ކޮޅުމަޑުލު ތިމަރަފުށި އަދި ކިނބިދޫ ދާއިރާގެ ރަށްތަކަށް ހުޅުވާލައިގެން، ތިމަރަފުށީ ދާއިރާގެ މަޖިލިސް މެންބަރު އޮނަރަބަލް އަބްދުﷲ ރިޔާޒް ބާއްވާ “އެމްޕީ ކަޕް 2019” ފުޓްބޯޅަ މުބާރާތުގެ ނުވަވަނަ މެޗުގައި ވޭމަންޑޫ ގެ މައްޗަށް 4-1 ގެ ނަތީޖާއަކުން ކުރިހޯދައިގެން އެއްވަނަ ޓީމުގެ ގޮތުގައި ތިމަރަފުށި ސެމީފައިނަލަށް ދަތުރުކޮށްފިއެވެ.
ތިމަރަފުށީ ފުޓްބޯޅަ ދަނޑުގައި ކުޅުނު މި މެޗުގެ ފުރަތަަމަ ހާފުގައި ދެޓީމުގެ ފަރާތުން ވެސް ފެނުނީ ހަމަހަމަ ކުޅުމެއްކަން ފާހަގަކޮށްލެވެއެވެ. މެޗުގެ ވަރަށް ކުރީކޮޅު ތިމަރަފުށީ ޓީމުގެ އުންމީދީ ފޯވާޑު އަހުމަދު ހައިލަމް އަށް އަނިޔާވެގެން ވަނީ ބަދަލުކޮށްފައެވެ. މެޗުގެ ފުރަތަަމަ ގޯލު 20 ވަނަ މިނެޓުގައި ތިމަރަފުށީ ޓީމުގެ ޑިފެންޑަރު ސަލާމް ތަނަވަސްކޮށްދިން ކާމިޔާބުކޮށްދިނީ މުބާރާތުގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ އިތުބާރު ފޯވާޑު އަހުމަދު ތޯހިރު އެވެ. ނަމަވެސް ފުރަތަަމަ ހާފު ނިމެން އުޅެނިކޮށް ވޭމަންޑޫ ޓީމުން ވަނީ ގޯލެއް ޖަހާ މެޗުގެ ނަތީޖާ ހަމަހަމަ ކޮށްފައެވެ. 41 ވަނަ މިނެޓުގައި މާޒިން އަހުމަދު ނަގައިދިން ހުރަހެއް ބޮލުން ޖަހައި ގޯލުގެ ތެރެއަށް ވައްދާލައިގެން މި ގޯލު ކާމިޔާބުކޮށްދިނީ އެޓީމުގެ ފޯވާޑު އަލީ ޒާހިރު އެވެ.
ދެވަނަ ހާފުގައި ގިނައިރު ބޯޅަ ހިފަހައްޓައިގެން މޮޅަށް ކުޅެ، ގިނަ ހަމަލާތައް އުފައްދާފައިވަނީ ތިމަރަފުށީ ޓީމުން ކަން ފާހަގަކޮށްލެވެއެވެ. 50 ވަނަ މިނެޓުގައި އިލްމާން ތަނަވަސްކޮށްދިން ފުރުސަތަކުން އަހުމަދު ޝަރީފް ވަނީ ގޯލެއް ޖަހައި ތިމަރަފުއްޓަށް މެޗުގެ ލީޑު ހޯދައިދީފައެވެ. ތިމަރަފުށީ ޓީމުގެ ތިންވަނަ ގޯލު 64 ވަނަ މިނެޓުގައި އާދަމް ނާސިހު ތަނަވަސްކޮށްދިން ފުރުސަތަކުން ކާމިޔާބުކުރީ ފުރަތަަމަ ގޯލުވެސް ޖަހައިދިން އެޓީމުގެ ފޯވާޑު އަހުމަދު ތޯހިރު އެވެ. މިއީ މި މުބާރާތުގައި އޭނާ ކާމިޔާބުކުރި ހަވަނަ ގޯލު ކަން ފާހަގަކޮށްލެވެއެވެ. މިހާތަނަށް މުބާރާތުގައި އެންމެ ގިނަ ގޯލު ޖަހާފައިވަނީ ވަނީ ވެސް ތޯހިރު އެވެ. ތިމަރަފުށީ ޓީމުގެ ހަތަރުވަނަ ގޯލު މެޗުގެ ފުރިހަމަ ވަގުތު ހަމަވާން ހަތަރު މިނެޓަށް ވެފައިވަނިކޮށް އާދަމް ނާސިހު ތަނަވަސްކޮށްދިން ފުރުސަތަކުން ކާމިޔާބުކޮށްދިނީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން އެރި އެޓީމުގެ ލެޖެންޑަރީ ފޯވާޑު އަބްދުﷲ މުނާޒް އެވެ.
މިއަދުގެ މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ތިމަރަފުށީ ޓީމަށް ދެ ގޯލު ޖަހައިދިން އެޓީމުގެ ހުނަރުވެރި ފޯވާޑު އަހުމަދު ތޯހިރު އެވެ.
މުބާރާތް ކުރިއަށް ގެންދަނީ ލީގު އުސޫލުން ކޮންމެ ޓީމެއް ވެސް އެއް ޓީމު، އަނެއް ޓީމާއި ވާދަކޮށް އެންމެ ގިނަ ޕޮއިންޓު ހޯދާ ހަތަރު ޓީމެއް ސެމީފައިނަލަށް ދަތުރުކުރާ ގޮތަށެވެ.
މިހާތަނަށް ތިމަރަފުށި، ވޭމަންޑޫ އަދި ހިރިލަންދޫ ކުޅެންޖެހޭ މެޗުތައް ހަމަވެފައިވާއިރު، ހަތަރު މެޗުން 10 ޕޮއިންޓު ހޯދައިގެން އެއްވަނަ ޓީމުގެ ގޮތުގައި ތިމަރަފުށި ވަނީ ސެމީފައިނަލަށް ދަތުރުކޮށްފައެވެ. ހަތަރު މެޗުން 6 ޕޮއިންޓު ހޯދައިގެން ދެވަނަ ޓީމުގެ ގޮތުގައި ހިރިލަންދޫ ސެމީފައިނަލަށް ދަތުރުކޮށްފައިވާއިރު، ހަތަރު މެޗުން 5 ޕޮއިންޓު ހޯދައިގެން ވޭމަންޑޫ އޮތީ ތާވަލުގެ ތިންވަނައިގައެވެ. ވޭމަންޑޫ އަށް ސެމީފައިނަލުގެ ޖާގައެއް ކަށަވަރުވި ނަމަވެސް އެޓީމު ސެމީފައިނަލަށް ދަތުރުކުރާނީ ތާވަލުގެ ކިތައްވަނަ ޓީމުގެ ގޮތުގައި ކަން އެނގޭނީ މާދަމާ ވަންދޫ އަދި ކަނޑޫދޫ ބައްދަލުކުރާ މެޗު ނިމުމުންނެވެ. މާދަމާގެ މެޗުން ވަންދޫ މޮޅުވެއްޖެނަމަ 5 ޕޮއިންޓާއެކު ގޯލުގެ ތަފާތުން ތިންވަނަ ޓީމުގެ ގޮތުގައި ވަންދޫ އަށް ސެމީފައިނަލުގެ ޖާގައެއް ލިބޭއިރު، ވޭމަންޑޫ ސެމީފައިނަލަށް ދަތުރުކުރާނީ ހަތަރުވަނަ ޓީމުގެ ގޮތުގައެވެ. އަދި ތާވަލުގެ ފުލަށް ގޮސް ކަނޑޫދޫ މުބާރާތުން ވަކިވާނެއެވެ. ކަނޑޫދޫ މޮޅުވެއްޖެނަމަ 4 ޕޮއިންޓާއެކު ހަތަރުވަނަ ޓީމުގެ ގޮތުގައި ކަނޑޫދޫ އަށް ސެމީފައިނަލުގެ ޖާގައެއް ލިބޭއިރު، ވޭމަންޑޫ ސެމީފައިނަލަށް ދަތުރުކުރާނީ ތިންވަނަ ޓީމުގެ ގޮތުގައެވެ. އަދި ތާވަލުގެ ފުލަށް ގޮސް ވަންދޫ މުބާރާތުން ވަކިވާނެއެވެ. ސެމީފައިނަލުގައި ވާދަކުރާނީ ތާވަލުގެ އެއްވަނަ ޓީމާއި، ތިންވަނަ ޓީމު އަދި ދެވަނަ ޓީމާއި، ހަތަރު ވަނަ ޓީމެވެ.
ވަންދޫ އަދި ކަނޑޫދޫ ބައްދަލުކުރާ މެޗު އޮންނާނީ މާދަމާ ހަވީރު 16:00 ގައި ތިމަރަފުށީ ފުޓްބޯޅަ ދަނޑުގައެވެ.
ލިޔުންތެރިޔާގެ ފުރަމަލަ
- އަޙްމަދު ޝާމިން މައިގަނޑު ގޮތެއްގައި ލިޔާނީ ކުޅިވަރު ޚަބަރުތަކެވެ. ފިލްމީ އަދި މިއުޒިކީ ދާއިރާ ނޫން އެހެން ހުރިހައި ދާއިރާތަކަށް ވެސް ޝާމިން ލިޔާނެއެވެ.
މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 5 ޖެނުއަރީ 2022ޚަބަރުކޮވިޑް ކޭސްތައް ގިނަވެ އިނގެރޭސި ލީގު ކަޕް ސެމީ ފައިނަލް މެޗު ފަސްކޮށްފި
- 4 ޖެނުއަރީ 2022ޚަބަރުއާ އަހަރު ކުޅުނު ފުރަތަމަ މެޗުން ޔުނައިޓެޑް ބަލިވެއްޖެ
- 4 ޖެނުއަރީ 2022ޚަބަރުފްރެންޗް ކަޕްގެ ގެ ގަދަ 16 އަށް ޕީއެސްޖީ ދަތުރުކޮށްފި
- 2 ޖެނުއަރީ 2022ޚަބަރުރޮޑްރީގެ ގޯލުން ފަހު ވަގުތު ސިޓީން އާސެނަލް ބަލިކޮށްފި