮށްފައިވަނީ މާލެ ދާގޮތަށް ކަމީލާ އާއި ކައިވެނިކުރާށެވެ. އަދި ޔުނާން ގެ ބައްޕަމެންނާ ވެސް ޔުނާން ވަނީ ކަމީލާ ގެ ވާހަކަ ހިއްސާކޮށްފައެވެ. ފިކުރު ބޮޑުވެފައި އޮތް ޔުނާން ގެ ޚިޔާލީ ވާފަށް ކަނޑާލީ ކޮޓަރީގެ ދޮރުގައި މީހަކު ޖަހާލުމުންނެވެ. ލިބުނު ސިހުމުގައި ޔުނާން އަށް ބަލާލެވުނީ އަތު ކުރީގައި އޮތް ގަޑިއަށެވެ. ދެގަޑި ބައިވަނީއެވެ. މިގަޑީގައި ކާކުބާއެވެ؟ އަނެއްކާ ވޮޗް މޭން ބާއެވެ؟ ދެފިކުރުގައި ކުޑަކޮށް ބިރުންހުރެ ޔުނާން ދޮރު ހުޅުވާލިއެވެ. އެއާއި އެކު ޔުނާންގެ މޫނުގައި ފިރުމާލީ ފިނިފިނި ވައި ރޯޅިއެކެވެ. ޔުނާން ދޮރުން ބޭރަށް ނިކުމެ ބަލައިލީ ހޯލްގެ ކުޑަދޮރު ހުރީ ލެއްޕިފައި ތޯއެވެ. ދެ ދޮރުވެސް ހުރީ ހަމަރަނގަޅަށްވެސް ލައްޕާފައެވެ. އެހެންވީއިރު ވައި ވަންނަންވީ ކޮންތާކުންބާއޭ ވެސް ޔުނާންގެ ހިތަށް އެރިއެވެ. ހިތަށް ބިރުވެރިކަން ވަން ނަމަވެސް ޔުނާން ތެޅިފޮޅިގަންނާކަށް ބޭނުމެއް ނުވިއެވެ. ހަމަޖެހޭގޮތް ދައްކަމުން ޔުނާން ކޮޓަރި ތެރެއަށް ވަންނަން އެނބުރިލި ވަގުތު ފައިދަށުގައި އެއްޗެއް އޮތް ކަމުގެ އިޙްސާސް ކުރެވުނެވެ. ކުއްލިއަކަށް ފަހަތަށް ޖެހިލަމުން ޔުނާން އިސްޖަހާލަމުން ތިރިއަށް ބަލާލިއެވެ. ފަތް ޖަހާފައި އޮތް ކަރުދާސްކޮޅެކެވެ. ޔުނާން އެ ކަރުދާސްކޮޅު ނަގައި ދެފަރާާތަށް ކަރު އަނބުރާލަމުން ވަށައިގެން ނަޒަރު ހިންގާލިއެވެ. ފަޅުކަމާއި ހަމަހިމޭންކަން ފިޔަވާ އެއްވެސް އެއްޗެއްނެތެވެ.

ދޮރު ލައްޕާލަމުން ޔުނާން އެކަރުދާސްކޮޅު ނިއުޅުވާލިއެވެ. އޭގައި ރަތް ކުލައިން ލިޔެފައިވެއެވެ.

“މަރުވެފައިވާ އަހަރެންގެ ހިތަށް އަލުން ދިރުމެއްދިނީ ކަލާއެވެ!

ލޯބިވެވިއްޖެއެވެ. ހިތުގެ އެންމެ ފުންމިނުގައި ތިޔަނަން ފެވިއްޖެއެވެ. ދުރަށް ދިއުމެއް ދެނެއް ނެތެވެ. ތި ލޯބި އެދިއެދި މިގޮތުގައި އަބަދުމެ ހުންނާނަމެވެ.”….

“ވަޓް އަ ޖޯކް.” ޔުނާން ބާރަށް ހީނގަތެވެ.

“މި ހާދަ ޑްރާމާ ބައި ބޮޑުވެސް ކުއްޖެކޭދޯ. ހަމަ ފިލްމީ ޑައިލޮގެއް.” އަތުގައި އޮތް ކަރުދާސްކޮޅު ބޮނޑިކޮށްލާފައި ޑަސްބިނާ ދިމާއަށް އެއްލިއެވެ. އެކަހަލަ ސިޓީތަކަކީ ޔުނާން އަށް އާ އެއްޗެއް ނޫނެވެ. މިވީ ހަތަރު އަހަރުގެ ތެރޭގައި އެކަހަލަ ކިތަންމެ ސިޓީއެއް ޔުނާން އަށް ލިބިފައިވެއެވެ. އެނދުމަތީގައި ރުލެއް ނެތި ދެމިލަމުން  ޔުނާން ގައިގައި ރަޖާ އޮޅާލިއެވެ. އިސާހިތަކު ނިދީގެ ފޮނި މީރުކަމުގެ ތެރެއަށް ޔުނާން ގެބިގެންދިޔައެވެ.

އިރުގެ އަލިން މުޅި ދުނިޔެ ދިއްލާލެވިފައި ވާއިރު ޔުނާން ގެ މޫނުވެސް ވަނީ ދިއްލިފައެވެ. ކަމީލާގެ ހަނދާންތައް ހިތުގެ އެއްކަނުގައި ފޮރުވާލުމަށްފަހު ޓެސްޓް ޕޭޕަރު ހަމަރަނގަޅަށްވެސް ފުރިހަމަކޮށްފިއެވެ. ކްލާހުން ޔުނާން ނިކުތީ ހެވި ދިލިފައި ހުރެއެވެ. ދުވަހަކު ނުނިންމާހާ އަވަހަށް ޔުނާން ޕޭޕަރުވެސް ނިންމާލިއެވެ. ޚުދު ޔުނާން ވެސް އެކަމާއި ހައިރާންވިއެވެ. ކޮލެޖް ހުރިހާ ކުދިންނާއި ޓީޗަރުންތައްވެސް ހައިރާންކޮށްލިއެވެ.

“ޔުނާން. ހާދަ އީޒީ ކޮށް ތިނިންމާލީ.” ޔުނާންއާއި އެއް ކުލާހެއްގައި ކިޔަވަމުންދާ އާހިލް ގެ އަޑަށް ޔުނާން ފަސްއެނބުރި ބަލާލިއެވެ.

“އަހަރެން ކިޔަވަމޭ. ކަލެއަށް ކިހިނެއްވެފަތަ ތިހުރީ. މީހާ ހަނދު އޮއްސިފަ.” އާހިލްގެ މޫޑް ހުރިގޮތް ފެނިފައި ޔުނާން ގެ ގާތަށް ހިނިއައެވެ.

“ހުވާ މިބުނީ. ޓަފް ޕޭޕަރެއް. އަޅެ ކީއްތަވާނީ އެނޫން ގޮތަކަށް ސުވާާލުތައް ހެދިއްޔާ.” އާހިލް ހުރީ ހިތްހަމަނުޖެހިފައެވެ. ޓެސްޓް ޕޭޕަރު އުނދަގޫކަމުންނެވެ.

“ދެން އަނެއްކާވެސް އިތުރު އެއް އަހަރު ކިޔަވާލަން މަޑުކޮށްލާނީ. އޯކޭވާނެ. ނުލާހިކު ރީތި ބިޓުން އުޅޭނެ ޝިމްލާގަ. ހިނގާބަލަ ސިކުނޑި ފިނިކޮށްލަން. ފިނި އެއްޗެއް ބޯލަންދާން.” ޔުނާން ހެމުން ހެމުން ހިނގައިގަތީ ކެންޓީނާއި ދިމާއަށެވެ. މޫނުމަތިން ބާރަ ޖަހާފައި ހުރި ނަމަވެސް ޔުނާންގެ ފަހަތުން އާހިލްވެސް ހިނގައިގަތެވެ.

“އޭ ޔުނާން. ކަލޭގެ ގަމީހުގައި ތިހުރީ ކޮންލެއެއް؟” ކުއްލިއަކަށް އާހިލް ގެ ދެލޯ ބޮޑުވީ ޔުނާން ގެ ގަމީހުގެ ގިރުވާނު ކައިރިން ފަހަތަށް ފައިބަމުންދާ ލޭތައް ފެނުނީމައެވެ.

“އޭން.” ޤަބޫލު ނުކުރެވޭ ކަހަލަގޮތަކަށް ޔުނާން އޭނާގެ ގަމީހުގައި އަތް ހާކަންފެށިއެވެ. އެއްވެސް ލެއެއް ޔުނާންގެ އަތުގައި ހޭކިފައެއްނެތެވެ.

“ކަލޭ ހަމަ ތަ؟” ޔުނާން އަށް އާހިލްގެ އެސަމާސާ ކަމަކުނުދިޔައެވެ.

އާހިލް ދެލޯ އުނގުޅާލާފައި ބަލާލީ އޭރު ފެންނަން ހުރި ލޭގެ އެއްވެސް އަސަރެއް މިހާރު ފެންނަން ނެތީމައެވެ.

“ކިހިނެއް އެހެންވާނީ. ހަމަ ޔަޤީން އެއީ އަހަންނަށް ހީވިގޮތް ނޫންކަން.” އާހިލް ގެ ހިތަށް ބިރުވެރިކަން ވަނެވެ. ވާނީވެސް އެހެން ނޫންހެއްޔެވެ؟ އާހިލް ގެ ދެލޮލަށް ހަމަ ދެންމައަކު ޔުނާންގެ ގަމީހުގައި ހުރި ލޭތައް ފެނުނު މެއެވެ. އެއީ ހީވި ހީވުމެއްނޫންކަން އާހިލްއަށް ހަމަ ޔަޤީނެވެ.

“އަޅެ ހުރިނަމަ އަހަރެންގެ އަތުގައިވެސް އުނގުޅޭނެއެއްނު. މަށަށް ހީވަނީ ކަލޭގެ ސިކުނޑި އެކަންޏެއް ނޫންހެން ގޮވީ. ކަލޭގެ ދެލޯވެސް ގޮވާފަ ތިހުރީ.” ޔުނާން ހިނގައިގަތީ ކެންޓީނާއި ދިމާއަށެވެ. ފުރަތަމަވެސް ޔުނާންއަށް ބަލާލެވުނީ ފަސް ނަމްބަރު ޖަހާފައި އިން މޭޒާއި ދިމާއަށެވެ. އެއީ އަބަދުވެސް ކަމީލާ އިންނަ މޭޒެވެ. އެންމެ ފުރަތަމަ ޔުނާން އަށް ކަމީލާ ފެނުނީވެސް އެތާގައި އިންދައެވެ. އެހަނދާންތައް ޔުނާންގެ ހިތުން ދުވަހަކުވެސް ފިލައިގެން ނުދާނެކަން ޔަޤީނެވެ. ފުން ނޭވާ އެއް ފަޒާގެ ތެރެއަށް ދޫކޮށްލަމުން ޔުނާން ވެއިޓަރާއި ކުރިމަތިލީ އޯޑަރު ދޭންވެގެންނެވެ. ނަމަވެސް ޚިޔާލު ބަދަލުވީ ހަމަ ކުއްލިއަކަށެވެ. ޖީބުގައި އޮތް ފޯނު ނަގާ ބައްޕަގެ ނަމްބަރަށް ޑައިލްކޮށްލިއެވެ. އަދި ފޯނު ކަންފަތުގައި ޖަހައިގެން ބޭރަށް ނިކުތެވެ. މީހުންތަކުން ފުރިފައިވާ ކޮލެޖްގެ އެކި ކޮޅުކޮޅަށް ނަޒަރު ހިންގަމުން ދިޔަ ޔުނާން ގެ ދެލޯ އަދިވެސް އެހޯދަނީ ކަމީލާ ކަން ޔަޤީނެވެ. އެންމެ ފަހުވަގުތުގައިވެސް ކަމީލާ ދެކިލަން ޔުނާން ބޭނުމެވެ. އެގްޒާމް ހޯލުންވެސް ޔުނާންއަކަށް ކަމީލާއެއް ނުފެނުނެވެ. ލިބުނު މާޔޫސްކަމުގައި ޔުނާން ހިނގައިގަތީ ހޮސްޓެލް އަށް އެނބުރިދާށެވެ. ޔުނާން ވީ އެންމެ އަވަހަކަށް މާލެދާން ބޭނުމެވެ. ކަމީލާ ގެ ޚިޔާލުތަކާއި ފަސޭހައިން ދުރުވެވޭނީވެސް އޭރުންކަން ޔުނާން އަށް ހީވާ ކަހަލައެވެ.

ކޮޓަރިއަށްވަދެ ޔުނާން ފޮށި ނަގާ އެއްޗެހި ޕެކް ކޮށްލިއެވެ.

“ހެލޯ. އަސްތާ ފުރަނީތަ؟” އަނެއްކާވެސް އާހިލް އެވެ. ކޮޓަރި ދޮރުހުޅުވާލަމުން އެތެރެއަަށްވަނެވެ. ޔުނާން ގެ ޕެކް ކޮށްފައިވާ ސާމާނުތަކަށް ދެލޯ ބޮޑުކޮށްފައި ބަލަން ހުރި އާހިލްއަށް އަނގަ މަޑުންލައިގެން ނުހުރެވުނެވެ.

ޔުނާން އެއްވެސް ޖަވާބެއްނުދީ ހިނިތުންވެލިއެވެ.

“ކަލޭގެ ކެނޭޑިއަން ޖޭސްމީން ވެސް ގޮވައިގެންތަ ދަނީ؟” ކުއްލިއަކަށް އާހިލް ކޮށްލި ސުވާލުން ޔުނާން ގެ ހިތުގެ ވިންދު އަވަސްވެއްޖެ އެވެ. ހިތުގެ އެންމެ ފުނުގައި ފޮރުވާފައިވާ ހަނދާންތައް ބޮކި ޖަހާފައި މައްޗަށް އަރައިގަންނަން އުޅުނު ކަހަލައެވެ.

“ނޫން. އެކަންތައް ނިމިއްޖެ؟” ޔުނާން އާހިލް އަށް އެއްވެސް ކަމެއް ސިއްރުކުރާކަށް ބޭނުމެއްނުވި އެވެ. ފެށުނީއްސުރެވެސް ކަމީލާ އާއި ޔުނާންގެ ގުޅުން އާހިލް އަށް އެނގޭނެއެވެ. އަދި އެމީހުން އުޅުނު ލޯބިގޮތްވެސް އެންމެ ކައިރިން ފެންނާނީވެސް އާހިލްއަށެވެ.

“ކަލޭ އެންމެ ފަހުން އެމަންޖެގެވެސް ހިތުގައި ޖައްސާލީ ދޯ. ނުވާނެ ކަލޭ ރަނގަޅެއް ދުވަހަކުވެސް.” އާހިލްގެ އަޑުގައިވަނީ އިންތިހާ ދަރަޖައަށް ނުރުހުމެވެ.

ދިފާޢުގައި އެއްވެސް އެއްޗެއް ބުނާކަށްވެސް އަދި ކަމީލާ ކުށްވެރިކޮށްފައި އެވާހަކަ ދައްކާކަށް ވެސް ޔުނާން ބޭނުމެއްނުވިއެވެ.

“ކަލޭ މާލެ ނުދަނީތަ؟” ޔުނާން ބޭނުންވީ މަޢުޟޫ އޮޅުވާލާށެވެ. ކަމީލާ ގެ ވާހަކަ ދައްކަން ޔުނާން އަށް މިހާރު ނޭނގެނީއެވެ. ކަމީލާ ޔުނާން އާއި ވަކިވެގެންދިޔަ އަސްލު ސަބަބުވެސް ބުނެވޭނީ ޔުނާން އަށް އެނގޭނަމަ ތާއެވެ. ކަމީލާގެ ވާހަކަ އެއްވެސް މީހަކާއި ދައްކަން ޔުނާން ބޭނުންނުވަނީ ވެސް އެ ސަބަބަށްޓަކައެވެ.

“ތިޔަށް އެއްޗެއް ބުނަން އެނގޭނީ ރިޒަލްޓް ލިބުނީމަ.” ޓެސްޓް ޕޭޕަރު މަތިން ހަނދާންވީމާ އާހިލްގެ މޫނު އަނެއްކާވެސް ފުސްވެއްޖެއެވެ.

“މިރޭ އަހަރެން މިއުޅެނީ މާލެދާން. ރިޒަލްޓް މެއިލްވެސް ކުރާނެއެއްނު. އަހަންނަށް ޔަޤީން އަހަރެންގެ ރިޒަލްޓް ރަނގަޅުވާނެކަން.” ހިތުގައިވާ ޔަޤީންކަމެއްގެ ބޮޑު ކަމުން ޔުނާން ވާހަކަދެއްކީ މޭ ފުއްޕާލާފައެވެ. އާހިލް ވީ ދެރައިން ކަރު އެލުވާލިއެވެ. ޔުނާންގެ ރިޒަލްޓް ރަނގަޅުވާނެތީއެއް ނޫނެވެ. އެކުވެރިޔާއަށްޓަކައި އޭނާ އުފާކުރެއެވެ. ނަމަވެސް އަމިއްލައަށް ކިޔެވުމާއިމެދު ފަރުވާކުޑަ ކުރެވުނީމާ ދެރަވަނީއެވެ.

ފްލައިޓްގެ ގޮޑީގައި ބުރަކަށި ޖައްސާލުމާއެކު ޔުނާން ފެންކަޅިވިއެވެ. އެންމެ ފަހު ވަގުތު ކަމީލާ ލޮލުންވެސް ނުދެކި އަންނަން ޖެހުނީމައެވެ. ޝިމްލާގައި ކަމީލާ އޭނާގެ މައިންބަފައިންނާއެކީ ދިރިއުޅޭ ގެ ކައިރިއަށް ޔުނާން ދެފަހަރަކު ދިޔައެވެ. އެތަނުގައި އެތައް އިރެއްވަންދެން ކަމީލާ ފެނޭތޯ އެނބުރުނެވެ. ނަމަވެސް ޔުނާން އަށް ކުރިމަތިލާން ޖެހުނީ މާޔޫސްކަމާއެވެ.

ޔުނާން އަތުގައި އޮތް އޭނަގެ ފޯނުގެ ބެކް ގްރައުންޑަށް ނަޒަރު ހިންގާލިއެވެ. ކަމީލާ ގެ ފޮޓޯއަށެވެ. ދެލޯ މަރާލަމުން ޔުނާން ގެ މޭގައި ފޯނު ޖައްސާލިއެވެ. ކަމީލާ ގެ ހަނދާންތައް އަބަދުވެސް ޔުނާން ގެ ހިތަށް ބާރު ފޯރުވާތީއެވެ. ސިކުނޑި ވިސްނައިދެމުން ދިޔައީ ފޯނުގައި ހުރި ފޮޓޯތައްވެސް ޑިލީޓް ކުރާށެވެ. ހިތާއި ދެކޮޅަށް ޔުނާން ފޯނުގެ ގެލެރީ ހުޅުވާލިއެވެ. އަދި ޑިލީޓް ކުރުމަށްޓަކައި އަތް ހަރަކާތްކޮށްލިއެވެ.

“އަސްލުވެސް އަހަރެން މަތިން ހަނދާންނައްތާލަނީތަ؟” ކަމީލާގެ އަޑު އެހާ ގާތުން އިވުމުން ޔުނާންއަށް ލިބުނު ސިހުމުގައި އަތުގައި އޮތް ފޯނުވެސް ވެއްޓިއްޖެއެވެ.

ދެލޯ ބޮޑުކޮށްގެން ޔުނާން އަށް ބަލަހައްޓައިގެން އިނދެވުނީ ލޮލަށް ފެންނަމުން ދިޔަ މަންޒަރު ޤަބޫލު ނުކުރެވިގެންނެވެ.

“ކަމީލާ.” ޔުނާން އަށް ކަމީލާ އަށް ގޮވާލެވުނީ ނޭފަތް އެތެރެއަށް ދަމާލަމުންނެވެ. މަޑުމަޑު މީރުވަހެއް ނޭފަތުގައި ޖެހުނީމައެވެ.

ނުނިމޭ

ފިރިހެން މޮޑެލް: ޔުނާން – މުޙައްމަދު ޔުނާން (ބޮސް ގެ ފިރިހެން ލީޑް)

އަންހެން މޮޑެލް: ޒާނާ – ފަރުޒާނާ

ފޮޓޯގްރަފީ: އަޙްމަދު ސާމިޙްޒަޢީމް ފޮޓޯސް

ކޮސްޓިއުމް: އާމިނަތު ލަޠީފް

ލިޔުންތެރިޔާގެ ފުރަމަލަ

އާމިނަތު ފަރުޒާނާ
ހުނަރުވެރި ވާހަކަލިޔުންތެރިއެކެވެ. ފީޗާ ލިޔުމަށްވެސް ވަރަށް ކުޅަދާނައެވެ.
މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް