“ދެން ހިނގާބަލަ ކޮފީއަކަށް ދަންޏާ ދާން އުޅެމާ! … ކޮބާ ތޫމާއަށް ގުޅައިފިންތަ؟”

ލަފުޒުތަކަކުން އަހަންނަށް ފެންނަމުން ދިޔައީ ޔާނިޔާގެ ޝަކުވާގެ އަޑެވެ. މިހާރުވެސް ޔާނިޔާ އެ އުޅެނީ ކޮފީއަކަށް ނުދެވިގެންނެވެ. މިރޭ އަށެއް ޖެހީވެސް ކޮފީއެއްގައި ތިއްބައިކަން އޭނާ ހަނދާން އެބަހުރިބާއޭ އަހަރެންގެ ހިތަށް އެރިއެވެ. އަހަރެމެން ކޮފީއަށް އަރަނީ ކޮންމެހެން ކޮފީ ބޯކަށް ނޫނެވެ. އަދި ތިޔަ ހީކުރެވުނުގޮތަށް ދެ ބަނޑަށް ކާކަށްވެސް ނޫނެވެ. ގިނަފަހަރަށް މީހުންނަށް ހީކުރެވެނީ އަންހެންކުދިން ވެއްޖެއްޔާ އެމީހުން ކޮފީއަށް އަރަނީ ގިއްކިޔާފައި ކާށެވެ. ނަމަވެސް އެއީ ބަޔަކަށް ކުރެވޭ ކުށްހީ އެކެވެ. ހަމަ ގައިމުވެސް އަހަރުމެންގެ ގްރޫޕް ކޮފީއަށް އަރަނީ ކޮފީއަށް އަރާ މީހުންގެ ނުވަދިހަ ނުވައެއް އިންސައްތަ މީހުން ކޮފީއަށް އަރާ ބޭނުމުގައެވެ. އަނގަތަޅާށެވެ. ގަރލްސް ގޮސިޕް ނުވަތަ އަންހެންކުދިން ތަޅާ ކޫސަނި އަނގަތަޅާށެވެ.

“ކޮން އިރެއް ތޫމާއަށް ގުޅިތާ. ޔާނިޔާ އަހަންނަށް ގުޅާފަ ދާވާހަކަ ބުނިއިރަށް ގުޅައިފިން. އެހެން ނޫނަސް އޭނަ މިހާރުވެސް އިނީ އޮންލައިންގަ. މި ގްރޫޕްގަ މި ދައްކާ ވާހަކަ އޭނައަށްވެސް ނުނިދާ އޮތިއްޔާ ފެންނާނެ އެއްނު!”

އަހަރެންވެސް ނިކަން ފަރިތަކަމާއެކު ޓައިޕް ކޮށްލީމެވެ. އަހަރުމެން ތިބީ ވައިބަރ އިން ޗެޓް ކުރާށެވެ. އެއީ އަބަދުވެސް އާދައެވެ. އަހަރުމެންގެ ވައިބަރ ގްރޫޕް ‘ޓީމް TYMM’ އަކީ އަހަރުމެން ހަތަރު ރަޙްމަތްތެރިންގެ ރަސްމީ ވައިބަރ ގްރޫޕެވެ. އަހަރުމެން ގްރޫޕްގައި ހިމެނޭ އަނެއް ރަޙްމަތްތެރިޔާ އަކީ ވަރަށް ޚާއްޞަ މީހެކެވެ. އަހަރެން-މަރީ، ތޫމާ އަދި ޔާނިޔާ އާއި އެކު އޭނާ ހުރިހައިތާކަށް ދާނެއެވެ. އެއްމެ ކުޑަމިނުން އަހަރުންނާއެކެ ސެލޫންއަށްވެސް ދާނެއެވެ. ފިރިހެން ކުއްޖަކަސް އޭނާއަކީ ފެށުނީއްސުރެން އަހަރުމެން ގްރޫޕްގެ މެންބަރެކެވެ. ‘ޓީމް’ ގެ ނަމުން ގްރޫޕަށް ނަން ދިނީވެސް ޚުދު އޭނާ އެވެ. މިރްޒާން އެވެ. އަހަރުންގެ މިރޫ އެވެ. ތޫމާ، ޔާނިޔާ، މަރީ އަދި މިރޫ އެވެ.

ވައިބަރ ގްރޫޕްގައި ޗެޓްކުރަމުންވެސް އަހަރެން މިގެންދަނީ އަހަރެންގެ މަސައްކަތް ކުރަމުންނެވެ. އަހަންނަކީ ވާހަކަ ލިޔުންތެރިއެކެވެ. މިފަހަރު އަހަރެން މި ލިޔަންފެށީ އަހަރެންގެ ޚާއްޞަ ރަޙްމަތްތެރިޔާ މިރޫ ގެ ލައިފަށް ބޭސްކޮށް ލިޔާ ވާހަކަ އެކެވެ.

“އޭތް މަރީ. ނިދީތަ؟ ލިޔަނީ ދޯ މިހާރުވެސް. ޕިސްޕިސްޕިސް” އަހަރެން އެއްޗެއް ޓައިޕްނުކޮށް އިރުކޮޅެއް ވުމުން ޔާނިޔާ ޝަކުވާކުރަން ފެށިއެވެ.

“ކޮންކަހަލަ ސްޓޯރީއެއްތަ މިފަހަރު ތި ލިޔަނީ؟” އެއްމެފަހުން ތޫމާގެ ޚަބަރެއް ވެއްޖެއެވެ. އެމީހުން އެއްމެން ބޭނުންވެގެން އެ އުޅެނީ މިފަހަރު އަހަރެން ލިޔާ ވާހަކައިގެ ސިނޯޕްސިސް (ޚުލާޞާއެއް) އެއް ނަމަވެސް ހޯދުމަށެވެ. އެކަމަކު މިފަހަރު އަހަރެންގެ އެއްމެ ގާތް ތިން ރަޙްމަތްތެރިންނަށްވެސް މި ވާހަކަ ދައްކާނީ ލިޔެ ނިންމާފައެވެ. ޚާއްޞަ ދުވަހެއްގައެވެ. ޚާއްޞަ ވަގުތެއްގައެވެ. އަދި ޚާއްޞަ ތަނެއްގައެވެ. މިއީ އަހަރެމެން ގްރޫޕްގައި ހިމެނޭ މިރޫގެ ލައިފް ސްޓޯރީއޭ ބުނަން އަހަރެން ކިތައްމެ ބޭނުންވިޔަސް މިފަހަރަކު ނުބުނާނަމެވެ.

“ކެތްކޮށްލައިގެން ބަލަންތިބެބަލަ. ވާހަކަ ނިމުނުހާ އަވަހަކަށް ކޮންމެ މީހަކަށް ކޮޕީއެއް ދޭނަމޭ. އަދި އެވެސް ރާއްޖޭގެ ނަންބަރ ވަން ސްޓޯރީ ރައިޓަރ ‘މަރިޔަމް މިލްނާ’ ގެ އޮޓޯގްރާފާ އެކު.” އަހަރެން އަވަސް އަވަހަށް ޓައިޕްކޮށްލީމެވެ.

“އޯކޭއޭ ނުބުންޏަސް. އަހަރުމެން ނުވެސް އުޅެން ތި މަރީ ލިޔާ ވާހަކަ ކިޔާތަކުންވެސް ދޯ ތޫ އެންޑް ޔާނި!” ތޫމާއާއި ޔާނިޔާ އަށް ދޯ އަޅަމުން ވައިބަރގައި ލިޔަން އެފެށީ މިރޫއެވެ.

“އޯކޭއޭ މިރޫ ނުކިޔިޔަސް. އެކަމަކު ހިއެއް ނުވޭ މިރޫއަށް މި ސްޓޯރީ ނުކިޔާ ހުރެވިދާނެހެންނެއް!” އަހަރެން މިދިނީ ހިންޓެއްކަން އެމީހުންނަށް ނޭނގޭނެކަން އެނގިހުރެ ޖަވާބު ދިނީމެވެ.

******************

ކޮފީ ނިންމާފައި ގެއަށް އައިސް ވަދެވުނީ ބާރަޖަހަން އުޅެނިކޮށެވެ. އޭރު މަންމަވެސް ނިދައިފިއެވެ. މިރޭ އަހަރެން މާ ލަސްވީއެވެ. މާދަމާ މަންމަގެ ޝަކްވާ އަންނާނެކަން ޔަޤީނެވެ.

ފާޚާނާއަށްވަދެ ދަތް އުނގުޅައިގެން ނިކުމެ އެއްޗެހި ބަދަލުކޮށްލީމެވެ. ބަދިގެއަށްގޮސް ކަޅު ކޮފީއެއް ހަދައިގެން، އެއް އަތުން ކޮފީތަށި، އަނެއް އަތުން ފެންފުޅިއެއް ހިފައިގެން ގޮސް އިށީންނީ އަހަރެންގެ މޭޒުކައިރީގައެވެ. އެއީ އަހަރެންގެ ފިރިމީހާ އަަހަންނަށް ދިން ހަދިޔާއެކެވެ. އޭނާ ޑޮކްޓަރުކަން ކިޔަވަން ޔޫކްރޭންއަށް ފުރުމުގެ އެއްދުވަސް ކުރިންނެވެ.

އަހަރެން ވާހަކަ ލިޔުމަށްޓަކައި ‘މައިކްރޯ ސޮފްޓް ވޯރޑް’ ގައި ތައްޔާރުކޮށްފައިވާ ޚާއްޞަ ޓެމްޕޭޓް ހުޅުވައިލީމެވެ. ވާހަކައަށް ކިޔާނެ ނަމަކާއި މެދު ދެތިން ފިކުރެއް ހުރުމުން އެ ދެތިން ނަންވެސްވަނީ ކުރިން ޓައިޕްކޮށްލެވިފައެވެ. ނެޓަށްވަދެ ރަނގަޅު ފޮޓޯއެއް ފެނޭތޯ ސަރޗްކޮށްލިތަނުން ލޮލުގައި އަޅައިގަތީ ވަރަށް ފުން މެސެޖެއްދޭ ފޮޓޯއެކެވެ. ވަގުތުން އެ ފޮޓޯ ނަގައިގެން ފޮޓޯޝޮޕްއަށް ލީމެވެ. އަދި މާބޮޑު ވިސްނުމެއްނެތި ‘ހިއްސެއްވެސް މަދުވިޔަސް ހެޔޮ މަށަށް’ ޖަހާލީމެވެ.

ވާހަކައިގައި ބޭނުންކުރާ ފޮޓޯ ތައްޔާރުކޮށް ނިމުމާއެކު ވޯރޑް ޓެމްޕްލޭޓަށް ކޮޕީ-ޕޭސްޓް ކޮށްލީމެވެ. ހަމަ އެއާއެކު ވާހަކަ ފެށުމުގެ ކުރިން ލިޔެލާނެ ރަނގަޅު ލިޔުންކޮޅެއް ގޫގަލް ސަރޗް ކޮށްލައިގެން ނެގީމެވެ.

“If love is blind, then maybe a blind person that loves has a greater understanding of it.”
― Criss Jami, Salomé: In Every Inch In Every Mile
“ލޯތްބަކީ ކަނުއެއްޗެއްނަމަ، ލޯބިވަނީ ކަނު މީހެއްކަމަށް ވަންޏާ، އެމީހަކަށް މާރަނގަޅަށް ލޯތްބަކީ ކޮން އެއްޗެއްކަން އެނގޭނެއެވެ. – ކްރިސް ޖޭމީ، ސަލޯލް: އިން އެވްރީ އިންޗް އިން އެވްރީ މައިލް

ކޮންމެވެސް ވަރަކަށް އަމިއްލަ ގޮތް ގެންނަމުން އެ ލިޔުންކޮޅު ރަފްގޮތަކަށް ތަރުޖަމާ ކޮށްލީއެވެ. ނަމަވެސް ހަވާލާ ދިނީމެވެ. އެއަށްފަހު ލިޔަން ފެށީމެވެ.

ވާހަކަ – ހިއްސެއްވެސް މަދުވިޔަސް ހެޔޮ މަށަށް

“އައިއޭމް ސޮރީ،” ކޮޓަރިން ނުކުންނަން ފެންފައިވާނަށް އަރަމުން ޑޮކްޓަރު މަޢާފަށް އެދުނެވެ.

ހޮސްޕިޓަލްގެ އެނދުގައި އޮތް އަހަރެންގެ އަންހެނުނަށް ބަލައިލީމެވެ. އޭނާގެ އަނދިރި ދެލޮލުން ހޯސްލާފައި ކަރުނަ ފައިބަމުން ދިޔައެވެ.

“މިރޫ،” އޭނާ އަހަންނަށް ގޮވާލިއެވެ. އަހަރެންގެ އަތުގައި އަތްޖެހޭތޯ އަތް ހޫރަމުންނެވެ.

“ލޯބީ، އަހަރެން މިހުރީއޭމިތާ،” އަންހެނުންގެ އަތުގައި ހިފަމުން ޖަވާބު ދިނީމެވެ.

އަންހެނުން ބަޑިފަޅައިގެން ހިނގައްޖެއެވެ. އަޑުން އަޑުނަގައި ރޯންފެށިއެވެ. ތެދުވެ އެނދުމަތީގައި އިށީންދެއްޖެއެވެ. އަހަރެންގެ ގައިގައި ބާރަށް ބައްދައިގަތެވެ. އަހަރެންގެ ކޮނޑުމަތީގައި އޭނާގެ އެ ލޯބިލޯބި މޫނު ފޮރުވާލިއެވެ.

“އަޅެ މިރޫ،” އޭނާ ގިސްލަމުން ދިޔައެވެ. “މިފަހަރުވެސް ކިހާ އުއްމީދެއްކުރެވުނު. ކީއްވެތަ މަށަށް މިހެން ދިމާވާންވީކީ، ކީއްވެތަ އަހަރުމެންނަށް މިހެން ދިމާވާންވީކީ؟”

ނުނިމޭ

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ރަޝީދު
އަޙްމަދު ރަޝީދު
ހުރިހައި ދާއިރާއެއްގެ ލިޔުންތައްވެސް މުނިއަވަސްގެ ފައުންޑަރ އަދި ޗީފް އެޑިޓަރ ލިޔާނެއެވެ.