ބައިސްކޯފުން 2020 ޖެނުއަރީ މަހު ދައްކަން ފެށުމަށް ކުޑަތަންވެފައިވާ ވެބް ސީރީޒް “ހަނާ”ގައި ހަނާގެ އެކުވެރިއެއްގެ ރޯލުން ފެނިގެންދާ ނިޝާ (ނިޝްކޮ)އާ މުނިއަވަސް އިން ބައްދަލުކޮށްލީމެވެ.

ފިލްމީތަރި އާސިމްގެ އަންހެނުން ނިޝްކޮއަކީ ދިވެހި ފިލްމީ ދާއިރާގައި އަދި އެހާ އަލިގަދަ ތަރިއެއް ނޫނަސް މިހައިތަނަށް ނިޝްކޮ ކުޅެފައިވާ ފިލްމުތަކުން ނިޝްކޮގެ އެކްޓިން ވަރަށް މޮޅުކަން ފާހަގަކޮށްލެވެއެވެ. އެގޮތުން ބައިސްކޯފުން ގެނެސްދީފައިވާ ވެބް ސީރީޒް “މެންދަން” ގައި ނިޝްކޮ ދައްކައިދީފައިވަނީ އާދަޔާޚިލާފު މޮޅު އެކްޓިންއެއްކަން ގިނަ ބަޔަކު ފާހަގަކުރެއެވެ.

ނިޝްކޮއާ ބައްދަލުކޮށް “ހަނާ”ގެ ވާހަކަތައް އޮޅުންފިލުވައިލީމެވެ. ނިޝްކޮއާ އަލަށް ބައްދަލުވި ފަހަރުކަމަށްވެފައި ނިޝްކޮގެ މިފަދަ އިންޓަވިއުއެއް މުނިއަވަސް އިން އަލަށް ގެނެސްދޭ ފަހަރުކަމަށް ވުމުން އެންމެ ފުރަތަމަވެސް ނިޝްކޮ ފިލްމީ ދާއިރާ އަށް ވަން ގޮތް އޮޅުންފިލުވައިލީމެވެ.

 ވަރަށް ކުރީގަ ހުންނާނެ މީ ނިޔާ (މިހާރު ވަނީ ނިޔާވެފަ)، ދިން ފުރުޞަތުތަކެއްގަ ހުންނާނެ ކުރީގަ ދެން މަޖަލަކަށް ކުޅެފަ. “ދަ ޓްރީ” ކިޔާ ފިލްމެއްވެސް އިންނާނެ. ދެން އެކަމަކު އޭރު ވާގޮތަކީ ނަށަން އުޅުނީމަ މާބޮޑަކަށް އިންޓަރެސްޓެއް ނުހުރޭ ފިލްމު ކުޅޭކަށް. އޭރު އުޅުނީ ‘ރަނި ގްރޫޕް’ގަ. ދެން އެހެން އުޅެނިކޮށް މޫމިން ފުއާދު، ލަވައެއް ނަގަންވެގެން ބުނީ. ނިޔާ ބުނެގެން މޫމިން މެނާއެއްކޮށް ލަވަ ނަގަން ދިޔައިމަ މޫމިން އެހީ ކުޅޭ ހިތްވޭތޯ. ދެން އަޅުގަނޑު ބުނީ ނޫނެކޭ ފިލްމުކުޅޭ ހިތެއް ނުވޭ ލަވަކުޅެދާނަމޭ. ދެން އެބޭފުޅުން ލަވަ ނަހަދާތީ ދެން އެއްކޮށް ދުރަށް ގޮސް ހުރީ. ދެން އެހެން ހުއްޓާލިގޮތަށް މެރީކޮށްގެން ދެން ލައިފެއްގަ އުޅުނީ.

ދެން ފަހުން އެއްކަލަ ފިލްމީ ދާއިރާ މީހުންނޭ ކިޔާފަ ފާޑުފާޑުގެ ވާހަކަ އިވޭތީ އެހާ ވަންނަ ހިތްވެސް ނުވީ. ދެން ވީގޮތަކީ މޫމިން މެންނާ އެއްކޮށް މިހެން އެކީގަ އުޅެން ފެށީމަ އެނގުނީދޯ ރަނގަޅު މީހުންވެސް އުޅޭކަން. ދެން “ނިވައިރޯޅި” ހެދި އިރުގަ މޫމިން އައިސް ގޭގަ އިންދާ އެއްދުވަހު ހަސްބަންޑް (އާސިމް) ބުނެލީ ނިޝްކޮ ލާންވީ ނޫންހޭ ބަޔަކަށް. ބުނީމަ މޫމިން އެހީ ކުޅޭނަން ހެއްޔޭ. ބުނިން އާނއެކޭ ކުޅޭނަމޭ ނިޢުމާގެ ފަހު ފިލްމު ވީމަ ވަރަށް ބޭނުންވޭ ބައިވެރިވެލަން. ދެން އެއީ އަސްލު ރަސްމީކޮށް އަނެއްހެން ނުކުންނަން ވެގެން ނުކުތް ފަހަރަކީ، ނިޢުމާގެ “ނިވައިރޯޅި”ން ނުކުތީ. ދެން “މެންދަން”ގެ ފުރުޞަތުވެސް އެއްދުވަހު މޫމިން ގުޅާލާފަ ބުނީ އެބަ ދަމޯ މީޓްކޮށްލަން. ދެން އައިސްފަ ބުނީ “މެންދަން”ގެ ވާހަކަ. ދެން އަޅުގަނޑު ބުނިން އާނއެކޭ މައްސަލައެއް ނެތޭ.

“ހަނާ” ސީރީޒުން ފުރުޞަތު ލިބުނީ ކިހިނެއް؟
ޒީ (ޒީނަތު އައްބާސް) އަޅުގަނޑު ކައިރީގަ އެހީ އެ ދުވަސްކޮޅު ފްރީތޯ. ފްރީއޭ ބުނީމަ ބުނީ އަމްޖޭގެ އެއްޗެއް އެބައޮތޭ. ދެން އަޅުގަނޑު ބުނީ އާނއެކޭ ދެވޭނޭ. އެއީ ލިބުނު ގޮތަކީ.

މިއީ ނިޝްކޮގެ ކިތައްވަނަ ފިލްމީ މަސައްކަތް؟
މިއީ ތިންވަނަ މަސައްކަތް.

“ހަނާ”ގަ ނިޝްކޮ ކުޅެނީ ހަނާގެ ފްރެންޑެއްގެ ރޯލުކަން އެބަ އެނގޭ. މީގަ ނިޝްކޮ ކުޅެފަ އިންނާނީ ކޮންކަހަލަ ރޯލެއްކަން ބުނެދީފާނަން؟
ހަނާއަށް ހުރިހައި ކަމެއްގަވެސް އެހީވެދޭ ވަރަށް އަޅައިލާ، އެހީތެރިވެދޭ ފްރެންޑެއްގެ ރޯލު.

ހަނާގެ ޝޫޓިން ދިޔަގޮތާ ދޭތެރޭގަ ބުނެލާނީ ކީކޭ؟ ވަރަށް ހިތްހަމަޖެހޭތަ؟
އާނ ވަރަށް ހިތްހަމަޖެހޭ.

ހަނާގަ ކުޅެފަވާ ރޯލު ކުޅެވިފައިވާ ގޮތާމެދު ކީކޭ ބުނެލާނީ؟
ޕާފޯމްކުރެވުނު ގޮތާ ދޭތެރޭގަ ހަމަ ހިތްހަމަޖެހޭ. ދެން ދެވުނު އެންމެ ރަނގަޅަށް ދީފަ އިންނާނީ.

ދެން އަމްޖޭގެ ޑައިރެކްޝަނެއްގަ މަސައްކަތް ކުރެވުނު ފުރަތަމަ ފަހަރުދޯ ތީ. އަމްޖޭގެ ޑައިރެކްޝަނާ ދޭތެރޭގަ ބުނެލާނީ ކީކޭ؟
އަމްޖޭގެ ޑައިރެކްޝަންއާ މެދު ބުނެވޭނީ ރަނގަޅޭ. އަމްޖޭއާ އެއްކޮށް މަސައްކަތްކޮށްލީމަ ބުނެވޭނީ އަމްޖޭއަކީ ވަރަށް މަސައްކަތައިގެން އުޅޭ ޑައިރެކްޓަރެއްކަން އެނގުނޭ. ހެނދުނު ހޭލާގޮތަށް މަސައްކަތުގަ އެ އުޅޭގޮތަށް ނިދާނީ ބާރަޖަހާ ޝޫޓިން އެއްކޮށް ނިންމާލާފަ. އަނެއްކާވެސް ހަމަ އަނެއް ދުވަހު ތެދުވެ ހަމަ ތަނެއްގަ އިށީންދެ ނުލާ އުޅެނީ މަސައްކަތުގަ. އަދި މަށަށް މި ދާއިރާއިން މިގޮތަށް ރެސްޓެއް ނުނަގާ އެއްޗެއް ނިންމަން އުޅޭ ޑައިރެކްޓަރެއް ނުފެނޭ ބުނެވޭނީ. އަސްލު ވަރަށް މަސައްކަތައިގެން އުޅޭ ޑައިރެކްޓަރެއް އަމްޖޭ އަކީ.

“ހަނާ” ސީރީޒްގައި ހަރަކާތްތެރިވާ ފަންނާނުންނާއި ކްރޫ – ފޮޓޯ: ހަނާ ޓީމު

ހަނާގެ ވާހަކައާ ދޭތެރޭ ހަނާގެ ސްޓާރުންނާ އަމްޖޭވެސް އެބައޮތް ވަރަށް ބޮޑަށް ތައުރީފުކޮށްފަ. ހަނާގެ ވާހަކައާ މެދު ނިޝްކޮ ބުނެލާނީ ކީކޭ؟
ބުނެވޭނީ ސްޓޯރީ ވަރަށް ރީއްޗޭ.

ބެލުންތެރިން “ހަނާ” ބަލަންވީ ކީއްވެގެންކަމަށް ނިޝްކޮ ބުނެލާނީ؟
“ހަނާ” ބަލަންވީ ތަފާތު ސްޓޯރީއަކަށް ވީމަ. ދެން ބެލުންތެރިންނަށް ވަރަށް ކަމުދާނެ ޑްރާމާއެއް “ހަނާ” އަކީ ހަމަ ގައިމުވެސް.

“ހަނާ” ގަ ފިރިހެން ލީޑް ކުޅޭ ދޮން އައްޔަގެ އެކްޓިން އާމެދު ބުނެލާނީ ކީކޭ؟
މީގަ ދޮން އައްޔަގެ ކެރެކްޓަރ ވަރަށް ސަޅި. ދެން ހަމަ ގައިމުވެސް މީތި ބަލާފަ ވަރަށް ގިނަ ބެލުންތެރިންގެ ލޯބި ލިބޭނެކަން އަޅުގަނޑަށް ހަމަ ޔަގީން.

ކުރިންވެސް ފާހަގަކުރި ގޮތަށް، ވެބް ސީރީޒް ‘މެންދަން’ގެ ލީޑުން ނިޝްކޮ ވަނީ ވަރަށް މޮޅު އެކްޓިންއެއް ދައްކާފައެވެ. “ހަނާ”ގައި ނިޝްކޮ މަސައްކަތްކޮށް ނިންމާލާފައި ވާއިރު، މިވަގުތު ނިޝްކޮ ހުރީ ސީޒަންގެ “ލޯބިވެވިއްޖެ” ޝޫޓިންގައެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ރަޝީދު
އަޙްމަދު ރަޝީދު
ހުރިހައި ދާއިރާއެއްގެ ލިޔުންތައްވެސް މުނިއަވަސްގެ ފައުންޑަރ އަދި ޗީފް އެޑިޓަރ ލިޔާނެއެވެ.