އަންހެނުން ބަޑިފަޅައިގެން ހިނގައްޖެއެވެ. އަޑުން އަޑުނަގައި ރޯންފެށިއެވެ. ތެދުވެ އެނދުމަތީގައި އިށީންދެއްޖެއެވެ. އަހަރެންގެ ގައިގައި ބާރަށް ބައްދައިގަތެވެ. އަހަރެންގެ ކޮނޑުމަތީގައި އޭނާގެ އެ ލޯބިލޯބި މޫނު ފޮރުވާލިއެވެ.

“އަޅެ މިރޫ،” އޭނާ ގިސްލަމުން ދިޔައެވެ. “މިފަހަރުވެސް ކިހާ އުއްމީދެއްކުރެވުނު. ކީއްވެތަ މަށަށް މިހެން ދިމާވާންވީކީ، ކީއްވެތަ އަހަރުމެންނަށް މިހެން ދިމާވާންވީކީ؟”

ނުހަނު އޯގާތެރިކަމާއެކު އެދުމަތީގައި އަންހެނުން ބޭއްވީމެވެ. އިތުރަށް ތެދުވިޔަ ނުދިނުމަށް މަޑުމަޑުން ހިފަހައްޓާލީމެވެ. “ދެން ތި ކަމާ ކީކޭ ދޯ ބުނާނީވެސް.” މޮޅިވެރިކަމާއެކު އަހަރެން ޖަވާބުދިނީމެވެ. “އަހަރަމެންނަށް ގޮތް ހުސްވިކަމަކަށް އަހަރެން ޤަބޫލެއް ނުކުރަން. ކުއްޖެއް އެޑޮޕްޓްވެސް ކުރެވިދާނެއެއްނު.” މިހެން ބުނަމުން އަހަރެން ތެދުވީމެވެ. އެނދު ކައިރީގައި ހުރި ކަބަޑު މަތީގައި ބަހައްޓާފައިހުރި ވެޓް ޓިޝޫ ފޮށިން ޓިޝޫއެއް ނަގައި އަންހެނުންގެ އަތަށް ދިނީމެވެ. އެއަށްފަހު އަންހެނުންގެ ނިތްކުރިމައްޗަށް ވެއްޓިފައިވާ އިސްތަށިތައް ރީތިކޮށްލަ ދިނީމެވެ. އޭރުވެސް އަންހެނުންނަސް ކޮންމެވެސް ވަރަކަށް ގިސްލާ ރޮވެމުން ދެއެވެ.

އިރުކޮޅެއް ފަހުން ވެޓް ޓިޝޫއިން ނޭފަތާއި ލޯމަތި ސާފުކޮށްލިއެވެ. “ކުޑަކުދިންގެ ހިޔަލުން އަހަރެންކަހަލަ ލޮލަށް ނުފެންނަ މީހަކަށް އެފަދަ ފުރުޞަތެއް ދޭނެހެން ހީވޭތަ؟”

“ނުދޭންވީ އެއްވެސް ސަބަބެއް އަހަންނަކަށް ނުވިސްނޭ،” އަހަރެން ބުނީމެވެ. “ގައިމު ޤާނޫނު އަސާސީއިންވެސް ކަށަވަރުކޮށްދެއެއްނޫންތަ ޚާއްޞަ އެހީއަށް ބޭނުންވާ މީހުންނަށް ލިބެންޖެހޭ ޙައްޤުތައް؟ އެ ޤާނޫނުގެ ދަށުންނެއްނު ލޯބިގެ ވަޒީފާ ނުގެއްލި ސަލާމަތްވީވެސް. ހަނދާން އެބަހުއްޓެއްނު ލޯބިގެ ބޮސް ލޯބިގެ ލޮލުގެ ފެނުން ދަށަށް ދާންފެށީމަ ވަޒީފާއިން ވަކިކުރަން އިންޒާރުދީ، މަސައްކަތް ކުރަންޖެހޭ ވަގުތު ކުޑަކޮށްލިކަން.”

“އެކަމާ، މިކަމާ ހާސްބައި ތަފާތެއްނު.” ފުން ނޭވައެއް ދޫކޮށްލަމުން އަހަރެންގެ އަންހެނުން ބަރްޝާ ބުންޏެވެ.

“ނިކަން ޕޮޒިޓިވްކޮށް ވިސްނަބަލަ. ލޯބިގެ ބޮޑުބެ ވަކާލާތު ކޮށްދީގެންނެއްނު ވަޒީފާގެ ކަންތަކުންވެސް ސަލާމަތް ވެވުނީ. އަދިވެސް ހަމަ ޔަޤީން ބޮޑުބެ މިކަމުގަވެސް އެހީތެރިވެދޭނެ ކަން.”

“ތިކަމާ ޝައްކެއް ނުކުރަމޭ މަށެއްވެސް.” އާފުރިލަމުން ބަރްޝާ އެއްބަސްވިއެވެ.

“ލޯބި ދެން ނިދާލެވޭތޯ ބަލަންވީނު.” އަހަރެން ބުނީމެވެ. “ވަރަށް އަަވަހަށް އެބަ އަންނަން ކޮފީތަށްޓެއް ގަނެގެން އިނގޭ.”

“އަހަންނަށް ހީވަނީ ލޯބިގެ އަޑު ހުރިގޮތުން ލޯބިއަށްވެސް ރެސްޓެއް ބޭނުންވާހެން. އަޅެ ނޫންތަ؟” ބަލިބަލި ހިނިތުންވުމަކާއިއެކު ބަރްޝާ އެހިއެވެ. “ގެއަށް ގޮސް ނިދާލާފަ އަންނަން ދާންވީއެއްނު؟ އަހަރެން އޯކޭ ވާނޭ މިތާ އެކަނި އޮތަސް.”

“މަވެސް އޯކޭއޭ،” ހިނިތުންވުމަކާއެކު އަހަރެން ބުނީމެވެ. “އަހަރެން ބޭނުމިއްޔާ މިހިރަ އެނދުގަވެސް ނިދިދާނެދޯ!” އަހަރުމެން ތިބި ޕްރައިވެޓް ކޮޓަރީގެ ކުޑަދޮރު ކައިރީގައި ހުރި ހަނިހަނި އެނދަށް އިޝާރާތްކޮށްލަމުން އަންހެނުނަށް ދޯ އެޅީމެވެ. މިހެން ބުނެފައި އަންހެނުންގެ ނިތްކުރިއަށް ދޮނެއް ދެމުން އެތަނުން ނިކުތީމެވެ.

ޕްރައިވެޓް ކޮޓަރިތަކުން ނިކުމެގެންގޮސް މައި ވޯރޑްތަކުގެ ތެރެއިން އޮންނަ މަގުން ހިނގަމުން ދިޔައިމެވެ. ވޭތިވެ ދިޔަ މަސްތަކުގައި އަހަންނާއި ބަރްޝާއާއި ދެމީހުން ދެކުނު ފޮނި ހުވަފެންތައް މަތިން ވިސްނަމުންނެވެ. އަހަރުމެން ތިބީ ވަރަށް އުފަލުންނެވެ. ބަރްޝާ ބަނޑުބޮޑުކަން އެނގުމުންނެވެ. ގޭތެރެގޭ ކަންތައްތައް ހަމަޖައްސާލަންކަމަށް ބޭންކް އޮފް މޯލްޑިވްސްގެ ލުވި އެކްސްޕްރެސް ލޯނެއްވެސް އަހަރެން ނެގީމެވެ. އަހަރުމެންނަށް ލިބޭނެ ދަރިފުޅަށް ޚާއްޞަ ކޮޓަރިއެއް ހެދުމަށެވެ. އަހަރުމެންގެ ކޮޓަރިތެރެއިން ވަދެވޭގޮތަށެވެ. އަހަރަމެންގެ ބައެއް ރަޙްމަތެރިން ހަދިޔާގެ ގޮތުގައި ކުޑަކުދިން ނިދާ އެނދަކާއި ޕްރޭމްއެއްވެސް ހަދިޔާކުރި އެވެ.

އެކަމަކު އިއްޔެރޭ، ހަމަ ކުއްލިއަކަށް ލޭ ފައިބައިގަތީއެވެ. ވީ އެންމެ އަވަހަކަށް ޓެކްސީއަކަށް ގުޅައިގެން ހޮސްޕިޓަލަށް އައިމެވެ. އެކަމަކު އިރުކޮޅެއްގެ ތެރޭގައި ބައިގެންދިޔައީ އެވެ. މިއަދު ހެނދުނު ޑޮކްޓަރުން ބައެއް ޓެސްޓްތައް ހެދިއެވެ. ބައިގެންދިޔަ ސަބަބެއް ދެނެގަތުމަށެވެ. އިސާހިތަކުން އެ ހިތާމަވެރި ސަބަބު ޑޮކްޓަރުން ހޯދިއެވެ. ޑޮކްޓަރުން ބުނާގޮތުން ބައިގެންދިޔައީ ވަރަށް މަދުން ފެންނަ ‘ޖެނެޓިކް ޑިސޯރަޑަރ’ އެއްގެ ސަބަބުންނެވެ. އެކަމުގެ ސަބަބުން ހަތަރުވަރަކަށް މަސްވަންދެންވެސް ނޫނީ ރަހިމުގައި ދަރިފުޅު ހަރެއް ނުލާނެއެވެ. ޑޮކްޓަރުން ނިމުތުކުރާގޮތުން ތިންވަނަ މަހުގައި ބައިގެންދާނެއެވެ. އެހެންކަމުން ޑޮކްޓަރުން ލަފާ ދިނީ އަހަރުމެން ދަރިން ހޯދަން މަސައްކަތް ނުކުރުމަށެވެ. އޭގެ ބަދަލުގައި ދަރިއަކު އެޑޮޕްޓް ކުރުން ރަނގަޅުވާނެކަމަށް ޚިޔާލު ދެއްވިއެވެ. ޑޮކްޓަރުންގެ ޓީމަށް ކުރެވޭނެ އިތުރު އެއްވެސް ކަމެއް ނޯންނާނެކަމަށް ބުނަމުން ބަރްޝާ އޮތް ކޮޓަރިން ޑޮކްޓަރު ނިކުމެގެން ދިޔައީ އެވެ.

މިހާރު އަހަރެން ހުއްޓި މިހުރީ މި ހޮސްޕިޓަލުގެ ނަރސަރީ ކުރިމަތީގައެވެ. އެތަނުގެ ކުޑަދޮރުގައި ދަމާފައިވާ ފޮތިގަނޑުގެ ދޭތެރެއިން އަހަރެން އެތެރެއަށް ބަލަމުން ދިޔައިމެވެ. ކުޑަދޮރާއި އެއްމެ ކައިރީގައި ހުރި ކުޑަ އެނދުގައި އޮތް ބޭބީގެ ލޮލުގައި އަހަރެން އަޅައިގަތެވެ. އެކުއްޖާގެ ލޮލުން އުއްމީދުގެ ވިދުވަރެއް ފެންނަމުން ދިޔައެވެ. މުށިކުލައިގެ ލޮލެކެވެ. ބަރްޝާގެ ލޮލުގެ ކުލައެވެ. ބޭބީގެ އޮތީ ބުޅި އިސްތަށިކޮޅެކެވެ. އަހަރެންގެ ހިތުގައި ޖެހި ރޮވުނެވެ. އަހަރެމެންގެ ދަރިފުޅު ސަލާމަތުން ދުނިޔެއަށް އުފަންވިނަމަ އޮންނާނީ ހަމަ އެގޮތަށޭ ހިތަށް އެރި އެވެ.

އަހަރެން އެކުއްޖާއަށް ބަލަން ހުއްޓާ، ކުއްޖާ ރޯންފެށިއެވެ. ނާރސަރީ ތެރޭގައި ތިބި ގިނަ ކުދިންތައް އެއްފަހަރާ ރޯންފެށިއެވެ. ނަރުހެއް އަވަސް އަވަހަށް އައިސް އެ ކުއްޖާ ނެގިއެވެ. އެވަގުތު އެ ނަރުސް ކުއްޖާއަށް އަހަރެން ފާހަގަ ކުރެވުނެވެ. އިރުކޮޅެއްފަހުން ނަރސަރީގެ ދޮރު ހުޅުވިއްޖެއެވެ. ދޮރުމަތީގައި ހުއްޓިގެން ހުރީ އެ ނަރުސް ކުއްޖާއެވެ. އޭނާގެ އަތުގައި އަހަރެން އޭރު ބަލަން ހުރި ބޭބީ އޮތެވެ. އޭރުވެސް ކުއްޖާ ކުކުރަމުން ދަނީއެވެ. ހައިރާންވެ ހުރެ އަހަރެން ނަރުހާއި ދިމާއަށް އެނބުރުނީމެވެ.

‘އެކްސްކިއުޒް މީ،” ލަދުވެތި ހިނިތުންވުމަކާއެކު ނަރުސްކުއްޖާ ވާހަކަދައްކަން ފެށިއެވެ. “ކަޅިވެސް ޖަހައިނުލައި މި ބޭބީއާއި ދިމާއަށް ތިބޭފުޅާ ވަރަށް ގިނަ އިރު ބަލަން ހުރިކަން އަޅުގަނޑަށް ފާހަގަ ކުރެވިއްޖެ.”

“އޯހް . . . އެކަމަކު ތިޔައީ އަޅުގަނޑުގެ ބޭބީއެއް ވެގެންނެއް ނޫން އިނގޭތޯ ބަލަން ހުރެވުނީކީ.” އަހަރެން އަވަސް އަވަހަށް ބުނީމެވެ. “އަސްލު އެހެން އެދިމާވީ ރޭގަ އަޅުގަނޑުގެ އަންހެނުން ބައިގެންދިޔައީ. ދެން ކުއްލިއަކަށް ތި ބޭބީ ފެނިފަ އަހަރުމެންގެ ބޭބީވެސް އޮންނާނީ ހަމަ ތިހެންނޭ ހިތަށް އަރާފަ ބަލަން ހުރެވުނީ.” އަހަރެން ކަންވިގޮތް އަލިފުން ޔާއަށް ކިޔައިދިނީމެވެ.

“އެހެންތަ. އައިއޭމް ސޮރީ،” ނަރުސްކުއްޖާ ހަމްދަރުދީ ފާޅުކުރިއެވެ.

ނަރުސް ކުއްޖާ އެތެރެއަށް ވަންނަން ހިނގައިގަތެވެ. ހަމަ އެއާއިއެކު މަޑުކޮށްލިއެވެ. އޭނާ ކޮންމެވެސް އެއްޗެކޭ ބުނަން އުޅޭކަން އަހަންނަށް އެނގުނެވެ.

“އަޅުގަނޑަށް އެނގޭ މި ދަނޑިވަޅަކީ ތިބޭފުޅާއަށް ވަރަށް ހިތާމަވެރި ދަނޑިވަޅެއްކަން. އެކަމަކުވެސް އަޅުގަނޑު ތި ބޭފުޅާގެ ކިބައިން ކަމަކަށް އެދެން ބޭނުން. މިއީ އަޅުގަނޑުމެން ޕްރޮފެޝަނަލް ނަރުހުން ކަންތައް ކުރަންޖެހޭ ގޮތާއި ޚިލާފު ކަމެއްކަންވެސް އެނގިހުރެ މިކަމަށް އެދެން މި އުޅެނީ.” ވަރަށް ނުކެރިހުރެ ނަރުސްކުއްޖާ ވާހަކަދެއްކިއެވެ. އަހަރެން އެއްޗެކޭ ނުބުނެ ހުރީ ނަރުސް ކުއްޖާ ބުނަން އުޅޭ އެއްޗެއްގެ އިންތިޒާރުގައެވެ.

“އަސްލު މިރޭ ނަރސަރީ ޑިއުޓީގަ އަޅުގަނޑު އެކަނި މި އުޅެނީ. މިހާރުވެސް ހަތަރު ކުދިން އެތިބަ ރޮއެ ނަގަނީ. މި ކުއްޖާއަކީ ތިބޭފުޅާގެ ދަރިއެއް ނޫނަސް މި ކުއްޖާއަށް ބުއްފުޅި ދޭން އެހީވެވިދާނެތޯ އަހާލަން މި އުޅެނީ. މި ކުއްޖާގެ މަންމަވެސް ހޮސްޕިޓަލަކު ނެތް.”

އަހަރެން ކުޑަކޮށްވެސް ފަސްނުޖެހެމެވެ. “ތީކީ އެއްވެސް ކަމެއް ނޫނެއްނޫންތޯ!” މިހެން ބުނުމާއެކު އަހަރެން އެ ބޭބީ، ނަރުސް ކުއްޖާގެ އަތުން އަތުލީމެވެ. އެއަށްފަހު ނަރސަރީ ތެރެއަށް ވަނީމެވެ. އެވަގުތުވެސް އަހަރެންގެ ހިތަށް އަރަމުން ދިޔައީ ‘މިއީ އަހަރެންގެ ބޭބީއެއް ނަމަ ކިހާ ރަނގަޅު ހޭ’ މިހެންނެވެ. އަހަރެން ނަރސަރީތެރެއަށް ވަދެ ގޮނޑިއެއްގައި އިށީންދެ ހަމަޖެހިލީމެވެ. ނަރުސްކުއްޖާ އައިސް އަހަރެން އަތަށް ބުއްފުޅިއެއް ދިނެވެ. އަދި ބޭބީ އަށް ބުއްފުޅިދޭއިރު އިންނަންޖެހޭ ގޮތް ބުނެދިނެވެ. ބުއްފުޅި ޖައްސާނެގޮތްވެސް ބުނެދިނެވެ. އެއަށްފަހު ނަރުސްކުއްޖާ އަވަސްވެގަތީ ރޮމުންދިޔަ ކުދިންނަަށް އެހީތެރިވުމަށެވެ.

ބުއްފުޅި ޖެއްސުމާއިއެކު އަހަރެންގެ އުރުގައި އޮތް ކުޑަކުޑަ ބޭބީ ފުޅި ބޯން ފަށައިފިއެވެ. ހީވީ އެތަކެއް ޒަމާނެއްވަންދެން ކާއެއްޗެއް ނުލި އޮތް ކުއްޖެއް ހެންނެވެ. ބުއްފުޅި ދެމުން ދިޔައިރު ބޭބީ ތަންތަނަށް ބަލަމުން ދާގޮތުން އަހަރެން ކަންބޮޑުވިއެވެ. ބޭބީ ބަލަމުން ގެންދަނީ ހުސް ދިމާދިމާއަށެވެ. މިބުނީ ވަކި މީހަކަށް ނުވަތަ ވަކި އެއްޗަކަށް ބެލުމެއް ނެތެވެ. އަހަރެންގެ އަންހެނުން ބަރްޝާ ބަލާގޮތަށެވެ. އަނެއްކާ މިއީ ލޮލަށް ފެނުމުން މަޙްރޫމުވެފައިވާ ކުއްޖެއް ނޫންބާއޭ އަހަރެންގެ ހިތަށް އެރިއެވެ.

ނަރސަރީ ތެރެ ހަމަހިމޭން ވެއްޖެއެވެ. ކުދިންތައް ރުއިން ހުއްޓާލައި ނިދައިފިއެވެ. ނުނިދާ ތިބިކުދިންވެސް އެކުދިންގެ މުހުތާދުތައް ފުދުމުން ތިބީ ހަމަޖެހިފައެވެ. ނަރުސްކުއްޖާ އައިސް އަހަރެން ކައިރީ މަޑުކޮށްލިއެވެ. އަހަރެންގެ އަތުގައި އޮތް ބޭބީއަށް ބުއްފުޅިދޭތަން ބަލަން ހުއްޓެވެ.

“ތިބޭފުޅާ ހާދަ މޮޅޭ ތިކަމަށް!” ނަރުސްކުއްޖާ އަހަންނަށް ތަޢުރީފު ކުރިއެވެ. “ތިފަދަ ބޭފުޅެއްގެ ދަރިފުޅު މި ދުނިޔެއަށް ނައިސް ވަކިވެދިޔައިމަ ވަރަށް ދެރަ. ހަމަ ޔަޤީނުންވެސް ތިބޭފުޅާ ވާނެ ރަނގަޅު ބައްޕައަކަށް!” ނަރުސްކުއްޖާ ހުރީ އަހަރެންގެ މަސައްކަތާއި މެދު ހިތްހަމަ ޖެހިފައެވެ.

“ޝުކުރިއްޔާ. އަޅުގަނޑަށް ތިބޭފުޅާ ނުކިޔާ މިރުޒާން ކިޔުން ރަނގަޅުވާނެ. އަހަރެންގެ ނަންބުނެ ތަޢާރަފް ވީމެވެ.
“ތިއެއް ނޫނޭ. މިކުއްޖާގެ މަންމަ ކޮބައިތޯ؟”

ނަރުސްކުއްޖާ ފުން ނޭވައެއް ދޫކޮށްލިއެވެ. “މިއީ ބައްޕަ ނެތް ކުއްޖެއް. މި ބޭބީގެ މަންމަ މިއަދު ހެނދުނު ފިލައިފި. މަންމައަކީ ޑްރަގް އެޑިކްޓެއްކަމަށް ނޫހުގަ އޮއްވާ ދުށިން.”

“ތިބުނީ ބޭނުންނެތިގެން ދޫކޮށްލާފަ ދިޔައީއޭތޯ؟” ހައިރާންވެ އަސްތަރީސްވެގެން އަހަރެން ސުވާލުކުރީމެވެ.

“އާނ، އެހެންކަމަށް ބެލެވެނީ.” ނަރުސްކުއްޖާ ޖަވާބުދިނެވެ.

“އެކަމަކު ކީއްވެ؟” ޤަބޫލުކުރަން ދަތިވެގެން އަހަރެން އަނެއްކާވެސް ސުވާލުކުރީމެވެ.

“މިއީ އުފަންވުމުގަވެސް ލޯފަން ކުއްޖެއް،” ނަރުސްކުއްޖާ ބުންޏެވެ.

“ތިޔަހެން އަޅުގަނޑަށް ވަރަށް ބޮޑަށް ހީވެސްވި. އަޅުގަނޑު އަންހެނުނަކީވެސް ލޯފަން މީހެއް. އެކަމަކު މިކުއްޖާ ލޯފަން ވުމުން މިކުއްޖާގެ އޮތީ ކޮން ކުށެއް؟” އަހަރެން ކައިރިއަށް ރުޅި އަންނަގޮތްވިއެވެ.

“ބެލެވެނީ ދޫކޮށްލާފަ ދިޔައީ ލޯފަން ކުއްޖެއްކަން އެނގުމުން ކަމަށް. އެހެން ނޫނަސް އެއީ މަސްތުވާތަކެތީގެ އަޅަކަށްވެފަ ހުރި އަންހެނެއް. އެމީހުން ކޮށްފަ ނުކުރާނެ ކަމެއް އޮންނާނެތަ؟” ނަރުސްކުއްޖާ ފޫހިގޮތަކަށް ޖަވާބު ދިނެވެ.

އަހަރެންގެ އުރުގައި އޮތް ބޭބީ ކުކުރާލައިފިއެވެ. ހީވީ އަހަރުމެން ދެއްކި ވާހަކަތައް އަޑުއިވުނީހެންނެވެ.

“ފުދޭވަރު ވީހެން ހީވަނީ،” ނަރުސްކުއްޖާ ބުނެލިއެވެ. “ދެން ޖެހޭނީ ވައި އަރުވަން. ކޮނޑުމަތީގަ ބާއްވާފަ މަޑުމަޑުން ބުރަކަށީގަ ޖަހާލީމަ ވައި ލެވޭނެ. ވައި އެރުވުމަކީ ވަރަށް މުހިންމު ކަމެއް.”

ނުނިމޭ

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ރަޝީދު
އަޙްމަދު ރަޝީދު
ހުރިހައި ދާއިރާއެއްގެ ލިޔުންތައްވެސް މުނިއަވަސްގެ ފައުންޑަރ އަދި ޗީފް އެޑިޓަރ ލިޔާނެއެވެ.